"ހަލޯ. ޔުއާ...." ހިމަހިމަ އަޑެއް ޔުއާދުގެ ކަންފަތުގައި ޖެހުނެވެ. ފިނިފިނި ވައިރޯޅިއެއް ޔުއާދުގެ މޫނަށް ޖެހުނުހެން ހީވިއެވެ. ކުއްލިއަކަށް ހިތަށް ފިނިކަން މެހެސޫސްވާން ޖެހުނު ސަބަބެއް ޔުއާދަކަށް ނުވިސްނުނެވެ. ގޮތްނޭނގޭ އިޙްސާސެއް އެ ހިތުގައި އުފަންވެ، ހިތް ގަނޑުފެންކޮޅަކަށް ބަދަލުވީ ކަހަލައެވެ. އެއީ ކުރިން ޔުއާދު ކުރި ތަޖުރިބާއެއް ނޫނެވެ. ޔުއާދުގެ ހިތަށް އެރިއެވެ. މީ އެބުނާ އިޝްޤީ ލޯބި ހެއްޔެވެ؟

ދެވަނަ ސިކުންތުގައި ޔުއާދުގެ ސިކުނޑިން އެ ޚިޔާލު އެއްފަރާތްކޮށްލިއެވެ. ކުރެވުނު މޮޔަ ޚިޔާލުގެ ސަބަބުން ޔުއާދު ގާތަށް ހިނިއައެވެ. ރީތި އަޑެއް އިވިގެން އިޝްޤުގެ ވޮށް ދިއްލުނީކަމަށް ހީކުރާނީ ވެސް ބޮޑު މޮޔައެއް ނޫން ހެއްޔެވެ؟

"ކިހިނެއްވީ؟ ކީއްވެ ހެނީ؟" މިޝްކާގެ ޖާދުވީ އަޑު އަނެއްކާ ވެސް ޔުއާދަށް އިވުނީއެވެ. އެއީ ވަރަށް ރީތި އަންހެންވަންތަ އަޑެކެވެ. އެކަމާ ޔުއާދު ދެބަސްވާ ހިތެއް ނެތެވެ.

"ތީ ދުވަހަކު ވެސް މީހަކު ނުކިޔާ ނަމެއް." ޔުއާދު ވާހަކަ އޮޅުވައިލިއެވެ. "އެކަކު ވެސް ޔުއާގެ ނަމުން މުޚާތަބެއް ނުކުރޭ. ގިނަމީހުން ކިޔަނީ އާދު."

"އެހެންތަ؟ އަޅުގަނޑު ޔުއާ ކިޔަސް އެންމެ ރަނގަޅުތަ؟" މިޝްކާ ތުއިވިހެން ޔުއާދަށް ހީވިއެވެ. އެޔާއެކު މިޝްކާ ހުންނާނެ ގޮތް ޔުއާދަށް ސިފަކޮށްލެވުނެވެ. ބޭއިޚްތިޔާރުގައެވެ. އެހައި މަޑުމޮޅި އޮމާން އަޑެއްގެ ވެރިއަކަށް ލިބިފައިވާނީ ވެސް އެފަދަ ސިފަތަކެއްކަން ޔަޤީނެވެ.

"އެންމެ ރަނގަޅު." ޔުއާދު ހަމަޖެހިލައިފައި ބުންޏެވެ. "މިޝްކާއަށް ކީކޭ ކިޔަންވީ؟"

"މިޝް ކިޔާ." މިޝްކާ ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ. "އަޅުގަނޑު އުޅުނިން ރޭގަ ވެސް ގުޅަން އެކަމަކު މާ ލަސްގަޑިއެއްވީމައި ނުކެރުނީ. އަޅުގަނޑަށް ކިޔަނީ ފާތިމަތު މިޝްކާ އަސީމް، ކ.މާލެ / ރޯޝަން. އުމުރަކީ 20 އަހަރު."

މިޝްކާ އަމިއްލައަށް ތަޢާރަފު ދިން ގޮތުން އަނެއްކާ ވެސް ޔުއާދު ގާތަށް ހިނިއެވެ.

"މަށަށް ކިޔަނީ މުޙައްމަދު ޔުއާދު، ޏ.ފުވައްމުލައް / ސީހޯރސް އުމުރަކީ 23 އަހަރު." ޔުއާދު ވެސް ތަޢާރަފުވެލީ މިޝްކާ އަޅައިދިން ރޮނގު މަތިންނެވެ. ސަމާސާ ރާގެއްގައެވެ.

މިޝްކާ މުޅިން ވެސް ދެއްކީ އޭނާގެ އަމިއްލަ ޒާތީ ވާހަކަތަކެވެ. މިޝްކާއަކީ މުއްސަނދި ބަފަޔަކަށް ލިބިފައިހުރި 04 ކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާއެވެ. ބައްޕައަކީ މަޝްހޫރު ވިޔަފާރިވެރިއެކެވެ. މާލޭގައި ބައްޕަގެ އެތައް ފިހާރައެއް ހުންނަކަމަށް ވެއެވެ.

"އަޅުގަނޑު މަންމައަށް ކިޔަނީ މައުރާ." މިޝްކާ އިތުރަށް ކިޔައިދިނެވެ. "ބައްޕައަށް ކިޔަނީ އަސީމް، ދެން ތިބޭނީ މަޢާލް އަސީމް، މުލްޙަމް އަސީމް، މައުވާ އަސީމް."

އެއީ މިޝްކާ ޔުއާދަށް ނުހަނު އިތުބާރުކުރާކަން ޔުއާދަށް އިޙްސާސްވެގެން ދިޔަ ދަނޑިވަޅެކެވެ. އެޔާއެކު މިޝްކާއާމެދު އިތުރަށް އެ ހިތުގައި ޝަޢުޤުވެރިކަން އުފެދުނެވެ. އެހެނަސް އަލަށް ބައްދަލުވި މީހަކާ ކަންކަން ޙިއްޞާކުރަން ނުޖެހޭ މިންވަރަށް ކަންކަން ޙިއްސާކުރުމުން ޔުއާދު ހިސާބަކަށް ޚައިރާންވިއެވެ. ޔުއާދު އެ ސުވާލު ކުރިވެސް މެއެވެ.

"ނޭނގެ ކީއްވެގެންކަމެއް." މިޝްކާ ޖަވާބުގައި ބުންޏެވެ. "މިޝް ހީކުރީ ޔުއާ އަމިއްލައަށް އިސްވެ މިޝްއަށް ގުޅާނެކަމަށް. މިއްޕެ ނަންބަރު ދިނީމަ. ކޮންމެވެސް އެއްޗެކޭ ކިޔާފައި ނަމަވެސް ފުރެންޑުވާން އުޅޭނެކަމަށް. ނޫނީ ޗެޓުން ނަމަވެސް އަނގައިން ބުނާނެކަމަށް. އެހެން ފިރިހެނުން އުޅޭ ގޮތަކީ އެއީ. އެކަން އެގޮތަށް ނުވީމައި ހިތަށް އެރީ ތީ އެހެން ފިރިހެނުންނާ ވަރަށް ތަފާތު މީހެކޭ. އެހެންވެ އަސްލު ފުރެންޑްވާން ބޭނުންވީ. އެހެންވެ ކަންނޭނގެ މި ހުރިހާ އެއްޗެއް ކިޔައިދެވުނީ."

މިޝްކާގެ ދުލުން އިވުނު ތަޢުރީފުން ޔުއާދުގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. މިޝްކާއަކީ ކުއްލިއަކަށް ޔުއާދުގެ ޙަޔާތަށް އައި ބީރައްޓެއްސެކެވެ. އެކަމަކު މިޝްކާއާ ވާހަކަ ދައްކަމުން ދިޔައިރު އެ ބީރައްޓެހިކަން ޔުއާދަކަށް އިޙްސާސެއްނުވެއެވެ. ޔުއާދަށް ހީވަނީ ފެންނަ ހިސާބުގައި، ޔުއާދު ކުރިމަތީގައި އިނދެގެން މިޝްކާ ވާހަކަ ދައްކާހެންނެވެ. ކީއްވެގެން ހެއްޔެވެ؟ ސަބަބު ޔުއާދަށް އެނގެއެވެ. މިޝްކާގެ އެކުވެރި، ހިތްހެޔޮ މިޒާޖާއި، އަނގަ ހަލުވިކަމެވެ. މިޝްކާ އަނގައިން ވާހަކަ ހުސްނުވުން، އެއީ ޔުއާދަށް ވަރަށް ކަމުދިޔަ ސިފައެކެވެ. މިޝްކާގެ ހުރިހާ ވާހަކައެއް ވެސް ޔުއާދު އަޑު އަހަމުން ދިޔައީ ފޫހިކަމެއް ނެތިއެވެ.

މިފްރާޙްގެ ވާހަކަތައް ވެސް މިޝްކާ ކިޔައިދިނެވެ. މިފްރާޙާއި ބައްދަލުވި ގޮތާއި އެ ގުޅުން މިހާރު އޮތް ހާލަތެވެ. އެ ދެމީހުން ވެސް ބައްދަލުވީ މީސްމީޑިއާ އިންނެވެ. މީސްމީޑިއާ އިން އުފެދުނު އެކުވެރިކަން ލޯތްބަށް ބަދަލުވެގެން ދިޔައީއެވެ. ދެމީހުންގެ ގުޅުމަށް 01 މަސް ފުރިގެން ހިނގައްޖެއެވެ. މިފްރާޙްގެ މަކަރުވެރިކަން ހިޔަޅަކަށް ދޫ ނުކުރާނޭ ޔުއާދު ހިތަށް އެރިއެވެ. ގުޅުމެއް ފަށައިގެން މަސްދުވަސް ހޭދަވެގެން ދިޔައިރު ޔުއާދަށް ދޮންކަޅު ވެސް އަންގައިނުލައެވެ.

"މިއްޕެ ވަރަށް ރުޅި އަންނާނެ ގުޅިކަން އެނގުނަސް." ވާހަކައިގެ ތެރެއިން މިޝްކާއަށް އޮޅިގެން ބުނެވުނެވެ.

"އެ ކީއްވެގެން؟" ސަބަބު އެނގިހުރެ ޔުއާދު އެހިއެވެ.

