ބޮލީވުޑް ފިލްމް އިންޑަސްޓްރީގެ ފެޝަން ޑިޒައިނަރުންގެ ތެރެއިން އެންމެ މަޝަހޫރު އެއް ޑިޒައިނަރު މަނީޝް މަލޯތުރާ ބޮލީވުޑްގެ ފިލްމު ޑައިރެކްޓް ކުރަން ފަށަން ތައްޔާރުވެއްޖެއެވެ.

މަލތުރާ ފިލްމީ ދާއިރާގެ މަސައްކަތުގެ އިތުރު ހަރުފަތަކަށް އެރުމާ ގުޅިގެން ފިލްމީ ދާއިރާގައި މަސައްކަތްކުރާ ގިނަ ފަރާތްތަކަކުން ދަނީ އޭނާ އަށް މަރުހަބާ ކިޔަމުންނެވެ. އޭގެ ތެރޭގައި ޖާންވީ ކަޕޫރް، ޕަރިނީތި ޗޮޕްޅާ، ބޫމީ ޕެޑްނީކަރް ހިމެނެއެވެ.

އަދި އެއްވެސް ފިލްމެއްގެ މަސައްކަތް ފަށާފައިވާކަން މަލޯތުރާ ހާމަނުކުރާ އިރު އޭނާ ބުނީ ފުރަތަމަ ވެސް ފިލްމެއްގެ މަސައްކަތް ފަށާނީ އޭނާގެ ގާތް އެކުވެރި ކަރަން ޖޯހަރްގެ ކުންފުނި، ދަރްމާ ޕްރޮޑަކްޝަން އަށް ކަމަށެވެ.

ބޮލީވުޑް ތަރިންގެ ޑިޒައިނަރެއްގެ ގޮތުގައި މަލޯތުރާ މަސައްކަތް ކުރާތާ މިހާރު 30 އަހަރުވެފައިވާ އިރު އޭނާ މި ދާއިރާއަށް ނުކުތީ 1990 ވަނަ އަހަރުއެވެ. އޭނާ އެންމެ ފުރަތަމަ ޑިޒައިން ކުރީ ދާވިދް ދަވަން ޑައިރެކްޓު ކުރި "ސްވާންގް" ގައި ޖޫހީ ޗޯލާ ހެދުމެވެ.

ފާއިތުވި އަހަރުތަކުގައި ބޮލީވުޑްގެ މަޝްހޫރު އެތައް ފިލްމީ ތަރީންނެއް ވަނީ މަލޯތުރާ ޑިޒައިންކުރި ހެދުންތައް ލައިފައެވެ. އޭގެތެރޭގައި ކަރީނާ ކަޕޫރް ހާން، ކާޖޮލް، އައިޝްވާރިޔާ ރާއި ބައްޗަން އަދި އާލިޔާ ބަޓް އާއި އިތުރު އެތައް ފަންނާނުންނެއް ހިމެނެއެވެ.

މިހާތަނަށް މަލޯތުރާ ވަނީ 800 އަށްވުރެ ގިނަ ފިލްމުގައި ބޭނުންކުރި ހެދުންތައް ޑިޒައިން ކުރުމުގައި މަސައްކަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު