ލޯބިވާ އިމްރާނަށް،
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ރާއްޖެއަށް ކުރަމުން ދިޔަ ވިއްސާރައާއި، އަރައިގެން ދިޔަ ކޮޅި ގަނޑުގެ ވާހަކަ އަޑުއެހީމެވެ. ހާލު ރަނގަޅު ހެއްޔެވެ؟ އަނބި މީހާ އަށް އަދިވެސް ކަލާގެ އަސްލު ކުލަތައް ދައްކާކަހަލަ ހިޔާލެއް ނުކުރަމު ހެއްޔެވެ؟ ނޫނީ މިހާރު ދޫކޮށްލާފައި ގޮއްސި ހެއްޔެވެ؟ ދާ ހާ ދުވަސް ވެއްޖެއެވެ. ތިޔަ ކަހަލަ މީހުންނަކީ މާ ގިނަ ދުވަހަކު ތިމާގެ އަސްލު ސިފަ ކަޝްފުކޮށްގެން އުޅެވޭނޭ ބައެއް ނޫނެވެ. އެއަށްވުރެ ތިޔަ ޒާތުގެ މީހުން މާ ބަލިކަށްޓެވެ.

އަހަރެން މީ ކާކުކަން އަންގާކަށް ބޭނުމެއް ނޫނެވެ. ކަލާގެ ދިރިއުޅުމަށް އަހަރެން ކަހަލަ އެތައް ކުއްޖެއްގެ ހިޔަނި މިހާރު ހުންނާނީ އެޅިފައެވެ. ގުޅުނު އަންހެން ކުދިން ގެ ލިސްޓު ކުރެއް ނުވާނެކަން އަހަރެންނަށް ޔަގީނެވެ. އަހަރެން ހިތުން އަހަންނަކީ މާ ކުލަގަދަ ގޮތެއްގައި ތިޔަ ދިރިއުޅުމުން ވަކި ވެގަތް ކުއްޖެއް ނޫނެވެ. އެހެންކަމުން ނަން ބުންޏަސް ހަނދާން ހުންނާނޭ ކަމާމެދު ޝައްކު ކުރަމެވެ. ނަމަވެސް އަހަރެންގެ ވާހަކަ ނިމުމުން އަހަރެންނަކީ ކާކު ކަން ކަލާއަށް އެނގޭނެކަން ކަށަވަރެވެ.

އަހަރެންގެ އުމުރުން ސާދަ އަހަރުގައި އަތަށް އެރި ފޯނަކުން މުޅި ދިރިއުޅުން ބަދަލު ކޮށްލިކަހަލައެވެ. މަންމަ އާއި ބައްޕަ އަކީ ލިޔަން ކިޔަން އެނގޭ ބައެއް ނޫނެވެ. އަހަރެން އުފަން ރަށަކީ އެހާ ތަހުޒީބީ ގޮތުން ކުރިއަރާފައިވާ ރަށެއް ނޫން ކަމުން ބޭރުގެ ދުނިޔޭގައި ހިނގަމުންދާ ކަންތަކަށް ރަށުގެ މީހުން ވަނީ ލޯ މެރިފައެވެ. މަންމަ އާއި ބައްޕަގެ ހާލަތަކީވެސް އެއީޢެވެ. އަހަރެންނަކީ ހުރި ހަމައެކަނި ދަރިއެވެ. ތަޢުލީމީ ފެންވަރެއް ނެތަސް ބައްޕަ އަކީ ކުޅަދާނަ ކެޔޮޅެކެވެ. މަސްވެރި ކަމުން ފުދޭ ވަރެއްގެ އާމްދަނީ އެއް ލިބެއެވެ. އަހަރެން ބުނި އެއްޗެއް ލިބުނު ވަރަކުން ގަނެދެއެވެ. ފުރާވަރުގެ ކުއްޖަކު ބޭނުންވާނީ އިތުރު ކޮން ނަސީބެއް ހެއްޔެވެ؟

