އިންޑިއާގެ މުމްބާއީގައި އޮތް ވަޅުގަނޑަކަށް ކާރެއް ވެއްޓި، މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެކާރު ގެއްލިއްޖެއެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ކާރު ވެއްޓުނީ ކުއްލިއަކަށް ހެދުނު ވަޅުގަނޑަކަށެވެ. ނަމަވެސް އިންޑިއާ ފުލުހުން މީޑިއާއަށް ކަށަަވަރު ކޮށްދީފައިވާ ގޮތުގައި ކާރު ވެއްޓުނީ ބޭނުން ނުކޮށް ގިނަ ދުވަސްތަކެއް ވެފައިވާ ވަޅަކަށެވެ.

ޕާކިން ޒޯނެއްގައި ޕާކްކޮށްފައި އޮތް އެތައް ވެހިކަލެއްގެ ތެރެއިން އެންމެ ކާރެއް މިވަޅާއި ދިމާއަށް ދަމައިގަނެގެން ގޮސް ކާރު ވަޅަށް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯ އަންނަނީ މިހާރު ދައުރުވަމުންނެވެ. ވަޅާއި ދިމާއަށް މިކާރު އެކަނި ދަމައިގަތް ސަބަބެއް ސާފެއް ނުވެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެކާރު އެކަނި ވަޅާއި ދިމާއަށް ދަމައިގަތީ އެސަރަހައްދުގައި ފެން ބޮޑުވެފައި އޮތުމުން ކަމަށް ބެލެވެއެވެ.

ކާރު ވަޅަށް ވެއްޓުނުއިރު އޮތީ ޕާކް ކޮށްފައި ކަމަށް ވާތީ ކާރުގައި އެވަގުތު އެއްވެސް މީހަކު ނެތެވެ.

ކާރުގެ ވެރިމީހާ އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ކާރަށް ދިމާވީ، ދިމާވެދާނެ ކަމަށް ކުރިން ކުޑަކޮށް ވެސް ހީކުރެވިފައިވާ ކަމެއް ނޫނެވެ. އޭނާގެ ކާރު ޕާކް ކުރި ސަރަހައްދާއި ހައެއްކަ ފޫޓް ދުރުގައި އެފަދަ ބޮޑު ވަޅެއް ހުރިކަން ނުވެސް އެނގޭ ކަމަށް އޭނާ ބުނެފައިވެއެވެ.

ވެއްޓުނު ކާރު ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަކަށް އަދި މީޑިއާގައި ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު