ނިއުޒިލެންޑްގެ ކްރިސްޗާޗްގައި ހެލިކޮޕްޓަރެއް ވެއްޓިގެން ހިނގި ހާދިސާއެއްގައި ދެމަފިރިން މަރުވެ، ނަމަވެސް އޭރު ހެލިކޮޕްޓަރުގައި ތިބި އެމީހުންގެ ތިން ދަރިން ސަލާމަތް ވެއްޖެއެވެ.

އެންޑްރޫ ނަމަކަށް ކިޔާ މީހަކާއި އޭނާގެ އަނބިމީހާ ލިން އަދި ތިން ދަރިން ހެލިކޮޕްޓަރުގައި ދަތުރު ކުރީ އެސަރަހައްދުގައި ހުރި ވަރަށް މަޝްހޫރު ރެސްޓޯރެންޓަކަށެވެ. މަންޒަރުދުއް މީހުން ބުނާ ގޮތުގައި ހެލިކޮޕްޓަރު ވެއްޓުނީ ހެލިކޮޕްޓަރު ޖައްސަން އުޅުމުގެ ތެރޭގައެވެ. ހެލިކޮޕްޓަރު ދުއްވަން އިނީ އެންޑްރޫ އެވެ.

އެންޑްރޫގެ އާއިލާ މެންބަރަކު ނިއުޒިލެންޑްގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އެއާއިލާ އިން އާއްމުކޮށް ދަރިންގެ ޗުއްޓީ ދުވަހު ހެލިކޮޕްޓަރު ދުއްވަން ދެއެވެ. "ހެލިކޮޕްޓަރު ދުއްވުން އެއި އެމީހުން އެންމެ އުފަލާއިއެކު ކުރާކަންތައް. ތިން ކުދިން މައިންބަފައިންނާއި ވަކިވެގެން ދިއުމުން އާއިލާއަށް މިވަނީ ބަޔާން ކުރަން ވެސް ނޭނގޭ ހިތްދަތިކަމެއް ލިބިފައި. އަހަރެންނަކަށް ނޭނގޭ ދެން އެކުދިންނަށް ވާނެ ގޮތެއް ވެސް." އާއިލާ މެންބަރު ބުންޏެވެ.

މަންޒަރުދުއް މީހުން ބުނާ ގޮތުގައި ހެލިކޮޕްޓަރު ވެއްޓުމުގެ ކުރިން ހެލިކޮޕްޓަރު ވައިގެ ތެރޭގައި އެނބުރުނު މަންޒަރު ފެނުނެވެ. "ފެނުނު މަންޒަރުން އެނގުނު ހެލިކޮޕްޓަރު ކޮންޓްރޯލް ނުކުރެވިގެން އުޅުނުކަން. ވައިގެތެރޭގައި ހެލިކޮޕްޓަރު އެނބުރި އެނބުރިފައި ވެއްޓުނީ." މަންޒަރުދުއް މީހަކު ބުންޏެވެ.

ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި ތިން ކުދިންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ވެފައެވެ. ތިން ކުދިންނަށް ވެސް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

ނިއުޒިލެންޑްގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވި ސަބަބު ދެނެގަންނަން މިހާރު ވަނީ ތަޙްޤީޤު ފަށަފައެވެ.

ކިޔުންތެރިންގެ ހިޔާލު