ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ޖެކްލީން ފެނާންޑޭސް ގެ ލޮލަށް ސީރިއަސް އަނިޔާއެއް ލިބި ދާއިމީ ގޮތެއްގައި ފަރުވާ ކުރަން ޖެހިއްޖެއެވެ.

ޖެކްލީންގެ ލޮލަށް އަނިޔާވެފައިވަނީ އޭނާ ސްކްއާޝް ކުޅުމުގެ ތެރޭގައި ލޮލުގައި ބޯޅައިން ޖެހުމުގެ ސަބަބުނެވެ. ރޭސް 3 ގެ ޝޫޓިންގެ ތެރޭގައި ޖެކްލީންއަށް އަނިޔާވެ ދުބާއީގެ އަބޫދާބީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާއިރު ޑޮކްޓަރުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތަށް ބުނާ ގޮތުން ޖެކްލީންގެ ލޮލަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ ދާއިމީ ގޮތެއްގައި ފަރުވާ ކުރަން ޖެހޭނެއެވެ.

ޖެކްލީންގެ ލޮލަށް ލިބުނީ ކުޑަ އަނިޔާއެއް ކަމަށް މީގެ ކުރިން ރޭސް 3 ޕްރޮޑިޔުސަރު ރަމޭޝް ބުނި ނަމަވެސް އެންމެ ފަހުގެ ޑަކްޓަރީ ރިޕޯޓްތަކުން ހާމަވާ ގޮތުގައި ޖެކްލީންގެ ވައަތު ލޮލުގެ ކަޅީގެ ވަށައިގެން ވާ ފަށަލައަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ. އަދި އެ ފަށަލަ އަލުން އިޔާދަވުމަށް ގިނަ އަހަރުތަކެއް ނަގާއިރު ފަރުވާ ނުކޮށްފިނަމަ ލޮލުގެ ފެނުމަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ކަމަށްވެސް ޑަކްޓަރުން ބުނެއެވެ.

ފަރުވާއަށް ފަހު ޖެކްލީން މިހާރު މަސައްކަތް ކުރަމުން ދަނީ އޭނާގެ އެންމެ ފަހުގެ ފިލްމު ރޭސް 3 ޕްރޮމޯޓް ކުރުމުގެ މަސައްކަތެވެ. ޖެކްލީން އާއި އެކު ރޭސް 3 އިން ސަލްމާން ހާން އާއި ބޮބީ ޑިއޯލްގެ އިތުރުން އަނީލް ކަޕޫރު ފަދަ ފަންނާނުން ފެނިގެންދާނެއެވެ.