ދިރިއުޅުމަކީ އިމްތިހާން ކަމަށް ބުނަނީ ވަކި ބޭނުމަކުއެވެ. ނަމަވެސް އަހަރެމެން މިއުޅެނީ ވަގުތީ ގޯއްޗެއްގައިކަން ދަންނަ މީހުން ވަރަށް މަދެވެ. ދިރިއުޅުމުގައި ދިމާވާ އެކި އެކި ކަންތައްތަކުގެ ސަބަބުން ހިތްވަރު އެލުވާލައި އީމާންކަން ކަނިކޮށްގެން އުޅެނީ މަދުބައެއް ނޫނެވެ. ސާނިޔާއަކީ މިފަދައިން ދިރުއުޅުމާމެދު މުޅިން މާޔޫސްވެފައިވާ މީހެކެވެ. ޅައުމުރުގައި މީހަކު ދެކެ ލޯބިވެގެންކުރި ކައިވެނި ރޫޅިގެން ދިޔައީ ސާނިޔާ އޭނަގެ ފުރަތަމަ ދަރިފުޅަށް ބަލިވެއިންދައެވެ. ފިރިމީހާ އެހެން އަންހެނެއް ކައިރިއަށް ދިޔުމަށްޓަކައި ސާނިޔާ ވަރިކޮށްފައިދިޔައީ ސާނިޔާ އިނީ ބަލިވެ ކަން އިނގޭ ޙާލުގައެވެ. ސާނިޔާގެ މަންމައާއި ބައްޕަގެ އެހީތެރިކަން ދަރިފުޅު ވިހެއުމާ ހަމައަށް ލިބުނު ނަމަވެސް ފިރިއެއްގެ ލޯބި އެންމެ ބޭނުންވި ދުވަސްވަރު ފިރިއެއްގެ އަޅާލުން ނުލިބުމުން ސާނިޔާގެ ހިތަށްވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. މަގެއްގެ މައްޗަށް ނުކުމެލިޔަސް ފެންނަނީ ކުރީގެ ފިރިމީހާ އަދި ދަރިފުޅުގެ ބައްޕަ އެހެން އަންހެނަކާއެކު ބުރުޖަހާ މަންޒަރެވެ. މިތަންފެނި ދިރިއުޅުމުގެ ކަނިކޮޅު ނިއްވާލަންވެސް އެތައްފަހަރަކު ނާސިޔާގެ ހިތަށް އެރިއެވެ. ނަމަވެސް އެފަދަ ކަމެއްކުރާކަށް ނުކެރެއެވެ.

ހިތުގައި ލީފާރުތަކަށް ފަސޭހަވެގެންދިޔައީ ހަސަނުއާއި ދިމާވުމުންނެވެ. ހަސަނަކީ އެރަށަށް އަރުވާލިމީހެކެވެ. ނަމަވެސް ހަސަނު ދެއްކި ދަޅައަށް ނާސިޔާ ހެއްލުނީމަދުދުވަސްކޮޅެއްގެ ތެރޭގައެވެ. ދަރިފުޅު ހުއްޓަސް ސާނިޔާއަށާއި ދަރިފުޅަށް ލިބެންޖެހޭ ހުރިހާ ލޯތްބެއްދޭނެކަމަށް ހަސަނު ވަޢުދުވިއެވެ. ދެއަހަރަށް އަރުވާލާފައިވާ ހަސަނާއި ސާނިޔާ ކައިވެނިކުރިތާ މިހާރު އަހަރެއްހާ ދުވަސްވީއެވެ. ދިރިއުޅުމަށް ބަހާރުމުސުން އައީ ކަމަށް ނިންމައިގެން ހުއްޓާ މިފަހަރުވެސް ބަލިވެ އިނދެފިއެވެ. ހަމަ އިނުމާއެކު ހަސަނުގެ ފަރާތުން ތަފާތު އެތައްކަމެއް ފެންނަން ފަށައިފިއެވެ. ރޭގަނޑު ގެއަށް އައުން ލަސްވުމާއި ބޮއިގެން ހުންނަ މީހެއްހެން އުޅެން ފެށިއެވެ. ހަސަން ޑްރަގް ބޭނުންކުރާކަން އެންމެ ފުރަތަމަ އެނގުނީ ސާނިޔާގެ މަންމައަށެވެ. އެވާހަކަ ސާނިޔާ ކައިރީގައި ދެއްކުމުން ފުރަތަމަ ޤަބޫލެއް ނުކުރިއެވެ. ނަމަވެސް ފަހުން ޤަބޫލުކުރަން މަޖުބޫރުވީ ލޮލަށް ފެންނަން ފެށި މަންޒަރުތަކުންނެވެ. އެކައިވެނީގެ ވާފަށްވެސް މޮހެވިގެންދިޔައީ ދެއަހަރުވުމުން ހަސަން އެރަށުން ފުރައިގެން ދިޔަވަގުތުގައެވެ. ތުއްތު ދަރިފުޅުގެ ޒިންމާ އަނެއްކާވެސް އިތުރު ބުރައަކާ އެކު ނަގަން ޖެހުނީއެވެ.

ހަސަން ދިޔަފަހުން ސާނިޔާ އެއްވެސް ކަމެއް ކުރާ ހިތެއްނުވެއެވެ. ދިރިއުޅުންމަތިން ފޫހިވެ ދަރިންދެކެވެސް ރުޅިއަންނަން ފެށިއެވެ. އެކުދިންނަށް އަނިޔާކޮށް ބަސްބުނެ އުޅެން ފެށިއެވެ. ސަނިޔާއަކީ ކުޑައިރުވެސް ދީނަށް އެއްވެސް ފަރުވާއެއް ބެހެއްޓި މީހެއް ނޫންކަމުން އެ އުދަނގު ހާލަތުގައިވެސް މަދަދަށްއެދެން ޖެހޭ ފަރާތާއި ސާނިޔާ ދިޔައީ ދުރުވަމުންނެވެ. ފާޚިސް ކަންތަކަށް ލޯ އެޅެމުން ދިޔައީ އެއްވެސް ވަރަކަށް ފަހުން ވާނެ ގޮތަކާ މެދު ވިސްނާފައެއްނޫނެވެ. މިހާރު ސާނިޔާގެ ހުރިހާ ވެސް ހިތްހަމަޖެހުމަކީ ދަންވަރުއަތަށް އެޅި ދެކުދިން ނިދުމުން ހިލޭ ފިރިހެނުން ކޮޓަރިއަށް ވައްދައިގެން އެހޯދާ އުފާތަކެވެ. މިކަން ކޮންމެ ރެއަކުވެސް ކުރިއަށް ދާއިރު ސާނިޔާގެ މައިންބަފައިންނަށްވެސް މިކަންއޮތީ އެނގިފައެވެ. އެއްފަހަރު ބުނެގެން އެގޮތްގަނޑު ސާނިޔާ ނުހުއްޓުމުންވެސް އެމީހުންނަށް ދެން އިތުރަށް އެވާހަކަދައްކާކަށް ނޫޅުނެވެ.

ދުވަސްތައް ފާއިތުވަމުންގޮސް އަހަރުތަކަށް ބަދަލުވެގެންގޮސް ސާނިޔާގެ ދެކުދިންވެސް ސުކޫލަށްދާން ފެށިއެވެ. އެހުރިހާ ޚަރަދެއް ސާނިޔާއަށް ބެލެނީ އުފާ ހޯދަން އަންނަ ފިރިހެނުންގެ އަތުން ލިބޭ ފައިސާއިންނެވެ. ކުޑަޔަކަސް ބޮޑަކަސް، މުސްކުޅިއަކަސް ސާނިޔާއަށް ހެވެވެ. މިހެން ހުއްޓާ ސާނިޔާގެ ބަނޑުން އެހެން ފުރާނައެއް އުފެދިގެންދާ ކަމުގެ އިޙްސާސް ސާނިޔާއަށް ކުރެވުނެވެ. މިކަންތައް ސިއްރުކޮށްގެން ހުއްޓާ ސާނިޔާގެ މަންމައަށް އެކަންތައް އެނގުނެވެ. އަދި ގަންނަން ޖެހޭނެ ލަދުން ސަލާމަތްވުމަށްޓަކައި ނުއުފަން ކުއްޖާ މަރާލުމަށް ދެމައިން ވެގެން އެކިއެކި މަޝްވަރާތައް ކުރެވެން ފެށިއެވެ. އެމީހުން ޤަބޫލުކުރިގޮތުގައި އެކުއްޖާއަކީ ސުންޕާއެކެވެ. ގެއަށް ލިބޭ ހުރިހާ ލާރިއެއް މިހާރު މަދުމިވާން ޖެހެނީ އެކަމުގެ ސަބަބުން ސާނިޔާ ކައިރިއަށް އަންނަ މީހުންނަށް ބޭނުންވަރަކަށް އުފާ ހާސިލްނުކުރެވޭތީއެވެ.

ކޮންމެއަކަސް އެދަރިފުޅު މަރާލުމަށް ސާނިޔާއާއި އޭނަގެ މަންމަ ވަރަށް މަސައްކަތްކޮށްފިއެވެ. މާބަނޑު ދުވަސްވަރު ނުކާން ބުނެފަ ހުންނަ ހުރިހާ އެއްޗެއް ކެވިއްޖެއެވެ. ސާނިޔާގެ މަންމަގެ ދިވެހި މޮޅު ބޭސްގަނޑެއް ސާނިޔާއަށް ބޯންދިނެވެ.ހަމަ އެއްވެސް ގޮތެއް އެކުއްޖާއަށް ނުވެއެވެ. މިހާސްކަންމަތީގައި ތިއްބާ ސާނިޔާއަށް ރުފިޔާ ލިބޭ މަގު ބަންދުކުރަން ޖެހުނީ ބަނޑަށް މަސްފުރި އެއަންނަ މީހުންނަށް އެކަން އެނގިދާނެތީއެވެ. ބަނޑުން އެނގެން ފެށީއްސުރެ ސާނިޔާ ގެއަކުން ނުނިކުމެއެވެ. ކޮޓަރިންވެސް ނުނިކުމެއެވެ.ސާނިޔާގެ ބައްޕައަކީ ސާނިޔާއަށް މާ އަޅާލައި އޭނަ އުޅޭ ނޫޅޭ ގޮތެއް ބަލާ މީހަކަށް ނުވާތީ ފަރުދާގެ ފަހަތުގައި ހިނގަމުންދިޔަ އެއްވެސް ކަމެއް އޭނައަކަށް ނޭނގެއެވެ. ސާނިޔާގެ މަންމައަށް ދެވޭ ދުވަހަކުން ސާނިޔާގެ ކުދިން ސުކޫލަށް ފޮނުވާއިރު ގިނަ ދުވަހު އެކުދިން ސުކޫލަކަށް ނުފޮނުވައެވެ.

މިހެންގޮސް ސާނިޔާގެ ބަނޑަށް ނުވަމަސް ފުރި ދިހަދުވަސް ވީދުވަހު ސާނިޔާގެ ބަނޑުގައި ރިއްސަން ފެށިއެވެ. ވަގުތަކީ ރޭގަނޑު ދިހައެއް ޖެހި ވަގުތުކަމަށްވުމާއި އެކު ސާނިޔާގެ ބައްޕަވެސް އޮތީ ގަދަ ނިންޖެއްގައި ކަމުން ދިމާވެގެން އުޅޭކަމެއް ސާނިޔާއަދި އޭނަގެ މަންމައަށް ނޫނީ ނޭނގެއެވެ. އެއްވެސް އުދަނގުލަކާނުލައި ސާނިޔާ ވިހެއީ ލޯބި ލޯބި ފިރިހެން ކުއްޖެކެވެ. އެއްއަތުގެ އިނގިލިތައް ހަމަ ނުވުން ފިޔަވައި އިތުރު އެއްވެސް ޢައިބެއް އެކުއްޖާގެ ނެތެވެ. ރޯލުމަށް އެކުޑަ އަނގަ ހުޅުވިއެވެ. ނަމަވެސް އެކުއްޖާގެ ކަރަށް ކޮށްޕާލި ފޮތިގަނޑުގެ ސަބަބުން އެ އަޑު ބޭރަށް ނީވެނީސް ކެނޑުނެވެ. ނޭވާ ހާސްކޮށްލައިގެން ކުއްޖާ މަރާލީ ސާނިޔާގެ މަންމަގެ އަމިއްލަ އަތުންނެވެ. މިވަބާއިން ސަލާމަތްވުމަށް ސާނިޔާ ބޭނުންވެފައިއިންވަރު އެމޫނުމަތިން ފެނެއެވެ. ފާޚާނަ ކައިރީގައި ބިމުގައި އިށީނދެލައިގެން އިން ސާނިޔާގެ ކުރިމަތީގައި އޭނަ ދެންމެ ވިހެއި ތުއްތު ކުއްޖާގެ ހަށިގަނޑު ބާއްވާފައި ސާނިޔާގެ މަންމަ ނުކުތީ ބޭރަށެވެ. ބަދިގެއަށްވަދެ ތެލުލިފަތްހުސްކުރި ކުޑަ ދަޅެއް ނަގައިގެން އައިސް އެކުއްޖާ އޭގެ ތެރެއަށް ގަންބާލީ ހިތުގައި އެއްވެސް ރަޙްމެއް ނެތީމައެއް ނޫންހެއްޔެވެ؟

