ޕްރިންސަސް ޑަޔާނާ އިންސާނިއްޔަތައް ކޮށްދެއްވި ހިދުމަތް ފާހަގަ ކުރުމުގެ ގޮތުން އިނގިރޭސިވިލާތުގައި މިހަފްތާ ބަންދުގައި ވަނީ ހާއްސަ ސްޓެޗޫއެއް ބަހައްޓާފައެވެ. ސްޓެޗޫ އިފްތިތާހް ކުރުމަށް ބޭއްވި ހަފްލާގައި ޕްރިންސް ހެރީ އާއި ޕްރިންސް ވިލިއަމްގެ ހަރަކާތްތައް ހުރި ގޮތް މީޑިއާތަކުގެ ސަމާލުކަމަށް އައިއިރު އެރަސްމިއްޔާތުގައި ވިލިއަމްގެ އަނބިކަނބަލުން ކޭޓް ބައިވެރިނުވާ ވާހަކަ ވެސް މީޑިއާގައި ދަނީ ދެކެވެމުންނެވެ.

ކޭޓްގެ ފިރިކަލުންނާއި އަދި ކޭޓްގެ ދަރިންނަށް ވެސް ވަރަށް މުހިއްމު ހާއްސަ އިވެންޓެއްގައި ކޭޓް ބައިވެރި ނުވީ ކީއްވެ ހެއްޔެވެ؟ މިސުވާލަށް އަދި އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އިން އެއްވެސް ރަސްމީ ޖަވާބެއް ނުދެއެވެ.

ނަމަވެސް ނަން ހާމަކުރަން ބޭނުން ނުވާ އޮފިޝަލުން ވަނީ މީޑިއާއަށް މައުލޫމާތު ދީފައެވެ. އޮފިޝަލުން ބުނާ ގޮތުގައި ކޭޓް ރަސްމިއްޔާތުގައި ބައިވެރި ނުވީ އެރަސްމިއްޔާތުގައި ކޭޓް ބައިވެރިވާން ވިލިއަމް ބޭނުން ނުވުމުންނެވެ. "ޕްރިންސް ވިލިއަމް އާއި ޕްރިންސް ހެރީ ވެސް ބޭނުމެއް ނުވި މިރަސްމިއްޔާތު މާބޮޑު ރަސްމިއްޔާތަކަށް ހަދައި ޝާހީ އާއިލާގެ މެންބަރުން ބައިވެރި ކުރާކަށް. ދެބޭފުޅުން ބޭނުންވީ ހަމައެކަނި އެބޭފުޅުން ބައިވެރިވާ ކުޑަކުޑަ އިވެންޓަކަށް މިއިވެންޓް ހަދަން." އޮފިޝަލަކު ބުންޏެވެ.

ސްޓެޗޫ އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ކޭޓް ބައިވެރި ނުވިނަމަވެސް ސްޓެޗޫ ބަލާލަން ކޭޓް އާއި އަދި ތިން ދަރިކަލުން ވަރަށް އަވަހަށް ރަސްމީ ޒިޔާރަތެއް ކުރާނެ ކަމަށް ވެސް އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނެއެވެ.

ސްޓެޗޫ އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ވިލިއަމް އާއި ހެރީގެ އިތުރުން ދެން ބައިވެރިވީ ޑަޔާނާގެ އެއްބަނޑު އެއްބަފާ ތިން ބޭފުޅުންނެވެ.