ބޮލީވުޑް އެކްޓްރެސް ކަރީނާ ކަޕޫރާއި އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު ތައިމޫރް އަކީ މީޑިއާގެ ސަމާލުކަން އަބަދާއި އަބަދު ލިބެމުންދާ ކުއްޖެކެވެ. އޭނާގެ ކޮންމެވެސް ވީޑިއޯ ކޮޅެއް ނުވަތަ ފޮޓޯއެއް ނަމަވެސް މީޑިއާގައި ދައުރު ނުވާ ދުވަހެއް މަދުވާނެއެވެ. ގިނަފަހަރު އެއިން ފޮޓޯ އަކީ ކަރީނާ ނުވަތަ ސައިފް މީސްމީޑިއާގައި ހިއްސާ ކުރާ ފޮޓޯތަކެއްވެސް ނޫނެވެ. ތައިމޫރް ބޭރުތެރޭގައި އުޅޭ ވަގުތު ނެގިފައި ހުންނަ ފޮޓޯ ތަކެވެ. މިފަހަރުވެސް މިއޮތީ އެކަހަލަ ފޮޓޯ އެއް އާންމުވެފައެވެ.

އެކްޓްރެސް ސޯނަމް ކަޕޫރްގެ ކައިވެނީގެ ހަފްލާއަށްފަހު ބޭރު ތެރެއިން ނުފެނި ހުރެފައި، ތައިމޫރް ހުކުރުދުވަހު މުމްބާއީ ފެނިފައިވާއިރު، މަންޒަރުދުއް ފަރާތްތަކުން ވަނީ ތައިމޫރްގެ ފޮޓޯ ނަގާ މީސްމީޑިއާގައި އާންމު ކޮށްފައެވެ.

ފޮޓޯގައި ތައިމޫރް ހުދު ޓީޝާޓް ކޮޅަކާއި ނޫކުލައިގެ ސޯޓްކޮޅެއް ލައިގެން ހުރިއިރު، އޭނާ ފެނިފައިވަނީ އޭނާ ބެލުމަށް އެގޭގައި އެހީތެރިއެއްގެ ގޮތުން ހަރަކާތްތެރިވާ އަންހެން މީހާއާއިއެކުގައެވެ. އެ އަންހެން މީހާ ތައިމޫރް އުރައިގެން ހުރިއިރު، ކާރުގެ އެތެރޭގައި ހުރި މީހެއްގެ އަތަށް ތައިމޫރް ދޭ މަންޒަރުވެސް ފޮޓޯއިން ފެނެއެވެ. ނަމަވެސް ކާރުގެ އެތެރޭގައި އިނީ ތައިމޫރްގެ މަންމަ ކަރީނާ ކަމެއް އެއްވެސް މީޑިއާއަކަށް ޔަޤީން ކޮށްދެވިފައެއް ނުވެއެވެ.

 

"ތައިމޫރްގެ ބައްޕަ އެ ދަނީ އޭނާއަށް ކްރިކެޓް ކުޅެން ދަސްކޮށްދެމެމުން އޭނާގެ އުމުރާއި ގުޅޭ ގޮތުން. ދެމީހުން ބެލެންސް ކޮށްގެން ތައިމޫރްއަށް ކަންތައްތައް ދަސްކޮށްދެނީ. އަހަރެން ފިލްމެއްގެ ޝޫޓިންގައި ބިޒީ ވެއްޖެޔާ ސައިފް ހުންނާނެ އަބަދުވެސް އޭނަ ކައިރީގަ. މިހާރު ދެން ސައިފް ޝޫޓިންގައި އުޅޭތީ އަހަރެން އަބަދުވެސް ތައިމޫރް އާއިއެކު މިދުވަސްކޮޅު މިއުޅެނީ" ކަރީނާ ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

އުމުރުން އެންމެ އަހަރެއް ފުރިފައިވާ ތައިމޫރްއަށް މި ފޮޓޯގެ ސަބަބުންވެސް ގިނަބައެއްގެ ލޯބި ދަނީ ލިބެމުންނެވެ.