ނަމަވެސް އަހަރެން ވަރަށް ބޭނުންވާ އެއްޗެއް އޮތެވެ. މާލޭގައި ކިޔަވަން ހުރި އަހަރެންގެ ރައްޓެއްސެއް ގްރޭޑް އަށަކަށް ރަށަށް ބަދަލު ވެއްޖެއެވެ. އޭނާ އަތުގައި ފޯނެއް އޮތެވެ. މިޒަމާނުގައި މި ފެންނަ ޓަޗް ކުރެވޭ ޒާތުގެ ފޯނެއް ނޫނެވެ. ނޮކިޔާ ފޯނެކެވެ. އެއިން ކުރެވޭ ހަމައެކަނި ކަމަކީ ގުޅާ، މެސެޖް ކޮށް ގޭމް ކުޅުމެވެ. އަހަރެންނަށް އެވީ އާ ކަމަކަށެވެ. އާ އެއްޗަކަށެވެ. އަހަރެން ވަރަށް ގަޔާ ވެއްޖެއެވެ. އެފަދަ ފޯނެއް އަހަރެން ވެސް ބޭނުން ވިއެވެ. ރައްޓެހިންގެ ގާތުގައި ފޮނި ދައްކާލާ ހަދާ ހިއްވިއެވެ. ލައްކަ ދުވަހެއްގެ އާދޭހަކަށް ފަހުން އެންމެ ފަހުން ބައްޕަ އަހަރެންނަށް ފޯނެއް ގަނެދީފިއެވެ. އެ ޒަމާނަކީ ވެސް އިންޓަނެޓް ގެ ވަސީލަތްތައް ފަސޭހަކަމާއެކު ލިބޭ ޒަމާނަކަށް ވިނަމަ އަހަރެން އެ ފަދަ ކަމެއް ނުކުރީހެވެ. ފޯނު ކޯލުތަކުން މީހުންގެ ދިރިއުޅުން ބަދަލު ކޮށްލާ ވާހަކަ މިހާރު އެކި ނޫސް އާޓިކަލް ތަކުން ކިޔަކަސް އޭރު އެކަހަލަ ލިޔުމެއް ނުދެކެމެކެވެ. ތިޔަ ކަހަލަ އިންސާނުން މި ދުނިޔޭގައި އުޅޭކަން އެނގުނުނަމައޭ ހިތަށް އަރައެވެ.

ފޯނު ލިބުނުތާ މަސްދުވަސް ފަހުން އަހަރެންނަށް ކޯލެއް އައެވެ. އޮޅިގެން ގުޅުނު މީހަކެވެ. ނަމަވެސް އަޑުގައިވި ޖާދުވީ ކަމަކުން އަހަރެން އެމީހަކާ ވާހަކަ ދައްކަން މަޖުބޫރު ކުރުވި ކަހަލައެވެ. އަހަރެންނަށް އެ އަޑު ވަރަށް ކަމުދިޔައެވެ. ގަޑިއެއް ހާ އިރުގެ ވާހަކަ އަށް ފަހު ބައިވަރު އެއްޗެހި އެނގިގެން ދިޔައެވެ. ނަމަކަށް ކިޔަނީ އިމްރާން އެވެ. އުމުރުން ސަތާރަ އަހަރެވެ. އުފަންވެ އުޅެ ބޮޑުވީ މާލޭގައެވެ. ޕާޓް ޓައިމް އަށް މަސައްކަތް ކުރަނީ ދިރާގުގެ ކޯލް ސެންޓަރ އެއްގައެވެ. އަހަރެންވެސް ދިރިއުޅުމުގެ އުސް އަލިތައް ކިޔައިދިނީމެވެ. ކުޑައިރުގެ ހަނދާން ތަކާ ދިމާވި ހިތުން ފިލައިގެން ނުދާނޭ ކަންތައް ހިއްސާ ކުރީމެވެ. އެއް ގަޑި އިރުގެ ކޯލް އެތައް ގަޑި އިރަކަށް ދިގު ދެމިގެން ދިޔަ ކަހަލައެވެ. ވަގުތު ދިޔަ ނުދިޔަ ގޮތެއް ވެސް ނޭނގެއެވެ. އަހަރެން ހާދަ މައުސޫމެވެ. ނުދަންނަ މީހަކާ އެހާ ބައިވަރު ވާހަކަތައް ދައްކަން ކެރޭނީ ހަމަ ތަންދޮރު ނުދަންނަ މީހަކަށެވެ. ދިރިއުޅުމުގެ މުހިންމު ވާހަކަތައް އޮޅިގެން ގުޅޭހާ މީހަކަށް ކިޔައިދޭން ޖެހޭ ހެއްޔެވެ؟ ނަމަވެސް އެފަދަ މީހަކަށް ދިމާވީ ކަލާ އެކަންޏެވެ. ކުރިން ބުނިހެން އަހަރެންނަކީ އޭރު ކަންތައް އިނގޭ ކުއްޖެއް ނޫނެވެ. އެނގުނު ނަމަ އެފަދަ ކަމެއް ނުކުރީހެވެ. ޖެހުނު މީހާ ވެސް ތަންކޮޅެއް ނުބައީއެވެ.

