ބޮލީވުޑުގެ ''ދާދާ'' ޖެކީ ޝްރޯފްއާއި އައިޝާ ޝްރޯފްގެ ފިރިހެން ދަރިފުޅު ޓައިގަރ ޝްރޯފްއަށް ދިމާވި އެންމެ ހިތްދަތި ދުވަސްވަރު އޭނާގެ ދުލުން ހާމަކޮށްފިއެވެ.

މީގެ އަހަރުތަކެއް ކުރިން ބޮލީވުޑަށް ތަޢާރަފްވެ ބޮލީވުޑުގައި ނަން ރަންއަކުރުން ފަވާލާފައިވާ ޓައިގަރ ޝްރޯފް ކުޑައިރު އޭނާގެ މައިންބަފައިންނަށް ކުރިމަތިވި ފައިސާގެ ދަތިކަމުގައި އުޅެން ޖެހުނު ގޮތް ވެގެން ދިޔައީ މިއަދު އޭނާއަށް ލިބުނު ހިތްވަރަކަށެވެ.

ޖީކިއުއަށް ދިން އިންޓަވިއުއެއްގައި ޓައިގަރ ޝްރޯފުގެ އުމުރުން 11 އަހަރުގައި އާއިލާއަށް ދިމާވި މި ހިތްދަތިކަމާއި އެކަމުން އަރައިގަތް ގޮތް ވަނީ ހިއްސާ ކޮށްފައެވެ.

''އަހަރެން ހަނދާން އެނބަހުރި ގޭގެ ހުރިހާ ފަރުނީޗަރެއް ވިއްކާލި ހަނދާން. ބޮޑުވަމުން އައިއިރު ފެނުނު އެއްޗެހި ފަހަރަކު އެއްޗެއް ލޯމަތިން ގެއްލެމުން ދިޔައީ. އަހަރެންގެ ނިދާ އެނދު ވެސް ވިއްކާލި. ދެން އަހަރެން ނިދީ ތަޅުންމަތީގައި. އަހަރެންގެ ދިރިއުޅުމުގައި ކުރިމަތިވި އެންމެ ހިތްދަތި ކަންތައް އެއީ. އަހަރެން ބޭނުންވި އެ އުމުރުގައި ވެސް މަންމައާއި ބައްޕައަށް އެހީތެރިވުމަށް މަސައްކަތް ކުރަން. ނަމަވެސް އަހަރެންނަށް އެނގުނު އެ އުމުރުގައި އަހަރެންނަށް އެއްވެސް ކަމެއް ނުވާނެކަން'' ޓައިގަރ ޝްރޯފު ކިޔައިދިނެވެ.

2002 ވަނަ އަހަރު ކެތުރީނާ ކެއިފު ބޮލީވުޑަށް ތަޢާރަފްވި ފިލުމު ޕްރޮޑިއުސް ކުރީ ޓައިގަރ ޝްރޯފުގެ މަންމައެވެ. މި ފިލުމަށް ދިމާވި މައްސަލައެއްގައި ބޮޑު ގެއްލުންތަކެއްވިއެވެ. އަދި ފިލްމް ރިލީޒްކުރުން ހުއްޓުނެވެ. ނަމަވެސް ޖެކީ ޝްރޯފު އެކަންތައް ހަމަޖައްސައި ފިލުމު ރިލީޒް ކުރެވުނެވެ.

ފިލުމު އިންޑަސްޓްރީއާއި ގުޅެން ހިތްވަރު ލިބުނީ އެ ހިތްދަތި ދުވަސްވަރުން ކަމަށް ޓައިގަރ ބުނެފައިވެއެވެ. އަދި އެއިރު ވިއްކާލި އެމީހުންގެ ހަތަރު ކޮޓަރީގެ ގެ އަނބުރާ ގަންނާނެ ކަމަށް މަންމައަށް ވަޢުދުވިއެވެ.

ޓައިގަރގެ ފުރަތަމަ ފިލުމުން ލިބުނު ފައިސާއިން ވަނީ އޭނާގެ ވަޢުދު ފުއްދައިދީ ބެލެނިވެރިން ފަޚުރުވެރިވާ ފަދަ ދަރިއަކަށް ވެފައެވެ.