އެ ހާދިޡާއަށް މިހާރު ހަތަރު ދުވަސް ވަނީއެވެ. ދިރިއުޅުން އެފުށް މިފުށަށް ޖަހާލެވުނުގޮތް ހިތަށް އަރާ، އަދިވެސް އޭނާ ހުރީ އަޖައިބުވެފައެވެ. މީގެ ހަފްތާއެއް ކުރިން އޭނާ އުޅުނީ ރަނގަޅު ވަޒީފާއެއްގައި، އަރާމު ދިރިއުޅުމެއްގައެވެ. ޝަހަރުގެ އެންމެ ބޮޑެތި މުއްސަނދިންގެ މުށުތެރޭގައެވެ. އެމީހުންގެ ޚިދުމަތުގައެވެ. ނަމަވެސް މިއަދު އިތުރަށް އެންމެ ދުވަހެއްވެސް ދިރިހުންނަން އޭނާ ފަސްޖެހެއެވެ. ކުރިމަގު ބަނަވެފައި ފުސްކަމުންނެވެ.

*** *** ***
ހަފްތާއެއް ކުރި:

ހެނދުނު ހެނދުނާ ރިންގުވާން ފެށި ފޯނުން، ދާނިޔަލް ގެ ހަރު ނިދިގަނޑު ފަނޑުކޮށްލައިފިއެވެ. ފޯނު ނަގާ ކަންފަތުގައި ޖަހާލީ ކަންނެތްކަމާއެކުއެވެ. ވަޒީފާގެ ގޮތުން އެންމެ ކޯލެއްވެސް މިސް ކުރެވޭކަށް ނޯވެއެވެ. ކިތަންމެ ނުވަގުތެއް ނަމަވެސް އޭނާ ހުންނަން ޖެހެނީ ކުރެވޭ އަމުރަކަށް ތައްޔާރަށެވެ.

ފޯނުގެ އަނެއް ފަރާތުން ވާހަކަދެއްކި މީހާ، މާ ހާސަރު ގަނޑެއް ދަމާކަށް މަޑެއް ނުކުރެއެވެ. އޭނާ ދިޔައީ ސީދާ ޕޮއިންޓަށެވެ. މުއްސަނދިންނާ މުޢާމަލާތްކުރުމުގައި އެންމެ ފަސޭހަ ތަންކޮޅަކީ މިއީއެވެ. ބޭކާރު ވާހަކަ ދެއްކުމެއް އެމީހުންގެ ނޯންނާނެއެވެ. އޭނާގެ އަޑު ޖެހުމާއެކު އެއީ ކާކުކަން ދާނިޔަލްއަށް އެނގިއްޖެއެވެ. އެކޮޅުން ވާހަކަ ދެއްކި މީހަކު ބުނި އެއްޗަަކުން ދާނިޔަލް ގެ މޫނަށް ފުސްކަމެއް ވެރިވެއެވެ. ދެ ލޯ ހަނި ކޮށްލުމަށްފަހު ފުން ނޭވާއެއް ބޭރުކޮށްލިއެވެ. މަސައްކަތް ފުރިހަމަ ގޮތުގައި ކުރާނެކަމުގައި ބުނެ އޭނާ ފޯނު ކަނޑާލިއެވެ.

ގުޅި މީހަކު ބުނީ، އޭނާގެ އަންހެނުން ޝެލީ މިރޭ ޕެރިސް އަށް ދާން ޖެހޭވާހަކައެވެ. ޕްލޭން މިރޭ 7 އަކަށް ތައްޔާރުކުރާށެވެ. އެހެން މީހެއް ނަމަވެސް ދާނިޔަލް ކުޑަކޮށް ހަމަޖެހުނީހެއްޔެވެ. ނަމަވެސް ޝެލީއަކީ އޭނާ އެމީހެއްގެ މޫނު ދެކެންވެސް ބޭނުންވާ މީހެއް ނޫނެވެ. އެހާވެސް އޭނާ މަތިން ފޫހިވެއެވެ.

ކޮންމެއަކަސް، އެއް މަސްދުވަހުގެ ކަންނެތް، އަރާމު ވެކޭޝަންއަކަށްފަހު ވަޒީފާއަށް ނިކުމެވޭތީ ދާނިޔަލް ހުރީ ހިތްހަމަޖެހިފައެވެ. އޭނާގެ ބޮސް ގެ ބޮލަށް ނުކުޅަދާނަ އަންހެނުން ޕެރިސްއަށް ގެންދާން ޖެހުނަސް ވަރިހަމައެވެ. ޕައިލެޓްކަމަކީ އޭނާ ފިސާރި ކުރާހިތްވާ ކަމެކެވެ. އެކަމުގައި އެހާމެ ފަރިތަވެފައި، ހުނަރުވެރިއެވެ.

ފްލައިޓްގަައި ތިބޭނީ އެ ދެމީހުން އެކަނިކަން އެނގުމުން، ދާނިޔަލްގެ ޝައުގުވެރިކަން އިތުރަށް ފަނޑުވިއެވެ. އެއްވެސް ކެބިންކުރޫއެއް މި ދަތުރުގައި އެމީހުންނާ ބައިވެރިއެއް ނުވާނެއެވެ. އޭގެ މާނައަކީ، ޝެލީގެ ހުއްޓާލުމެއް ނެތް އަނގަތެޅުމާ، ފޮނި ބާސާތަކާ ކުރިމަތިލާން ޖެހޭނީ އޭނާ އެކަނި ކަމެވެ. ޝެލީ އަކީ ހިސާބަށްވުރެ ފޮނި، ތިމާއަށް ތިމާ ރަނގަޅަށްވެސް ފެނިފައިހުރި މީހެކެވެ. ދާނިޔަލް ހިތާ ހިތުން ދުޢާ ކުރަމުން ދިޔައީ މުޅި ދަތުރުގައިވެސް ޝެލީ ނިދިޖެހިފައި ބޭއްވުމަށެވެ. އޭރުން އެ އަޑުގަދަ އަޑެއް ނީވެނެތާއެވެ.

ޝެލީގެ އިންތިޒާރުގައި ހުރި އިރު ދާނިޔަލް ފަހު ފަހަރަކަށް މޫސުން ރިޕޯޓުތަކަށް ސަމާލުވެލިއެވެ. މެދު އެފްރިކާ ސަރަަހައްދުގައި އުފެދެމުން ދިޔަ ކޮޅިގަނޑުގެ ޚަބަރާއެކު ދާނިޔަލްގެ މޫޑް އިތުރަށް ޚަރާބުވިއެވެ. ބޯ ވިލާތަކުގެ މަތިން ދުއްވާނީއޭ ހިތާ އެ ޚިޔާލުތައް އެއްފަރާތްކޮށްލިއެވެ. ޝެލީ ގާތު މިރޭ ދަތުރު ނުފެށޭނެޔޭ ބުނެފިއްޔާ އޭނާ ވަޒީފާއިންވެސް ވަކިކޮށްލަފާނެއެވެ. މި ވީހާ އަހަރުތަކުން އޭނާއަށް ދަސްވެފައިވާ އެއް ކަމަކީ މިފަދަ ޚިޔާލުތައް އޭނާގެ ސިކުނޑީގެ ތެރޭގައި ފޮރުވައިފައި ބެހެއްޓުން ބުއްދިވެރިކަމެވެ. ދުލު ކުރިއަށް ގެނެއްސި ހާލެއްގައި ދިރިއުޅުން އުނދަގޫކޮށްލަފާނެއެވެ. އަންހެނަކަސް، އެއީ ފިސާރި އަންހެނެކެވެ.

