އިންޑިޔާގެ އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ވިއްކާލާ، ގަދަކަމުން އެ ކުއްޖާގެ ކައިވެނި ކުރުމަށް ފަހު ފިރިމީހާގެ އާއިލާގެ ފަރާތުން އެތައް ފަހަރަކު ރޭޕް ކޮށްފައިވާ އަންހެން ކުއްޖަކު އެކަމުން ސަލާމަތްވެއްޖެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވިއްކާލާ، ގަދަކަމުން ކައިވެނި ކުރުވާފައިވާ މި ކުއްޖާ ސަލާމަތް ކުރެވިފައިވަނީ ކޮޓާއިން ޔޫޕީއަށް ދިޔަ ޓްރެއިންއަކުންނެވެ. ގާރަކްޕޫރަށް ނިސްބަތްވާ މި އަންހެން ކުއްޖާ ސަލާމަަތް ކޮށްދީފައިވަނީ ރެއިލްވޭ ޕްރޮޓެކްޝަން ފޯސްއިންނެވެ. މި ކުއްޖާ ފެނިފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ގޯރަކްޕޫރުގެ އަވަދު އެކްސްޕްރެސް ރޭލަކުންނެވެ.

ވިއްކާލާ، ގަދަކަމުން ކައިވެނި ކުރުވާ އެތައް ފަހަރަކު ގުރޫޕް ރޭޕުގެ ޝިކާރައަކަށް ވުމުން ނަފުސާނީ ގޮތުން ބިރުގަނެ، ގެއްލުން ލިބިފައިވާ މި ކުއްޖާއަށް ކައުންސިލު ދިނުމަށްފަހު ޗައިލްޑް ވެލްފެއަރ ކޮމެޓީއިން ވަނީ މި ކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ނިކުމެފައެވެ.

އެ ކުއްޖާ ވިއްކާލި މީހުންނާއި ކުޑަކުއްޖަކާއި ގަދަކަމުން ކައިވެނި ކުރުވި އަދި ކައިވެނި ކުރި މީހާއާއި އަދި ފިރިމީހާގެ ގެއިން ރޭޕްކުރި އަދި އެކަމުގައި ބައިވެރިވި މީހުން ހޯދައި އެކުއްޖާއަށް އިންސާފު ހޯދުމުގެ މަސައްކަތް ޗައިލްޑް ވެލްފެއަރ ކޮމެޓީއިން ވަނީ ފަށައިފައެވެ.

މި ކުއްޖާ މިހާރު ވަނީ އޭނާގެ އަމިއްލަ ގެއަށް ގެންގޮސްފައެވެ.

ފުލުހުންނަށް މަޢުލޫމާތު ދެމުން މި އަންހެން ކުއްޖާ ބުނެފައިވަނީ އޭނާ ބީއޭ ކިޔަވަމުން ދަނިކޮށް މައިންބަފައިންނާއި ބޮޑުބޭބެ އެކުއްޖާ ނުރުހުމުގައި ކައިވެނިކޮށް ވިއްކާލީ ކަމަށެވެ. ވިއްކާލީ އެ އަވަށާއި ކައިރީގައި އޮތް އަވަށެއްގެ މީހަކަށް ކަމަށް ވެސް ބުނެފައިވެއެވެ.

ފިރިމީހާއާއި ފިރިމީހާގެ އާއިލާގެ އެތައް ފިރިހެނުންނެއް އެތައް ފަހަރަކު އޭނާ ރޭޕް ކޮށްފައިވާ ކަމަށާއި އޮރިޔާން ވީޑިޔޯތައްކޮށް މީސް މީޑިޔާގައި ހިއްސާކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.