އަވަށްޓެރި އިންޑިއާގައި ކޮވިޑް-19 ގެ ކަންކަން މެނޭޖްކުރުމުގައި ގެންގުޅޭ ދޯދިޔާ އުސޫލުތަކުގެ ސަބަބުން ކޮވިޑް-19 ޖެހުމުން ހާލަތު ގޯސްވެއްޖެ ނަމަ އެ މީހަކަށް ފަރުވާދެވި އަލުން އަނބުރާ މުޖުތަމައުއަށް ނުކުތުމުގެ އުންމީދު އޮންނަނީ ކުޑަވެފައެވެ. ޚާއްސަކޮށް އާއިލާގެ ގިނަ ބަޔަކަށް ބަލި ޖެހިއްޖެ ނަމަ ކޮންމެވެސް އެކަކު ފުރާނަ އާއި އަލްވަދާއު ކިޔާފާނެ ކަމުގެ ބިރު އޮންނަނީ ހީވެފައެވެ.

އެހެންކަމުން މި ބަލިން އެއްކޮށް ރަނގަޅުވެ ފަސޭހަވުމުން ގިނަ މީހުންނަށް ލިބެނީ ވަރަށް އާދަޔާ ޚިލާފު ބޮޑު އުފަލެކެވެ. ކޮވިޑް-19އިން ރަނގަޅުވުމުން އެކި މީހުން އުފާ ފާޅުކުރަނީ އެކި ގޮތްގޮތަށެވެ.

އިންޑިއާގެ މަދްޔަ ޕްރަދޭޝްއަށް ނިސްބަތްވާ އަށް މީހުންގެ އާއިލާއަކުން ކޮވިޑް-19 އިން ރަނގަޅުވުން ފާހަގަކުރީ ދާދި ފަހުން މަރުވި ސުޝާންތު ސިންގް ރާޖްޕޫތްގެ ޗިޗޯރޭ ފިލްމްގެ ލަވައަކަށް ނަށައިގެންނެވެ.

މުޅީ މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ އެ ވީޑިއޯއިން ފެނިގެންދަނީ ރީތިކޮށް ކޮރިއޮގްރާފްކޮށްގެން އެ ލަވައަށް، މަދްޔާ ޕްރަދޭޝްގެ ހޮސްޕިޓަލެއްގެ ވޯޑުގައި ބަޔަކު ނަށާ މަންޒަރެވެ.

އެ އާއިލާގެ މީހުން ކޮވިޑް-19 އަށް ފައްސިވެގެން އެޑްމިޓް ކުރީ އޮގަސްޓް އަށް ވަނަ ދުވަހުއެވެ. އަދި އެ މީހުން ބަލިން ރަނގަޅުވިކަމަށް ނިންމީ އޮގަސްޓް 15 ވަނަ ދުވަހު ހެދި ޓެސްޓްތަކަށް ފަހުގައެވެ.

މިފަދަ ވީޑިއޯއެއް ދައުރުވެފައި މިވަނީ ދާދިފަހުން އިންޑިއާގެ ޑޮކްޓަރުންތަކެއް ބަލި މީހުން އުފާކުރުމަށް ވޯޑުތަކުގައި ނަށާ ވީޑީއޯއެއް އާއްމުވެފައިވަނިކޮށެވެ.

މަދްޔަޕްރަދޭޝްގައި މިހާތަނަށް 46،300 މީހުން ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. އޭގެ ތެރެއިން 35،000 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނައިމް

    ތީހަމަ މޮޔަވާ ބައެއް. މާރީއްޗެއް ނުވާނެ ހަފްތާއެއްފަހުން އަނެއްފަހަރު ކޮވިޑް ޖެހުނީމަކާ.

    11