އިނގިރޭސިވިލާތަށް ނިސްބަތްވާ ފަސް މަހުގެ އަންހެން ކުއްޖަކަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ޖެހިގެން އެކުއްޖާގެ ހަންގަނޑު ކައްޓަށް ބަދަލުވެ "ގާ" ވާން ފަށައިފިއެވެ.

އިންޑިއާ ޓުޑޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެއީ ޖެނެޓިކް ކޮންޑިޝަންއެކެވެ.

ލެގްޒީ ރޮބިންސް ނަމަކަށް ކިޔާ އެކުއްޖާ އުފަންވެފައި ވަނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ. އަދި އެ ކުއްޖާ ވިހެއި އިރު އޮތީ އެހެން ކުދިން ވެސް ތިބޭ ގޮތަށް ވިއަސް، އޭނާ އަތުގެ ބޮޑުވާ އިނގިލި ހަރަކާތް ނުކުރާ ކަމަށާއި، ފައިގެ އިނގިލިތައް ހުރީ އާއްމުކޮށް ހުންނަ ވަރަށްވުރެ ބޮޑުކޮށް ކަމަށް ވެއެވެ.

މިއާއެކު ލެގްޒީގެ މައިންބަފައިން ވަނީ އޭނާ ޑޮކްޓަރަށް ދައްކާފައެވެ. އަދި އެ ކުއްޖާއަށް ކުރިމަތިވެގެން އުޅޭ ސިއްހީ މައްސަލަ ވެސް ވަނީ ދެނެގަނެވިފައެވެ. އެ ކުއްޖާއަށް ކުރިމަތިވެގެން އުޅޭ ސިއްހީ މައްސަލައަކީ ދެ މިލިއަންގެ މީހުންގެ ތެރެއިން އެކަކަށް ކުރިމަތިވާ މައްސަލައެއް ކަމަށްވާ ފައިބްރޯޑިސްޕްލޭސިޔާ އޮސިފިކޭންސް ޕްރޮގްރެސިވާ (އެފްއޯޕީ)އެވެ.

މިދިޔަ އޭޕްރިލް މަހުގައި ނެގި އެކްސްރޭއަކުން އެ ކުއްޖާގެ ފައިގައި ބަނިއަންސް ހުރިކަން ވަނީ އެނގިފައެވެ.

އެއީ އަދި ފަރުވާއެއް ނެތް ބައްޔެއް ކަމަށްވެއެވެ. އަދި އެ ބަލި ހުރި މީހުން އުމުރުން 20 އަހަރުގައި އެނދުމަތިވާ ކަމަށް ވެއެވެ. އަދި 40 އަހަރުން މަތިވަންދެން އެބަލި ހުންނަ މީހުން ދުނިޔޭގައި ނުތިބޭ ކަމަށް ވެއެވެ. އެހެން ނަމަވެސް ލެކްސީގެ ހާލަތު އެއަށްވުރެ، ގޯސްވެދާނެ ކަމަށް ބެލެވެއެވެ. އަދި އޭނާގެ އެބަލީގެ ސަބަބުން އޭނާއަށް އިންޖެކްޝަން ޖެހުމާއި، ވެކްސިން ދެވުމާއި، ދަތަށް ފަރުވާ ދެވުމާއި ވިހެއުން ފަދަ ކަންކަން ނުވާނެ ކަމަށް ވެއެވެ.

ލެގްޒީގެ މަންމަ އެލެކްސް ބުނީ، ދަރިފުޅުގެ އެކްސްރޭ ނެގުމަށްފަހު އެ ކުއްޖާގެ ބައްޔެއް ހުރިކަމަށް ބުނި ކަމަށާއި، އަދި އޭނާއަށް ނުހިނގޭނެ ކަމަށް ވެސް ބުނި ކަމަށެވެ.

"އަހަރުމެން އެކަން ގަބޫލެއް ނުކުރަން، އެއީ ދަރިފުޅު އުޅޭ ގޮތުން، ދަރިފުޅު ފައިގެ ހަރަކާތްވެސް ކޮށް ހަދާ". އެލެކްސް ބުންޏެވެ.

އަދި ދަރިފުޅު ރޮނީ ވަރަށް މަދުން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް ދަރިފުޅު ހުނުމުގައި އާއި ސަކަރާތުގައި ވެސް އުޅޭ ކަމަށާއި، ރޭގަނޑު ނިދާ ކަަމަށް ވެސް ބުންޏެވެ.

ސައިންސްވެރިން މިހާރު ދަނީ އެ ބައްޔަށް ފަރުވާއެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެކަމާއި ލެގްޒީގެ މަންމަ އާއި ބައްޕަ ވަނީ ބައެއް ފަރާތްތަކާއި ވާހަކަދައްކާފައެވެ.