އަވަށްޓެރި ގެއަކަށް ޓީވީ ބަލަން ދިޔަ 11 އަހަރު އަންހެން ކުއްޖަކު އިންޑިއާގައި ރޭޕް ކޮށްލައިފިއެވެ.

އުއްތަރު ޕްރަދޭޝްގައި ހިނގާދިޔަ މި ހާދިސާ އާއި ގުޅިގެން އެގައުމުގެ ފުލުހުން ބުނީ، އެ ހާދިސާ ހިނގާފައިވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ދަންވަރު ވަގުތެއްގައި ކަމަށާއި ކުއްޖާ ރޭޕް ކޮށްފައިވަނީ ޓީވީ ބަލަން އަވައްޓެރި ގެއަކަށް ގޮއްސަ ހުއްޓާ އެގޭގެ މީހަކު ކަމަށެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެކުއްޖާ ރޭޕް ކުރުމަށްފަހު އޭނާ ވަނީ އެކުއްޖާއަށް ބިރުދައްކާފައެވެ. އެއީ މީހަކަށް އެވާހަކަ ހިއްސާ ކޮށްފާނެތީއެވެ. އެހެން ނަމަވެސް އެކުއްޖާ ވަނީ ކުއްޖާގެ މަންމައަށް އެ ހާދިސާ ހިނގިގޮތް ކިޔާދީފައެވެ.

އެހާދިސާއާއި ގުޅިގެން ގޯވިންދް ނަމަކަށް ކިޔާ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އޭނާގެ މައްޗަށް ގަދަކަމުން ކުޑަކުއްޖަކު ރޭޕް ކުރި ކަމުގެ ދައުވާ ކުރުމަށް ފުލުހުން ވަނީ ނިންމާފައެވެ.

މިއީ އިންޑީއާގައި އަލަށް ހިނގާފައިވާ ހާދިސާއެއް ނޫނެވެ. ކޮންމެ ދުވަހަކު ގޮތަކަށް އެގައުމުގެ އެކި ހިސާބުތަކުގައި ކުޑަކުދިންގެ އިތުރުން އަންހެނުން ރޭޕް ކުރުމުގެ އެކި މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. އެހެން ނަމަވެސް މިފަދަ މައްސަލަތަކަށް އެދެވޭ ހައްލެއް ނުލިބި އެގައުމުގެ ކުޑަކުދިންނާއި އަންހެނުން ވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ.

މިފަދަ ހާދިސާތައް އެގައުމުގައި އިތުރުވެފައިވާއިރު، އެފަދަ ކަންތައް ކުރުމުގައި އެންމެ އިސްކޮށް އެކުދިންގެ އާއިލީ މީހުން ހިމެނޭ ކަމަށް ވެސް ބައެއް މީޑީއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.