ފެހުމުގެ ދާއިރާއަކީ ދިވެހި ކަނބަލުން އެ ދާއިރާއަކުން އެންމެ ގިނަ އިން ފެނިގެންދާ އެއް ދާއިރާ އޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މި މަސައްކަތަކީ ގޭގައި ތިބެގެން ވެސް ފަސޭހަކަމާއެކު ކޮށްލެވޭ މަސައްކަތަކަށް ވާތީ އާމްދަނީ ހޯދަން ފެހުމުގެ މަސައްކަތް ކުރާ ވަަރަށް ގިނަ ދިވެހިން ތިބެއެވެ. ހަމައެކަނި ފުރަ މާލެ އަށް ބަލާލި ކަމުގައިވީ ނަމަވެސް ފެހުމުގެ މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބަަޔަކު އެބަތިބިއެވެ.

ކަސްޓަމަރުންގެ އިތުބާރާއި ޔަގީންކަން ނެތި މި ދާއިރާގައި ފައިހަމަކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި ފެހުމަކީ އެކަމަށް ގިނަ ވަގުތުތަކެއް ހޭދަވާ މަސައްކަތަކަށް ވުމުން އެ މަސައްކަތް ކުރެވޭނީ ވަރަށް މުރާލިވެގެންނެވެ. ހަމަގައިމުވެސް 28 އަހަރު އެއް މަސައްކަތެއް ކުރުން މަތީ ދެމިހުރެވޭނީ އެ މަސައްކަތަށް ލައްކަ ޝައުގުވެރިކަން ހުރެކެންކަން ގައިމެވެ. ނ. ކުޑަފަރިއަށް އުފަން އުމުރުން 45 އަހަރުގެ މަރިޔަމް އަލީ އަކީ މިހާރު މާލޭގައި ތިިބި ފަހާ މީހުންގެ ތެރެއިން ފާހަގަކޮށްލެވޭ ނަމެކެވެ.

މަރިޔަމް އަލީ "ވަގުތަށް" އިންޓަވިއު ދެނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އިންސްޓަގްރާމްގައި "ރަން.ްރޮދި.އެމްވީ"ގެ ނަމުން ނަން ދެވިފައިވާ ޕޭޖުން ފެންނަ ސާދާ ހެދުންތަކުގެ ފަހަތުގައި ވަނީ މަރިޔަމްގެ ހުނަރުވެރިކަމާއި އޭނާގެ ހީވާގި މަސައްކަތްތަކެވެ. މަރިޔަމް ބުނާ ގޮތުން އާމްދަނީ ހޯދަން ކުރާ މަސައްކަތެއްގެ ގޮތުން ފެހުމުގެ މަސައްކަތް ކުރާތާ މިހާރު 28 އަހަރުވެފައިވީ ނަމަވެސް ފެހުމުގެ އޭގެ މާ ކުރިން އެ މަސައްކަތާ ވަނީ "ހިތް" ދެވިފައެވެ.

ފުރާވަރުގެ ދުވަސްވަރުން ފެށިގެން ކޮންމެވެސް އެއް ސިފައެއްގައި ފެހުމުގެ މަސައްކަތުގައި އޭނާ ޝާމިލްވެ ނޫޅޭ ދުވަސްވަރެއް ނާދެއެވެ. އާމްދަނީ ހޯދުމަށް އެ މަސައްކަތް ފެށުމަށް ފަހު ދެގޮތެއް ނުވެ އެ މަސައްކަތް ކުރުންމަތީ ހުރުމުން އެނގެނީ މި މަސައްކަތަށް އޭނާގެ ހިތުގައި ދެވިފައިވާ ލޯތްބެވެ. އެ މަސައްކަތާއި މެދު އޭނާގެ ހުރި ފުން ޝައުގުވެރިކަމެވެ.

މަރިޔަމްގެ ފެހުމުގެ ހަނދާނުގެ ސޮފްހާތައް ފަހަތަށް އުކާލުމުން، އެ ހަނދާންތައް ގޮސް ގުޅެނީ އޭނާގެ މާމަ އާއެވެ. ފެހުމުގެ ހަނދާންތަކުގެ ތެރެއިން އެންމެ ދުރު ހަނދާނަކަށް އޭނާ ހަނދާން ހުންނަ ކަމަކީ މާމަ އާއެކު ލިބާސް ފަހާ ހަނދާނެވެ. މިހާރު މަރިޔަމްގެ ހެދުންތަކުން ޒަމާނީ ކުލަވަރު ފެނުނެއް ކަމަކު އޭނާ އަކީ ކަސަބު އެޅި ލިބާސް ވެސް ފަހަން އެނގޭ ކުޅަދާނަ ފެހުންތެރިއެކެވެ.