ބައި ގަޑިއިރެއްހާއިރު ފަހުން ކޮމްޕަނީގެ ކާރު އެއާޕޯޓުގެ ތެރެއަށް ވަދެގެން އައި ޚަބަރު އޭނާއަށް ލިބިއްޖެއެވެ. ފްލައިޓްގެ ހުރިހާ ކަމެއް ތައްޔާރުކުރުމަށްފަހު ދާނިޔަލް ނިކުތީ ޝެލީ ފްލައިޓަށް އެރުވުމަށެވެ. ފުޅާ ހިނިތުންވުމަކާއެކު އޭނާ ބަލަހައްޓައިގެން ހުރީ އެ އަންހެން މީހާ ހިނގާފައި އަންނަ މަންޒަރު ބަލާށެވެ. ނަގޫރޯޅިއެކޭ އެއްފަދައެވެ. މާ އާދައިގެ ގޮތަކަށް މިއަދު ހެދުން އަޅައިގެން ހުއްޓަސް ޝެލީ އަކީ އާންމު އުސޫލުން ޑިސްކޯ ބޯޅައެއް ފަދައިން ހެދުން އަޅާ މީހެކެވެ. ދެތިން މޭލު ދުރުންވެސް އޭނާ ލޮލުގައި އަޅައިގަންނާނެއެވެ. މިއަދު ލައިގެން ހުރި ހެދުން ސާދާ ވެފައި، ކުލަ މަޑެވެ. ދާނިޔަލް އަތް ދިއްކޮށްލިއެވެ. ޝެލީގެ އަތް އޭނާގެ އަތުގެ ތެރެއަށް ލެވިގެން ދިޔަ ވަގުތު އެ އިނގިލިތަކުގައި ޖައްސާފައިވާ މަޑު ނޫކުލަ އޭނާގެ ލޮލުގައި އަޅައިގަތެވެ. އާންމުކޮށް އަންހެންވެރިން ނުޖައްސާ ޝޭޑްއެއް ވީމައި ކަންނޭނގެއެވެ. ސީޓާއި ހަމައަށް އޭނާ ގެންގޮސް ދާނިޔަލް ހިނގައިގަތީ އޭނާގެ މައިޒާނަށެވެ. ދެމީހުންގެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އެކަމާ ދާނިޔަލް ހުރީ ނުލާހިކު ހިތްހަަމަޖެހިގެންނެވެ.

ފްލައިޓް ދުއްވާލީ ހިނިތުންވުމަކާއެކުއެވެ. އެއްވެސް މައްސަލައެއް ނެތިއެވެ. އޮޓޯ ޕައިލެޓްއަށް ލުމަށް ދާނިޔަލް ހިތަށް އެރިނަމަވެސް، ދުވަހުގެ މޫސުން ހުރިގޮތުން ކުޑަކޮށް ހިތް ބިރުގަތެވެ.

ގަޑިއެއް ހާއިރު ވި އިރުވެސް ޝެލީގެ ހަަބަރެއް ނުވެއެވެ. ދާނިޔަލް ނިންމީ އޭނާއަށް ނިދުނީ ކަމަށެވެ. މެދު އެފްރިކާގެ މައްޗަށް ވެރިވެފައިވާ ކޮޅިގަނޑާ ކުރިމަތިލާން ޖެހުމުން ދާނިޔަލް ހުށިޔާރުވިއެވެ. ވިދާ ގުގުރާ ވަރުން އޭނާގެ ހިތް އިތުރަށް ތެޅެން ފެށިއެވެ. ހޮނު ގުގުރި އަޅަމުން އެ ދަނީ ފްލައިޓާއި ދާދި ގާތުންނެވެ. ދާނިޔަލް މަސައްކަތް ކުރަމުންދިޔައީ އެއްވެސް އުނދަގުލަކާއި ނުލާ މި ކޮޅިގަނޑުން ސަލާމަތްވެވޭތޯއެވެ. ކިތަންމެ ނާދިރަސް، ވިލާތަކުގެ މަތިން ދެވޭތޯ އޭނާ ބެލިއެވެ. ބޯ ވިލާތަކުގެ ތެރެއަށް ފްލައިޓް ވަދެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ހިތްވަރު އެލުވާ ނުލާ ދާނިޔަލް ބެލީ މި ބޯ ވާދީ ތެރެއިން ނިކުމެވޭތޯއެވެ.

ފްލައިޓްގެ އިންޖީނަށް ހޮނު ގުގުރި އެޅީ އެވަގުތުއެވެ.

*** *** ***
ހަ ދުވަސް ކުރި:

ދާނިޔަލްއަށް ސިހިފައި ހޭލެވުނެވެ. ބިޔަ ޖަންގަލީގެ ތެތް ބިންމަތީ އޮންނަން ޖެހުމުން އޭނާގެ ހަށިގަނޑު ވަނީ ފިނި ހިފާ، ތުރު ތުރު އަޅާވަރު ވެފައެވެ. ވާރޭގެ އަސަރު ބިންމަތީގައި ހުއްޓެއްކަމަކު އުޑުމަތި މާ ބަނައެއް ނޫނެވެ. މައްޗަށް ބަލާލިއަސް އުޑު ފެންނަނީ އެހާމެ އުނދަގުލުންނެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ފެހިކަމެވެ. ފާއިތުވި ރޭގެ ހާދިޡާގެ ޚިޔާލުތަކުން އިސާހިތަކު ދާނިޔަލްގެ ވިސްނުން ބަނަކޮށްލައިފިއެވެ. އޭނާއަށް އިހުސާސު ވަމުންދިޔައީ ފްލައިޓް ވެއްޓެމުން ދިޔައިރު ގަތް ބިރެވެ...

ޖަހާލި ވިދުވަރާއެކު ފްލައިޓަަށް އަޅާލި ހޮނު ގުގުރިން ހުރިހާ ކޮންޓްރޯލްތަކެއް ރޯކޮށްލި ކަހަލައެވެ. އެއްވެސް އެއްޗެއް މަސައްކަތެއް ނުކުރިއެވެ. މަޑު މަޑުން ތިރިއަށް ވެއްޓެން ފެށުމުން ދާނިޔަލް ސަވައިވަލް މޯޑަށް ވެއްޓުނެވެ. އެންމެ ކައިރީގައި އޮތް އެމަޖެންސީ ކިޓް ޖަހައިގަތުމަށްފަހު ޝެލީއަށް އިންޒާރު ދިނުމަށް އޭނާގެ ކެބިންއިން ނިކުމެލިއެވެ. ދާނިޔަލްއަށް ޝެލީ ފެނުުނު ވަގުތު ޝެލީގެ މޫނުމަތީގައިވެސް ވަނީ އޭނާގެ އަމިއްލަ މޫނުގައި ކުރަހާލެވިފައިވާ ބިރުގެ އިހުސާސުތަކުގެ ރިވެއްޔެކެވެ. ޝެލީ އިށީނދެ އިން ސީޓުގެ ތިރިން ލައިފް ޖެކެޓެއް ދާނިޔަލް ނެގިއެވެ. އޮރެންޖް ކުަލައިގެ ލައިފް ޖެކެޓް ޝެލީއަށް ދިއްކޮށްލުމަށްފަހު ދާނިޔަލްވެސް ލައިފް ޖެކެޓެއް އަވަސް އަވަހަށް ބޮލުން މަހާލިއެވެ. ޝެލީ އެންމެ އަތަކަށްވެސް ހިރި ނުލައެވެ. ގަބުވެފައި ހުރީއެވެ. ދާނިޔަލް ދެތިން ފަހަރު ަލއިފް ޖެކެޓް އަޅާނެ ގޮތް ޝެލީއަށް ކިޔައިދިނެވެ. ނަމަވެސް ޝެލީގެ ހަރަކާތްތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އޭރުވެސް ފްލޭޓް ހަމަ އެ ދުވެލީގައި ތިރިއަށް ދަމުން ދިޔައެވެ.

ޝެލީ އެއްވެސް ވަރަކަށް އަޑު އަހާހެން ހީ ނުވުމުން ދާނިޔަލް އޭނާގެ އަތުން އެ އޮރެންޖް ލައިފްޖެކެޓް ޖަހައިގަތެވެ. އަދި އޭނާ އަމިއްލައަށް ޝެލީގެ ބޮލުން އެ މަހާލާ، ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްދިނެވެ. ޕެރެޝޫޓުވެސް ހެޔޮވަރުކޮށްލީ ހަމަ އެފަދައިންނެވެ. ޝެލީގެ އަތުގައި ހިފާ ދަމާފައި ގެންގޮސް އެމެޖެންސީ ދޮރެއްގެ ކުރިމައްޗަށް ދާނިޔަލް ހުއްޓުނެވެ. އޭނާގެ ހިތް ބާރު ބާރަށް ތެޅެމުންދިޔައެވެ. ކިތަންމެ ފިންޏެއްވިޔަސް މޫނުން ފައިބަމުން ދިޔައީ ދަލުގެ ކޯރުތަކެވެ. ހާސް ވެފައި ހުރި ވަރުން އަތް ތުރުތުރު އަޅަމުންދިޔައެވެ. އެކަން ޝެލީއަށް ފާހަގަވިޔަސް އޭނާ ހުރީ އެއަށް އެއްޗެކޭ ބުނެވޭ ހާލަކުއެއް ނޫނެވެ.

އެމަޖެންސީ ދޮރު ހުޅުވުމާއެކު ފިނި ވައި ފްލައިޓް ތެރެއަށް ވަދެގެން ދިޔައެވެ. ފްލައިޓުގެ ވައިބްރޭޓް ދާނިޔަލްއަށް އިހުސާސުވިއެވެ. ޝެލީގެ ފަރާތުން ހަރަކާތެއް ފެނުނީ ދެނެވެ. ފުއްމާލަން ޖެހިލުންވަނީއެވެ. އޭނާގެ ނޫކުލައިގެ ނިޔަފަތިތަށް ދާނިޔަލްގެ ހަންގަނޑުގެ ތެރެއަށް ވަދެގެން ދިޔަ ކަހަލައެވެ. ކަންތައް ކުރަންވީ ގޮތް ދާނިޔަލް ކިޔައިދެމުން ދިޔައެވެ. ޝެލީގެ ރުއިމުގެ އަޑުންނާއި، ގަދަ ވައިގެ ސަަބަބުން އޭނާ ބުނި އެއްޗެއް ޝެލީއާއި ހަމައަށް ފޯރިހެން އޭނާއަކަށް ހިޔެއް ނުވެއެވެ. ވަގުތު ކުޑަތަންވަމުން ދާތީ އެއްވެސް އިންޒާރަކާއި ނުލާ ދާނިޔަލް ޝެލީ ދޮރުން ބޭރަސް ކޮށްޕާލިއެވެ. ވައިގެ ތެރެއިންވެސް އޭނާގެ ހަޅޭކުގެ އަޑު ދާނިޔަލްއަށް އިވެމުންދިޔައެވެ. ސިކުންތުކޮޅަަަކަށްފަހު ދާނިޔަލްވެސް ފުއްމާލައިފިއެވެ.

ދާނިޔަލްއަށް ޝެލީ ވެއްޓެމުންދިޔަ މަންޒަރު ފެނުނެވެ. ނަމަވެސް ހިނދުކޮޅެއް ތެރޭ ޝެލީގެ ހުދު ޕެރެޝޫޓް ހުޅުވި، ދާނިޔަލްގެ ނަޒަރުން އޭނާ ބޭރުވެއްޖެއެވެ. އޭނާގެ އަމިއްލަ ޕެރެޝޫޓުވެސް ހުޅުވި، ޝެލީ ޖަހާފައި ހުރި މިސްރާބު ނޫން އެހެން ކޮޅަކަށް ޖެހެމުންދިޔަ ވައިން ދާނިޔަލް ގެންދިޔައެވެ. އިސާހިތަކު ދާނިޔަލްގެ ލޮލުކޮޅުން ޝެލީ ގެއްލިއްޖެއެވެ. ކަނު އަނދިރި ނޫން އިތުރު އެއްޗެއް އޭނާއަކަށް ނުފެނެއެވެ. އިރު އިރުކޮޅާ ވިދާލައެވެ. ނަމަވެސް އޭގެ އަލިންވެސް ތަނެއް ދޮރެއް ފެންނަ ވަރު ނުވިއެވެ. ނަސީބުހުރި ގޮތުން ދާނިޔަލްގެ ފައި ޖެހުނީ ޖަންގައްޔެއްގެ ތެރެއަށެވެ. ބިމުގައި ފައި ޖެހުނުގޮތަށް އަނެއް އަތަށް އޭނާ ވެއްޓުނެވެ. ވެފައިހުރި ވަރުބައްޔެއްގެ ސަބަބުން އިސާހިތަކު އޭނާއަށް ނިދުނީއެވެ.

ނަމަވެސް މިހާރު ދާނިޔަލް އެ އިނީ ހޭލައެވެ. ކައިރީ ހުރި ބޮޑު ގަހެއްގެ ފަތްތަަކަށް އެއްވެފައި ހުރި ވާރޭ ފެން ފޮދުތަކުން ކޯވަރެއް އޭނާ ބޯލިއެވެ. ޕައިލެޓް ސުކޫލުން މީގެ އަހަރުތަކެއް ކުރިން ދަސްކޮށްދިން ސަވައިވަލް ޓެކްޓިކްސް ހަނދާންކުރެވޭތޯ މަސައްކަތްކުރިއެވެ. ދާނިޔަލް އަށް ހީވާގޮތުން އޭނާ ވަނީ މެދު އެފްރިކާގެ ކޮންމެވެސް ޖަންގައްޔެއްގައެވެ. ތަހުޒީބާއި މަދަނިއްޔަތާއި އެތައް މޭލު ދުރުގައެވެ. ޖީބުން ކޮމްޕަސް ނެގުމަށްފަހު އެމަޖެންސީ ކިޓް ކޮނޑުގައި އަޅުވާލިއެވެ.

އޭނާ ހިނގަން ފެށީ ހުޅަނގު ފަރާތަށެެވެ.

*** *** ***
ފަސް ދުވަސް ކުރި:

ފާއިތުވި ސައްވީސް ގަޑިއިރު ތެރޭ ޖަންގަލީގެ ތެރެއިން ސާފު މަގެއް ފެނޭތޯ ދާނިޔަލް މަސައްކަތްކުރަމުން ދިޔައެވެ. ވަރުބަލިވެފައި ނިދިބަރުވެއްޖެއެވެ. ނަމަވެސް އިރު އޮއްސިފައި ވުމުން ނިދާކަށް ލާހިކު ކުޅަދާނައެއް ނޫނެވެ. ނުރައްކަލަކާ ކުރިމަތިލާން ޖެހޭނީ ކޮން ދިމާލަކުން ކަމެއް އޭނާއަކަށް ނޭނގެއެވެ. ކޮންމެވެސް ގަހަކަުން ކުދި ކުދި ދެތިން މޭވާކޮޅެއް ހަފާލި ގޮތަށް އަދި ބަނޑަށް އެއްޗެއް ނުލައެވެ. އޭނާ ބެލީ އެމަޖެންސީ ކިޓްގައި ހުރި އެއްޗެއްގައި އަދި އަތް ނުލާ ވޭތޯއެވެ. ސަލާމަތުގެ އައްސޭރިއަށް ދެވޭނެކަމުގެ އެއްވެސް ޔަގީންކަމެއް އަދި ނެތެވެ. ނަަމަވެސް ރަނގަޅު ކާއެއްޗެއް ނުކެވުމުގެ ސަބަބުން ބަނޑު ސަކަރާއްވެފައި ގައިގައި ވަރުދެރަވެއްޖެެއެވެ. ނަމަވެސް ރަނގަޅު އެއްޗެއް ކެވޭނީ ކިހިނެއް ހެއްޔެވެ؟ އަދިވެސް ދާނިޔަލްއަށް ވިސްނެނީ ފްލައިޓް ވެއްޓުނު ހާދިޡާ އާ މެދުގައެވެ. ޝެލީއާ ދޭތެރޭއެވެ.

ފަތިހުގެ އަލި އުދަރެހަށް ފާޅުވުމުން ބޮޑު ގަހެއްގެ ނިވަލުގައި ދާނިޔަލް އިށީނދެލިއެވެ. އޭނާގެ ހުދު ޕެރެޝޫޓް ބިމުގައި ފަތުރާލުމަށްފަހު އޭގައި އޮށޯވެލިއެވެ. މާ ގިނަ އިރުތަކެއް ނުވެ ނިދީގެ ފުން ކަނޑުގެ ތެރެއަށް އޭނާ ގެނބިގެން ގޮސްފިއެވެ.

ހޭލެވުނީ މީހަކު ކޮށްޓާކަމުގެ އިހުސާސު ވެގެންނެވެ. ދެ ލޯ ބޮޑުވެ ފުއްމައިގެން ތެދުވެއްޖެއެވެ. ފުރަތަމަ އެއްޗަކަށް ދާނިޔަލްއަސް ފެނުނީ ހަމުގެ ކުލަ ގަދަ ކުއްޖެކެވެ. އޭނާގެ ފުރަގަހުގައި އިތުރު ދެތިން ކުއްޖަކު ތިބިކަން އޭނާއަށް ފާހަގަކުރެވުނެވެ. ތެދުވާން މަސައްކަތް ކުރުމުން ދާނިޔަލް ވެއްޓުނީ އަނގަވަތަށެވެ. ކުދިންތަކުގެ ހުނުމުގެ އަޑު ޖެހުމުން ދާނިޔަލް އޭނާގެ އައްސާފައިވާ ހަތަރެސް ފަޔަށް ބަލާލިއެވެ. އެ ވަގުތު އިތުރު ކަމެއްވެސް ފާހަގަކުރެވުނެވެ. އެއީ ކުޑަކުދިންނެތް ނޫނެވެ. ބޮޑެތި ފިރިހެނުންނެވެ.

އެފްރިކާގެ ނާތަހުޒީބު ޓްރައިބްތަކެއްގެ ވާހަކަ އޭނާ ދަސްކުރި ހަނދާން ވެއެވެ. އެމީހުންނަކީ އެފްރިކާގެ ބިޔަ ވާރޭ ޖަންގަލިތަކުގެ ތެރޭގައި އުޅޭ ބަޔެކެވެ. މަދަނިއްޔަތުކަމާ މުޅިން ދުރު ބައެކެވެ. ބަލާލީމާވެސް އެކަން ހާމަވެގެން ދެއެވެ. އާދައިގެ އިންސާނަކު މި މީހުންނަށް ދުވަހަކުވެސް ފެނިފައިވާ ހެން ހިޔެއް ނުވެއެެވެ. އެމީހުންނާ ބެހޭ އިތުރުކަމެއް ހަނދާންކުރެވޭތޯ ދާނިޔަލް މަސައްކަތްކުރިއެވެ. ނަމަވެސް އެއްވެސް އިތުރު މައުލޫމާތެއް ސިކުނޑިން އެއްވެވޭގޮތެއް ނުވިއެވެ.

ދާނިޔަލްގެ ހަތަރެސް ފައިގައި އައްސާފައިވާ ވާގަނޑުތަކަށް ދަމަމުން އޭނާ ގެންދިޔައީ އެމީހުންގެ ކުޑަ އަވަށެވެ. ބިމުގައި ކޭއްތުމުގެ ސަބަބުން އޭނާގެ ގައިގެ ތަންތަން މަށައިގެން ގޮސް ލޭ ފައިބަމުން ދިޔައެވެ. ހުޅުތައް ހީވަނީ ދެންމެ ދެންމެ ނައްޓައިގެން ގޮސްދާނެހެނެވެ. ގައިގައި ވޭން ނާޅާ އެންމެ ގުނަވަނެއްވެސް ނެތެވެ. އެ ވޭނުގައި އޮވެ ދާނިޔަލްއަށް ނިދިޖެހިއްޖެެއެވެ. އޭނާ ގެނެސް އެއްލާލައިފައި އޮތް ތަނަށް ބަލާވެސް ނުލެވެނީހެވެ.
*** *** ***
މިއަދު:

ފާއިތުވި ހަތަރު ދުވަސްތެރޭ މި ނާތަހުޒީބު މީހުންގެ އަވަށުގައި ދާނިޔަލް އޭނާގެ ދުވަސްތައް ގުނަމުންދިޔައެވެ. އަދިވެސް އެމީހުން އޭނާ ގެންގުޅެމުންދިޔައީ ގައިދީއެއް ހެންނެވެ. ނަމަވެސް ބަރާބަރަށް ކާންދީ ބޯންދީ ހަދައެވެ. ދޭތެރެއަކުން މީހަކު އައިސް އޭނާގެ ގައިގެ އެކި ތަންތަނުގައި ކޮއްޓަކޮއްޓާފައި ގޮސްދާނެއެވެ. މިހާރު އެމީހުންގެ ކަންތަކަށް ދާނިޔަލް އާދަވެއްޖެއެވެ.

ކާން ގެންނަ މީހާއާ، އެ އަވަށުގައި އުޅޭ ކުޑަކުދިންނާ ދާނިޔަލް ދެކެފަރިތަ ވެއްޖެއެވެ. އެމީހުންނާ ދިމާލަށް ހަނާ އަޅާ ހީ ހަދައެވެ. އެމީހުންވެސް ބައެއްފަހަރު ހަނާއަޅާނެއެވެ. ބައެއްފަހަރު ހީނލާނެއެވެ. މިގޮތުގައި ދުވަސްތައް ގުނަމުން ދިޔައެވެ.

