އިނގިރޭސިވިލާތުގެ އުމުރުން އެންމެ 13 އަހަރުގެ ކުއްޖަކު އެކުއްޖާގެ ގުނަވަންތައް މީހުންނަށް ހަދިޔާ ކޮށްގެން 15 މީހެއްގެ ފުރާނަ ސަލާމަތްކޮށްދީފިއެވެ.

ޗާލޮޓް މައިކަލް ނަމަކަށް ކިޔާ އަންހެން ކުއްޖާގެ ސިކުނޑީގައި ޓިއުމަރެއް އުފެދިގެން ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފައެވެ. ޗާލޮޓް މަރުވީ އޭނާގެ ސިކުނޑީގައި ޓިއުމަރެއް އުފެދިފައިވާ ކަން އެނގުނުތާ މަހެއްހާ ދުވަސް ފަހުން މިމަހުގެ ކުރީކޮޅު އެވެ.

ޗާލޮޓްގެ މަންމަ ކަރެން މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ދަރިފުޅު މަރުވުމުގެ ކުރިން ވަނީ އޭނާގެ ވީހާވެސް ގިނަ ގުނަވަންތައް އެހެން މީހުންނަށް ހަދިޔާ ކުރަން ވަސިއްޔަތް ކޮށްފައެވެ.

ޗާލޮޓްގެ ދެކިޑްނީ އާއި ހިތާއި އެތެރެހަށީގެ އިތުރު ގުނަވަންތަކާއި ބައެއް ކަށިތައް ވެސް ވަނީ މީހުންނަށް ހަދިޔާ ކޮށްފައެވެ.

ކަރެން ބުނީ ޗާލޮޓް މަރުވެގެން ދިޔަ ނަަމަވެސް ދަރިފުޅުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ސަލާމަތް ވުމަކީ އާއިލާ އިން ވަރަށް ބޮޑަށް އުފާކުރާ ކަމެއް ކަމަށެވެ.

ޗާލޮޓްގެ މަންމަ ބުނީ މަރުވާ މީހުންގެ ގުނަވަންތައް ހަދިޔާ ކުރުމާއި ބެހޭ ގޮތުން އިނގިރޭސިވިލާތުގައި މިހާރު ހަދާފައި ހުރި ޤާނޫނުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އެއީ މިހާރު ޤާނޫނު އޮންނަ ގޮތުން ގުނަވަންތައް ހަދިޔާ ކުރުމަށް ދަތިތައް ކުރިމަތިވާތީއެވެ.

ގުނަވަންތައް ހަދިޔާ ކުރުން ފަސޭހަ ކުރުމަށް އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހަަށް މީގެ ދުވަސްކޮޅެއް ކުރިން ވަަނީ ބިލެއް ހުށަހަޅާފައެވެ. އެބިލް މިހާރު އޮތީ ކޮމެޓީ މަރުހަލާގައެވެ.

ކިޔުންތެރިންގެ ހިޔާލު