ޖިންސީ ގޯނާގެ މައްސަލަތައް މުޖުތަމައުގެ ތެރޭގައި އިންތިހާ އަށް ގިނަވެފައިވާ އިރު، މިފަދަ ކަންކަން ހިނގާ އަދަދާ އަޅާ ބަލާއިރު، ކުށް ކުރާ މީހުންނާ ހަމައަށް ގާނޫނު އަރާ ހަމަކުރެވިފައި އޮންނަނީ މަދު ފަހަރެއްގައެވެ. ގިނައިން ކޮންމެވެސް ކަމަކަށް ނުވަތަ މީހަކަށް ބިރުން މިފަދަ ވާހަކަތައް ހުންނަނީ ނުދެއްކިއެވެ. އަނިޔާ ލިބޭ ފަރާތަށް އިންސާފު ލިބިފައެއް ނޯވެއެވެެ.

މިއީވެސް ދެކުނުގެ ރަށެއްގައި މީގެ 10 ވަރަކަށް އަހަރު ކުރިން ހިނގާފައިވާ ވަރަށް ބަލައިގަންނަން ދަތި، ހާދިސާއެެކެވެ. މި ލިއުމުގައި އަނިޔާ ލިބުނު ފަރާތުގެ ރައްކާތެރިކަމަށްޓަކައި ބޭނުންކޮށްފައި ވާނީ އަސްލު ނަމެއް ނޫނެވެ.

ސްކޫލް ދައުރުން ފެށިގެން އައިޝަތު އަޒްދާ އުޅުނީ ހަމަ އެއް ގްރޭޑެއްގައި ތައުލީމް ހާސިލް ކުރަމުން ދިޔަ އަހުމަދު ހުސައިން ނަމަކަށް ކިޔާ ފިރިހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެންނެވެ. އެންމެ ފުރަތަމަ އެ ގުޅުން އޮތީ ސިއްރުކޮށްފައެވެ. ސްކޫލް ނިމުމަށް ފަހު، އެ ކަން ހާމަކުރިއެވެ.

އަހުމަދަކީ ރަށުގެ ފުދުންތެރި އާއިލާއެއްގެ ހަމައެކަނި ހުންނަ ފިރިހެން ކުއްޖާ އަށް ވުމުން އޭނާގެ ބޮޑާ މިޒާޖާއި އެކުވެސް އަޒްދާގެ އާއިލާއިން އޭނާ ބަލައިގަތީ ނުހަނު ރުހުމާއި ލޯތްބާ އެކުއެވެެ. އަޒްދާ އަށް 18 އަހަރު ފުރި ދެފަރާތުގެ އާއިލާއިން ރުހިގެން ކައިވެނި ކުރިއެވެ.

އަޒްދާ ކިޔައިދިން ގޮތުގައި އޭނާގެ އާއިލާގައި މީހުން މަދެވެެ. އެއްބަނޑު އެއްބަފާ ހުންނަނީ އެންމެ ކޮއްކޮއެކެވެެ. އޭރު އުމުރުން އެންމެ ހަތް އަހަރު ވެފައިވާ އަހުމަދު އަޒީރު ދެކެެ އަޒްދާ ވަރަށް ލޯބިވިއެވެ. އަޒްދާ އާއި އޮންނަ ގާތް ކަމެއްގެ ސަބަބުން އަހުމަދުވެސް އަޒީރު ގެންގުޅެނީ ނުހަނު ގާތް ކޮށެވެެ.

އަޒްދާ އާއި އަހުމަދުގެެ ކައިވެނީގައި ގުނަމުން ދިޔައީ ހަމަޖެހޭ އުފާވެރި ދުވަސްތަކެކެވެ. އަޒްދާ އާއި އަހުމަދު ދިރިއުޅެމުން ދިޔަ ގެއަށް އަޒީރު އަބަދު ގެނެސްގެން ގެެންގުޅެއެވެ.

ނަމަވެސް އަޒީރުގެ މިޒާޖަށް ކުއްލި ބަދަލުތަކެއް އަންނަން ފެށި ކަމަށާއި، ކުރިން ސިޔާސަ މިޒާޖެއް ހުންނަ އަޒީރު އެއްކޮށް މަޑުމައިތިރިވި ކަމަށް އޭނާ ކިޔައިދިނެވެ.

"އަހަރުމެން ކައިވެންޏަށް ދުވަސްކޮޅެއް ވިތަނާ ކޮއްކޮގެ މިޒާޖަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށި. އަހަރެންނަށް އެކަން ފާހަގަކުރެވިގެން މަންމަ ގާތުގަވެެސް ބުނިން. މަންމަ ބުނީ އެ ވެދާނެއޯ އަހަރެން އަޒީރު އާއެެކު ކުރިން ހޭދަކުރި ވަރަށް ވަގުތު ހޭދަނުކުރާތީ ކަމަށް ވެސް." އޭނާ ކިޔައިދިނެެވެ.

އަޒްދާ ކިޔައިދިން ގޮތުގައި އޭނާ އަޒީރު އޭނާގެ ފިރިމީހާ ކައިރީގައި ބެހެއްޓުމަށް ފަހު އެއްދުވަހަކު ރަހުމަތްތެރިންތަކަކާއެކު ފިހާރައަކަށް ދާން ޖެހުނެވެ. ނަމަވެސް ކަން ދިމާކުރި ގޮތުން އެ ދުވަހު ފިހާރައަށް ނުގޮސް އަހުމަދު ކައިރީގައި ގެއަށް ދާނެެ ކަމަށް ބުނި ވަގުތުގެެ ކުރިން އަޒްދާ ގެއަށް ދިޔައެވެ.