ލަސްކުރާކަށް ސާނިޔާގެ މަންމަ ނުހަދައެވެ. ދަޅު ކޮތަޅަކަށް ލައިގެން ގެކައިރީގައި އޮންނަ ވަލާ ދިމާލަށް ހަރުކޮށް ހިނގާފައި ގޮސް ގެންދިޔަ ފަކީރާ ބޭނުންކޮށްގެން ވަޅުގަނޑެއް ކޮނުމަށްފަހު އެދަޅު ވަޅުލިއެވެ. ހިތުގައި ކުޑަ ބިރުވެރިކަމެއްވެސް ނެތެވެ. ހަރުކޮށް ހިނގާފައި ގޮސް ސާނިޔާ އިންތަނުންނަގައި އޭނަ ސާފުކުރުމަށްފަހު ކުރަންޖެހޭ އެހެނިހެން ކަންތައްކޮށް ނިމުނުއިރު ފަތިސް ނަމާދަށް ބަންގިގޮވާ އަޑުއިވެއެވެ. ސާނިޔާ ކައިރީގައި އޭނަގެ މަންމަވެސް ވަރުބަލިގޮތަކަށް ނިދާލީ ލިބުނު ހިތްހަމަ ޖެހުމއްގެ ސަބަބުންނެވެ. އެއްވެސް މީހަކަށް ނާންގާ ކޮށްލި މޮޅުކަމުން ހިތްހަމަޖެހިފައިވާ ޙާލުގައެވެ. އެމީހުންނަށް ނޭނގުނުކަމަކީ އެފަދަ ކޮންމެކަމެއް ބައްލަވާ އެހެން ފަރާތެއް ވާކަމެވެ.

މިހާރު އޭގެ ފަހުން ހަތްއަހަރުވީއެވެ. ސާނިޔާގެ ދިރިއުޅުން ދަސްވެ އޭނައަށްލިބުނު ދެއަންހެންކުދިންވެސް ހިނގަންފެށީ އޭނަގެ މަގުންނެވެ. ރޭގަނޑަކަށް ދަންވެއްޖިއްޔާ ތިންމައިންގެ ސަކަރާތް އަނެއްދުވަހު އިރުއަރަންދެން ކުރިއަށްދެއެވެ. މިއާ ޚިލާފަށް ސާނިޔާގެ މަންމަ ހައްވަ ބޭނުންވީ ކުރެވުނު ގޯސް ކަންތައް ހިތުން ފިލުވާލާފައި އާދިރިއުޅުމެއް އުޅޭށެވެ. މިވެސް މީހުންގެ ލޯތަކުގައި އެޅުވިގެން ދިޔަ އަނދުނެކެވެ. ނަމާދުކޮށް ބަރާބަރަށް ޤްރްޢާން ކިޔަވާ ހައްވަގެ ހިތުގައި ވަނީ ހަމައެކަނި މީހުންނަށް މިކަން ދެއްކުމުގެ އެދުމެވެ. އެންމެ ފަހުން ހައްޖަށް ދާންލިބުނު ފުރުޞަތެއްގައި ފިރިމީހާއާއެކު ޙައްޖަށްވެސް ދިޔައެވެ. ތިންދުވަސްވެސް ނުވަނީސް އަނބުރާ ރަށަށް ޙައްވަ އައިސްފިއެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ؟ މާތްވެގެންވާ ބިމުގައި ފައިއެޅީއްސުރެ ކުރެވުނު ނުބައި އަމަލު ލޮލުކުރިމަތީގައި ފިލްމެއްހެން އެޅެވެމުންދިޔައެވެ. އެޅި ކޮންމެ ފިޔަވަޅަކަށް އަޑުއިވެނީ އެތުއްތު ދަރިފުޅުގެ އެންމެ ފަހުގެ ނޭވާގެ އަޑެވެ. ނަމަވެސް ހިތާމަޔަކީ ހައްވައަށްވެސް އަދި ސާނިޔާއަށްވެސް ކުރެވުނު ކުށްތަކުގެ ބޮޑުކަން އަދިވެސް ނޭނގޭތީއެވެ. އެކަންވެސް އިނގޭނެ ދުވަހެއް އަންނާނެއެވެ. އެއްވެސް ކަމަކީ މާތްﷲއަށް ވަންހަނާވެގެންވާ ކަމެއްނޫންކަން އަދި ހައްވައަށާއި ސާނިޔާއަށް އިނގޭނެއެވެ.

ނިމުނީ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާދަމް

    މާޝާ ﷲ. ވަރަށް ފަށުވި، ކިޔާލަން ފަސޭހަ، ޢިބުރަތްތެރި ވާހަކައެއް. ޝުކުރިއްޔާ ޝިއުފާ.
    މި ވާހަކައިން ލިބޭ އެހެން ޢިބުރަތެއް، އެހެން ކަނަކުން ދަންނަވާލާނަން. އެއީ ﷲ ތަޢާލާ ޙަރާމްކުރެއްވި ކަމެއް ކޮއްގެން، ހިތައް ހަމަޖެހުމެއް ނުލިބޭނެކަން........

    21
    1
  2. ފުވައްމުލައް

    މަގޭ ބުރަކަށި މަތީގަ އެ ނުބާ ޖަރީމާ ހިންގީ

    2
    3