ކަލާ އަހަރެންނަށް ކޮންމެ ދުވަހަކު ގުޅާ ހަނދާނެއް މިހާރަކު ނުވާނެވެ. އޭގެ ފަހުން ކިތައް އަންހެން ކުދިންނަށް ގުޅާ ހެދިން ހެއްޔެވެ؟ ނަންތައް ހަނދާން ނުހުންނަ އިރު އަދި ގުޅި އަދަދެއް ހަނދާން ހުންނާނެ ބާއެވެ؟ ނަމަވެސް އަހަރެން ހަނދާން ކޮށްދެން ހެއްޔެވެ؟ އަވި ދޭ ފޫހި ދުވަސްތަކާ ގުގުރާ ވިއްސާރަ ރޭތަކުގެ މިތުރަކަށް އަހަރެން ކަލާ ހެދީމެވެ. އަނދިރީގައި އަހަރެންގެ އަތުން ކަލާ ބުނާ ހަރަކާތްތައް ގެނުވީމެވެ. ކަލާ ބޭނުން ވާ ބަސްތަކުން ކޯލުތަކުގެ ހޫނުކަން އިތުރު ކުރީމެވެ. ދުވަހަކުވެސް ނުކުރާ އެތަކެއް ކަމެއް ކުރެވިއްޖެއެވެ. ނުލިބޭ ހާ އަރާމެއް ކަލާގެ ސަބަބުން އަހަރެންނަށް ލިބިއްޖެއެވެ. އަހަރެންނަށް ކަލާ ދެކެ ލޯބި ވެވިއްޖެއެވެ. އެއީ ދިރިއުޅުމުގައި ދެވަނައަށް ކުރެވުނު އެއްމެ ބޮޑު އެއް ކުށެވެ. އަރައިގަނެވުނު އެންމެ ބޮޑު ފާފައެވެ. އެކަމާ ރޮއި ހިތާމަކޮށް ތައުބާ ވެއްޖައީމެވެ.

ކަލާ ވެސް އަހަރެން ދެކެ ލޯބިވާ ވާހަކަ ބުނުމުން އަހަރެންނަށް ހުރެވުނު ތަނެއް ވެސް ނޭނގުނެވެ. އުފަލުން ނުރޮވުނީ ކިރިޔާއެވެ. ލޮލުން ނުފެނުނަސް ހަގީގީ ލޯބި ވީމެވެ. އަހަރެމެން ދެމީހުން ލޯބިން އެތައް ދުވަހަކު އުޅުނީމެވެ. އޭރު އެއީ އަހަރެންނަށް ލޯތްބެވެ. އެއީ އަހަރެންނަށް ކާށްޓެއް ނާށްޓެއްވެސް ވަކި ކުރަން ނޭނގޭ ދުވަސް ތަކުގެ ވާހަކައެވެ. މިހާރު އެކަން ކަމާ ވިސްނާލުމުން ކަލާގެ ނުބައި ނުލަފާ ކަން ހިތަށް ވެރިވެއެވެ. ކަލާ އަހަރެންނަށް ގުޅަނީ ރޭގަނޑުގެ ކަނު އަނދިރިކަން ދުނިޔެއަށް ވެރި ވީމައެވެ. އަމިއްލަ ބޭނުމުގައެވެ. އަހަރެންނަށް ގުޅަންނޭ ކިޔާ ކިތަށް ފަހަރު ތިޔަ ފޯނަށް ރުފިޔާ އަޅާފައިވާނޭހެއްޔެވެ؟ ބޭނުމެއް ނެތި ކަލާ އަހަރެންނަށް ގުޅާލި ރެއެއް ހަނދާނެއް ނުވެއެވެ. ފޯނުން ބެލެންސް ހުސްވެގެންނެވެ. ނޫނީ އަމިއްލަ އެދުމެއް ފުއްދުމަށެވެ. އަހަރެންނަށް ކުރެވިފައިވާ ކަންތަކަށް ހަމަގައިމުވެސް މިއަދު ލަދުވެތި ވަމެވެ. ކަލާ ލަދު ގަނޭ ހެއްޔެވެ؟

ކުއްލިއަކަށް ކަލާގެ ފޯނު ކޯލުތައް އައުން މަދު ވެއްޖެއެވެ. އަހަރެންގެ ރައްޓެހިން ބުނާ ގޮތުން ނަމަ ކަލާ އަހަރެން ދެކެ ފޫހި ވަނީޢެވެ. ލޮލުން ނުފެންނަ މީހަކާ ރައްޓެހިވެގެން އުޅޭނީ ކިހިނެތް ހެއްޔޭ އެމީހުން ސުވާލު ކުރެއެވެ. މާލެއިން އައިސް ހުރި ރަހުމަތްތެރިޔާ ބުނާގޮތުން އަހަރެން ކަލާ ކައިރިއަށް މާލެ ދިޔުން މުހިންމެވެ. އެ ނޫން ގޮތަކަށް ކަލާ އާ އަހަރެންގެ ގުޅުމެއް ސަލާމަތެއް ނުކުރެވޭނެއެވެ. އަހަރެން ހުރީ ކޮންމެ ގޮތެއް ވިޔަސް މި ގުޅުން ސަލާމަތް ކުރަން ތައްޔާރަށެވެ. ބުނިއްޔާ ފަތާފައި ވިޔަސް ކަލާ ކައިރިއަށް ދާށެވެ. ބޭނުންވީ ކަލާގެ ހަށިގަނޑުގެ ހިމާޔަތެވެ. އެހެންކަމުން ލޯ ދެއްކުމުގެ ބަހަނާގައި ޗުއްޓީއަށް މާލެ ދިޔުމަށް ދަތުރު ފެށީމެވެ.

އަހަރެން މާލެ ދާ ވާހަކަ ބުނުމުން ކަލާގެ ފޯނު ކޯލުތައް އަންނަންފެށީ ދުވަހަކުވެސް ނާންނަހާ ގިނަކޮށެވެ. އަހަރެން ހުރީ ފިސާރި އުފަލުންނެވެ. ކަލާ އަހަރެންނަށް ކުރިން ދެމުން އައި ސަމާލުކަން ދޭން ފެށުމުންނެވެ. ރަހުމަތްތެރިން ގާތު މި ވާހަކަ ހިއްސާ ކުރުމުން އެމީހުންވެސް ތިބީ ވަރަށް އުފަލުންނެވެ. ނަމަވެސް ތަންކޮޅެއް ދުރުވިސްނޭ ދެތިން މީހަކު ކަލާ ތީ ރަނގަޅު ނިޔަތެއްގައި އުޅޭ މީހެއް ނޫން ކަމުގައި ބުންޏެވެ. އަދި މާލެ ދިޔުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމުގައިވެސް ބުންޏެވެ. އަހަރެން ހިތުން އެމީހުން އަހަރެންނާ މެދު ހަސަދަ ވެރި ވީއެވެ. މާލެ އަށް އުފަން ފިރިހެން ކުއްޖެއްގެ ސަމާލުކަން އަހަރެންނަށް ލިބުނީތީ އެކަމާ ހިތް ނުތަނަވަސް ވީޢެވެ. އެފާޑަށް ވާހަކަ ދައްކަނީ އެހެންވެއޭ އަހަރެންގެ ހިތް ބުނަމުން ދިޔައެވެ.