"1992 އިން ފެށިގެން ފަހަނީ. އެއީ އޭރު ޒުވާނުންގެ މަރުކަޒުގައި އޮތް މާޖަހާ ކޯހެއް. އޭރުއްސުރެން ލާރި ހޯދަން ފަހަން. އެންމެ ފުރަތަމަ އަމިއްލަ ހެދުން ފެހީ. ދެން ލިބާސް ފެހިން ވަރަށް ކުޑަ އިރު. ކަސަބު އޭރު ގަތާނެ ފޯލިބައިތަކުގައި. ފޯލިބައިގައި ކަސަބު ގަތަން ހަމަ އޭރު. ވަރަށް ހަނދާން ހުރޭ އެ ހަދާން." މަރިޔަމް ބުންޏެވެ

މަރިޔަމް އަލީ ފަހާފައި ހުރި ބައެއް ހެދުންތައް

މަރިޔަމްގެ ފެހުންތަކުން އެންމެ ފާހަގަކުރެވެނީ ސާދާ ކަމެވެ. ހެދުމެއް ފަހަން ބޭނުންވެގެން މަރިޔަމް ނުވަތަ "ރަންރޮދިި" ޚިޔާރު ކުރާ އެއް ސަބަބަކީވެސް އެއީއެވެ. ކޮންމެ މަސައްކަތަކާ ހަވާލުވުމަށް ފަހުވެސް މަރިޔަމް ބަލަނީ އެ މަސައްކަތެއް ވީހާވެސް ފުރިހަމަ އަށް ނިންމޭތޯއެވެ. އެ ހެދުމެއް ލާ މީހާ ހިތްހަމަ ޖެހޭ ފަދަ ހެދުމަކަށް ހެދޭތޯ އޭނާ މަސައްކަތް ކުރެއެވެ.

މަސައްކަތުގައި ލިބުނު ތަޖުރިބާގެ އަލީގައި މިހާރު ހެދުމެއް ފަހާލުމަކީ މަރިޔަމް އަށް ފިސާރި ފަސޭހަކަމެކެވެ. އެންމެ 10 ވަރަކަށް މިނިޓު ތެރޭގައި އާދައިގެ ހެދުމެއް ފަހާލެވޭ އިރު ކައިވެނީގެ ހެދުންތައް އެއް ދުވަސް ތެރޭގައި ނިންމާލެވޭ ކަމަށް މަރިޔަމް ބުނެއެވެ.

"ކަނޑައިގެން ވެއްޖެއްޔާ 10 ވަރަކަށް މިނެޓް ތެރޭގައި ފަހާލެވޭ. މިހާރު ފަރިތަވެއްޖެ. އެންމެ ގިނައީ ޕާޓީ ހެދުން. ޕާޓީ އާއިި ވެޑިން ޑްރެސް. އެއް ދުވަސް ތެރޭ ނިންމޭނެ. އެކަމަކު ދެ ދުވަސް ކިޔަނީ. ދުވާލަކު 3-4 އާއްމުކޮށް ފަހަނީ." އޭނާ ބުންޏެވެ.

މަރިޔަމް އަލީ "ވަގުތު" އަށް އިންޓަވިއު ދެނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް އަފްޒަލް

މަސައްކަަތަށް ކިތަންމެ ފަރިތަވެފައި ހަލުވި ނަމަވެސް މަރިޔަމްގެ މަަސައްކަތްތައް އޭނާ ބައްޓަން ކުރަނީ ތަރުތީބުވެފައިވާ ތާވަލެއްގެ މައްޗަށެވެ. ހެދުން ފަހަން ވަގުތު ބަހާލަނީ ގޭތެރޭގެ ކަންކަން ކުރެވޭނެ ވަގުތުވެސް ތާވަލުގައި ހިމަނައިގެންނެވެ. ފެހުމުގެ މަސައްކަތުގައި މަސްއޫލުވެ އުޅުނު ނަމަވެސް ދަރިންނާއި އަމިއްލަ ނަފުސަށް ވެސް އޭނާ ދަނީ ވަގުތު ހުސްކުރަމުންނެވެ.

"ބަހާލައިގެން މެނޭޖުކުރަނީ. 04:30 ގައި ތެދުވަނީ. ތެދުވެގެން ބޭރަށް ވެސް ދަން އެގަޑީގައި. އެއީ ސައި ހަދާލާފައި. ހިނގާލަން ގޮސްލާފައި އައިސް ސައިބޮއެގެން ހައެއް ޖަހާއިރު ފަށަނީ. އެއްޗެހި ކަނޑާފައި ބަހައްޓަނީ. ތިން ކުދިން ތިބެނީ ދުވާލު އެންމެން ދާނީ ސްކޫލަށްތާ. ހެދުންކޮޅެއް ފަހާލާފައި ދެން މެންދުރަށް ކައްކަނީ. އަނެއްކާ މަސައްކަތް ފަށަނީ. ބައެއް ދުވަސް ދުވަހު ހަވީރުވެސް ބޭރަށް ދަން. އިރުއޮއްސޭ އިރު ނަމާދުކޮށްގެން އަށެއް ޖަހަންދެން އެއީ ފްރީ ގަޑި. ދެން 10 ޖަހަންދެން އަނެއްކާވެސް މަސައްކަތް ހުންނާނެ." މަރިޔަމް ބުންޏެވެ.

