މުފްތީ މެންކު ނުވަތަ އިސްމާއިލް އިބްނު މޫސާ މެންކުއަކީ އެންމެ ގިނަ ބަޔަކު ބަލައިގަންނަ ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ މީހެެކެވެ. އެތައް މިިލިއަން ފޮލޯވަރުންނެއް މީސްމީޑިއާގައި ވެސް ތިބި މުފްތީއަކީ ދިރިއުޅުމުގެ ކަންކަމާ މެދު އެހެން ދީނީ އިލްމުވެރިންނަށް ވުރެ ތަފާތު މޭރުމަކުން އިރުޝާދު ދެއްވާ ބޭފުޅެކެވެ. ޒިމްބާބުވޭ އަށް އުފަން މުފްތީއަކީ އޭނާގެ ސަމާސާ މިޒާޖުގެ ތެރެއިން އިސާލާމީ ރިވެތި ރިސާލަތު ފަތުރުއްވަވާ ބޭފުޅެކެވެ.

އޭނާ އަކީ ދިރިއުޅުމުގައި ދިމާވާ ކަންކަމާ މެދު މާޔޫސް ނުވުމަށް އިރުޝާދު ދޭ ޑިޕްރެޝަން އާއި އެންޒައިޓީ ފަދަ ކަންކަމާއި ގުޅޭ ގޮތުން ވެސް ދީނީ ނަޒަރަކުން ވާހަކަދައްކަވާ ބޭފުޅެކެވެ. އޭނާ ޓްވިޓާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވަނީ ދިރިއުޅުމުގައި ދިމާވާ ކަންކަމުން ފިލާވަޅު ލިބިގަތުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

އެގޮތުން ދިރިއުޅުމުގައި ދިމާވާ އެއްވެސް ކަމަކީ ސަބަބަކާ ނުލާ ދިމާވާ ކަމެއް ނޫންކަން އޭނާ ވަނީ ހަނދާންކޮށް ދެއްވައިފައެވެ. އަދި މިވަގުތު ކޮންމެ މީހަކުވެސް ހުރި ތަނަކީ އެ މީހަކު ހުރުން އެންމެ އެކަށީގެންވާ ތަން ކަމާއި، އެއީ ތަގުދީރުގައި އެކަން އޮތްގޮތްކަން މުފްތީ ވިދާޅުވިއެވެ.

މީގެ އިތުރުން ދިރިއުުމުގެ ކޮންމެ ކަމެއްވެސް ވަނީ ﷲގެ އިރާދަފުޅާއި އެއްގޮތަށް ކަމާއި، ﷲގެ ނިންމެވުމަށް ވުރެ ފުރިހަމަ ނިންމުމެއް ނުވާކަން މުފްތީ ވަނީ ހަނދުމަކޮށް ދެއްވައިފައެވެ.

އަދި މިހާރު ހުރި ފައްތަރަކީ ފިލާވަޅެއް ކަމަށް ދެކި އެ ހާލަތުން ކަންކަން ދަސްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.