ވިޔަފާރި އާއި އިޤުތިޞާދީ ޚަބަރުތައް ގެނެސްދިނުމުގައި ދުނިޔެ އެންމެ މަޝްހޫރު ނޫސް ކަމަށްވާ ފައިނޭންޝަލް ޓައިމްސް (އެފްޓީ) އިން ހޮވާ މިއަހަރުގެ ޝަހްސިއްޔަތުންނަށް ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދި މުސްލިމް ދެމަފިރިން ކަމަށްވާ އުގޫރު ސާހީން އާއި އޭނާގެ އަނބިކަނބަލުން އޮޒްލެމް ޓްރޫސީ ހޮވައިފިއެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގައި މިހާތަނަށް އެންމެ ކާމިޔާބު މަސައްކަތެއް ކޮށްފައި ވަނީ ތުރުކީވިލާތައް ނިސްބަތްވާ ޖަރުމަންވިލާތުގައި ދިރިއުޅެމުން އަންނަ މިދެމަފިރިންނެވެ. މިދެމަފިރިންގެ ކުންފުނި ކަމަށްވާ ބައޯއެންޓެކް އިން އުފެއްދި ވެކްސިން އެމެރިކާގެ ފައިޒާ ކުންފުންޏާއި ގުޅިގެން މިހާރު ވަނީ އެމެރިކާގައި އާއްމުންނަށް ދޭން ވެސް ފަށާފައެވެ.

އެމެރިކާގެ "ނިއުޔޯކް" ޓައިމްސް އިން ބުނާ ގޮތުގައި ސާހީން އާއި ޓްރޫސީ ބައްދަލުވެ ކައިވެނި ކުރެއްވުމަށްފަހު ދެމަފިރިން 2001 ވަނަ އަހަރު އެބޭފުޅުންގެ ފުރަތަމަ ކުންފުނި އުފެއްދެވިއެވެ. އަދި 2008 ވަނަ އަހަރު ބައޯއެންޓެކް އުފެއްދެވިއެވެ. ބައޯއެންޓެކް ކުންފުނިން އެންމެ ބޮޑު ސަމާލުކަމެއް ދިނީ ކެންސަރަށް ފަރުވާއެއް ހޯދުމަށެވެ. އެކަމަށްޓަކައި ވަރަށް ގިނަ ކާމިޔާބު ތަހްލީލްތައް ކުރެވި އުއްމީދީ ނަތީޖާތަކެއް ވެސް ވަނީ މިހާރު ހޯދާފައެވެ.

2016 ވަނަ އަހަރު ސާހީންގެ ދެމަފިރިން ވަނީ އެބޭފުޅުން ފުރަތަމަ އުފެއްދެވި ކުންފުނި ވިއްކާލާފައެވެ. އެކުންފުނި ވިއްކާލީ އެއްބިލިއަން އެމެރިކާ ޑޮލަރަށެވެ. އެކުންފުނި ވިއްކާލުމުގެ ކުރިން ވެސް ސާހީންގެ ދެކަނބަލުންނަކީ ޖަރުމަންވިލާތުގެ ނިސްބަތުން މުއްސަނދިންނެވެ.

އަދި ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގައި ބައޯއެންޓެކް އިން ހޯދި ކާމިޔާބާއި އެކު ދެކަނބަލުންގެ މުއްސަނދިކަން ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. މިހާރު ބައޯއެންޓެކްގެ އަގު ވަނީ 21 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ.

ފައިނޭޝަލް ޓައިމްސް އިން އަހަރުގެ ޝަހްސިއްޔަތުންގެ ގޮތުގައި ސާހީން އާއި އޭނާގެ އަނބިކަނބަލުން އޮޒްލެމް ހޮވީ ވެސް ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމުގައި ކުރި މަސައްކަތުގެ ސަބަބުންނެވެ. މުޅި އާޓެކްނޮލޮޖީއެއް ބޭނުން ކޮށްގެން ބައޯއެންޓެކް އިން ވެކްސިން އުފައްދާފައި ވަނީ "ވަގުތައް ވުރެ ބާރަށް ދަތުރުކޮށްގެން" ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ވެކްސިނެއް އުފެއްދުމުގެ މަސައްކަތަކީ ފަސޭހަ މަސައްކަތެއް ނޫނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދުނިޔޭގައި އުފައްދާ ކޮންމެ 10 ވެކްސިނަކުން 6 ވެކްސިން ތަހްލީލްތަކުން ފެއިލް ވެއެވެ. އެހެންކަމުން ބައޯއެންޓެކް އިން ވެސް ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފެށިއިރު އެކުންފުނީގެ ކުރިމަތީގައި ހުރި ގޮންޖެހުންތައް ވެސް ގިނައެވެ. ނަމަވެސް އެހުރިހާ ގޮންޖެހުމެއް ގިރާކޮށް މިހާރު ވަނީ ވެކްސިން އާއްމުކޮށް ބޭނުން ކުރެވޭވަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު