އެމްޕަޔަރ ސްޓޭޓް ބިލްޑިންއާއި އެއިފެލް ޓަވާގެ އުސްމިން ހުރި ފަރެއް އޮސްޓްރޭލިޔާގެ ސައިންޓިސްޓުން ހޯދައިފިއެވެ. ސައިންޓިސްޓުން ބުނެފައިވަނީ މިއީ ފާއިތުވި 120 އަހަރުތެރޭގައި ހޯދުނު މިފަދަ ފުރަތަމަ ހޯދުން ކަމަށެވެ.

ތިލައެއް ގޮތަށް އޮންނަ މި ފަރުގެ އުސްމިނުގައި 500 މީޓަރު، އަދި ފުޅާމިނުގައި 1.5 ކިލޯ މީޓަރ ހުންނަ ކަމަށް ކުރީގެ ގޫގުލްގެ ބޮޑުމީހާ އެރިކް ޝްމިޓްއާއި އޭނާގެ އަންހެން ވެންޑީ އުފައްދައިފައިވާ އިންސްޓިޓިއުޓުން ބުނެފައިވެއެވެ.

ކަނޑާއި މި ފަރާއި ދޭތެރޭގައި 40 މީޓަރ ހުންނަކަމަށާއި އަދި ގުރޭޓް ބެރިއަރ ރީފުއާއި ދެމެދު ގާތްގަނޑަކަށް 6 ކިލޯ މީޓަރު ހުންނަކަމަށް ވެސް އިންސްޓިޓިއުޓުން ބުނެފައިވެއެވެ.

އޮކްޓޫބަރ 20 ވަނަ ދުވަހު މި ފަރު ފެނިފައިވަނީ އިންސްޓިޓިއުޓްގެ ރިސާޗު އުޅަނދުކަމަށްވާ ''ފަލްކޯރ''ގައި ޑރ. ރޮބިން ބޭމެންއާއި ޖޭމްސް ކުކް ޔުނިވަރސިޓީގެ ސައިންޓިސްޓުން ހިމަނައިގެން އެކުލަވައިލި ޓީމުން ގުރޭޓް ބެރިއަރ ރީފުގެ އެންމެ ތިރީގެ ޗާޓު ކުރަހަން އުޅުމުގެ ތެރޭގައެވެ.

މި ފަރު ފެނުމުން ވީ ގޮތްތައް ބުނެދެމުން ޑރ. ބޭމަން ބުނުއްވާފައިވަނީ މި ފަރު ފެނުމުން އެމީހުން ވަރަށް އަޖައިބުވިކަމަށާއި އަދި ވަރަށް އުފާވިކަމަށެވެ.

ޑރ. ބޭމަން ބުނެފައިވަނީ މިއީ ފާއިތުވި 120 އަހަރު ތެރޭގައި ފެނުނު ވަކިން ހުރި އާދަޔާ ޚިލާފަށް ބޮޑު ފަރެއް ކަމަށެވެ. އަދި މިތަނުގައި ގިނަ އަދަދެއްގެ މޫދުގެ ދިރުންތައް ވާކަމަށް ވެސް ބުނެފައިވެއެވެ.

މި ފަރު ފެނުމުގެ ކުރިން، މި މަހު ކުރީކޮޅު ހޯދި ހޯދުމަކުން ސައިންސްވެރިންނަށް ފާހަގަކުރެވުނީ ފާއިތުވި 30 އަހަރު ތެރޭގައި ގުރޭޓް ބެރިއަރ ރީފުން ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ނެތިފައިވާ ކަމަށެވެ.