"އަޅުގަނޑު ގެއްލިދާނެތީ ކަންނޭނގެ." މިޝްކާ ބުންޏެވެ. "އެއްވެސް ފިރިހެނަކާ ވާހަކަ ދެއްކުން މަނާވާނެ."

އެއީ މިފްރާޙް ސަލާމަތީ ގޮތުން އަޅާ ފިޔަވަޅެއްކަން ޔުއާދު ދަނެއެވެ. މިފްރާޙްގެ ފުރަތަމަ ލޯބިވެރިޔާ ޖަހައިގަތީ މާބޮޑަށް ދޫ ދިނުމުންނެވެ. ގާތް ރަޙުމަތްތެރިޔަކަށް އިތުބާރުކުރަންނުވާ މިންވަރަށް އިތުބާރުކުރެވުމުންނެވެ. ކާވެނިކުރުމަށް ރަންކިޔާފައި އޮއްވައި، މިފްރާޙްގެ ލޯބިވެރިޔާ އޭނާގެ އެކުވެރި ފިރިހެނަކާއެކު ފަޅުގެއެއްގެ ތެރެއިން ނެރުނީ މިފްރާޙެވެ. ބަރަހަނާ ހާލުގައި ތިއްބައެވެ. އޭނާ އަންހެންކުދިންނަށް ކުރާ އިތުބާރުގެ ވާފަށް ބުރިވެގެން ދިޔައީ އެ ދުވަހުގެ ފަހުންނެވެ.

"އަޅުގަނޑު ގުޅި ވާހަކަ މިއްޕެ ގާތުގައި ނުބުނައްޗޭ." މިޝްކާ އެދުނެވެ.

މިފްރާޙްގެ މިޒާޖު އެނގޭތީ ޔުއާދު އެކަމަށް އެއްބަސްވިއެވެ. އެ ދެމީހުންގެ ގުޅުމަށް ޔުއާދުގެ ސަބަބުން ހީނަރުކަމެއް އަތުވެދާނެކަމުގެ ބިރު އޭނާގެ ހިތުގައި އޮތަތީއެވެ. ޔުއާދުގެ ހިތުގައި މިޝްކާ ޙާސިލުކުރުމުގެ އެދުމެއްނެތަސް އެއީ ޔުއާދަށް ހެދުނު ވަރަށް ބޮޑު ގޯހެކެވެ. އެ ނިންމުމުގެ ސަބަބުން ފަހުން ނުކުމެދާނެ ނަތީޖާއަކަށް ވިސްނައިނުލިކަން އެއީ ޔުއާދުގެ މޮޔަކަމެވެ.

ކަމެއް ސިއްރުކުރުމަށް ވެވޭ އެއްބަސްވުމަކީ އަމާނާތެކެވެ. އެފަދަ އަމާނާތަކަށް ޚިޔާނާތްތެރިވުމަކީ ޔުއާދުގެ ސިފައެއްނޫނެވެ. އެހެނަސް މިޝްކާ ވީ ދިމާ އިދިކޮޅު މީހަކަށެވެ. ޔުއާދުގެ ގާތުން ސިއްރުކުރުމަށް އެދިފައި މިޝްކާ އަމިއްލައަށް އެކަން މިފްރާހާ ޙިއްސާކުރީއެވެ. އެއީ މިޝްކާ ކޮން މަޤުޞަދެއްގައި ނިންމި ނިންމުމެއްކަމެއް ޔުއާދަކަށް ނޭނގެއެވެ.

މިފްރާޙަށް އެ ޚަބަރު ލިބުމާއެކު ވައިސޫރިއެއްހެން ޔުއާދު ހޯދަން ދިޔައެވެ. މާޒީ އަލުން އިޔާދަވެގެން ހިނގައިދާނެތީ އޭނާ ހުރީ ނުހަނު ކަންބޮޑުވެފައެވެ. ހިތްހަމަނުޖެހިފައެވެ. އޭނާ ޔުއާދަށް އިތުބާރުނުކުރާތީކީ ނޫނެވެ. އެހެނަސް ފިރިހެނަކު މަގު ފުރައްދާލުން އެއީ އަންހެނަކަށް ކުރަން އުނދަގޫކަމަކަށް ނުވާނެކަން މިފްރާޙަށް ވިސްނޭތީއެވެ.

"ކަލޭ މިޝްކާއާ ވާހަކަ ދެއްކިކަން މަ ގާތު ނުބުނަންވެގެންތަ ތި ހުންނަނީ." މިފްރާޙް އެންމެ ފުރަތަމަ ވެސް ދިޔައީ ސީދާ މަޢުޟޫއަށެވެ.

މިފްރާޙް ވާހަކަ ދެއްކި ރާގުންނާއި މޫނުގެ ކުލަވަރުން އެ ހިތުގެ ހަމަޖެހުން ގެއްލިފައިވާކަން ޔުއާދަށް ދެނެގަނެވުނެވެ. އަދި މިޝްކާއަކީ މިފްރާޙަށް ނުހަނު ޚާއްސަކުއްޖެއްކަން ވިސްނުނެވެ.

"ހެހެހެ. މިޝްކާ ބުނީދޯ؟" ޔުއާދު ދެކޮޅުހަދާކަށް ނޫޅުނެވެ. "ބުރޯ އެކަމާ ހާސްނުވައްޗޭ. މިޝްކާ ނުބުނާށޭ ބުނީމަ ނުބުނެ މިހުރީ. މިޝްކާ ބޭނުންވީ މަށާ ފުރެންޑުވާން. ހަމައެކަނި ވާހަކަ ދައްކާލަން ގުޅީ. މިއްޕެގެ ޙައްޤަކަށް މަ އަރައެއް ނުގަންނާނަން. ޓްރަސްޓް މީ."

ޔުއާދު ވާހަކަ ދެއްކީ ހިތުގައި އޮތް ގޮތަށެވެ. ކަން ހިނގައިދިޔަ ގޮތް އެއްވެސް ފޮރުވުމެއްނެތި ޔުއާދު ކިޔާދިނެވެ.

"މިއްޕެ ޤަބޫލުކަމެއް ނޫނިއްޔާ މަ މިޝްކާއާ ވާހަކައެއް ނުދައްކާނަން." ޔުއާދު އިތުރަށް ބުންޏެވެ. "މާޒީ ތަކުރާރުވެދާނެކަމަށް ބިރުގަންނާނެކަމެއް ނެތް. މިއްޕެ ބުނަންވީ ވާހަކަ ނުދައްކާށޭ. އެ ނިމުނީ."

މިފްރާޙްގެ މޫނުމަތިން ފާޅުވާން ހުރި ހިތްހަމަނުޖެހުމުގެ އަސަރުތައް ވަންހަނާ ކުރުމަށް އޭނާ މަސައްކަތްކުރިއެވެ. ގަދަކަމުން ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކުރުވިއެވެ.

"އެ މައްސަލައެއްނޫން. މަ އިތުބާރުކުރަން ކަލެޔަށް. ރައްޓެހިކަން ބޭއްވުމަކުން މައްސަލައެއް ނެތް." މިފްރާޙް ބުނަން ބޭނުންވި ޖުމްލަތައް އޮތީ ހިތުގައެވެ. މިޝްކާ އެއްވެސް ފިރިހެނަކާ ގާތްގުޅުމެއް ބާއްވާކަށް އޭނާގެ ޟަމީރު ނޭދެއެވެ. ގިނިދުއްމީހާ ރަތްމަލަށް ބިރުގަތަސް، އެ ބިރު ފޮރުވުމުގައި މިފްރާޙް ކާމިޔާބު ހޯދިއެވެ.

"ކަލޭ ޤަބޫލެއް ވެސް ނުކުރާނެ. އެނގޭތަ؟" މިފްރާޙް ހިތުގައި އޮތް ހިތްހަމަނުޖެހުން އޮއްބައިލަމުން ބުންޏެވެ. "މިޝް ބުނިތަ އޭނައަކީ މޫނު އަޅާ ކުއްޖެކޭ."

"ނުބުނޭ." ޔުއާދު ހިނިއައިސްފައި ހުރެ ބުންޏެވެ. "އެންމެފަހުން މޫނު އެޅި މީހެއްދޯ ކަމުދިޔައީ. ކޮބާ ކުރިން ދެއްކި ވާހަކަތައް ހަނދާންނެތުނީ؟ ސިފައަށް ބަލާފައި ލޯބިވާން އުޅުނު މީހާތި. މިޝްކާ ފެނިގެންތަ ލޯބި ތިވީ؟"

"ކަލެޔަށް ހީވެތަ ސިފަ ނޭނގި މަ ހޭބަލިވާނެހެން." މިފްރާޙް ލާނެތް ހިނިގަނޑެއް ޖަހައިލިއެވެ. ޔުއާދު ވެސް އެ ހުނުމުގައި ބައިވެރިވިއެވެ. ދެ އެކުވެރިންގެ މެދުގައި އުފެދުނު ނުތަނަވަސްކަން އާތްވަށް ވެގެން އަރައިގެން ދިޔައީއެވެ. ނަމަވެސް އެއީ ފެށުމެކެވެ.

މިޝްކާއާއި ޔުއާދުގެ މެދުގައި އުފެދުނު ރައްޓެހިކަން ވަރުގަދަވަމުން ދިޔައެވެ. ކުރާ ކޯލްތައް ގިނަވެ، ދިގުވަމުން ދިޔައެވެ. ދެމީހުން ވެސް ދިރިއުޅުމުގެ ކަންކަމުގައި އެކަކު އަނެކަކުގެ ޚިޔާލާއި މަޝްވަރާ ހޯދަމުން ގޮސް އެންމެ ގާތް ރަޙްމަތްތެރިޔާގެ ލަގަބު ވެސް ޔުއާދަށް ލިބުނެވެ. މިފްރާޙް އެ ގުޅުމަށް ނުރުހޭ މިންވަރު ދެމީހުންކުރެ އެކަކަށް ވެސް އިޙްސާސެއްނުވެއެވެ. މިފްރާޙް ނުރުހުން ފާޅުނުކުރި ނަމަވެސް މިޝްކާގެ ދުލުން ޔުއާދަށް ކުރަމުން ދިޔަ ތަޢުރީފް އަޑުއެހުމަށް މިފްރާޙްގެ ހިތަށް ކުޅަދާނައެއް ނުވެއެވެ. މިފްރާޙް ދިޔައީ އޭނާއަށް ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަށް ކެތްކުރަމުންނެވެ. އަމިއްލަ ނަފުސަށް ވިސްނައިދެމުންނެވެ. ނަމަވެސް މިފްރާޙްގެ އެތެރެ ހަށީގައި އޮބިއަޅުވައިގެން އޮތް ހަސަދަވެރިކަން މޭ ފޫއަޅުވާލައިފައި ނުކުންނަން މާ ގިނަ ދުވަހެއް ނުނެގިއެވެ.

މިޝްކާއާއި މިފްރާޙްގެ މެދުގައި ކުނިޖެހެން ފެށިއެވެ. ކޫސަނި މައްސަލަތައް ޖެހި އެކަން ނިމެނީ ބޮޑު ހުޅުގަނޑަކަށް ބަދަލުވެގެންނެވެ. މިޝްކާއަށް ފޯނު ނުނެގުނަސް، ފޯނަށް ގުޅާ ވަގުތު އެހެން ކޯލެއްގައި ހުއްޓަސް މިފްރާޙް ހިތްހަމަނުޖެހެނީއެވެ. ޔުއާދަށް ގުޅައިގެން ހުންނަނީކަމުގެ ތުޙުމަތު މިޝްކާގެ ބޮލުގައި އަޅުވަނީއެވެ. ޝައްކުކުރަނީއެވެ. ކުރާ މެސެޖުތަކަށް ޖަވާބުދިނުން ލަސްވުން ވެސް އެއީ މިޝްކާއަށް ކުރެވޭ ކުށެކެވެ. މިޝްކާ ދިޔައީ އެ ހުރިހާ ވާހަކަތަކެއް ޔުއާދަށް ޙިއްސާކުރަމުންނެވެ. ދެ ދުވަހުން އެއްދުވަހު މިޝްކާ ރޮމުންރޮމުން ޔުއާދަށް ގުޅައެވެ. މިފްރާޙް މާބޮޑަށް ރުޅިގަދަވެ އެއްޗެހި ގޮވަނީކަމަށް ބުނެފައެވެ. އަވަގުރާނަ ގޮވަނީކަމަށް ބުނެފައެވެ. އެ ހާލަތުގައި ޔުއާދަށް އެރެނީ މިޝްކާގެ ކޮޅަށެވެ. މިފްރާޙްގެ ޢަމަލުތައް ކުށްވެރިކޮށްފައި ޔުއާދަށް ވާހަކަ ދެއްކެއެވެ. ލަދުހުތުރު ބަސްތައް ބޭނުންކޮށްގެން ނުވާނެކަމަށް ބުނެފައެވެ. އެއަށްފަހު އެ ދެމެދުގައި ޖެހިފައި އޮތް ކުނިގަނޑު ސާފުކުރުމަށް ޔުއާދު އަތުކުރި އޮޅާލައެވެ. ގިނަފަހަރު އެކަމުގައި ކާމިޔާބުލިބެއެވެ. ނަމަވެސް ދުވަސްކޮޅަކަށެވެ. އަނެއްކާ ވެސް ކުރިން ފެންމަތިވި މައްސަލަތައް ފެންމަތިވަނީއެވެ.

"މިޝް ދެން މަށަށް ނުގުޅަންވީނު." ޔުއާދު ބޭނުންވީ އެ ދެމެދުގައި ޖެހޭ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދޭށެވެ. "މިއްޕެގެ މިޒާޖު ހުންނަ ގޮތުން އަހަރުމެން ވާހަކަ ދައްކާހާ ދުވަހަކު އޭނަ ޝައްކުކުރާނެ. އެކަމެއް ނުހުއްޓޭނެ. މިޝް ތި ގުޅުން ކުރިޔަށް ގެންދަންބޭނުންވަންޏާ ހަމަ އެކަނި އޮތްގޮތަކީ މަށާ ގުޅުން ކަނޑައިލުން."

"އަހަރުމެން ގުޅުންކަނޑާލަންޖެހޭ ސަބަބެއް ނެތް." މިޝްކާ އެއްބަހެއް ނުވިއެވެ. "އަހަރުމެން ދެމީހުންގެ މެދުގައި މިއްޕެ ހީކުރާކަހަލަ އެއްވެސް ގުޅުމެއްނެތް. އެހާ ވަރަށް ޝައްކުކުރާކަށް ނުވާނެ."

"ތިކަން އެނގޭނީ އަހަރުމެން ދެމީހުންނަށޭ." ޔުއާދު ވިސްނައިދޭން މަސައްކަތްކުރިއެވެ. "މިއްޕެއަކަށް ނުވިސްނޭނެ. ވިސްނއިދޭން އުޅުނު ވަރަކަށް ހައްތަހާ މައްސަލަ ގޯސްވާނީ."

"ތީ ހާދަ ތަފާތު މީހެކޭ." މިޝްކާ މަޢުޟޫއު ބަދަލުކޮށްލިއެވެ. އެ ވާހަކަތައް ދެއްކުމަށް އޭނާ ބޭނުން ނުވީއެވެ. "ދުވަހަކު ވެސް ރުޅިއެއް ނާދޭ. ދުވަހަކު ވެސް އަވަގުރާނައެއް ނުކިޔާ. މިއްޕެ އެ ގޮވާލާ ގިނަ ބަސްތަކުގެ މާނަ އަޅުގަނޑަށް ނުވެސް އެނގޭ. ދެރަވެގެން ގޮސް ދެލޮލުން ކަރުނަ ހިލޭ. އެކަމަކު ފަހުން އައިސް ވަރަށް ލޯބިން ވާހަކަ ދައްކާނެ. މިއްޕެއާ ޚިލާފަށް ޔުއާ އަބަދުވެސް ވާހަކަ ދައްކަނީ ހަމަޖެހިފަ ހުރެ މަޑުމައިތިރިކަމާއެކު. އަޅުގަނޑު ދައްކާ ކޮންމެ ވާހަކައެއް ހަމަޖެހިގެން ފޫހިކަމެއް ނެތި އަޑުއަހާ. އަޅުގަނޑު މީ ޔުއާގެ ގާރލްފުރެންޑަށްވީނަމަ."

މިޝްކާގެ ދުލުން އެންމެ ފަހުން ބޭރުވި ޖުމްލައިގެ ސަބަބުން ޔުއާދުގެ ހަނަފަސްވެފައިވާ ހިތަށް ދިރުން ލިބިގެން ދިޔަ ކަހަލައެވެ. ކުއްލިއަކަށް އެ ހިތުގެ ތެޅުމުގެ އަޑު ގަދަވެގެންދިޔައެވެ. ހީލިކަރުވަމުންދާ ކަހަލަ އިޙްސާސެއް ޔުއާދަށް ކުރެވެން ފެށުނެވެ. މިޝްކާ ޔުއާދުގެ ޙައްޤަކަށްވެއްޖެނަމަ ދެން ވާނެގޮތުގެ ކުލަ މަންޒަރުތަކެއް ސިފަވާންފެށިއެވެ. ކުއްލިއަކަށް މިޝްކާ ދެކިލާ ހިތް ވެސް ވެއްޖެއެވެ. އެއީ ކޮންތާކުން ކޮންއިރަކު އުފަންވެގެން ދިޔަ އިޙްސާސެއްކަމެއް ޔުއާދަކަށް ނޭނގެއެވެ. ލޯބީގެ ބިޔަ ރާޅުތައް ޔުއާދުގެ ހިތަށް ބިންދައިލައިފިކަމުގެ ވަސްވާސްތައް އުފެދުމާއެކު ފުރަތަމަ ފަހަރަށް އޭނާ ބިރުގަތެވެ. މިފްރާޙް ހަނދާނަށް އައުމާއެކު އޭނާ ދެރަވެސް ވެއްޖެއެވެ. ދެއަތަށް ބޯ ހޫރުވާލަމުން ޚިޔާލީ ދުނިޔެއިން ނުކުންނަން އުޅުނެވެ.

"އެއީ މިއްޕެގެ މިޒާޖޭ. އެކިމީހުންގެ މިޒާޖު ތަފާތުވާނު. މަށާ މިއްޕެއާ އަޅާ ނުކިޔާ." ޔުއާދަށް ވާހަކަދެއްކުންވީ ނުހަނު އުނދަގޫކަމަކަށެވެ. "ކޮންމެ އިންސާނަކީ ވެސް ތަފާތު މީހެކޭ އަބަދުވެސް ބުނަމެއްނު. ގުޅުމެއް ފުރިހަމަވާނީ އެ ތަފާތުތަކާ އުނިކަންތަކާއެކު ބަލައިގަނެގެން ކުރިޔަށް ދިޔައީމަ. އަނެކާއާ އަޅާ ކިޔާނަމަ ދުވަހަކު ވެސް ހަމަޖެހުމެއް ނުލިބޭނެ."

"އަޅާކިޔަނީކީ ނޫނޭ.. އަޅުގަނޑަށް ކަމުދަނީ ޔުއާގެ މިޒާޖު. ވަރަށް ވާހަކަ ދައްކާ ހިތްވޭ. ފޫހިކަމެއްނެތި. ދުވާލަކު އެއްފަހަރު ނަމަވެސް ގުޅައިގެން ވާހަކަ ނުދެއްކެންޏާ ހިތްހަމައެއް ނުޖެހޭ. މިއްޕެގެ ކޯލްތައް އިގްނޯކޮށްފައި ވެސް ޔުއާއަށް ގުޅޭ. ގަސްދުގައި ކުރާކަމެއްނޫން. އަޅުގަނޑަށް ހީވަނީ ޔުއާދެކެ ލޯބި ވަނީހެން." މިޝްކާ ވިސްނާލުމެއްނެތި ބުނެލިއެވެ.

ޔުއާދުގެ ހިމޭންވެފައިވާ ހަށިގަނޑަށް ލޮޅުމެއް އަޔެވެ. ކުރިޔަށްވުރެ ބާރަށް ހިތް ތެޅެންފެށިއެވެ.

"މިޝް ތީ ރަނގަޅު ވިސްނުމެއްނޫން." ޔުއާދު އަވަހަށް ބުންޏެވެ. "މިޝް ތި ގޮތަށް ކަންތައްކުރާތީއޭ ޝައްކުކުރަނީ ވެސް."

"ނޭނގެ އަޅުގަނޑަކަށް. މިއްޕެއާއެކު އުޅެންވެއްޖެނަމަ އަޅުގަނޑު މޮޔަވެދާނެ." މިޝްކާ ގިސްލާން ފެށިއެވެ. "އަޅުގަނޑަށް ޔުއާދެކެ ލޯބިވެވެނީ. ޔުއާއާ ވާހަކަ ދައްކާ ހިތްވަނީ. އަޅުގަނޑަށް އެހީވެދީ. މިއްޕެއާއެކު ނޫޅެވޭނެ. މާ ބޮޑަށް ރުޅިގަދަވަނީ. ހަޑިއެއްޗެހި ކިޔަނީ. އަޅުގަނޑަށް ޔުއާ ކަމުދަނީ..."

މިޝްކާއަށް ރޮވޭވަރުން ވާހަކަ ކުރިޔަށް ނުގެންދެވިގެން ހުއްޓައިލިއެވެ. އެ ރުއިމުގެ އަޑު ޔުއާދުގެ ހިނދުރީގައި ހަރުލިއެވެ. އެ ހިތަށް ތުރާ ލިބެންފެށިއެވެ. މިޝްކާ ގާތުގައި ނުރުއިމަށް އެދެން ޔުއާދު ބޭނުމެވެ. އެކަމަކު އޭނާގެ ދުލެއް ޚަރަކާތެއް ނުކުރިއެވެ. ޔުއާދަށް ދެލޯ މަރާލެވުނެވެ. އެކުވެރިކަން އެހެން ދިމާއަކަށް ދީލައިލިކަން ޔުއާދަށް ފުރަތަމަ ފަހަރަށް އިޙްސާސްވި ވަގުތަކީ އެއީއެވެ. މިޝްކާއަށް ޔުއާދުދެކެ ލޯބިވެވުނީއެވެ. އެކަމާ ކުރަންވީ އުފާކަމެއް ނޫނީ ވާންވީ ދެރަކަމެއް ޔުއާދަކަށް ނުނިންމުނެވެ. އެއީ އެއްދުވަހަކުން ދެދުވަހަކުން ވެގެންދިޔަ ގޮތެއް ނޫނެވެ. އެކިދުވަސްތަކުގެ މަތިން އެތަކެއް ގަޑިއިރަށް ދިގުދެމިގެން ދިޔަ ފޯނުކޯލުތަކުން ހިތުގައި އުފެދުނު ޝަޢުޤުވެރިކަމުގެ ސަބަބުކަން ޔަޤީނެވެ.

"ތި ހިޔާލުދޫކޮށްލާ. ތީ ލޯތްބެއްނޫނޭ. ތީ ހިތުގައި އުފެދޭ ޝައުޤެއް. ގަޔާވުމެއް. ފެނިދެނިވެ ނޫޅޭ މީހެއްދެކެ ކިހިނެއް ލޯބިވާނީ. ލޯބިވެވޭނީ އެކުގައި ވަގުތުތައް ހޭދަކޮށް އެކަކު އަނެކަކަށް ފެނިގެން." ޔުއާދު ނަޞޭޙަތްތެރިވުމުގެ ގޮތުން ބުނެލިއެވެ. އެއީ މިޝްކާއަށް އަމާޒުކުރި ބަސްތަކެއް ނަމަވެސް އެ ބަސްތައް ރައްދުވަނީ ޔުއާދުގެ ބަސްނާހާ ހިތަށެވެ.

"މިޝްއަށް ޔުއާގެ އެފްބީ ފޮޓޯތައް ފެނެޔޭ." ކުސްތަޅާލަމުން މިޝްކާ ބުންޏެވެ. "ޔުއާ ވަރަށްވަރަށް ރީތި. އެންމެ ރީތީ ލޮލާ އިސްތަށިގަނޑާއި ހަށިގަނޑު. ތިވަރުގެ ރީތި މީހެއް އަދި ނުފެނޭ. އެހެންވީމަ އަޅުގަނޑުގެ ހިތުގައި މި އޮތީ ލޯބިކަމަށް ޝައްކުކުރާނެ ޖާގައެއް ނެތް. ހަމައެކަނި ތަފާތަކީ ބައްދަލުނުވާކަން. ޔުއާއަށް މިޝް ހުންނަ ގޮތް ނޭނގޭކަން. ޔުއާ މިޝް ދެކޭ ހިތެއް ނުވޭތަ؟"

"ދެން މި ވަގުތު ބާއްވާލަނީ." ޔުއާދުގެ ހިތް ނުތަނަވަސްވުމުން އެންމެފަހުން ފޯނުކޯލު ކުރުކޮށްލިއެވެ.

މިޝްކާ ހުންނާނެ ގޮތް ދެކިލަން ޔުއާދު އަބަދުވެސް ބޭނުންވެއެވެ. ނަމަވެސް އެކަމަށް އެދޭކަށް ޔުއާދު ބޭނުމެއް ނޫނެވެ. މިޝްކާއަކީ މޫނު ބުރުގާ އަޅައިގެން އިސްލާމީ ރިވެތި ފޭރާމުން ޖަރީވެގެން ހުރި އަންހެނެކެވެ. އެ ފަރުދާ ކަހާލުމަށް ޔުއާދު ދުވަހަކު ވެސް ނޭދޭނެއެވެ. އެކަމަކު ލޯބިވުމުން ބަހުރުވައެއް މުހިންމެއް ނުވެއެވެ. އަނެކާގެ އިޙްސާސްތަކާއި ބޭނުންތައް ބުނުމަކާ ނުލައި ވިސްނެއެވެ. މިޝްކާއަށް ވެސް ވީ އެކަހަލަ ގޮތެއް ކަންނޭނގެއެވެ. ޔުއާދު އެކަމަށް އެދުމަކާއި ނުލައި މިޝްކާ މޫނު ނާޅައި ހުރި ފޮޓޯ ފޮނުވީއެވެ.

ކަޅުހެދުމެއް ލައިގެން ރަތްކުލައިގެ ޝޯލަކުން ބޮލުގެ އިސްތަށިގަނޑު ނިވައިކޮށްގެން އިން ރީތިރީތި އަންހެން ކުއްޖެކެވެ. ވަށް މޫނެވެ. ތޫނު ކަޅިރަވައާއި ފުންދެލޮލެވެ. ކުލައަލި ހަންގަޑާއި ރަތްކުލައިގެ ލިޕްސްޓިކުން ފަވައިލެވިފައިވާ ތުންފަތް ނުހަނު ގުޅެއެވެ. އެ ހޫރުޕަރީ ފެނުނު ވަގުތުން ފެށިގެން ޔުއާދުގެ ދެލޮލުން ލޯބީގެ ދަޅަތައް ފިޔަ ޖަހަންފަށައިފިއެވެ. ހިތް ޤަބޫލުކުރަން ބޭނުންނުވިޔަސް އިޝްޤުގައި ޖެހިއްޖެކަން ސިކުނޑި ބުނަން ފަށަފިއެވެ. އެވަރުން ވެސް ޔުއާދުގެ އިޙްސާސްތައް ކޮންޓްރޯލްކުރިއެވެ. އެހެންމީހެއްގެ ޙައްޤަކަށް އަރައިގަތުމަށް ބޭނުންނުވާތީ މިޝްކާއާ ކުޑަކޮށް ދުރުވެލުމަށް އޭނާ ނިންމިއެވެ.

މިޝްކާ ލޯބި ހުށަހެޅިކަމާއި، ފޮޓޯ ފޮނުވިކަން މިފްރާޙަށް އެނގިއްޖެނަމަ މަސްލަޙަތު ވަރަށް ބޮޑަށް ގޯސްވާނެކަން ޔުއާދަށް ވިސްނެއެވެ. ދެމީހުންގެ އެކުވެރިކަމަށް ވެސް ބުރުއަރާނެކަން އެއީ މުޖައްރިބުކަމެކެވެ. އޭނާ އެކަންކަން ސިއްރުކުރީ އެކަން އެހެންވުމަށް ނޭދޭތީއެވެ. އެހެނަސް ޖެހިގެން އައި ދުވަހުގެ އިރު އެރިއިރު އެކަން ވެފައި އޮތީ އެންމެނަށް އެނގޭ ބޮޑު ސިއްރަކަށެވެ. އަނެއްކާ ވެސް މިޝްކާގެ ދުލުން އޭނާ ކުރިކަންކަން މިފްރާޙަށް ކިޔައިދިނީއެވެ.

މިފްރާޙްގެ ހިތުގައި އުފެދުނު ޝައްކުތައް ޙަޤީޤަތަކަށްވުމުން އޭނާގެ ބުއްދި ގޯސްވިއެވެ. އެތެރެ ހަށީގައިވާ ހަސަދައާއި ރުޅިވެރިކަމުގެ ހުޅުކޮޅު ބޮޑު އަލިފާންގަނޑަކަށް ބަދަލުވިއެވެ. ނަފުރަތުގެ އަލިފާނަށެވެ. އެ އަލިފާނުން ޔުއާދު ފިއްސައިލަން މިފްރާޙް ބޭނުންވިއެވެ. އޭރު އެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ކެނޑި، ދުޝްމަނުކަމުގެ ކުލަ އެ ދެމެދަށް ފާވެއްޖެއެވެ. ހިސާބުގަނޑުގައި އުޅޭ މިފްރާޙްގެ އެކުވެރިން ގޮވައިގެން ޔުއާދުގެ ފިޔަގަނޑު ކޮށައިލަން މިފްރާޙް ދިޔައެވެ. ލަޓިބުރިތަކާއި ވަޅިތައް ހިފައިގެންނެވެ.

(ނުނިމޭ)

  • ތިންވަނަ ބައި ހޯމަ ދުވަހުގެ ރޭގަނޑު 09:00 ގައި