ހުރިހާ ކަމެއް މިވަނީ ޓެކްނޮލޮޖީ އާއި ގުޅިފައެވެ. ގިނަ މީހުން ކެއުމާއި ނިދުން އަދި ވަޒީފާ އަދާކުރުމާއި މުނިފޫހިފިލުމުގެ ހުރިހާ ކަމެއް ވެސް މިކުރަނީ އަތުގައި އޮންނަ މޯބައިލް ފޯން ބުނާ ގޮތަކަށެވެ. މިފަދަ މީހުންނަށް ކުޑައެހީތެރިކަމެއް ފޯރުކޮށްދޭނަމެވެ.

ހާއްސަކޮށް އަލަށް ދަރިއަކު ލިބިގެން އުޅޭ ދެމަފިރިންނަށް އެދަރިފުޅުގެ ކަންތައްތައް ކުރުން އެއީ ވަރަށް އުނދަގޫ ތަޖުރިބާތަކެއް ތަހަންމަލް ކުރަން ޖެހޭ ކަމެއް ކަމަށް ވެއެވެ. އެފަދަ މައިންބަފައިންނަށް ޓެކްނޮލޮޖީގެ ފަސޭހަތައް ހޯދި ދާނެ އެވެ.

މިލިޔުމުގައި މިގެނެސް ދެނީ މައިންބަފައިންނަށް ތުއްތު ދަރިފުޅު ބެލުމުގައި އެހީތެރިކަން ފޯރު ކޮށްދޭ ބައެއް އެޕްލިކޭޝަން ތަކެވެ.

މައި ބޭބީ އެންޑް މީ ބައި ފިލިޕްސް އަވެންޓާ

މިއެޕްލިކޭޝަން އިން ކުއްޖާގެ ބަރުދަނާއި އިސްކޮޅާއި ނިދާ ގަޑިއާއި ގާތުން ދޭންޖެހޭ ގަޑިއާއި ކުއްޖާގެ ނެޕީ ބަދަލުކުރަން ޖެހޭ ގަޑިވެސް ބުނެދޭނެ އެވެ. ކުއްޖާގެ މުހިންމު ވީޑިއޯތައް ކޮށް އެވީޑިއޯ ފޭސްބްކުގެ ޒަރިއްޔާއިން ރަހުމަތްތެރިންނާއި އާއިލާ މެންބަރުންނާއި ހިއްސާ ކޮށްލުމުގެ ފުރުސަތު ވެސް މިއެޕްލިކޭޝަނުން ލިބިގެން ދާނެ އެވެ. މިއީ ހިލޭ ލިބޭ އެޕްލިކޭޝަނެކެވެ.

ބޭބީ ކަނެކްޓް

މިއީ ވެސް އަލަށް މައިންބަފައިންނަށްވާ މީހުންނަށް ހާއްސަ އެޕްލިކޭޝަނެކެވެ. އެޕްލިކޭޝަން ފަރުމާ ކުރެވިފައި ވަނީ ބޭނުން ކުރާ މީހުންނަށް ވަރަށް ފަސޭހައިން ބޭނުން ކުރެވޭ ގޮތަށެވެ. ތުއްތު ދަރިފުޅުގެ ހަރަކާތްތަކާއި އެކުއްޖާގެ ނިދުމުގެ ތާވަލާއި ފިނިހޫނުމިނާއި އަދި ވެސް ތަފާތު ކަންތައްތައް މިއެޕްލިކޭޝަން އިން ބެލޭނެ އެވެ. މިއެޕްލިކޭޝަން އިން ތައްޔާރުކުރާ ގްރާފްތައް ފޭސްބްކު އަދި ޓްވިޓާގައި ޝެއާ ކުރެވުމުގެ އިތުރުން އީމެއިލް ކުރުމުގެ ފުރުސަތު ވެސް ފަހިވެފައި ވެއެވެ.

ވެބްއެމްޑީ ބޭބީ

ތުއްތު ދަރިފުޅު ކެއްސާ ހުން އައިސް ނުވަތަ ތުއްތު އިރު ދިމާވާ ތަފާތު މައްސަލަތަކާއި ބެހޭ ގޮތުން ލިޔެފައި ހުންނަ ގިނަ އަދަދެއްގެ ރިޕޯޓްތައް ކިޔާލުމުގެ ފުރުސަތު މިއެޕްލިކޭޝަން ބޭނުންކުރައްވާނަމަ ލިބޭނެ އެވެ. އަދި ތަފާތު މައުލޫމާތުތައް ލިބޭ ވީޑިއޯތައް ބަލާލުމުގެ ފުރުސަތު ވެސް މިއެޕްލިކޭޝަނުން ލިބޭނެ އެވެ. މިއީ ވެސް ފްރީ އެޕްލިކޭޝަނެކެވެ.

ބޭބީ މޮނީޓާ 3ޖީ

މިއީ އައިއޯއެސް ޑިވައިސް އެއް ބޭނުން ކޮށްގެން ދަރިފުޅުގެ ހަރަކާތްތައް ބަލާލެވޭނެ އެޕްލިކޭޝަނެކެވެ. ވައިފައި ނުވަތަ 3ޖީ ލިބޭނަމަ މިއެޕްލިކޭޝަން ބޭނުން ކުރެވޭނެ އެވެ. ދަރިފުޅާއި ވަކި ކޮޓަރިއެއްގައި ދިރިއުޅޭ މައިންބަފައިންނަށް މިއެޕްލިކޭޝަނަކީ ބޭނުންތެރި އެޕްލިކޭޝަނަކަށް ވާނެ އެވެ. މިއެޕްލިކޭޝަން ބޭނުން ކޮށްގެން ފޮޓޯ ވެސް ނެގޭނެ އެވެ.

ބޭބީ ޕެކް އެންޑް ގޯ

މިއެޕްލިކޭޝަނަކީ ދަރިފުޅަށް ގަންނަންޖެހޭ ބައެއް ތަކެތި ގަންނަން ހަނދާންނެތޭ ބޭފުޅުންނަށް ވަރަށް ބޭނުންތެރި އެޕްލިކޭޝަނަކަށް ވާނެ އެވެ. ދަރިފުޅަށް ބޭނުންވާ ތަކެތި ގަތުމަށް ފިހާރައަށް ވަޑައިގަތުމުގެ ކުރިން އެޕްލިކޭޝަން ބޭނުން ކުރައްވައިގެން ލިސްޓެއް ތައްޔާރު ކުރައްވާށެވެ.

ވައިޓް ނޮއިސް ބޭބީ

ބައެއް ކުދިންނަކީ އަޑެއް އިވޭ އިރަށް ނިދިން ހޭލާ ކުދިން ކަމަށް ވިޔަސް ބައެއް ކުދިންނަކީ އަޑެއް ނީވެނީސް ނުނިދޭ ކުދިންނެވެ. ނިދުމުގެ ކުރިން ކޮންމެވެސް އަޑެއް އަހާލަން ބޭނުންވާ ކުދިންނަށް މިއެޕްލިކޭޝަން ވަރަށް ބޭނުންތެރި ވާނެ އެވެ. ތަފާތު އަޑުތައް މިއެޕްލިކޭޝަންގައި އެކުލެވިގެން ވެއެވެ.

ވަންސް އަޕޮން އަ ޕޮޓީ

ތުއްތު ދަރިފުޅު ބޮޑުވަމުން އަންނަ އިރު ބައެއް ކަންތައްތައް ކުރަންވީ ގޮތް ކިޔައިދޭނީ ކިހިނެއްތޯ މިއީ ބައެއް މައިންބަފައިން ފިކުރު ކުރާނެ ކަމެކެވެ. އެފަދަ މައިންބަފައިންނަށް މިއެޕްލިކޭޝަންގެ ބޭނުންތެރިކަން ބޮޑެވެ. މިއެޕްލިކޭޝަންގައި އަންހެން ކުދިންނާއި ފިރިހެން ކުދިން ވަކިން ސެލެކްޓް ކުރެވެން ހުރެއެވެ. ކުދިން ފާހާނާ ކުރާނެ ގޮތްފަދަ ބޭނުންތެރި މުހިންމު މައުލޫމާތު ތައް ކުދިންނަށް ކިޔައިދޭނީ ކިހިނެއްކަން މިއެޕްލިކޭޝަން އިން އެނގިގެން ދާނެ އެވެ.