އިންޑިއާގެ ހަރިޔަނާ ސްޓޭޓްއަށް ނިސްބަތްވާ މީހަކު، ބޮޑު ވައްކަމެއް ކުރަން ނިންމީ އޭނާ މަސައްކަތްކުރަމުންދާ ތަނުގެ ވެރިޔާ އޭނާއާ މެދު ކަންތައް ކުރާ ގޮތުން ބަދަލު ހިފުމުގެ ގޮތުންނެވެ. އޭނާ ބުނެފައިވާގޮތުން، އޭނާގެ މުސާރަ އެ މީހުން ބޮޑު ކޮށްފައެއް ނުވެއެވެ. އަދި އާއްމުން ކުރިމަތީގައި، އޭނާގެ މޫނު މަތީގައި ވެރިޔާ ވަނީ ޖަހާފައެވެ.

އެ މައްސަލާގައި ވިޖޭ ޕްރަޓަޕް ޑިޒިޓް ނަމަކަށް ކިޔާ މި މީހާ ވަނީ 10 ލައްކަ ރުޕީސް ވަގަށް ގެންގޮސްފައެވެ. އެހެން ނަމަވެސް އެ މައްސަލާގައި އޭނާ ވަނީ ހައްޔަރުކޮށްފައެވެ. އެއީ އޭނާ އަމިއްލައަށް އެކަމަށް އެއްބަސްވި ފަހުންނެވެ.

ފަރިއާދްއަބާދަށް ނިސްބަތްވާ ޑިޒިޓް ނަމަކަށް ކިޔާ މި ފިރިހެންމީހާ އަކީ ކުންފުންޏެއްގައި ވަރަށް ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މީހެކެވެ. އޭނާ އޮގަސްޓް 13 ވަނަ ދުވަހު ފުލުހަށް ގުޅާފައި ބުނެފައި ވަނީ، ބަރާ ޕުއްލާ ފްލައި އޯވާ ކައިރީގައި ވައްކަމުގެ ހާދިސާއެއް ހިނގާފައިވާ ކަަމަށެވެ.

އަދި ފުލުހުން ކައިރީގައި އޭނާ ބުނެފައި ވަނީ، އެ ދުވަހު 1:30 ގައި އޭނާ ދެލައްކަ ރުޕީސްގެ ފައިސާ އަތަށް ނެގި ކަމަށާއި، 10 ލައްކަ ރުޕީސްގެ ޗެކްވެސް ނެގި ކަމަށެވެ. އަދި ބޮޑު މީހާގެ އެދުމުގެ މަތިން އެ ފައިސާތައް އޭނާ ހަވާލުކޮށްފައި ވަނީ ކުންފުނީގެ މެނޭޖަރާއި ކަމަށެވެ.

އަދި އޭނާ ބުނީ، އެ ޗެކްތައް އޭނާ ފައިސާއަށް ބަދަލު ކުރުމަށްފަހު ބެހެއްޓީ ދަބަހުގައި ކަމަށެވެ. އެ ދުވަހު އިރުއޮއްސި 6:00 ޖެހި ހާއިރު އޭނާ ފަރިއާދްއާބާދަށް ދިޔަ މަގުމަތީ އޭނާއަށް ބިރުދައްކައި، ފައިސާތައް ފޭރުގަތީ ކަމަށް ބުނެފައި ވެއެވެ. އޭނާ ބުނެފައި ވާގޮތުން އޭނާގެ ފޯނުވެސް ވަގަށް ނަގާފައެވެ.

އޭނާ ދިން މައުލޫމާތަށް ބިނާކޮށް އެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށާފައެވެ. ޑިޒިޓް ލައްވާ އެ ކަންތައް ހިނގާދިޔަ ސީން ދެއްކުމަށް ފުލުހުންނަށް އެދުމުން އޭނާ ވަނީ އެކަން ހިނގާދިޔަ ގޮތް ބަދަލުކޮށްފައެވެ. އެންމެ ފަހުން ފުލުހުންނަށް ވަނީ އޭނާ ވާހަކަބަދަލުކޮށްފައިވާ ކަން އެނގިފައެވެ.

އަދި ފުލުހުން އިތުރަށް ވާހަކަދެއްކުމުން އޭނާ ވަނީ އެކަމަށް އެއްބަސް ވެފައެވެ. އޭނާ ބުނެފައި ވަނީ އެކަންތައް ކޮށްފައި ވަނީ މުސާރަ ބޮޑު ނުކުރާތީ އާއި އޭނާގެ ގައިގައި ޖެހި މައްސަލާގައި ބަދަލު ހިފުމުގެ ގޮތުން ކަަމަަށެވެ.

ފުލުހުން ވަނީ ޑިޒިޓްގެ ގެއިން އެ ފައިސާތައް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު