ފްލައިޓެއްގެ ތެރޭގައި ބޮމުގެ ޙަމަލާއެއްދީ، ފްލައިޓް ގޮއްވާލާނެ ކަމަށް ބުނި ސްރީ ލަންކާއަށް ނިސްބަތްވާ ފިރިހެނަކު 12 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފިއެވެ.

އޮސްޓްރޭލިއާގެ މެލްބަން އިން މެލޭޝިއާގެ ކުއާލަލަމްޕޫރަށް ދަތުރުކުރި މެލޭޝިއަން އެއާލައިންސްގެ އެމްއެޗް 128 ފްލައިޓް ގޮއްވާލާނެ ކަމަށްބުނެ އުމުރުން 25 އަހަރުގެ އެ ފިރިހެންމީހާ އިންޒާރު ދީފައިވަނީ، ފްލައިޓް މެލްބަން އެއާޕޯޓުން ނައްޓާލިތާ ގިނަިއރުތަކެއް ނުވަނީހެވެ. މިކަމާއި ގުޅިގެން ޕައިލެޓް ވަނީ، އަނބުރާލުމަށްފަހު މެލްބަން އެއާޕޯޓުގައި ޖައްސާފައެވެ.

އޮފިޝަލުންނާއި ޙަވާލާދީ ރިޕޯޓްތައް ބުނީ، އެމީހާ ބޮމެއް ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވަނީ، އޭނާގެ އަތުގައި ހުރި ބެޓަރީތަކަކާއި ސްޕީކަރެއް ދެއްކުމަށްފަހު އެއީ ތައްޔާރުކޮށްފައިވާ ބޮމެއް ކަމަށް ބުނެއެވެ. އަދި އެއަށްފަހު ފްލައިޓުގެ ކޮކްޕިޓަށް ވަންނަން އޭނާ މަސައްކަތްކޮށްފައިވާއިރު، ކޮކްޕިޓުގެ ދޮރު ނުހުޅުވައިފިނަމަ ބޮން ގޮއްވާލާނެ ކަމަށް ބުނެ ވަނީ އިންޒާރު ދީފައެވެ. މި ހާދިސާ އާއި ގުޅިގެން މެލްބަން އެއާޕޯޓުގައި ފްލައިޓު ޖެއްސުމާއި އެކު އެމީހާ ހައްޔަރުކޮށްފައިވާއިރު، އޭނާގެ އަތުން ގޮވާޒާތުގެ އެއްޗެއް ފެނިފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ މޭއި މަހުގެ ތެރޭގައި ހިނގި މި ހާދިސާ އާއި ގުޅިގެން ކުރިއަށްގެންދިޔަ ތަހުޤީޤަށްފަހު، އެ މައްސަލަ ބަލައި އޭނާއަށް 12 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައި ވަނީ މިދިޔަ ބުރާސްފަތު ދުވަހު އޮސްޓްރޭލިއާގެ ކޯޓަކުންނެވެ. ކޯޓުން އޭނާގެ މައްޗަށް މި ޙުކުމް އިއްވާފައިވަނީ، ބިރު ދައްކައިގެން ފްލައިޓެއްގެ ކޮންޓްރޯލް ނަގަން މަސައްކަތްކުރިކަން އޭނާގެ މައްޗަށް ސާބިތުވުމުންނެވެ.

މިއީ އޮސްޓްރޭލިއާގައި މިފަދަ މައްސަލައަކާއި ގުޅިގެން މީހަކަށް ޙުކުމް ކުރި ފުރަތަމަ ފަހަރެވެ. އޭނާ ފްލައިޓް ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން ވަގުތު، އެ ފްލައިޓުގެ ތެރޭގައި އިތުރު 220 މީހުން ތިއްބެވެ.