އިންޑިއާގައި ޕަބްޖީ ގޭމް ނުކުޅެވޭ ގޮތަށް "ޕަބްޖީ މޯބައިލް" އިންވެސް ހަދާފައިވާކަން އިއުލާނުކޮށްފިއެވެ.

މިކަން ޕަބްޖީ މޯބައިލްއިންކޮށްފައި ވަނީ އެ ގައުމުގައި ޕަބްޖީ ނުކުޅޭވޭ ގޮތަށް ސަރުކާރުން ހަދާފައި އޮންނަތާ ގާތްގަނޑަކަށް ދެ މަސް ފަހުންނެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގައި ޕަބްޖީ ލައިޓްވެސް ހިމެނޭ ގޮތަށް އިންޑިއާގައި 116 އެޕްއެއް ބޭނުން ނުކުރެވޭ ގޮތް ވަނީ ހަދާފައެވެ. އަދި އެ ނިންމުމާއެކު އެ ގައުމުގައި ޕަބްޖީ އާއި ޕަބްޖީ ލައިޓް ވަނީ ޕްލޭ ސްޓޯރާއި އެޕް ސްޓޯރުންވެސް ވަނީ ނަގާފައެވެ.

އެ ގައުމުގައި ގިނަ އެޕްތަކެއް ބޭން ކުރިއިރު، ކުރިން އެ ގޭމް އަޅާފައިވާ ފަރާތްތަކަށް، ފަހުންވެސް އެ ގޭމް ކުޅެވޭ ގޮތް ވިއެވެ.

އިއްޔެ ޕަބްޖީ މޯބައިލް އިންޑިއާއިން ވަނީ، މިއަދުން ފެށިގެން އެ ގައުމުގެ ޕަބްލިޝިންގ އާއި ޑިސްޓްރިބިއުޝަން ޕާޓްނަރ،ު ޕަބްޖީ އާއި ޕަބްޖީ ލައިޓްއަށް ނުވަދެވޭ ގޮތަށް ހުރިހާ ސާވިސްއެއް ޓާމިނޭޓްކޮށްފައިވާ ކަމަށެވެ.

އިންޑިއާގައި ޕަބްޖީ ބޭން ކޮށްފައި ވަނީ، ޗައިނާއާ ގުޅުމެއް ވާކަމަށް ބުނެއެވެ. އެ ގައުމުން ވަނީ ޗައިނާގެ އެތައް އެޕެއް އިންޑިއާގައި ބޭނުން ނުކުރެވޭ ގޮތް ހަދާފައެވެ.

އެހެންކަމުން މިހާރު އެ ގޭމް އަޅާފައިވާ ފަރާތްތަކަށްވެސް އެ ގޭމް ނުކުޅެވޭ ގޮތް މި ވަނީ ވެފައެވެ. އެހެން ނަމަވެސް ވީޕީއެން ބަދަލުކޮށްލައިގެން ބައެއް ފަރާތްތަކުން ޕަބްޖީ ގޭމް ކުޅޭނެ ކަަމށް ބެލެވޭ ކަމަށް އިންޑިއާ މީޑިއާތަކުން ބުނެއެވެ/