މެސެޖު ލިޔާއިރު އޮޓޯ ކަރެކްޝަނަކީ ބައެއް ފަހަރަށް ވަރަށް ބޭނުންތެރި ކަމެކެވެ. ނަމަވެސް ބައެއް ފަހަރަށް އެއީ ވަރަށް ނުރައްކާތެރި ވެސް ކަމެކެވެ.

މީހާ ކަންނެތްވެފައި ހުންނަ ވަގުތުތަކުގައި މެސެޖު ކުރާއިރު އޮޓޯ ކަރެކްޝަނަކީ ފަސޭހައެއް ނަމަވެސް، އޮޓޯ ކަރެކްޝަންގެ ސަބަބުން ބުނަން ބޭނުންވާ އެތި ނޫން އެހެން އެއްޗެއް ވެސް ބުނެވޭތަން އާދެއެވެ.

އެމެރިކާގެ އަންހެނަކު އޭނާގެ ބައްޕައަށް ފޮނުވި މެސެޖެއްގައި އޮޓޯ ކަރެކްޝަންގެ ސަބަބުން ބުނަން އުޅުނު ވާހަކަ ނޫން އެހެން ވާހަކައެއް ބުނެވިގެން، އެކަމާ ހާސްވެފައި ހުރި އޭނާގެ ބައްޕަ ވަގުތުން ފުލުހަށް ގުޅި ކަމަށް ރިޕޯޓްތަކުގައިވެއެވެ.

މި އަންހެން މީހާ ފޮނުވި މެސެޖުގައި އޮޓޯ ކަރެކްޓްގެ ސަބަބުން އޭނާގެ ބައްޕައަށް ލިބުނު މެސެޖުގައި ވަނީ އެ އަންހެން ކުއްޖާ ވަރަށް ބޮޑު ކަމެއްވެގެން އުޅޭ ކަމަށާއި ބަޔަކު އޭނާއަށް އަނިޔާ ކުރަނީ ކަމަށެވެ. އެހެންކަމުން އޭނާގެ ބައްޕަ އެކަން ފުލުހަށް ހުށަހެޅީ ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.

އެ އަންހެން ކުއްޖާ އޭނާގެ ބައްޕައަށް ފޮނުވި މެސެޖުގައި ލިޔަން އުޅުނީ ސާފުކުރަނީ ކަމަށެވެ. ނަމަވެސް އޭނާގެ ބައްޕައަށް ލިބުނު މެސެޖުގައި ވަނީ އޭނާއަށް ހަމަލާއެއް ލިބުނު ކަމަށެވެ. ''ސްވެބްޑް'' ލިޔަން އުޅުނު މެސެޖު އޮޓޯ ކަރެކްޓްވެ ލިޔެވިފައިވަނީ ''ސްޓެބްޑް''އެވެ.

ފުލުސް އޮފިސަރ ނިކް އޮލެސްޒަކް ބުނެފައިވަނީ އެ އަންހެން ކުއްޖާގެ މެސެޖު ލިބުމާއި އެކު އޭނާގެ ބައްޕަ މެސެޖު ކުރިކަމަށާއި ދިން އެޑްރަހަށް ދިޔައިރު އަންހެން ކުއްޖާ ގަދަވެ ސަލާމަތުން ހުރިކަމަށެވެ. އަދި މެސެޖުގައި އެއްވެސް ބަހެއް އޮޓޯ ކަރެކްޓްވެފައިވާ ކަން އޭނާއަށް އޭރު ނޭނގޭ ކަމަށް ވެސް އޮފިސަރ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު