އޮޅު ޖަނަވާރުތައް ނުވަތަ ދޫނި ގެންގުޅޭ ފަރާތްތަކުން، އެ އެއްޗެެއް ގެންގުޅެމުން އަންނަނީ އެމީހުންގެ އަމިއްލަ ދަރިއެއް ގޮތަށް ނުވަތަ އެންމެ ގާތް އެކުވެރިއާގެ ގޮތުގައެވެ.

އެގޮތުން އުމުރުން 80 އަހަރު ވެފައިވާ ފްރާންސްއަށް ނިސްބަތްވާ ޒަވިއާ ބޯގޭ ނަމަކަށް ކިޔާ މީހަކު އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ބަލާފައި ވަނީ ކޮތަރެކެވެ.

ޒަވިއާ ބުނީ، އޭނާގެ އެންމެ ގާތް އެކުވެރިއެއް ގޮތަށް ބަލަނީ އޭނާ ގެންގުޅޭ ބްލަންޗޮން ނަމަކަށް ކިޔާ ކޮތަރެއް ކަމަށެވެ. އެކޮތަރު އޮޅުކޮށްފައިވަނީ ކުޑައިރުއްސުރެން ފެށިގެން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ހުދު ކުލައިގެ އެ ކޮތަރަކީ އޭނާ އޭތި ކުޑައިރުއްސުރެ އޮޅު ކޮށްގެން ގެންގުޅޭ ކޮތަރެއް ކަމުން އޭނާ ދާ ކޮންމެ ތަނަކަށް އެކޮތަރު ދާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެގޮތުން ކޮނޑު މަތީގައި ހުރެގެން ނުދެވިއްޖެނަމަ، ކައިރިން ހިނގާފައިދާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ޒަވިއާއާއި އޭނާގެ ކޮތަރު

"އެކުގައި ތިބެނީ ކޮންމެވެސް ކަމެއް ވެގެން. އެއީ އަޅުގަނޑަށް ވެސް ލިބޭ އުފަލެއް" ޒަވިއާ ބުންޏެވެ.

އޭނާ ބުނީ، އެކޮތަރު އެންމެ ފުރަތަމަ ފެނިފައިވަނީ އޭނާ ދިރިއުޅެމުން އަންނަ ގެ ކައިރީގައި ހުރި މަގަކަށް ވެއްޓިފައި އޮއްވާ ކަމަށެވެ. އޭރު އެ ޅަ ކޮތަރު މަސައްކަތް ކުރީ ބުޅަލެއްގެ ފަރާތުން ސަލާމަތްވާން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އެ މަންޒަރު ފެނުމާއި އެކީ ފުރަތަމަ އެވާހަކަ ކިޔައި ދިނީ އޭނާގެ އަނބިމީހާ އަށް ކަމަށް އޭނާ ވަނީ ބުނެފައެވެ. އެވާހަކަތައް ހިއްސާ ކުރުމުން ކޮތަރު ސަލާމަތް ކުރީ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އަދި މިހާރު ކޮތަރު ސަލާމަތް ކުރެވުނީތީ އުފާ ކުރާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.