އެމެރިކާގެ ޓެކްސަސްގެ ހައި ސްކޫލެއްގައި މިދިޔަ ހުކުރު ދުވަހު ޒުވާނަކު ބަޑި ޖަހާ 10 މީހުން މަރާލާ އިތުރު 13 މީހުން ޒަހަމް ކޮށްލީ މަރުވި މީހުންގެ ތެރެއިން އެއް އަންހެން ކުއްޖަކު އޭނާގެ ލޯބި ގަބޫލު ކުރަން ދެކޮޅު ހެދުމުން ކަމަށް ފުލުހުން ބުނެފިއެވެ.

މިހަމަލާ ދިން ޑިމިޓްރިއޮސް ޕަގޯޓިޒް ކިޔާ ޒުވާނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އޭނާގެ މައްޗަށް ވަނީ ގިނަ ދައުވާތަކެއް ވެސް އުފުލާފައެވެ. އަށް ދަރިވަރުންނާއި ދެ ޓީޗަރުންނަށް ބަޑިން ހަމަލާދީ މަރާލާ އިތުރު ބަޔަކު ޒަހަމްކޮށްލި ޑިމިޓްރިއޮސް އަކީ ދަރިވަރުންތައް މަރުވި ކްލާހުގައި ކިޔެވި ދަރިވަރެކެވެ.

ސްކޫލްގެ ދަރިވަރުން ބުނާ ގޮތުގައި ޑިމިޓްރިއޮސް ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ކްލާހުގެ ދަރިވަރެއް ކައިރިން ރައްޓެހިވާން އަހާފައެވެ. ކްލާހުގެ ގިނަ ދަރިވަރުންތަކެއްގެ ކުރިމަތީގައި އޭނާ ހުށަހެޅި ހުށަހެޅުމަށް އަންހެން ކުއްޖާ ވަނީ ދެކޮޅު ހަދާފައެވެ. ނަމަވެސް އޭގެ ފަހުން ވެސް ޑިމިޓްރިއޮސްގެ ފަރާތުން މާބޮޑަށް ހިތާމަ ކުރާ މަންޒަރު ނުފެންނަ ކަމަށާއި އޭނާ އުޅުނީ ފެންނަ ފެނުމަށް ކުރިއާއި ވެސް އެއްގޮތައް ކަމަށް ސްކޫލްގެ ދަރިވަރަކު ބުންޏެވެ.

ޑިމިޓްރިއޮސް ސްކޫލަށް ވަދެ އެތައް ބަޔަކު މަރާލާ އެތައް ބަޔަކު ޒަހަމް ކޮށްލި ހާދިސާ އާއި ގުޅިގެން މިފަދަ ކޮންމެ ހާދިސާ އަކަށް ފަހު ވެސް އެމެރިކާގައި ބޮޑު ބަހުސް އަކަށްވާ ބަޑި ގެންގުޅުން ހަރުކަށި ކުރުމުގެ ބަހުސްގެ އަޑު ވަނީ ގަދަވެފައެވެ.

ނަމަވެސް މިހާރު ކޮންގްރެސް އާއި ސެނެޓްގެ ވެސް އަޣުލަބިއްޔަތު އޮތް ރިޕަބްލިކަން ޕާޓީ އަކީ ބަޑި ގެންގުޅުން ކޮންޓްރޯލް ކުރުމަށް ޤާނޫނޫތައް ހަރުކަށި ކުރުމާއި ދެކޮޅު ޕާޓީއަކަށް ވާތީ އެއްވެސް ޤާނޫނަކަށް ބަދަލެއް ގެންނާނެ ކަމަކަށް ނުބެލެވެއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ގަބޫލުކުރާ ގޮތުގައި ސްކޫލްތަކުގައި ބަޑި ޖެހުން ކޮންޓްރޯލް ކުރެވޭނީ ޓީޗަރުންގެ އަތައް ބަޑި ދީގެންނެވެ.