ބަތަލާ ސަނީ ލިއޯން އާއި އޭނާގެ ފިރިމީހާ ޑެނިއަލް ވެބާ އެމެރިކާގެ ލޮސް އެންޖަލެސްގައި ދިރިއުޅެމުން ދިޔަ ގެ ވިއްކާލުމަށް ފަހު އިންޑިއާގެ މުމްބާއީ އަށް ބަދަލުވުމަށް ނިންމާފައިވާ ކަމަށް ސަނީ އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ.

ދާދި ފަހުން ސަނީ ލިއޯން ވަނީ އޭނާގެ ފިރިމީހާ ޑެނިއަލްއާއި ތިން ދަރިން ކަމުގައިވާ ނިޝާ، އާޝާ އަދި ނޯހްއާއި އެކު މުމްބާއީ ގެ ގެއަކަށް ބަދަލުވެފައެވެ.

ނަމަވެސް ލޮސް އެންޖަލެސްއިން ވިއްކާލަން އުޅުނު ގެ ވިއްކާލާފައެއް ނުވެއެވެ.

ސަނީ ބުނެފައިވަނީ މުމްބާއީއަށް ބަދަލުވުމަށް ގެ ވިއްކާލުމަށް ޖެހި ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އެ ގެ ނުވިއްކަން ނިންމި ކަމަށެވެ.

ސަނީމެންގެ ގެ ހުސްވި ދުވަސްވަރު އުޅޭނެ ވަގުތީ ތަނެއް ހޯދުމަށް ދެމަފިރިއަކު އައި ކަމަށް ސަނީ ބުނެފައިވެއެވެ. އެ ދެމަފިރިންގެ އެތައް ކުދިންނަކާއި ވަރަށް ތުއްތު ކުއްޖެއް ވެސް އޮވެއެވެ. އެހެންކަމުން އެ ދެމަފިރިން އުޅޭނެ ތަނެއް ލިބެންދެން ސަނީގެ ގެ ވަނީ ސޭލްއިން ނަގައިފައެވެ.

ސަނީގެ ލޮސް އެންޖަލެސް ގޭގައި ދިރިއުޅެމުން ދަނީ އެހީއަށް އެދިގެން އައި ދެމަފިރިންނާއި އެމީހުންގެ ދަރިންނެވެ. އަދި އެ ދެމަފިރިން އުޅޭނެ ތަނެއް ލިބިގެން ދިޔުމުން ގެ އަނެއްކާ ވެސް ވިއްކާލުމަށް ހުށަހަޅާނެ ކަމަށް ސަނީ ބުނެފައިވެއެވެ.

މުމްބާއީގައި ބަދަލުވި އައު ގެއާއި ބެހޭގޮތުން ސަނީ ބުނެފައިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ގެއަށް އޭނާގެ ދަރިން ހޭނިއްޖެ ކަމަށެވެ. އަދި އެގެއާ މެދު ސަނީގެ އާއިލާގެ ހުރިހާ މެމްބަރުން ވެސް ތިބީ ވަރަށް ހިތްހަމަޖެހިފައި ކަމަށް ވެސް ބުނެފައިވެއެވެ.