ކަލާ އާ އަހަރެން އަލަށް ދިމާވި ދުވަހުގެ މަތިން އަދިވެސް ހަނދާން ނުނެތެއެވެ. ހަނދާން ނައްތާލަން ބޭނުން ނުވާތީ އެއް ނޫނެވެ. އެ ހިނދުކޮޅު ބަދަލު ކޮށްލަން ބޭނުން ވާތީޢެވެ. އަހަރެން ހީކުރި ވަރަށް ވުރެވެސް ކަލާ ރީއްޗެވެ. ކަލާގެ ހިނިތުންވާ ކޮންމެ ފަހަރަކު އަހަރެންގެ ހިތް ބާރު ބާރަށް ތެޅެން ފަށައެވެ. އަތުގައި ހިފާލުމުން ހިތް ފުރިގެން ދާ ކަހަލައެވެ. އަހަރެމެން މާ ގިނަ ވާހަކަތަކެއް ނުދައްކަމު ދޯއެވެ. ވާހަކަ ދެއްކޭނީ ކިހިނެއް ހެއްޔެވެ؟ ކަލާ އަހަރެން ގެންދިޔައީ މީހުން ވާހަކަ ދައްކާ ކަހަލަ ތަނަކަށް ނޫނެވެ. ކަލާ ބޭނުންވީ އަހަރެންގެ ފަރާތުން އެންމެ ކަމެކެވެ. އަހަރެން ކިތަންމެ ދެކޮޅު ހެދިޔަސް އެންމެ ފަހުން ކަލާގެ ފޮނި ބަސް ތަކުން އެކަމަށް އެއްބަސް ވެވުނީއެވެ. އަހަރެންނަށް ނިދި ޖެހުމުން ކަލާ އެތަނުން ފިލީއެވެ. ފަހުން ވީ ގޮތެއް އެނގޭ ހެއްޔެވެ؟ ފުލުހުން އެތަން ރެއިޑް ކުރީއެވެ. އަހަރެން ނިވާ ނުވާ ހާލުގައި އަތުލައިގަތީޢެވެ. އެއީ ބަދު އަޚްލާގީ އަމަލު ހިންގުމަށް ޚާއްސަ ތަނެއްކަން އެނގިހުރެ ކަލާ އަހަރެން އެތަނަށް ގެންދިޔައީއެވެ. ހުރީ ލަދެއްގައި ބެދުނީ އަހަރެންނެވެ. ކަލާގެ ފޯނު ކޯލެއް ހާ ހިސާބުވެސް އެރެއަށް ފަހު އަހަރެންނަކަށް ނާދެއެވެ.

ރަށު މީހުންގެ މަލާމާތާ އަހަރެން ކުރިމަތިލީ އެކަނި މާ އެކަންޏެވެ. ގެއިން ބޭރަށް ދިޔުން އަހަރެންނަށް އޮންނަނީ މަނާ ކޮށްފައެވެ. އަހަރެންގެ މަންމަ އާ ބައްޕަގެ ނަފްރަތާ ކުރިމަތިލާން ޖެހުނީއެވެ. ރަށު ތެރެއަށް އެދެމީހުން ގިނަ ކޮށްލީމައެވެ. މިހެން އިންދާ އެނގުނީ އަހަރެން ބަލިވެ އިންކަމެވެ. އޭރުވެސް މޮޔައެއް ހެން އަހަރެން އުޅުނީ ކަލާ އާ ވާހަކަ ނުދެއްކި ގެނެވެ. ފޯނު އޮންނަނީ ގުޅާ ކޮންމެ ފަހަރަކު ނިއްވާ ލާފައެވެ. މަންމަ މެން އަހަރެންނަށް ފަންޑިތަ ހަދަން ވެސް ނިންމިއެވެ. އަވަލާފައި ހުރި އެއްޗެއްގެ މުސީބާތުން ސަލާމަތް ކުރާށޯލައެވެ. އަހަރެން ބަލިވެއިން ވާހަކަ މަންމަ ގާތުގައި ބުނުމުން ހަދިޔާއެއްގެ ގޮތުގައި މަންމަ ގެނެސްދިނީ ދަރިން ވައްޓާ ބޭހެކެވެ. ނާތަހުޒީބު ނުވިތާއެވެ؟ ދަރިން ލިބުން ހުއްޓުވަން ކާން ޖެހޭ އެއްޗެއް ނޭނގުނަސް ވައްޓަން ބޭނުންވާ ބޭސް އެނގިއްޖެތާއެވެ.

