ދާދިފަހުން ކޮވިޑް-19 އަށް ފައްސިވި ބޮލީވުޑުގެ އެކްޓަރ އަކްޝޭ ކުމާރު ގޭގައި ކަރަންޓީނުގައި ހުރުމަށްފަހު މިއަދު ހެނދުނު ހޮސްޕިޓަލުގައި އެނދުމަތި ކޮށްފިއެވެ.

އަކްޝޭ ބުނެފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައިވަނީ ޑޮކްޓަރުންގެ ލަފާގެ މަތިން، އިތުރަށް ރައްކާތެރިވުމަށެވެ. އަދި ވަރަށް އަވަހަށް ގެއަށް ދެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އަކްޝޭ ބުނެފައިވެއެވެ.

''ހުރިހާ ފަރާތްތަކަކުން ތިދޭ ހެޔޮ ދުއާއަށް ޝުކުރުވެރިވަން. އޭގެ އަސަރު ކުރާކަން އަހަރެންނަށް އެބަ އެނގޭ. އަހަރެންގެ ހާލު މިހާރު ރަނގަޅު. ނަމަވެސް ރައްކާތެރިވުމުގެ ގޮތުން ޑޮކްޓަރުންގެ އިރުޝާދާއި ލަފާގެ މަތިން ހޮސްޕިޓަލުގައި އެނދުމަތިވީ. ވަރަށް އަވަހަށް ގެއަށް ދެވޭނެ ކަމަށް އަހަރެން އުއްމީދު ކުރަން'' އަކްޝޭގެ ޓްވީޓުގައި ބުނެފައިވެއެވެ.

އަކްޝޭ ކޮވިޑަށް އަށް ފައްސިވި ޚަބަރާއި އެކު އޭނާގެ ސަޕޯޓަރުން ވަނީ އަވަސް ޝިފާއަކަށް އެދި އެތައް ކޮމެންޓެއް ކޮށްފައެވެ. އަދި މީގެއިތުރުން ބޮލީވުޑުގެ އެތައް ފަންނާނުންނެއް ވެސް ވަނީ އަކްޝޭއަށް އަވަސް ޝިފާއަކަށް އެދިފައެވެ.

އަކްޝޭ ކުމާރު ކޮވިޑަށް ފައްސިވުމާއި އެކު އަކްޝޭ މިހާރު ޝޫޓް ކުރަމުންދާ ފިލުމު ''ރާމު ސޭޓް'' ފިލުމުގެ 45 ޓީމު މެމްބަރުންނެއް ވެސް މި ވައިރަސްއަށް ފައްސިވެފައިވާ ކަމަށް ޓައިމްސް އޮފް އިންޑިޔާގެ ރިޕޯޓްގައިވެއެވެ. އަދި މި ފިލުމުގެ ޝޫޓިން ވެސް މިހާރު ވަނީ މެދުކަނޑާލާފައި ކަމަށް ވެސް ވެއެވެ.

އިންޑިޔާގައި ކޯވިޑުގެ ކޭސްތައް ގިނަވަމުންދާ މި ދުވަސްވަރު ބޮލީވުޑުގެ ގިނަ ފަންނާނުންނެއް ވަނީ ކޯވިޑަށް ފައްސިވެފައެވެ.