އުމުރުން 36 އަހަރު ވަންދެން ފިލުމު އިންޑަސްޓްރީ އާއި ޓީވީ އިންޑަސްޓްރީގައި މަސައްކަތް ކުރި ބަތަލާ ޝަގުފްތާ އަލީ އާއި އޭނާގެ މަންމައަށް ބޭސް ކުރުމަށް، ފައިސާގެ ދަތިކަން ކުރިމަތިވެ އެހީއަށް އެދުމުން ބައެއް މީހުން އެހީވާން ފަށައިފިއެވެ.

ޓީވީ އާޓިސްޓު އެސޯސިއޭޝަނުން ވަނީ ޝަގުފްތާ އަށް އެހީތެރިވެދޭނެ ކަމަށް ބުނެފައެވެ. މީގެއިތުރުން ބަތަލާ މާދޫރީ ވެސް ޝަގުފްތާއަށް ފަސް ލައްކަ އިންޑިޔަން ރުޕީސް ދިނުމަށް އެއްބަސްވެފައިވެއެވެ.

މާާދޫރީ ޕްރޮޑިއުސްކުރާ ޝޯއެއް ކަމުގައިވާ ޑާންސް ޑާންސް ދިވާނޭ 3 ގައި މެހެމާނެއްގެ ގޮތުން ބައިވެރިވި ޝަގުފްތާ ވަނީ އޭނާގެ 36 އަހަރުގެ ތަޖުރިބާއާއި ހިތްދަތިކަން ހިއްސާކޮށްފައެވެ.

ހަކުރު ބަލީގެ ސަބަބުން ފަޔަށް ލިބިފައިވާ ގެއްލުމާއި އޭގެ ސަބަބުން ލޮލުގެ ފެނުމަށް އަސަރު ކޮށްފައިވާ ޝަގުފްތާ ދެކޭގޮތުގައި އޭނާގެ ގެއަކީ ފިލުމު އިންޑަސްޓްރީއެވެ. އޭނާގެ 36 އަހަރު ވޭތުކޮށްފައިވަނީ މި އިންޑަސްޓްރީއަށެވެ.

ޝަގުފްތާގެ މި ބައްޔަކީ ގިނަ ދުވަހު ބޭސް ކުރަން ޖެހިފައިވާ އެހާމެ ބޮޑު ޚަރަދެއް ހިނގާ ކަމެކެވެ. އެހެން މީހުން ގާތުން އެހީއަށް އެދުމުގެ ކުރިން އޭނާ ވަނީ ފައިސާގެ ކަންތަައްތައް ހަމަޖެއްސުމަށް އޭނާގެ ގަހަނާތަކާއި ކާރާއި އެހެނިހެން ވެސް އަގުބޮޑު މުދާތައް ވިއްކާލައިފައެވެ.

ޝަގުފްތާގެ މި ހިތްދަތި ވާހަކަ އަޑުއެހުމަށް ފަހު މާދޫރީ ޑާންސް ދިވާނޭ 3 ގެ ސްޓޭޖަށް އެރުމަށް ފަހު ޝަގުފްތާގައިގައި ބައްދާލާ އޭނާއަށް ހިތްވަރު ދިނެވެ. އަދި މާދޫރީގެ ފަރާތުން ފަސް ލައްކަ ރުޕީސް ދޭނެ ކަމަށް ބުނެފައިވެއެވެ.

މާދޫރީގެ މި ބުނުމުގެ ސަބަބުން ޝަގުފްތާގެ އިތުރަށް ޝޯގެ ބައިވެރިންނާއި އެހެން ޖަޖުންނާއި ހުށަހަޅައިދޭ ފަރާތްތައް ވެސް ރޮއްވާލިއެވެ.

 

ކިޔުންތެރިންގެ ހިޔާލު