ގަދަ ކަމުން އަހަރެންނަށް އެ ބޭސް ކާންދީ އަހަރެންގެ ބަނޑުގައި އަށަގަންނަމުން ދިޔަ ދަރިފުޅު ވައްޓާލިއެވެ. ވަރަށް ރުއީމެވެ. އެ ވޭނުގެ މަތިން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. ހިނގާ ދިޔަ ކަންތަކުން އަހަރެން މުޅިން މާޔޫސް ވެއްޖެއެވެ. މޮޔަ ވެއްޖެއޭ ބުނެ އަނެއްކާ އަހަރެން މާލެ ގެނެސްސިއެވެ. ދެއްކީ ސައިކިއަޓްރިސްޓަކަށެވެ. އަހަރެންނަށް ބޭސް ދީ ފަރުވާ ދެމުންދިޔައީ ނުހަނު އޯގާތެރި ކަމާއެކުއެވެ.

އަހަރުތަކަށް ފަހު ވެސް އަހަރެންގެ ދިރިއުޅުމުގައި ހިނގާދިޔަ ކަންތަކުގެ މަތިން ހަނދާނެއް ނުނެތެއެވެ. ބައެއް ކަންތައް ހިތުން ފިލައިގެން ނުދާނެޔޭ އަހަރެންގެ ޑޮކްޓަރު ބުނެއެވެ. ކިތަންމެ ވަރަކަށް ވަގުތަކީ ހުރިހާ ޒަޚަމަކަށް ޝިފާއެކޭ ބުންޏަސް ބައެއް ޒަޚަމްތައް ފިލައިގެންނުދާނެއެވެ. މި ސިޓީ އަކީ އަހަރެންގެ ސައިކިއަޓްރިސްޓްގެ އެދުމުގެ މަތިން ލިޔާ ސިޓީއެކެވެ. ކަލާ އަށް ބުނެދޭން ބޭނުންވާ ވާހަކަތައް ލިޔާށޭ ބުނީ އަހަރެންގެ ޓްރީމަންޓްގެ ބައެއްގެ ގޮތުގައެވެ. މި ސިޓީ ކަލާއާ ހަމައަށް ދާނޭ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެވެ. އެހެނަސް މަސައްކަތް ކުރާނަމެވެ.
ސާދަ އަހަރުގައި ކަލާ އަހަރެންނާ ގުޅައިގެން ދެއްކި ހަޑި ހުތުރު ވާހަކަ ތަކަކީ އުމުރުން އަށާރަ އަހަރު ނުވާ ކުޑަ ކުއްޖަކާ ދައްކަން ހެޔޮ ވާ ވަރުގެ ވާހަކަތަކެއް ނޫނެވެ. އަހަރެންގެ ވިސްނުން އެހާ ކުޅަދާނަ ނުވާ އިރު ކަލާ މަސައްކަތް ކުރީ އަހަރެންގެ މުޅި ވިސްނުން ބަދަލު ކޮށްލާށެވެ. އެކަމުގައި ކާމިޔާބު ވެއްޖެތާއެވެ. މަރުހަބާ ކިޔަމެވެ. އަމިއްލަ ޤައުމު ނޫން އެހެން ޤައުމެއްގައި އަހަރެން މިއުޅެނީ ކަލާ ކަހަލަ ފިރިހެނުން ދެކެ ގަންނަ ބިރަކުންނެވެ. ނަފްސާނީ ބަލިތަކަށް މިހާރު ބޭސް ކުރަމުން މިދަނީ ކަލާގެ ސަބަބުންނެވެ. ކުޑަ ކުއްޖަކާ އެކު ޖިންސީ ގޮތުން ގުޅުން ހިންގި އިރު އަމިއްލަ އުމުރު ވެސް ބުނެފައިވަނީ ތެދަކަށް ކަމެއް އަހަރެންނަކަށް ނޭނގެއެވެ. ތިޔަ ފަދަ ނުބައި މީހަކު މުޖުތަމައު ތެރޭ އުޅެމުން ކިތައް ކުދިންނެއްގެ ދިރިއުޅުން ބަރުބާދު ކުރާނެ ބާއޭ ހިތަށް އަރައެވެ. އަހަރެން ރާއްޖެ ދާނަމެވެ. ކަލާ ހޯދުމަށް މަސައްކަތް ކުރާނަމެވެ. ލޮލަށް އެންމެ ފަހަރަކު ވެސް ފެނިބަލާށެވެ. ކަމާ ބެހޭ ފަރާތްތަކާ ހަވާލުކުރާކަށް އަހަރެން ފަހެއް ނުޖެހޭނަމެވެ. ކަލާ ދެކެ ނަފްރަތު ކުރަމެވެ. ނުހައްގުން ހޯދި އަހަރެންގެ ލޯބި އަނބުރާ ބޭނުމެވެ. ވަގުތު ފާއިތު ވި ނަމަވެސް ހެވެވެ.

އެއް އިރެއްގައި ލޯބިވި،
އަމްލާ

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ކިޔުންތެރިއެއް

  މި ޖާހިލިއްޔަ ޒަމާނުގައި ތިކަހަލަ ކިތަންމެ ބަޔަކު އެބަ އުޅޭ.

  10
 2. ޕޮލިސް ކޮންސްޓަބަލް އަޙްމަދު ސޮބްރީ / ދިއްގަރު

  އަލްމާއެވެ. އަހަންނަށް މާފު ކުރޭ. ކަލާދެކެ އަހަންނަށް ވެވުނީ ލޯތްބެއް ނޫނެވެ. އަހަރެން އަލްމާގެ ފަރާތުން ބޭނުންވީ ޖިންސީ ލޯތްބެވެ. މިއަދު އަހަރެންވެސް އެކަމަށް ހިތާމަ ކުރަމެވެ.

  8
  2
 3. ކަލާ123

  ލިޔުންތެރީންނަށް ބަސްބަސް ބޭނުންކުރަންވީ ނުވަތަ ނުކުރަންވީ ގޮތްގޮތް ކިޔައިދޭން އަޅުގަނޑަކީ ދިވެހިބަހުގެ އުސްތާޒެއް ނޫންކަމަށް އެންމެ ފުރަތަމަ އިއުތިރާފު ވާނީ ވެސް އަޅުގަނޑު! އެހެންނަމަވެސް މަރިޔަމް "ކަޝްފު" މިބަސް އޭގެ ދިމާ އިދިކޮޅު މާނައިގައި ބޭނުންކޮށްފައި ހުއްޓާ މިނޫން އެހެން ބައެއް ލިޔުންތަކުން ވެސް ފެނިފައިވާތީ ހެޔޮ ހިތަކުން އިޚުލާސްތެރިކަމާއެކު ބުނެލާހިތްވެގެން ބުނެލަން. ކަޝްފުގެ މާނަޔަކީ ފަރުދާވުމެއް ނޫން. ފާޅުވުން. އެހެންކަމުން މަރިޔަމްގެ ވާހަކައިގެ ފުރަތަމަ ޕެރެގްރާފު ނިމޭތާ އެއޮތް ޖުމުލަ "ތިޔަ ކަހަލަ މީހުންނަކީ މާގިނަ ދުވަހަކު ތިމާގެ އަސްލު ސިފަ ކަޝްފުކޮށްގެން އުޅެވޭނެ ބައެއް ނޫނެވެ." މިޖުމުލަަ އޮންނަންވީ "ތިޔަ ކަހަލަ މީހުންނަކީ މާގިނަ ދުވަހު ތިމާގެ އަސްލު ސިފަ ކަޝްފުނުކޮށް އުޅެވޭނެ ބައެއް ނޫނެވެ." މިގޮތަށް! ނުވަތަ "ތިޔަ ކަހަލަ މީހުންނަކީ މާގިނަ ދުވަހު ތިމާގެ އަސްލު ސިފަ ފައުޅުނުކޮށް އުޅެވޭނެ ބައެއް ނޫނެވެ." މިގޮތަށް! މީ ނޫންބާ މަރިޔަމްގެ މުރާދަކީ؟

 4. މުހައްމަދު މުދުހިޝް Mudhish

  މަރިޔަމަށް. ކަޝްފުއަކީ އަރަބި ބަހެއް. އޭގެ މާނައަކީ ހާމަވުން. ފާޅުވުން. ސިއްރެއް ފަޅާއެރުން. ދެ ތިން ވާހަކައެއްގައި ފޮރުވާ ސިއްރުކުރުމުގެ މާނައިގާ ބޭނުންކޮށްފައި ވާތީ މައުލޫމާތަށްޓަކައި ބުނެލީ. ވަރަށް ސަލާން