ޓިކްޓޮކް ތަރި އަބްދުﷲ ޝަރީފްގެ ނަމުގައި އޮޅުވާލައިގެން އަންހެން ކުދިންނާ ވާހަކަދައްކާ، އެ ކުދިންނަށް ބިރު ދައްކަމުން ދިޔަ ފޭސްބުކް އެކައުންޓް ސަސްޕެންޑްކޮށްފިއެވެ.

އެ އެކައުންޓް ސަސްޕެންޑް ކުރީ ފުލުހުންގެ އެހީތެރިކަމާއި އެކުގައި ކަން "ވަގުތު" އަށް ވަނީ އެނގިފައެވެ.

ޝަރީފްގެ ނަމުގައި ފޭކް ފޭސްބުކް އެކައުންޓެއް ހަދާ އެ އެކައުންޓު ބޭނުންކޮށްގެން އަންހެން ކުދިންނަށް ބިރު ދައްކާ މައްސަލަ ފެންމަތިވީ ފޭސްބުކްގައި އަންހެން ކުއްޖެއްގެ ބަރަހަނާ ވީޑިއޯއެއް ހުރި ކަމަށް ބުނެ ޝަރީފް އެ ކުއްޖާ އަށް ބިރު ދައްކާ ކަމަށް ކުރި ތުހުމަތުތަކާ އެކުގައެވެ. ޝަރީފްގެ ނަމުގައި ހިންގާ ފޭސްބުކް އެކައުންޓަކުން އަންހެން ކުއްޖާގެ މޫނު ނުފެންނަ ގޮތަށް ހުރި ބަރަހަނާ ވީޑިއޯ އާއި ފޮޓޯ ބޭނުންކޮށްގެން އޭނާ އަށް ބިރުދެއްކި ކަމަށްވެއެވެ.

އެ މައްސަލަ ފެންމަތިވުމާ އެކު ޝަރީފް "ވަގުތު" އަށް ބުނީ 2017 އިން ފެށިގެން އޭނާ ފޭސްބުކްގައި ނޫޅޭ ކަމަށާއި އޭނާގެ ނަމުގައި އޮޅުވާލާއިގެން މީހުންނާއި ވާހަކަދައްކާ މައްސަލަ މީގެ ކުރިންވެސް ފެންމަތިވެފައިވާ ކަމަށެވެ.

ޝަރީފް އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައެވެ. އަދި އޭނާގެ ފަރާތުން އެފަދަ ކަމެއް ހިނގާފައި ނުވާނެކަން އޭނާ އާއްމުންނަށް ސާފުކޮށްދޭން ބޭނުންވެއެވެ. އޭނާގެ ނަމުގައި ހިންގާ ފޭކް ސްނެޕްޗެޓް އެކައުންޓެއްގެ މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ. އެ އެކައުންޓް ވެސް ސަސްޕެންޑްކުރުވުމުގެ މަސައްކަތް އޭނާ ދަނީ ކުރަމުންނެވެ.