ދާނިޔަލް ދިޔައީ އެމީހުންގެ ފަރާތުން ސަލާމަތްވެވޭތޯ ޕްލޭނަކަށް ފަހު ޕްލޭނެއް ރާވަމުންނެވެ. މި މީހުން އަދި ދާނިޔަލްއަށް ކާންދީ ބޯންދީ ހެދިއެއް ކަމަކު އިތުބާރު ކުރެވޭކަށް ނެތެވެ. އަދި އެއްވެސް ވަރަކަށް އޭނާއަށް ގެއްލުމެއްދޭން މަސައްކަތް ނުކުރިއެއްކަމަކު އެއީ ނުވާނޭ ކަމެއް ނޫންތާއެވެ. މިއީ އޭނާ ދަންނަ ބައެއް ނޫނެވެ. ހަމައަށް ހިނގާބިނގާވެ އުޅެންވެސް ނޭނގޭ ބައެކެވެ. މިފަދަ ބައެއްގެ ގާތުގައި އުޅުން އަދި އެކަނި އުޅުމަށްވުރެ ނުރައްކަލެވެ.

މިއަދުވެސް އޭނާއަށް ކާން ގެންނަ މީހާ ހަމަ އެހެން ދުވަހެކޭ އެއްފަދައިން އޭނާއަށް ކާން ހިފައިގެން އަތުވެއްޖެއެވެ. ހަމަ އެ ބޯތަށީގައެވެ. ދާނިޔަލް ކެއުމަށް ތައްޔާރު ވެލިއެވެ. ކާން ގެންނަ މީހާވެސް އޭނާގެ ކުރިމަތީ އިށީނދެ ހަމަ ޖެހިލިއެވެ. ދާނިޔަލް ކާން ފެށުމުގެ ކުރިން އެމީހާއަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ބަދަލުގައި އޭނާވެސް ހިނިތުންވެލިއެވެ.

ކެއުމަށް އިންސާފުކުރަން ފެށީ ބަނޑުހައިވެފައި އިން ވަރުން ބަލާލުމެއްވެސް ނެތިއެވެ. އަނގައިގައި ޖެހުނީ ފިހެފައި އޮތް މަސްކޮޅެކެވެ. އޭގެ ރަހަ މުޅި އަނގަތެރެއަށް ސަވާރުވުމާއެކު އިތުރަށް ކާ ހިތްވިއެވެ. ފަސޭހަ ކަމާއެކު ހަފަމުން ތަށީގައި ހުރި އެއްޗެހި ރަނގަޅަށް ހާވާލިއެވެ. ދާނިޔަލްގެ ދެލޯ ހީވީ ބޮލުން ފުއްމައިގެން ހިނގައިދާނެ ހެންނެވެ. އޭނާގެ ކުރިމަތީ އެ އޮތީ ނޫކުލައިގެ ނިޔަފަތިހުރި އިނގިއްޔެކެވެ. ޝެލީގެ އިނގިއްޔެވެ.

ދާނިޔަލް އަޑުގެ ނެތް ތަނަށް ހަޅޭލަވައިގަތެވެ.

- ނިމުނީ -

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފާތުމާ

    މި ވާހަކަ ނިމުނީތަ؟ ވަ ރަށް އެކްސައިޓިން ވާހަކައެއްމީ.

    4
    2
  2. މރ

    ކުރިން ވެސް ކީ ވާހަކަ އެއް މީ

  3. އަހްމަދު

    ހާދަ ހަމަ ނުޖެހޭ އޭ.
    ބޮޑު ކޮންޓިނެންޓެއް ހުރަސް ކޮށްފަ މޫސުން އެހާ ގޯސް އިރު ދަތުރު ކުރާނެތަ

  4. ނޮއްޓު ބޭޑު

    ދިސް އިސް ނޮއްޓު ބޭޑު.

  5. ޕާގަލް

    ވާހަކައިގެ ދެވަނަ ބައެއް ލިޔަން ފެނޭ. ވާހަކަ ނިންމާފަ އިނީ ވެސް ދެވަނަ ބައެއް ގެނެވޭ ގޮތަށް، އެހެންވެ ބުނެލީ.