ކޮވިޑް-19ގެ ސަބަބުން އިންޑިޔާ ފުރަބަންދު ކުރުމާއި ގުޅިގެން ފިލްމީ މަސައްކަތްތައް ހުއްޓިފައި އޮތުމަށް ފަހު ފިލްމުގެ މަސައްކަތްތައް މިހާރު ވަނީ ފެށިފައެވެ. އެތައް ފަންނާނުންނެއް އެ މީހުންގެ ނުނިމި ހުރި ފިލުމުތަކުގެ މަސައްކަތް ފަށައިފިއެވެ.

ކޮވިޑް-19 އާ ހެދި މަސައްކަތްތަކާއި ދުރުގައި ތިބި ބައެއް ތަރިން މަސައްކަތް ފެށުމުގެ ކުރިން، ބޯހަމަޖައްސާލަން ޗުއްޓީއަށް އެކި ގައުމުތަކަށް މި ވަނީ ފުރާފައެވެ. މިގޮތުން ބައެއް މަޝްހޫރު ތަރިންނަށް އެންމެ ކަމުދާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ފާހަގަކުރެވޭއިރު، މިހާރުވެސް ބައެއް ތަރިން ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

މީގެ ތެރެއިން އިންޑިއަން އެކްޓްރެސް ތާޕްސީ ޕަންނޫވެސް ހިމެނެއެވެ. ތަޕްސީ މި ވަނީ ކުރިއަށް އޮތް ފިލުމުތަކުގެ މަސައްކަތް ފެށުމުގެ ކުރިން ބޯ ހަމަޖައްސައިލުމަށް ''ވެކޭޝަން''އަަށް މިއަދު ރާއްޖެ އައިސްފައެވެ. ތާޕްސީ ރާއްޖެ އައީ އޭނާގެ ''ޓްރަވެލް ޕާޓްނަރ'' އޭނާގެ ދައްތަ ޝަގުންއާއި އިވާނިއާ ޕަންނޫއާއި އެކުގައެވެ. މިއަދު ހެނދުނު އިންސްޓަގުރާމުގައި ފޮޓޯއެއް ހިއްސާ ކުރަމުން ތާޕްސީ ބުނެފައިވަނީ ''ވެކޭޝަން'' ފެށުނީ ކަމަށެވެ.

ތާޕްސީ ރާއްޖެ އައިސް ހުރީ ތާޖު އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާގައެވެ. އެތަނުން ތާޕްސީއަށް ހޫނު މަރުހަބާއެއް ކިޔަފައިވެއެވެ. އެކަމަށް ޝުކުރު އަދާކޮށް އޭނާގެ އިންސްޓަގުރާމުގައި ފޮޓޯއެއް ހިއްސާކޮށްފައިވެއެވެ.

ދުނިޔެ މަތީގެ ސުވަރުގެއަކީ ދިވެހިރާއްޖެކަމަށާއި ރާއްޖެއަކީ ތަޕްސީ ޗުއްޓީ ހޭދަކޮށްލުމަށް އެންމެ ހިތް އެދޭ މަންޒިލްކަމަށް ބުނެ ތާޖު ރިސޯޓުގެ ރީތި މަންޒަރުތައް ދައްކާލަމުން ކޮށްފައިވާ ވީޑިއޯގައި ބުނެފައިވެއެވެ.

އެއްވެސް ވަގުތެއް ބޭކާރުކޮށްނުލާނެ ކަމަށް ބުނެ ތާޕްސީއާއި އޭނާގެ ދައްތަމެން ޕޫލުގައި އުފާވެރި ވަގުތުތަކެއް ހޭދަކުރާ ވީޑިއޯއެއް ވެސް އޭނާ ވަނީ އިންސްޓަގުރާމުގައި ހިއްސާކޮށްފައެވެ.

ތާޕްސީގެ ފިލުމުތަކުގެ ތެރެއިން ''ތައްޕަޅު''، ''ބަދްލާ''، ''ޖުޅުވާ 2''، ފަދަ ކާމިޔާބު އެތައް ފިލުމެއް ހިމެނެއެވެ. އޭނާގެ ކުރިއަށް ހުރި ފިލުމުތަކުގެ ތެރޭގައި ''ރަޝްމީ ރޮކެޓް''، ''ޝާބާޝް މިތޫ''، ''ލޫޕް ލަޕޭޓާ'' އަދި ''ހަސީން ދިލްރުބާ'' ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު