ދުވާލުގެ ބޮޑުބައި މަސައްކަތުގައި ހޭދަކުރުމަށްފަހު މިފްރާޙަށް ގެއަށް އާދެވުނުއިރު އިރުއޮއްސިއްޖެއެވެ. އޭރު ފެންޑާގައި މިފްރާޙްގެ މަންމައާއި، ހައްވާމަނިކެ އޮލަ ވާހަކައެއްގައި ތިއްބެވެ. ހައްވާމަނިކެއަކީ އަވަށު ރޭޑީއޯއެވެ. މިހާރު ވެސް އަވަށު ރޭޑިއޯއިން ގޮވަމުންދަނީ ކާވެންޏެއްގެ ވާހަކައެވެ. ހައްވާމަނިކެގެ ދޮށީ ދަރިފުޅު މީހަކާ އިންނަނީއެވެ. އެ އުފާވެރި ޚަބަރު ހިފައިގެން އެއްގޯތިން އަނެއް ގޯއްޗަށް ނުދުވެވެނީސް ހައްވާމަނިކެ ދެލޮލަށް ނިދިވެސް ނާންނާނެއެވެ. ދަތްޕިލަ އަތަށް ލައިގެން އިނދެ މަންމައާ އެ ވާހަކަ ހިއްސާކުރަނިކޮށް، އޭނާގެ ރާޑަރަށް މިފްރާޙް އަރާފިއެވެ. މިފްރާޙްގެ ބޮލުގައި ރިއްސައިލިއެވެ. މިފްރާޙަށް ވެސް ނޭނގި އޮތް ޚަބަރެއް އެ ރޭޑިއޯއިން އިއްވުމުގެ ކުރިން އެތަނުން ދިޔުމަށް އޭނާ އަވަސްވެގަތެވެ.

"ދޮންކަލޯ." ހައްވާމަނިކެ ގޮވާލައިފިއެވެ. "ދާތަ ގޯތި އަޝްހަމް މީހަކާ އިންނަނީއޭ."

"އަޝްހަމް ބުންޏޭ." މިފްރާޙް އަވަސް ޖަވާބެއްދީފައި ހިނގައިގަތެވެ.

"ކަލޯ އަދިވެސް މީހަކާ އިންނާކަށް ނޫޅެންތަ؟" ހައްވާމަނިކެ ބުނި އަޑު މިފްރާޙަށް އިވުނެވެ.

"އިންނާނެ ދުވަސް ޖެހުނީމަ އެސޮރު ވެސް އިންނާނެ. މިޝްކާ ކިޔާ ކުއްޖެއް ގެންގުޅޭނެ." މަންމަގެ ޖަވާބު އަޑު އިވުމާއެކު މިފްރާޙްގެ ދެފައި ބިމުގައި ތަތްލިކަހަލައެވެ. އެ ދެލޮލުން ރިހުމުގެ އަސަރު ފާޅުވިއެވެ. ހަމަ އެހިނދު ނަފްރަތްގެ ކުލަ ވެސް މޫނަށް ފޭދިގަނެއްޖެއެވެ.

"އެހެންތަ؟ މިޝްކާއެއްތަ އެ މަންޖެއަށް ކިޔަނީ؟" ހައްވާމަނިކެ އެހިއެވެ. "މަ އަޑުއެހިން މި ސޮރު އެ ސެއްޅި ސަހުލާއަށް މާވަރަކަށް ގުޅާ ވާހަކަ. އަބަދުއަބަދު ފޯނުގައޯ އޮންނަނީ. އެ ހައްސާނު ރިސޯޓްގައި ހުންނަ ދުވަސްތަކުގައި ލައްކަ ގަނޑު ގަތް މަންޖެއެއް އެއީ. މާލޭގައި އުޅުނުއިރު ނިކަން ލާރި ވެސް ގެންގުޅެއޭ. އެ ޝަބީނާއެއް ވެސް ހަލާކުކުރީއެއްނު. އަޑެއް ނާހަމުތަ؟ ޝަބީނާ ފިރިހެނުންނާ ތަތްކުރުވާވަރުން އެންމެފަހުން އެކޮޔަ މައިންބަފައިންނަށް އެނގިގެން ރަށަށް ވެސް ގެންގޮސްފި. މި ހުރިހާ ހާޖާނުގަނޑެއް ހިނގީމަ މިރަށަށް މިހާރު އައިސްގެން އެ އުޅެނީ. މޫނު އަޅާގެން ހުއްޓެއްކަމަކު މި ސެއްޅި މީ ހަމަ......"

"ދެން ސާބަސް... ހައްވާ މަނިކެ ވެސް ދޯ؟" މަންމަ އެ ވާހަކަ ހުއްޓުވަމުން ބުންޏެވެ. "މީހުންނަށް ފާޑުފާޑު ނަންނަމުން ކިޔާގެން ވާހަކަ ނުދައްކަބަލަ. ދެން ތި ކިޔަނީ މި ގޭ ސޮރު ސަހުލާއަށް ގުޅަނިއްޔޭ. އެސޮރު ނޫޅޭނެ ތި ސަހުލާއެއް ފަހަތަކުން. އެސޮރު މާލެ ކުއްޖަކާ ހިތާވެގެން އުޅެނީ. މިފްރާޙްގެ ބައްޕަ ބަލިވެގެން އުޅުނުއިރު، އައި ގޮވައިލަން ވެސް. ނިކަން ހިތްހެޔޮފާޑު ޖަހާ މަންޖެއެއް އެއީ."

މިފްރާޙަށް އިތުރަށް އެ ވާހަކަތައް އަޑުއެހުމަށް، އެތަނުގައި މަޑުކުރާނެ ހިތްވަރެއް ނުލިބުނެވެ. ނުހަނު ބާރަށް ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. މިޝްކާގެ ވާހަކަ މަންމަ އެ ދައްކަނީ އަލަކަށް ނޫނެވެ. މަންމަ ދޭތެރެއަކުން މިޝްކާގެ ވާހަކަ އަހައެވެ. ކޮންމެފަހަރަކު ވެސް މިފްރާޙަށް ދޭނެ ޖަވާބެއް ނޭނގިގެން ޖެހެނީ ހަނު ހުންނާށެވެ. މިފްރާޙަށް ހުރިހާ ހަޤީޤަތެއް އެނގެއެވެ. މަންމަ އަދިވެސް އުޅެމުން ދަނީ ހުވަފެނެއްގައެވެ. މިޝްކާއަކީ އަސްލެއްކަމަށް ބަލައިގެންނެވެ. އެތައް އަހަރެއް ވަންދެން މިޝްކާގެ ނަމުގައި އުޅުނީ ސަހުލާއޭ، މަންމަގެ ގާތުގައި ބުނާނެ ހިތްވަރެއް މިފްރާޙްގެ ކިބައަކު ނެތެވެ. ބުނި ނަމަވެސް އެ މަންމައަކަށް ޤަބޫލެއް ނުކުރެވޭނެއެވެ. މިޝްކާ ވަނީ އެ މަންމައާ ބައްދަލުކޮށް ނުހަނު ފޮނި އުންމީދުތަކެއް ދައްކާފައެވެ. މިހާރު މިފްރާޙް، ސަހުލާއަށް ނަފްރަތުކުރާ އެންމެ ބޮޑު އެއް ސަބަބަކީ އެއީއެވެ. ދެވަނަ ސަބަބަކީ އޭނާގެ އިޙްސާސްތަކާ ކުޅުމެވެ.

"ހިތަށް އަރާ ގޮސް އެ ސެއްޅީގެ ކަރުގަ ހިފާ މަރާލަފާނަމޭ. މޫނު ބުރުގާގަނޑު ދަމައިގަނެ މުޅި ރާއްޖޭ އެންމެންނަށް އެ އަންހެނާގެ ޙަޤީޤަތް ބޭޒާރުކޮށްލަފާނަމޭ. އެކަމަކު އެހެން ހެދިޔަސް ގޯސްވާނީ މަ. މަ ވިއްޔަ މީ އެންމެ ނުލަފާމީހާ އެންމެ ގޯސްމީހާ. މި ސެއްޅި މަށަށް ޖެއްސި ހާލެއް، މަގޭ މަންމައަށް ދެއްކި ފޮނި އުންމީދުތަކެއް އެކަކަށް ވެސް ނުފެންނާނެ." ރުޅިއައިސްގެ ގޮސް ނޭވާކުރުވެފައިވާ މިފްރާޙްގެ ހިތުގައިވިއެވެ.

މިޝްކާއާއި މިފްރާޙްގެ އެކުވެރިކަން އުފެދުނީ ސޯޝަލްމީޑިއާއިންނެވެ. އެ އެކުވެރިކަމުގައި ލޯބީގެ ކުލަޖެހި، މާތައް ފޮޅެމުން ދަނިކޮށް ކުއްލިއަކަށް ޔުއާދު ނަމަކަށް ކިޔާ ތޫފާނުގައި ޖެހުނީއެވެ. އެ ކޮޅިގަނޑުގައި ޖެހި އެ ދެމީހުން ވަކިވީއެވެ. އެއީ ޔުއާދުގެ ލޮލަށް އެ މަންޒަރުތައް މިޝްކާ ދައްކުވާދީފައި އޮތް ގޮތެވެ. ހަޤީޤަތަކީ ފަރުދާގެ ފުރަގަހުގައި އަބަދުވެސް މިފްރާޙް ހުރިކަމެވެ. ޔުއާދެކޭ އެއްގޮތަށް އެތައް އަހަރެއް ވަންދެން މިފްރާޙް ވެސް ކަނު ބަނދެގެން ގެންގުޅުނުކަމެވެ. އެހެނަސް ތަފާތަކީ ބައެއް ފަހަރު މިފްރާހަށް ހަޤީޤީ މަންޒަރު ފެނުނުކަމެވެ. މިޝްކާގެ ނަމުގައި އުޅެނީ ސަހުލާކަމަށް ޝައްކުކުރެވޭ އެތައް ހެއްކެއް މިފްރާޙަށް ފެނުނެވެ. ކޮންމެފަހަރަކު ވެސް މިޝްކާ ކުރާ ބޮޑު ހުވާގެ ސަބަބުން އެ ދޮގު ތެދެއްކަމުގައި މިފްރާޙް ޤަބޫލުކުރަނީއެވެ.

މިފްރާޙަށް ލިބުނު އަނިޔާގެ ބަދަލުހިފަން، އޭނާ ނުހަނު ބޭނުންވެއެވެ. މަންމަގެ ލޮލުން އުންމީދުގެ ކުލަވަރު ފެންނަ ކޮންމެ ފަހަރަކު މިފްރާޙްގެ އެތެރެހަށީގައިވާ ހުޅުގަނޑު ބޮޑުވެއެވެ. ހުޅުފަޅައިގެން ނުގޮސް ހުންނަނީ މިފްރާޙް ކުރާ ހިތްވަރެއްގެ ސަބަބުންނެވެ. ބަދަލުހިފަން ބޭނުންވިޔަސް ސަހުލާގެ އާއިލާއާމެދު އޭނާއަށް ވިސްނެނީއެވެ. ސަހުލާއަކީ މީހެއްގެ އަނތްބެކެވެ. ދެ ކުދިންގެ މަންމައެކެވެ. އެ ދެކުދިންނާ މެދުގައި މިފްރާޙަށް ހަމްދަރުދީ ވެވެނީއެވެ. އެއީ ކުށެށް ނެތް މައުސޫމް ކުދިންނެވެ. މިފްރާޙްކުރާ ކަމެއްގެ ސަބަބުން އެ އާއިލާ ފުނޑުފުނޑުވެ، ނުކުރާ ކުށެށްގެ އަދަބު އެ ކުދިންނަށް ލިބުމަށް ހިތް ނޭދެނީއެވެ. ސަހުލާ ކުރި ކުށެށްގެ ސަޒާ އެ ތުއްތު ދަރިންގެ ކިބައިން ހިފުމަކީ އިންސާފެއް ނޫނެވެ. އެކަން މިފްރާޙް ހިތުގެ އަޑިން ޤަބޫލުކުރެއެވެ.

ސަހުލާގެ އާއިލާއަށް ޓަކައި، މިފްރާޙް އަމިއްލަ ނަފްސު ހަލާކަށް އެއްލާލައިގެން ހުރީއެވެ. ޝަޒީލް ވެސް ލަދުވެތިކަމާއެކު، "މިޝްކާ"ގެ ބާބުގައި ސިއްކަޖަހައިގެން، އެކަން ނުވާކަމަކަށް ހަދާލައިގެން ދިރިއުޅުމާގެން ކުރިޔަށް ދަނީއެވެ. ދެން ހުރީ ޔުއާދެވެ. އޭނާ ކުރިޔަށް ފިޔަވަޅު އަޅާކަށް ބޭނުމެއްނުވެއެވެ. އޭނާ ބޭނުންވާ ސުވާލުގެ ޖަވާބު އަދިވެސް ނުލިބެނީއެވެ. ޔުއާދު ހަމަޖެހިލައިގެން ނުހުރުމަށް ޒޯރާއާއި ޒަހީން ވެސް ބާރު އަޅައެވެ.

ތަޙްޤީޤު ޓީމުން ހޯދި ހޯދުންތަކުން ސަހުލާގެ އިތުރު ސިއްރެއް ވެސް ވަނީ ފެންމަތިވެފައެވެ. އެއީ ސަހުލާގެ ކާވެންޏަށް 08 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާކަމާއި، ދެދަރިން އެ ކާވެންޏަށް ލިބިފައިވާކަމެވެ. މީހެއްގެ އަނތްބަކަށްވެ ހުރެ، އެތައް ފިރިހެނުންނެއް އެ ދަލުގައި ޖެއްސި ސަބަބު އަދިވެސް އޮތީ ފަރުދާވެފައެވެ.

"އެ ސަހުލާގެ ހަޤީޤަތް އެންމެނަށް އަންގަންވީ.. ވާހަކައެއް ލިޔަންވީނު." ޒަހީންގެ ޚިޔާލަކީ އެއީއެވެ.

"އަހަރުމެންނަށް ސަހުލާގެ އަނގައިން ގަދަކަމުން އެއްޗެއް ނުހޯދިދާނެ." ޒޯރާ ބުންޏެވެ. "އެކަމަކު ސަހުލާ ކުރި ކަންތައް އަހަރުމެން ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ. ހަމައެހެންމެ ސަހުލާ ވެސް އެކަން ހަނދާން ނައްތާލަދީގެން ނުވާނެ. މި ވަރަށް އޭނާ ގާތުން ސަބަބު އަހާއިރު އެންމެ ރަނގަޅެއްނު މާފަށް އެދެން. ވީ ގޮތެއް ބުނަން. މީހުންގެ އިޙްސާސްތަކަކީ އޭނާއަށް ކުޅޭކުޅޭ އެއްޗެއް."

"ތީ ރަނގަޅު ޚިޔާލެއް." ޔުއާދު މަޑުމަޑުން ބުންޏެވެ. "ތި ސަހުލާއެއްގެ ދަލުގައި ޖެހުނު ތިން މީހުންތާ އަހަރުމެންނަށް މި އެނގެނީ. މަށަށް ހީވަނީ މުޅި ރާއްޖޭގައި އެކަހަލަ ކިތަންމެ ބަޔަކު އުޅޭނެހެން. މި ވާހަކަ އިން ވެސް މީހުންނަށް ލިބޭނެ ޢިބްރަތެއް ވެސް އޮންނާނެ. އެހެންވީމާ ތިކަމަށް އަހަރެން ތާޢީދު."

ވާހަކަ ލިޔުންތެރިޔާ ނިޝާންއަށް މި ވާހަކަ ލިޔުމުގެ ފުރުޞަތު ދިނީ ޔުއާދެވެ. ޔުއާދު އެދުމަށް، ޙަޤީޤީ ވާހަކަ ފަރުދާ، ވަގުތު ނޫހުގައި ލިޔެ، ޝާޢިއުކުރަން ފެށުނެވެ. ސަހުލާގެ ބަހުލޫލުކަމަށް ވާހަކައެއް ލިޔެވެމުންދާކަން، ސަހުލާއަށް އެންގުން އެއީ ޓީމުގެ މެމްބަރުންގެ މަޤުޞަދެކެވެ. އެކަމާ އިސްވެ ހަވާލުވީ ޒޯރާއެވެ. ޒޯރާ، ވައިބަރ މެދުވެރިކޮށް ސަހުލާއަށް ވާހަކަ ފޮނުވައިލިއެވެ. ކުރު މެސެޖަކާއެކުއެވެ.

"މީ ވަރަށް ރީތި ވާހަކައެއް. ކިޔާލުން ރަނގަޅުވާނެ. ވަރަށް ހަނދާންވޭ މިޝް މަތިން." ޒޯރާ ފޮނުވި މެސެޖުގައި ލިޔުނީ އެހެންނެވެ.

މެންދުރުގެ ވަގުތެވެ. ތުއްތުތުއްތު ދަރިފުޅު ނިންދެވުމަށް ސަހުލާ އިނީ ބޮޑު އެނދުމަތީގައެވެ. އޭނާގެ އުނގުމަތީގައި އޮތް ބާލީހުގެ މަތީގައި ކުޑަމީހާ ބާއްވާލައިގެން، މަޑުމަޑުން ބާލީސް ހަލުވަމުން ދިޔައީ މަޑުމަޑު ރާގެއް އިއްވަމުންނެވެ. ދަރިފުޅު ބައެއް ފަހަރަށް ބޮޑާ ހާކާލައެވެ. އަނެއްބައި ފަހަރަށް ތެދުވަން އުޅެއެވެ. ނުނިދަންވެގެން އެ ކުއްޖާއަށް ކުރެވުނުހާ މަސައްކަތެއް ކުރަނީއެވެ. ދަރިފުޅު ރަމަތަކުރަން ހަދައިގެން ސަހުލާ އިނީ ގުނބުހިލިފައެވެ. ހައްސާނު ކޮޓަރިއަށް ވަނީ އެވަގުތެވެ.

"ހައްސު. ދެންނުވާނެ މިކަމެއް. ބަލާބަލަ. އަޅުގަނޑު ވަރުބަލިވެއްޖެ." ސަހުލާ ކަންބޮޑުވެފައިވާ ރާގެއްގައި ބުނެލިއެވެ.

"ސަހޫ." ހައްސާނު ނިކަން ލޯބިން ގޮވައިލިއެވެ. "ތި ސޮރު ދީބަލަ މަގޭ އަތަށް."

ދަރިފުޅު ހައްސާނު އަތަށްދީފައި، ސަހުލާ ތެދުވިއެވެ. ރީތިވާ މޭޒު މަތީގައި އޮތް ފޯނު ނެގިއެވެ. ވައިބަރ މެދުވެރިކޮށް މެސެޖެއް އައިސްފައި އޮތުމުން ސަހުލާ އެ މެސެޖު ހުޅުވާލިއެވެ. ފަހަރެއްގައި ވެސް އޭނާ މާޒީ، ބިރުވެރި ހިޔަންޏެއް ފަދައިން އޭނާގެ ދިރިއުޅުމަށް އެނބުރި އައިސްދާނެކަމަށް އުންމީދުކޮށްގެނެއް ނޫނެވެ.

ޒޯރާގެ މެސެޖު ފެނުމާއެކު ސަހުލާ ފާޑަކަށް ގަނޑުވީއެވެ. އޭނާގެ ދިރިއުޅުމަށް ބިނާކޮށް ލިޔެފައިވާ ފަރުދާ ވާހަކަ އޭނާ ކިޔެވެ. ސިއްރުސިއްރުން ހައްސާނަށް ބަލަމުންނެވެ. ނިތްކުރިމަތިން ފައުޅުވަމުން ދިޔަ ދާތިކިތަކުން ރަމްޒުކޮށް ދިނީ އޭނާ ހާސްވެފައި ހުރި މިންވަރެވެ. އެކަން ވަންހަނާކުރުމަށް އިރުއިރުކޮޅުން ނިތްމަތީގައި އަތް ޖައްސާލައެވެ.

ކުޑަދަރިފުޅު ތަންމަތީގައި ބާއްވާފައި ހައްސާނު ތެދުވިއެވެ. ސަހުލާގެ ނުތަނަވަސްވެފައިވާ މޫނަށް ހައްސާނު ނަޒަރެއްދިނުމާއެކު، ސަހުލާ ހިނިތުންވެލިއެވެ. ގަދަކަމުންކަހަލަ ގޮތަކަށެވެ.

"ކިހިނެއްވީ؟" ހައްސާނު ސުވާލުކުރިއެވެ.

"އޭނ..." ހައްސާނު ބުނި އެއްޗެއް ސަހުލާއަކަށް ފަހުމެއްނުވިއެވެ.

"ކޮންކަމަކާހޭ ތި ހާސްވީ." ހައްސާނު އެހިއެވެ.

ސަހުލާއަށް އޮތީ ދެ ގޮތެކެވެ. އެއް ގޮތަކީ ހަޤީޤަތާ ކުރިމަތިލުމެވެ. ދެވަނަ ގޮތަކީ އޮޅުވައިލުމެވެ. ފިރިމީހާއަށް ޙަޤީޤަތް ބުނެދިނުން އެއީ ސަހުލާ އެއްއިރެއްގައި ވެސް ކުރަން ބޭނުންވި ކަމެއް ނޫނެވެ. އަބަދުވެސް ހައްސާނު ހުރީ އަނދިރިގަނޑެއްގައެވެ. ހައްސާނު ކުރިން ވަޒީފާ އަދާކުރީ ރިސޯޓެއްގައެވެ. އެ ދުވަސްވަރު ތުންތުންމަތިން ސަހުލާގެ ޚަބަރުތައް ހައްސާނަށް ލިބިފައިވެއެވެ. ހިލޭ ފިރިހެނުންނަށް ގުޅުން ބާއްވަމުންދިޔަކަން ޝައްކެއްނެތް މިންވަރަށް އެނގިފައިވެއެވެ. އެކަމުގައި ޝަބީނާ ޝާމިލުކުރިކަން ވެސް އެއީ ހައްސާނަށް އެނގިފައި އޮތް ހަޤީޤަތެކެވެ. އެ ހުރިހާ ކަމެއް އެނގިހުރެ ހައްސާނު، ސަހުލާއާއެކު ދިރިއުޅެމުންދަނީ ކީއްވެގެން ހެއްޔެވެ؟ ސަބަބު ވަރަށް ސާފެވެ. ފިރިހެނުންގެ ބުއްދިއާ ކުޅުމަށް ސަހުލާ މޮޅީއެވެ. ދޮގު ތެދުކުރުމަށާއި، ތެދު ދޮގުކުރުމުގެ ރޮނގުން ސަހުލާއަށް އެވޯޑެއް ލިބޭހާ ހުނަރުވެރީއެވެ.

"ވީ ގޮތެއް ބުނެބަލަ؟" ހައްސާނު އަނެއްކާ ވެސް ސުވާލުކުރިއެވެ.

ކުއްލިއަކަށް ސަހުލާ ވިސްނަން ހުރެފައި ރޮއެގަތެވެ. ނިދާފައި އޮތް ކުޑަދަރިފުޅާ މެދު ވެސް ވިސްނާލުމެއް ނެތި ހޭރިގަތެވެ. ހައްސާނު ސިހިފައި ދަރިފުޅަށް ބަލައިލިއެވެ. އަދި އަވަސްއަވަހަށް ސަހުލާގެ އަތުގައި ހިފައިގެން ކޮޓަރިން ނުކުތެވެ. ވީ ގޮތް ސާފުކޮށް ބުނެދިނުމަށް އެދުނެވެ.

"ބަލާބަލަ. އެ ޔުއާދުމެން ލިޔެފައި ހުރި ހަޑިހަޑި އެއްޗެހި." ސަހުލާއަށް ކަރުނަ ހިފެހެއްޓުންވީ އުނދަގޫކަމަކަށެވެ. "ހަޤީޤީ ވާހަކައެކޭ ކިޔާގެން ހުސްދޮގު މި އޮތީ. ސަހޫއަށް ކުރެވުނީ އެންމެ ކުށެށް. އެކަން ފަޟީޙަތްކުރުން މީ އެންމެ ރަނގަޅު ގޮތެއްނޫން. ހައްސު.. މީ ތެދެއްނޫން ޤަބޫލުނުކުރައްޗޭ. ސަހޫ މީ އެހާ ގޯސްމީހެއް ނޫން."

ހައްސާނު ސަހުލާގެ އަތުން ފޯނު އަތުލިއެވެ. ފަރުދާ ވާހަކަގެ ބައެއް ބައިތައް ކިޔާ ނިމުނުއިރު އޭނާގެ ގާތަށް ހުރީ އަލިފާން ކަހަލަ ރުޅި އައިސްފައެވެ. ވަގުތުން ޒޯރާގެ ނަންބަރަށް އޭނާ ގުޅިއެވެ. ފޯނަށް ޖަވާބު ނުދިނުމުން ފޯނު ތިރިކޮށްލަމުން ސަހުލާއަށް ބަލާލިއެވެ. ސަހުލާ އަދިވެސް ރޮނީއެވެ.

"ހާދަ ދޮގުހަދައޭ. ޔުއާދަކީ ބޮޑު ދޮގުވެރިއެއް. އަޅުގަނޑު އެހެނެއް ނޫޅެން. އަޅުގަނޑު އަބަދުވެސް ދެކުނީ އެކުވެރިއެއްގެ ގޮތަށް." ގިނަފަހަރަށް ސަހުލާ ގޮވަމުންދިޔަ ގޮވެލިފަތި ހައްސާނަށް މޭރުން ވެސް ނުވެއެވެ.

"ދެން ހުއްޓާލާ." ސަހުލާގެ ބުރަކަށީގައި ފިރުމާލަމުން ހައްސާން ބުންޏެވެ. "މަ އިތުބާރުކުރަން ސަހޫއަށް."

ސަހުލާއަށް ހައްސާނު ހިތްވަރުދިނެވެ. އެމީހުންކުރާ އެއްވެސް މެސެޖަކަށް ޖަވާބުދާރީ ނުވުމަށް ބުނެލިއެވެ. އެކަމާ ކުރިމަތިލާނީ ޚުދު އޭނާކަމުގައި ބުނުމުން ސަހުލާއަށް ހިތްވަރު ލިބުނީ ކަމަށް ހަދާފައި، އެ ކަރުނަތައް ފޮހެލިއެވެ. ސަހުލާގެ މަޤުޞަދު ހާސިލުވީއެވެ.

"ތި ޔުއާދެއް އުޅޭ ހިސާބެއް ބުނެބަލަ." ހައްސާނު އެދުނެވެ.

"އެއީ ވަރަށް ދުރުގައި އުޅޭ މީހެއް. ދޫޑިގަމުގަ." ސަހުލާ ބުނެދިނީ އެ ވަރަށެވެ.

ހައްސާނު، ޔުއާދުގެ ވަނަވަރު ހޯދިއެވެ. އުޅޭ އެޑްރެސް ހޯދައިގެން ޔުއާދު ހޯދަން އެ ގެއަށް ދިޔައެވެ. ސަލާމް ގޮވައިލުމުން މެދުއުމުރުގެ ފިރިހެނަކު ސަލާމް ބަލައިގަތެވެ. ޔުއާދަށް ގޮވައިދިނުމަށް ހައްސާނު އެދުނީ މަޑުމައިތިރިކަމާއެކުއެވެ. އެ ފިރިހެންމީހާ އެތެރެއަށް ވަދެ، ޔުއާދަށް ގޮވައިލިއެވެ. މީހަކު ހޯދަން އައިސްފައި ހުރިކަމަށް ބުނެލިއެވެ. ހޭދަވެގެން ދިޔައީ މަދު ސިކުންތުކޮޅެކެވެ. ޔުއާދު ހުރީ ދޮރުމަތީގައެވެ. ހައްސާނުގެ ކުރިމަތީގައެވެ. ހައްސާނު ބޭނުންވި ނަމަ، ޔުއާދުގެ ކަންކަށި މަތީގައި އެތިފަހަރެއް ވިހެލެވުނީހެވެ. އެކަމަކު އޭނާ ކެތްތެރިކަން އިސްކުރިއެވެ. ވާހަކައެއް ދައްކާލުމަށް ބޭރަށް ނުކުތުމަށް އެދުނެވެ.

ޔުއާދަށް، ހައްސާނަކީ ކާކުކަމެއް ނޭނގެއެވެ. އެ ދެމީހުން ބައްދަލުވީ އަލަށެވެ. ހިސާބަކަށް ހައިރާންވެފައި ހުރެ، ޔުއާދު މަގުމައްޗަށް ނުކުތެވެ.

"މީ ކާކުކަން ތި މީހަކަށް ނޭނގިދާނެ." ހައްސާނު ބުންޏެވެ. "މީ ސަހުލާގެ ފިރިމީހާ ހައްސާނު."

ހައްސާނު ދައްކަން އުޅޭ ވާހަކައެއް ނޭނގިގެން އެ ޚިޔާލަށް ގެއްލިފައި ހުރި ޔުއާދަށް ޔަޤީނުން ވެސް ސިހުމެއް ލިބުނެވެ. ފަހަރެއްގައި ވެސް ހައްސާނު އޭނާގެ ކުރިމައްޗަށް އަތުވެދާނެކަމަށް އޭނާ ހިޔެއްނުކުރެއެވެ. ސަހުލާއަށް، ޒޯރާ ވާހަކަ ފޮނުވުމުން އުފެދުނު ނުތަނަވަސްކަމުގެ ސަބަބުން ޔުއާދު ހޯދަން އައީކަން އޭނާ ދެނެގަތެވެ.

"ކޮން ވާހަކައެއް ދައްކަން؟" ޔުއާދު ސުވާލުކުރީ ދައްކަން އުޅޭ ވާހަކަ ނޭނގިގެނެއް ނޫނެވެ.

"ސަހުލާގެ އެންމެ ފޮޓޯއެއް ވެސް ކަލޭ އަތުގައި އެބައޮތްތަ؟" ހައްސާނު ސުވާލުކުރީ މަޑުންނެވެ. "ކުންޏޭ އޭއްޗެކޭ މީއްޗެކޭ ކިޔާފައި ވާހަކަ ލިޔާއިރު މަށަށްވުރެ ބޮޑަށް ތި މީހަކަށް ސަހުލާ އެނގޭހެން ހީވަނީތަ؟ މަށާ އިނދެގެން ވޭތުވެދިޔަ 09 އަހަރު އެއްވެސް ހިލޭ ފިރިހެނަކާ ގުޅުން ނުބާއްވާކަން މަށަށް ޔަޤީން."

ޔުއާދު ހިނދުކޮޅަކަށް ބަސްހުސްވިއެވެ. ތެދެކެވެ. އޭނާގެ އަތުގައި ސަހުލާގެ އެންމެ ފޮޓޯއެއް ވެސް ނެތެވެ. ނިކަން ރޭވުންތެރިކަމާއެކު، މިދުވަހަށް ސަހުލާ އޮތީ މާކުރިން ތައްޔާރުވެފައެވެ.

"ސަހުލާއެއް ނޫނޭ މަށާ ވާހަކަ ދައްކާ ހެދީ." ޔުއާދު ޖަވާބުގައި ބުންޏެވެ. "އެހެންވީމާ ސަހުލާގެ ފޮޓޯއެއް މަ އަތަކު ނުހުންނާނެތާ. މަ އަތުގައި ހުރީ ކޮންމެވެސް މިޝްކާއެއްގެ ފޮޓޯ."

ހައްސާނު ފުންނޭވާއެއް ބޭރުކޮށްލިއެވެ. އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވައިލަން ސިކުންތު ކޮޅަކު ހިމޭންވެލިއެވެ. އޭނާ އެތަނަށް އައީ ޔުއާދުއާ ޒުވާބުކުރާ ހިތަކުން ނޫނެވެ. އެއީ އޭނާގެ ޠަބީޢަތުގައި ނެތް ސިފައެކެވެ.

"ބުނަންތަ ރަނގަޅު ވާހަކައެއް." ކެތްތެރިކަމާއެކު ހައްސާނު ބުންޏެވެ. "މަށަށްވުރެ ބޮޑަކަށް އެކަކަށް ވެސް ސަހުލާއެއް ނޭނގޭނެ. މަ މީ އޭނަގެ ފިރިމީހާ. އެހެންވީމާ ރީއްޗަށް މި ބުނަނީ. ކޮންމެ މީހެއްގެ ހަޔާތުގައި ވެސް ފަތިފުށެށް އޮންނާނެ. ކުށްތަކެއް ވެސް ކުރާނެ. ކުރެވިފައި ވެސް ހުންނާނެ. އެއީ އެންމެން ވެސް ދަންނަ ހަޤީޤަތެއް. ޚުދު ތި މީހާ ވެސް ފަތިފުށެށް އޮންނާނެ. ތުންތުން މަތިން އިވޭ ކޮންމެ އަޑެއް އަސްލަކަށް ނުވެދާނެ. ދޮގު ވާހަތައް ވެސް ހުންނާނެ. ބުއްދި ސަލާމަތުން ހުރި ކޮންމެ އިންސާނަކަށް ވެސް އެކަން ވިސްނޭނެ. ކުރެވިފައި އޮތް ކުށެށް ނަގާގެން ތިހެން ބަދުނާމުކުރަމުންދިޔުން އެއީ އެންމެ ރަނގަޅު ގޮތެއްނޫން. މަށަށް އެނގޭ އެއްޗަކީ މަގޭ އަންހެނުން މަށަށްވުރެ ބޮޑަކަށް އެހެންމީހަކަށް ނޭނގޭނެކަން. ސަހުލާ މަގޭ އަނތްބަކަށްވީ ފަހުން ސުންނަތް ނަމާދެއް ވެސް ސުންނަތް ރޯދައެއް ވެސް ދޫކޮށްނުލާކަން ޔަޤީން."

ހައްސާނުގެ ވާހަކަތައް ދިގުލައިގެން ދާން ފެށުމުން ޔުއާދުގެ ހިތުގައި ފޫހިކަން އުފެދުނެވެ. ހައްސާނު އޭނާއަށް ވިސްނާދޭން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟ ސަހުލާގެ ދީންވެރިކަމާ މާތްކަން ހެއްޔެވެ؟

"ތި ސަހުލާއަކީ ދީނީކާޑު ކުޅެން ވަރަށް މޮޅު އަންހެނެކޭ." ޔުއާދު ގާތަށް ހިނިއައެވެ. "އޭނައަކީ ތި ހުރިހާ އަޅުކަމެއް އަދާކުރަމުން ވުޖޫދުގައި ނުވެސްވާ މީހަކަށްވެގެން އުޅުނު އަންހެނެއް. ހާދަހާ ދޮގެއް ހެދިފައި ހުންނާނޭ. އެއީތަ ތި ކިޔާ ކުށްތަކަކީ. އެހެން ސީދާސީދަލަށް ނުބުނެވެނީ ކީއްވެގެން؟ ތިމަންނަ އަންހެނުން، ފިރިހެނުންނަށް އޮޅުވާލައިގެން ހިތާވެގެން ގަތްގަނޑު އެއީތަ ކުށަކީ؟ ނޫނީ ޝަބީނާއަށް ޖެއްސުވި ހާލުގެ ވާހަކަތަ ތި ކިޔަނީ. ސާފެއް ނުވޭ. ފިލިޖަހައިގެން ދައްކާ ވާހަކައެއް ދައްކަންވީނު. ތި މަންނަ އަންހެނުން އެއްވެސް ހިލޭ ފިރިހެނަކާ ގުޅުމެއް ނުބާއްވައޭ ކިޔާފައި ހަމަ އެ ފުލުން އެބަ ބުނޭ ކުށޭ. ކޮން ކުށެށްގެ ވާހަކައެއްތަ ތި ދައްކަނީ."

"ސަހުލާއަކީ ތި ބުނާހާ ގޯސް މީހެއްނޫން." ހައްސާނު ސީދާސީދަލަށް އެކަމަށް އެއްބަސްވާން ބޭނުންނުވާ ކަހަލައެވެ. އަދި އޭނާ ދައްކަމުން ދިޔަ ވާހަކާގެ މިސްރާބު ބަދަލުކޮށްލިއެވެ.

"ތި ޔުއާދުއަކަށް އޭނާގެ ފުށުން އެއްވެސް ފައިދާއެއް ނުވޭތަ؟" ހައްސާނު އެހިއެވެ.

"ވަރަށް ބޮޑު ފައިދާއެއްވި." ޔުއާދު ވިސްނާކަމަށް ހެދެމުން ބުންޏެވެ. "މޫނުބުރުގާގެ ނިވަލުގައިވާ ކޮންމެ އަންހެނަކީ އަޅުވެރިއެއްނޫންކަން މަށަށް ވިސްނާދިން މީހަކީ ސަހުލާ. މަކަރުވެރި ހީލަތްތެރި އަންހެނުން ވެސް މި ދުނިޔޭގައި އުޅޭކަން ވިސްނާދިނީ ވެސް ތި ބުނާ ސަހުލާ. އެ ކަންކަމަކީ މުސްތަޤުބަލަށް ލިބުނު އަގުހުރި ފިލާވަޅުތަކެއް. ނޫންތަ؟"

އެ ސުވާލަށް ހައްސާނު ޖަވާބެއް ނުދިނެވެ.

"އެހެންވީމާ ބޭކާރު ވާހަކަ ނުދައްކާ ތި ދައްކަން އުޅޭ ވާހަކަ ދައްކާ. ސީދާ ޕޮއިންޓަށް ދޭބަލަ." ޔުއާދު އެދުނެވެ.

"އަހަރުމެންނަކީ ނިކަމެތި އިންސާނުން." އަނެއްކާ ވެސް ހައްސާނުގެ ތަޤްރީރު ފެށުނެވެ. "ނަބީބޭކަލުންނަށް ވެސް ކުށްތައް ކުރެވިފައި އެބަހުރި. ވީއިރު ނިކަމެތި އިންސާނުންނަށް ވެސް ކުށް ކުރެވޭނެ. އެކަން ފަޟީޙަތްކުރުމަކީ މާ މޮޅުކަމެއް ނޫން."

ހައްސާނު އެ ކިޔާ އެއްޗެއް ޔުއާދަށް ވިސްނިއްޖެއެވެ. އަށް އަހަރު ދުވަސްވަންދެން ސަހުލާކުރި ކުށުގެ ވާހަކަތައް ސިއްރުކުރުމަށް އެދެނީއެވެ. ކުރުގޮތަކަށް ބުނާނަމަ، ވާހަކަ ނުލިޔުމަށް އެދެނީއެވެ.

"ސަހުލާ އެންމެފަހަރަކު ނަމަވެސް މާފަށް އެދުނުނަމަ، ސަބަބު ބުނެދިންނަމަ، މިއަދު މިކުރާ އެއްކަމެއް ވެސް ނުކުރާނަން. މަ ވެސް ޤަބޫލުކުރަން އިންސާނުންނަށް ކުށް ކުރެވޭނެކަމަށް. އެކަމަކު އަށް އަހަރު ދުވަސްވަންދެން މި ކުޅުނު ކުޅިއަކީ އޭނާ ގަސްދުގައި ކުރިކަމެއް. އެއީ ކުށެށް ނޫން." ޔުއާދު ބުނީ ހިތުގައި އޮތް ގޮތަށެވެ. އޭނާ އެ ފިޔަވަޅު އެޅީ ސަހުލާ ބޭޒާރުކުރުމުގެ ނިޔަތަކު ނޫނެވެ. އެ ވާހަކައިން ވެސް މީހުންނަށް ޢިބުރަތެއް ހޯދާ ދިނުމަށެވެ. ސަހުލާގެ ބަހުލޫލުކަން އޭނާއަށް ހަނދާންކޮށްދިނުމަށެވެ. އެ ނިންމުން ނިންމުމުގެކުރިން ސަހުލާގެ ފަރާތުން ޖަވާބު ހޯދަން އޭނާ މަސައްކަތްކުރިއެވެ. އެކަން ނުވުމުން ޔުއާދަށް، އެ މަގު ޚިޔާރުކުރެވުނީއެވެ.

"މަ ސުވާލެއް ކުރަންތަ؟ އަށް އަހަރު ދުވަސްވަންދެން ތި މީހުން ހެއްދީ ސަހުލާކަން ޔަޤީންތަ؟" ހައްސާނު ކުރި ސުވާލުގެ ސަބަބުން ޔުއާދު މޫނުގައި ސުވާލުމާކެއް ޖެހުނެވެ. ހައްސާނުގެ ބޭނުމަކީ ޔުއާދުގެ ހިތުގައި ޝައްކު އުފެއްދުން ހެއްޔެވެ؟ ނޫނީ ހައްސާނަށް ވެސް ހަޤީޤަތް ފޮރުވިފައި އޮތީ ހެއްޔެވެ؟

"އާން ޔަޤީން އެއީ ސަހުލާކަން." ހައްސާނު ކުރާ ކޮންމެ ސުވާލެއްގެ ޖަވާބު ކެރިހުރެގެން ޔުއާދު ދޭނެއެވެ.

"ޝަބީނާއަކީ ކޮންކަހަލަ ކުއްޖެއްކަން ވެސް މަށަށް ވަރަށް ރަނގަޅަށް އެނގޭ." ހައްސާނު ބުންޏެވެ. "މަށަށް އެނގޭކަމަކީ ސަހުލާއަކަށް ގަދަކަމުން ގަދަބާރަކުން އެއްކަމެއް ވެސް ނުކުރެވޭނެކަން. ޝަބީނާއަށް ޓަކައި ސަހުލާވީ ޤުރުބާނީއާއި ކުރި ޚަރަދުތައް މަށަށް އެނގޭތީ މި ބުނަނީ. ޝަބީނާ ކަންތައްކުރި ގޮތާއި، ކަންކުރާ ގޮތް ދެލޮލަށް ފެނިފައި ހުރީތީ މި ބުނަނީ. މަށަށްވުރެ ބޮޑަށް ޝަބީނާއެއް ތި މީހުންނަކަށް ނޭނގޭނެ. މަމީ އެކުއްޖާއަށް ބައްޕައެއްގެ ލޯބި ދީގެން 09 އަހަރު ވަންދެން ގެންގުޅުނު މީހާ."

ހައްސާނު ބޭނުންވަނީ އެކަން ވެސް ޝަބީނާގެ ބޮލުގައި އަޅުވަން ހެއްޔެވެ؟ ހައްސާނަށް ފެންނަ ގޮތުގައި ސަހުލާއަކީ މައުސޫމު އަންހެނެކެވެ. ކުށްވެރިއަކީ ޝަބީނާއެވެ. އެއީ ހައްސާނުގެ ދެލޮލުގައި ސަހުލާ އަޅުވާފައިވާ ވަރުގަދަ އަނދުން ގަނޑެކެވެ. އެކަން ޔުއާދަށް ކަށަވަރެވެ. ޝަބީނާއަކީ މިޝްކާއެއް ނޫނެވެ. ހައްސާނު ދައްކާ މޮޅު ވާހަކަތަކުގައި ޖެހި، ދެން ޔުއާދަށް ހަޤީޤަތެއް ނޯޅޭނެއެވެ. ހައްސާނަށް ސަހުލާއަކީ ޖަވާހިރަކަށް ވިޔަސް، ޔުއާދުގެ ނަޒަރުގައި އެއީ ފައިދަށުގައި އޮތް ކުނިކޮޅެކެވެ. ޔުއާދު އެންމެފަހު ވަގުތާ ޖެހެންދެން ވެސް "މިޝްކާ"އަށް އިތުބާރުކުރިއެވެ. އެހެނަސް މިޝްކާއަކީ ސަހުލާކަން އެނގުނު ހިސާބުން އެކަން ބިރުވެރި ހުވަފެނަކަށްވެ، ނިދިން ހޭލެވިއްޖެއެވެ. ދެން އޭނާ ނިންދަވާލުމަކީ ނާދިރުކަމެކެވެ.

"ސަހުލާ ނުޖެހޭނެ މާފަށް އެދޭކަށް ވެސް." ހައްސާނު ބުންޏެވެ. "ތި މީހުން ބޭނުންވާނަމަ މަ ސަހުލާގެ ކިބައިން މަ މާފަށް އެދިފާނަން. ސަހުލާ ބޭޒާރުކުރުމުގެކުރިން ވިސްނާލާ. ތި ސަހުލާއެއްގެ ފުށުން ތި ޔުއާދަށް ވީ ފައިދާތައް ކޮބާ؟ މަންމަ ބަލިވެގެން ބޭރުގައި އުޅުނުއިރު ޑޮލަރު ހޯދަދިނީ ވެސް މަށޭ. މަށަށް އެނގޭތީ މި ބުނަނީ. ސަހުލާއަކީ ތި ހީކުރާހާ ގޯސްމީހެއް ނޫނޭ."

ހައްސާނު ކަލަގޮވުމުން ޔުއާދުގެ ދަތްތަކަށް ބާރުކޮށްލެވުނެވެ. ހަމަ އެ ވަގުތުން ވަގުތަށް ޔުއާދު ނިންމުމެއް ނިންމިއެވެ. އޭނާ ފަހަތަށް އެންމެ ފިޔަވަޅެއް ވެސް ނާޅާނެއެވެ.

"އެހެންވީމާ ސަހުލާ އެ ގަތްގަނޑުގައި ތި މީހާގެ ހިއްސާ ވެސް އޮތީތާ؟" ޔުއާދަށް ބުނެވުނެވެ. "މަ އެ ވާހަކަ ލިޔުމެއް ނުހުއްޓުވާނަން."

"ތި ޔުއާދުގެ ވެސް ކުށްތަކެއް ހުންނާނެ. ހަޑިކަންތައް ވެސް އެބަހުރި އެނގިފައި. އެންމެންނަކީ ވެސް ދިވެހި ކިޔަވައިގެން ތިބި މީހުން. ވާހަކަ ވެސް ލިޔެވޭނެ." ހައްސާނު ނުސީދާކޮށް ދިނީ އިންޒާރެކެވެ. މަޑުމައިތިރި ރާގަށް ވާހަކަ ދައްކަމުން އައިސް، ރާގު ބަދަލުވެގެން ދިޔަ ގޮތުން ވެސް ޔުއާދަށް އެކަން ވިސްނުނެވެ.

"ހެހެހެ. މަށެށް ނުގަނޭ ބިރެއް." ޔުއާދު ދިމާއަށް ބުންޏެވެ. "ވާހަކަ ލިޔެވެންޏާ ލިޔެލާ. އެކަމަކު ކަލޭ ޖެހޭނީ ހަޑިކަންތައް އުފައްދަން. ވާހަކަ އުފައްދަން ސަހުލާ ވަރަށް މޮޅުވާނެ. އެކަމަކު އެ ނުވާނެ ހަޤީޤަތަކަށް."

"ހަޤީޤީ ވާހަކަ އެކޭ ކިޔާގެން ތި ލިޔާ ދޮގު ވާހަކަ އެވާނީ ދޮގަކަށް ނޫންތަ؟" ހައްސާނު އެހިއެވެ. "ސަހުލާގެ ހަމައެކަނި ކުށަކީ އޭނާ ފަގީރަކަށް ވުން."

"އޭނާ ފަގީރުވީމާ، މުއްސަނދި ކެރެކްޓަރއަކަށް ބަދަލުވެގެން އުޅުނީ؟" ޔުއާދު އެހިއެވެ. "އެއީ މިޝްކާއަކީ. އޭނާ ވަރަށް ފަރިތަވާނެ ތިކަމަށް. މި ބުނީ ފިރިހެނުންނަށް އޮޅުވާލަން. މަށަށް ހީވަނީ ތި މީހަކު ވެސް ތި ހުންނަނީ އަނބިދަށުވެފައި ހެން."

"ތި މީހާއާ ބައްދަލުކުރަން މި އައީ ޒުވާބުކުރާކަށް ނޫން. ސަހުލާ އެއްވެސް މީހެއްގެ އަތުން އެތިވަރުތަކެއް އަތުލާފައެއް ނޯންނާނެ. މަށަށް އެނގުމުންދީފައި އޮތީ. އެކަމާމެދު ވިސްނާ މީހަކު ވެސް ސަހުލާ ބަދުނާމްނުކުރާނެ."

ހައްސާނު ހިނގައިގަތެވެ. ޔުއާދުގެ ހިތަށް ހަމަޖެހުން ލިބުނެވެ. ސަހުލާއާ ދިމާއަށް ގޮވާލަންހުރި އެއްޗެހިތަކުން ބައެއް ސިކުނޑިން ބޭރުކޮށްލެވުނީތީއެވެ. ހަށިފުރާ ފުން ނޭވާއެއް ބޭރުކޮށްލަމުން، އޭނާ އަވަސްވެގަތީ އެ ޚަބަރު ތަހްޤީޤު ޓީމާ ހިއްސާކުރުމަށެވެ.

"އެހެންވީމާ މިޝަން ކާމިޔާބުވެއްޖެ." އެ ވާހަކަތައް އެނގުމާއެކު ޒޯރާ ބުންޏެވެ. "އަހަރުމެންގެ ބޭނުމަކީ ވެސް ތި ސަހުލާ މި ވާހަކަ ކިޔުން. ދެން ނުހުއްޓާނެ. މި ވާހަކަ ނިމެންދެން ކިޔާނެ. އޭނާ ފިރިމީހާ ވެސް ކިޔާނެ. ސަހުލާގެ ފަތިފުށް އޭނާއަށް އެނގޭނެ."

ފަރުދާ ވާހަކަ މިފްރާޙް ވެސް ދިޔައީ ކިޔަމުންނެވެ. ފުރަތަމަ ފެށުމުން ވެސް މިފްރާޙަށް އެއީ އެމީހުންގެ ދިރިއުޅުމުގެ ވާހަކަކަން އެނގުނެވެ. ޔުއާދުގެ ނިންމުމަށް އޭނާ ހިތާހިތުން ތަޢުރީފްކުރިއެވެ. ސަހުލާ އެގޮތަށް ބޭޒާރުކުރާތީ، ހިތްހަމަޖެހުން ލިބުނެވެ. އެ ހިތްހަމަޖެހުމާއެކު ވާހަކާގެ ކުރިޔަށް ހުރި ބައިތަކަށް އޭނާ އިންތިޒާރުކުރަމުން ދަނިކޮށް ޒޯރާ އިތުރު ޚަބަރެއް ގެނެސްދިނެވެ. ޔުއާދާއި ހައްސާނުގެ ކުރިމަތިލުމުގެ ވާހަކައެވެ. ޔުއާދަށް އިންޒާރުދިން ވާހަކައެވެ. އަދި ކަލަ ގޮވި ވާހަކަ ވެސް ޒޯރާ ކިޔާދިނެވެ. އެކަމުގެ ސަބަބުން މިފްރާޙްގެ ހިތުގައިވި ނަފުރަތުގެ ހުޅުގަނޑު ބޮޑުވިއެވެ. އޭނާ އަމިއްލަ ނަފްސަށްކޮށްގެން ހުރި ހުވާ އުވާލިއެވެ. ދެ ދަރިންގެ ހައްޤުގައި ސަހުލާގެ ދިރިއުޅުމަށް ބަހެއް ނުބުނުމަށް ކުރި އަޒުމު މުގުރައިލިއެވެ. ޔުއާދަށް އެންމެ އެހީތެރިކަން ބޭނުންވި ދުވަސްތަކުގައި ގާތުގައި ނުހުރެވުނަސް މިއަދު މިފްރާޙް ފަސްޖެހޭކަން ބޭނުމެއްނުވެއެވެ. ވުޖޫދުގައި ނުވެސްވާ އަންހެނެއްގެ ސަބަބުން، ދެ އެކުވެރިންނަށް ލައްކަ ދުވަހު ދުރުގައި ތިބެވިއްޖެއެވެ.

މިއަދު މިފްރާޙްގެ ހިތުގައި ޔުއާދުގެ މައްޗަށް ކިލަނބުކަމެއް ނެތެވެ. ސަހުލާގެ ހަޤީޤަތް އެނގުނު ދުވަހުން ފަށައިގެން، ޔުއާދުގެ ކިބައިން މާފަށް އެދުމަށް އޭނާ ހުރީ ނުހަނު ބޭނުންވެފައެވެ. ޔުއާދު ހޯދަން ބޭނުންވާ ސުވާލުތަކުގެ ޖަވާބު ހޯދައިދިނުމަށް މިފްރާޙް އެހީތެރިވާނެއެވެ.

(ނުނިމޭ)