ނުރައްކާތެރި ކެންސަރު ބަލި ހަށިގަނޑުގައި ފެތުރޭ މިންވަރު ދަށްކޮށްލާ ކަމަށް ޤަބޫލުކުރެވިފައިވާ ބޭހެއްގެ ކާމިޔާބުކަން ކަށަވަރު ކުރެވިއްޖެ އެވެ.

ކެންސަރަށް ފަރުވާކުރާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިކޮށްގެން ކުރިޔަށްގެންދިޔަ ތަހުލީލުތަކުން ހާމަވެފައިވާ ގޮތުން، "އަސްޓްރަ ޒެނެކާ" ކުންފުނިން އުފައްދާފައިވާ "ޓެގްރިސޯ" ނަމަކަށް ކިޔާ ބޭހަކީ ފުއްޕާމޭގެ ކެންސަރު ޖެހިފައިވާ މީހުންނަށް، ބަލީގެ ނުރައްކާ ކުޑަކޮށް ސިކުނޑިއާއި ހަމައަށް ބަލި ފޯރައި ފުރާނައަށް ނުރައްކާ ވުމުގެ ފުރުސަތު ދަށްކޮށްދޭ ބޭހެކެވެ.

އަސްޓްރަ ޒެނެކާއިން ބުނެފައިވާ ގޮތުން، ތަހުލީލުން އެއްކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ފުއްޕާމޭގެ ކެންސަރު ޖެހިފައިވާ މީހުންގެ ސިކުނޑި އާއި ހަމައަށް ބަލި ފޯރާ މިންވަރު، މި ބޭހުގެ ސަބަބުން 82 އިންސައްތައަށް ދަށްވެއެވެ. މިކަން ހޯދިފައި ވަނީ އެ ކުންފުނިން "ޓެކްރިސޯ" އުފެއްދުމަށްފަހު ކުރިޔަށްގެންދިޔަ ފޭސް ތިނެއްގެ ތަހުލީލުތަކުންނެވެ.

ސިއްޙީ ތަޖުރިބާކާރުން ބުނެފައިވާ ގޮތުން މި ބޭސް އެންމެ އެކަށީގެން ވަނީ ކެންސަރު ބަލި ޖެހިގެން، ހާލަތު ގޯސް ނުވަނީސް، ބަލީގެ ފުރަތަމަކޮޅު ފަރުވާ ކުރުމަށެވެ. އެހެންކަމުން މިއީ ފުއްޕާމޭގެ ކެންސަރަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަރުވާ ހޯދާ މީހުންނަށް އެކަށީގެންވާ ބޭހެއް ކަމަށް ޤަބޫލުކުރެވޭ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

ކެންސަރު ބައްޔަކީ މިހާތަނަށް ސީދާ ފަރުވާއެއް ހޯދިފައިވާ ބައްޔެއް ނޫނެވެ. މި ބަލީގައި ކޮންމެ އަހަރަކުވެސް ޤައުމުތަކުން އެތައް ހާސް ބަޔަކު މަރުވަމުން އަންނައިރު، ބައްޔަށް ފަރުވާކުރެވޭނެ ބޭހެއް އުފެއްދުމުގެ މަސައްކަތް ތަޖުރިބާކާރުން ކުރަމުން އަންނަތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ. އަސްޓްރަ ޒެނެކާއިން އާންމުކުރި ފޭސް ތިނެއްގެ ނަތީޖާތަކާއެކު، އެ ކުންފުނީގެ ބޭސް މިހާރު ބެލެވިފައިވަނީ މިހާތަނަށް އުފެއްދުނު ކެންސަރަށް އެންމެ ކާމިޔާބު އެއް ބޭހުގެ ގޮތުގައެވެ.

އަސްޓްރަ ޒެނެކާ އަކީ މިހާރު ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ވެސް، މިވަގުތު އެންމެ ކާމިޔާބު އަދި އެންމެ އަވަހަށް ބޭނުންކުރަން ފެށޭނެ ކަމަށް ބެލެވޭ ވެކްސިން އުފައްދަމުން އަންނަ ކުންފުންޏެވެ. އެ ކުންފުނިން ކޮވިޑްގެ ވެކްސިން އުފައްދަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި ގުޅިގެންނެވެ. މިހާރު ކުރިޔަށް ދަނީ މި ވެކްސިންގެ އެންމެ ފަހުގެ ތަހުލީލުތަކުގެ މަސައްކަތްތަކެވެ.