މިހާރު މަރިޔަމްގެ މަސައްކަތްތައް އިންސްޓަގްރާމުން ފެނުނު ނަމަވެސް އެ ޕްލެޓްފޯމުން ފެންނަން ހުރީ އޭނާގެ މަސައްކަތަކުގެ ފުކެއްގެ މިންވަރެވެ.

މަރިޔަމްގެ ގިނަ ކަސްޓަމަރުން މަރިޔަމް ޚިޔާރު ކުރާ ސަބަބަކީ ވަގުތަށް މަސައްކަތް ނިންމުމަށް އޭނާ ދޭ ސަމާލުކަމުގެ ސަބަބުން އޭނާ އަށް އޮތް އިތުބާރު ބޮޑުވުމެވެ.

މަރިޔަމްގެ މަސައްކަތްތަކުގެ ތެރެއިން އޭނާ އަށް އެންމެ ޚާއްސަ މަސައްކަތަކީ ކޮބާތޯ ސުވާލުކުރުމުން އޭނާ ބުނީ އެންމެ ހަނދާން ހުންނަނީ ކައިވެނީގެ ހެދުމެއް ފެހުމަށް އޭގެ ފަސްބާގައި މިނާޖަހައިގެން ކުރި މަސައްކަތް ކަަމަށެެވެ. އެ މަސައްކަތަށް އެއްރޭ އެއްދުވާ ހޭދަވި އިރު އެ މަސައްކަތަކީ އޭނާ ކުރި އެންމެ ކަވި، އަދި އެހާމެ ބުރަ މަސައްކަތެކެވެ. ރޭގަނޑު ނުނިދާ ހޭލާ ހުރެގެން އެ މަސައްކަތް ކުރުމުގައި މަރިޔަމް ދެމި ހުރިއެވެ.

މަރިޔަމްއަކީ މުނިފޫހިފިލުވުމުގެ ދާއިރާގެ ބައެއް ފަންނާނުންގެ ހެދުންތައް ވެސް ފަހާ ދެމުން އަންނަ މީހެކެވެ. އެކި މުނާސަބަތުތަކާއި ހަފްލާތަކާއި ދިމާކޮށް އެފަދަ ފަންނާނުންނަށް އޭނާ ވަނީ ހެދުން ފަހާ ދީފައެވެ. އެގޮތުން މަޝްހޫރު ހުށަހެޅުންތެރިޔާ އަދި ލަވަކިޔުންތެރިޔާ ލަމްހާ ލަތީފްގެ ހެދުންތަކުން ފެންނަ ހިތްގައިމު ކުލަވަރަކީ މަރިޔަމްގެ ފެހުމާއި ރަންރޮދީގެ ކުލަވަރެވެ.

"މިނާޖެހި ހަނދާން ހުރޭ. ވެޑިން ޑްރެސްއެއްގެ ފަސްބައި އެއްކޮށް ހުސް މިނާއިން އެއްރޭ ނުނިދާ ހުރެގެން ކުރި މަސައްކަތެއް އެއީ ވަަރަށް ހަނދާން ހުރޭ. ދެން ލަމްމެން ގުޅާލާފައި ބުނާނެ ވަރަށް އަވަހަށް ހެދުމެއް ބޭނުންވިޔަސް. އެއީ ވަރަށް ހަނދާން ހުންނަ ކަމެއް. ފަހުވަގުތުވެސް ގުޅާތީ. ހަމަވަގުތުން ނިންމާލަން." މަރިޔަމް ކިޔާދިނެވެ.

ފެހުމުގެ މަސައްކަތަކީ މަރިޔަމްގެ ހިތާ ގުޅިފައިވާ މަސައްކަތެކެވެ. މިއަދުވެސް އެ މަސައްކަތުގެ މަތީގައި އޭނާ ދެމި ހުރީ ކުރާ ކޮންމެ މަސައްކަތެއް އެހާމެ ލޯތްބާއެކު ކުރާތީކަން ޔަގީނެވެ. އަދި މާބޮޑު އިޝްތިހާރު ކުރުމަކާ ނުލާ މެދުނުކެނޑި އޭނާ އަށް ކަސްޓަމަރުން ލިބެނީ މަސައްކަތުގައި އޭނާ ގެންގުޅޭ އަހުލާގާއި އޭނާ އަށް އޮތް އިތުބާރުގެ ސަބަބުންކަން އެނގެއެވެ. މަރިޔަމް ހުރީ އަދިވެސް ފެހުމުގެ ދާއިރާ އިން ކުރިއަށް ދިއުމުގެ އަޒުމުގައެވެ. ފެހުމުގެ ކުލަތަކުން އޭނާގެ ހުނަރުވެރި ބަގީޗާ ފެހިކުރުމުގެ އުންމީދުގައެވެ.