އަޒްދާ ބުނި ގޮތުގައި ގެއަށް ގޮސް އެ ދެމަފިރިން އުޅެމުން ދިޔަ ކޮޓަރިއަށް ވަތް އިރު އޭނާ އަށް ފެނުނީ ދުވަހަކުވެސް އޭނާ ފެންނާނެެ ކަމަށް އުންމީދުކުރި އަދި ބަލަން ބޭނުންވާ މަންޒަރުތަކެއް ނޫނެވެ.

"އަހަރެން ވަތް އިރު ފިރިމީހާ ކޮއްކޮއަށް ބަރަހަނާ މަންޒަރު ފެންނަ ވީޑިއޯއެއް ދައްކަމުން ދިޔަ." އަޒްދާ ބުންޏެވެ.

އޭނާ ވަތް މަންޒަރު އަހުމަދު އަށް ފެނުމާއެކު އޭނާ ވިއްސައިގެން ދުރަށް ދިޔަ ކަމަށް އަޒްދާ ބުންޏެވެ. އަދި އެއަށް ފަހު ތޫނު ވަޅިއެއް ހިފައިގެން ނިކުމެ އެެވާހަަކަ ދައްކައިފި ނަމަ ދެބެއިންގެ "ދުވަސް ދުއްވާލާނެ" ކަމަށް އަހުމަދު ބުނި ކަމަށް އޭނާ ބުންޏެވެ.

"އެހާ ހިސާބުން ފިރިމީހާގެ ނުފެންނަ ފަރާތް އަހަންނަށް ފެންނަން ފެށި. ކިތަންމެ ވަރަކަށް އެވާހަކަ ދައްކަން ބޭނުންވިޔަސް ބިރަށްޓަކާ އަހަރެން ހުރީ އެވާހަކަ ނުދައްކާ" އަޒްދާ ބުންޏެވެ.

އަޒްދާ ބުނި ގޮތުގައި އޭގެ ފަހުން އަހުމަދު އޭނާ އަށް ގެވެށި އަނިޔާކުރަން ފެށިއެވެ. އޭނާ ބަނދެެފައި ބެހެއްޓުމާއި، އަނިޔާކުރުން ފަދަ ކަންކަން ވެސް ކުރަމުން ދިޔައެވެ. އަދި އަޒްދާގެ މަންމެ ކިތަންމެެ ޝަކުވާއެއް ކުރި ކަމުގައިވީ ނަމަވެސް އޭނާ އަޒީރު އެގެއަށް ނުގެންނަ ކަމަށް އޭނާ ބުންޏެވެ.

އެތައް ދުވަހަކު ވޭނުގައި އުޅުމަށް ފަހު އަޒްދާ އަހުމަދު ކައިރިން ވަރިވިއެވެ. ވަރިވި އިރު އަޒީރު އަށް 15 އަހަރު ފުރިފައިވާކަމަށާއި، ނަމަވެސް އަޒީރު އެވާހަކަތައް އޭއްވެސް ފަރާތަކަށް ހިއްސާނުކުރުމަށް އެދޭކަމަށް އޭނާ ބުންޏެވެ.

އަޒީރު އަށް އޭރު އިންސާފު ހޯދައި ނުދެވުނީ ފިރިމީހާގެެ އަނިޔާވެރިކަމުގެ ސަބަބުން ކަމަށާއި، ނަމަވެސް މިހާރު އެވާހަކަ ދެއްކުމަށް އަޒީރު ދެކޮޅު ހަދާކަމަށް އަޒްދާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަމްސިއްޔާ

    ހޭލުންތެރިކަން ކުޑައީ. މިހާރު ތިޔަވާހަކަ ދެއްކުމުން ކުރާނެ މާބޮޑު އަސަރެއްނެތް. މިހަފަދަ ވާހަކަތައް ގެންނައިރު، އަފަދަ ހާލަތްތަކުގައި މައްސަލަ ކަމާބެހޭފަރާތްތަކަށް ހުށައަޅާ ފާރާތްތަކުގެ ވާހަކަ ގެނެސް ދިނުން މުހިއްމު. އޭރުންދޯ އެކަންކަން ތަހައްމަލް ކުރަމުންދާ މީހުންނަށްވެސް ހިއްވަރެއް ލިބޭނީ..

    37
    1
  2. އަންނި

    ސާފެއްނުވި އަޅުގަނޑަކައް ތިޔަވިދާޅުވި އެކައްޗެއްވެސް.

    6
    1
  3. ތިންތަރި

    ތިޔައީ ޚިޔާލެއްތަ ނުވަތަ އަސްލެއްތަ އަހަރެން ހަމަ ބޭގަރާރު

  4. ޖަވާދު

    ތިޔަކުން ޖިންސީ ގޯނާ ކުރި ކަމުގެ ވާހަކައެއް ނާދެއެއްނު. މިހާރު ޖިންސީ ގޯނާ އޭ ކިޔައި ހިތަށް އެރިހާ އެއްޗެއް ކިޔަމުން ގޮސް އާމިންދައްތަ މެންކަހަލަ ކުށެއް ނެއް އެތަކެއް ބަޔަކަށް ނުހައްގުން އެތަށް އަނިޔާއެއް ލިބެމުން އެދަނީ.