މާލީ ދަތިތަކާއި ކުރިމަތިވެގެން ކޮލެޖް ފީ ދެއްކުމަށް އެހީއަށް އެދުނު ދަރިވަރަކަށް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ޓެއިލާ ސްވިފްޓް އެހީވެއްޖެ އެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ ވިކްޓޯރިއާ މާރިއޯ ނަމަކަށްކިޔާ އެ ދަރިވަރު ކޮލެޖް ފީ ދެއްކޭނެ ގޮތެއް ނެތިގެން އާންމުންގެ އެހީއަށް އެދިފައި ވަނީ ވެބްސައިޓެއް މެދުވެރިކޮށް އާންމުކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އޭނާ އެދިފައި ވަނީ 53,000 އެމެރިކާ ޑޮލަރުގެ އެހީއަކަށެވެ.

އިނގިރޭސިވިލާތުގެ ކޮލެޖެއްގައި ތަޢުލީމު ހާސިލްކުރަމުން ދިޔަ އުމުރުން 18 އަހަރުގެ ވިކްޓޯރިއާއަށް ޓެއިލާ ސްވިފްޓުގެ ފަރާތުން ވަނީ 30,000 އެމެރިކާ ޑޮލަރުގެ އެހީއެއް ލިބިފައެވެ. ޓެއިލާގެ ފަރާތުން މި ފައިސާ ލިބުނީ، އާންމު އެހެން ގިނަ ބައެއްގެ ފަރާތުން ވިކްޓޯރިއާއަށް 23,000 ޑޮލަރު ލިބިފައި ވަނިކޮށެވެ. އެހެންކަމުން މިހާރު ވިކްޓޯރިއާއަށް އޭނާގެ ކޮލެޖަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ވަނީ ހަމަޖެހިފައެވެ.

ޓެއިލާ ބުނެފައި ވަނީ، ވިކްޓޯރިއާއަށް އެހީތެރިވާން ނިންމީ، ޕޯސްޓުގައި ލިޔެފައިވާ ވާހަކަތައް ކިޔުމަށްފަހު އޭނާ އުޅެމުންދާ ހާލު ތަސައްވުރު ކުރެވުމުން ކަމަށެވެ. އެ ޕޯސްޓު ކިޔާފައި ވިކްޓޯރިއާގެ އުންމީދުތައް ހާސިލް ކުރުމަށް އެހީތެރިވާން ހިއްވަރު ލިބުނު ކަމަށް ވެސް ޓެއިލާ ބުނެފައި ވެއެވެ.

މީގެ ކުރިންވެސް ޓެއިލާގެ ފަރާތުން، އެހީތެރިކަމަށް ބޭނުންވާ ގިނަ ބަޔަކަށް މިފަދަ އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ތަޢުރީފު އޭނާއަށް އަންނަނީ ލިބެމުންނެވެ.