"އަޅުގަނޑު މީ މިޝްކާއެއް ނޫން. އަޅުގަނޑު ކިޔަވަންވެގެން އުޅުނު ގޭ ދައްތަ ކުރިކަމެއްތީ." ޝަބީނާ ވައިބަރ މެދުވެރިކޮށް ފޮނުވި މެސެޖުގައި ލިޔެފައި އޮތެވެ.

ޝަބީނާ އެ އިޝާރާތްކުރީ ކާކަށްބާއޭ ޒަހީންގެ ހިތަށް އެރިއެވެ. ޝަބީނާ ކިޔަވަން އުޅުނުގޭ ދައްތައަކީ ކާކު ހެއްޔެވެ؟ ޒަހީން އެ ސުވާލުކުރުމަށް އުޅުނު ވަގުތު ޝަބީނާ އިތުރު މެސެޖެއް ލިޔަން ފެށުމުން އޭނާ މަޑުޖެހިލިއެވެ.

"އަޅުގަނޑު އެ ގެއަށް ދިޔައީ ކިޔަވަން." ޝަބީނާ ބުންޏެވެ.

"މިޝްކާގެ ނަމުގައި އަހަރުމެންނާ ވާހަކަ ދެއްކީ ޝަބީނާއެއް ނޫންތަ؟" ޒަހީން ޔަޤީންކުރުމުގެ ގޮތުން އެހިއެވެ. "ޝަބީނާއަށް އެއީ މިހާރު އެއީ މާޒީކަން އެނގޭ. އެކަމަކު ވީ ގޮތެއް އޮޅުންފިލުވަން އަހަރުމެން ބޭނުންވޭ. ބުނެ ދެވިދާނެތަ؟ އަށް އަހަރު ދުވަސްވަންދެން ބައެއްގެ އިޙްސާސަތަކާ ކުޅުނު ސަބަބު ނޫން ހުރިހާ އެއްޗެއް އަހަރުމެންނަށް އެނގިއްޖެ. ހަމައެކަނި އެނގެން ބޭނުންވަނީ އެ ސަބަބެއް."

"އެއީ އަޅުގަނޑެއްނޫން. އަޅުގަނޑުގެ ނަމަކީ ފާޠިމަތު ޝަބީނާ." އިނގިރޭސި ބަހުން ޝަބީނާ ލިޔުނެވެ. "ތި މީހުންނާ ވާހަކަ ދެއްކީ އެހެންމީހަކު. އެގޭ ދައްތައަށް ކިޔަނީ ސަހުލާ. އޭނަ ތި މީހުންނާ ވާހަކަދެއްކީ ވެސް. މިޝްކާއަކީ ވެސް އެއީ. އަޅުގަނޑު އެ ގެއަށް ދިޔައިރު ދައްތައާ މިއްޕެއާ ގުޅުންއޮތް. އެ ދެމީހުން ވާހަކަ ދައްކާ ހަދާ."

"ހަމަ އަސްލު ވެސް؟" ޒަހީން އެހިއެވެ. "ދެން ޒޯރާއާ ޔުއާދުއާ ވާހަކަ ދެއްކީ ކާކު؟"

"އެއީ ވެސް ސަހުލާ." ޝަބީނާ ބުންޏެވެ. "އަޅުގަނޑު މިޝްކާއަށްވެގެން ވާހަކައެއް ނުދައްކަން. އެކަމަކު ބައެއް ފަހަރު މައުވާއަށް ވެގެން ވާހަކަ ދެއްކިފައި ހުންނާނެ. އެއީ ދައްތަ ބުނެގެން ކުރި ކަމެއް."

މައުވާއަކީ މިޝްކާގެ ކޮއްކޮއެވެ. މިޝްކާ ތުއްތަގެ ނަމުން މުޚާތަބުކުރަމުން އައި ކުއްޖާއެވެ.

"ހަމަ އެއްވެސް ގޮތަކަށް މިޝްކާއަށްވެގެން ވާހަކަ ނުދައްކަންތަ؟" ޒަހީން ވިސްނުންތެރިކަމާއެކު ވާހަކަ ކުރިޔަށް ގެންދިޔައެވެ. "ސަހުލާ ބުނެގެން ވެސް ވާހަކައެއް ނުދައްކަންތަ؟ ތި އަޑު އަހަރުން ހަނދާން އެބަހުރި އިއްޔަ އިވުނު އަޑެއް ފަދައިން. އެހެންވީމާ މި ސުވާލުކުރެވެނީ. އަހަރުމެން ބޭނުންވޭ ސަބަބެއް ހޯދަން."

"ނޯ.. އަޅުގަނޑު މިޝްކާއަށްވެގެން ވާހަކައެއް ނުދައްކަން." ޝަބީނާ ތަކުރާރުކޮށް ބުންޏެވެ. "އެކަމަކު މޫނު ބުރުގާ އަޅައިގެން މީހުންނާ ބައްދަލުކުރި މީހަކީ އަޅުގަނޑު. ސަހުލާ ބުނީމަ، މޫނު ބުރުގާ އަޅައިގެން ދަނީ ބައްދަލުކުރަން. ތި މީހުންގެ އިތުރަށް ސަހުލާ ގެންގުޅޭ ސިއްރު ރައްޓެހިންނާ ވެސް ބައްދަލުކުރިން. އެކަމަކު އަޅުގަނޑު އެއްވެސް ވާހަކައެއް ނުދައްކަން. ސަހުލާ އޮންނަނީ ވާހަކަ ނުދައްކަން ބުނެފައި. އެއީ އަޅުގަނޑުގެ އަޑު ފާހަގަކުރަން އެނގިދާނެތީ. އެ ހުރިހާ ކަމެއް ކުރީ ސަހުލާ ބުނެގެން. ސަހުލާ އަކީ ވަރަށް ފަލަކޮށް ބިޔަކޮށް ހުންނަ އަންހެނެއް. އެހެންވެ އޭނާ ބިރުގަނޭ މީހުންނަށް ފެންނަން. މިއްޕެމެންނާ އެއް ރަށަކަށް ވުން، އެއީ ވެސް ސަހުލާ ފެންނަން ބޭނުންނުވި ސަބަބެއް. އެކަމަކު މިޝްކާއަށްވެގެން ފޯނުން ވާހަކަދައްކަނީ ސަހުލާ."

"ތީ ތެދުކަމުގައިވަންޏާ.. އަދިވެސް އަހަންނަކަށް ނުވިސްނޭ." ޒަހީން ބުންޏެވެ. "އެ އަންހެނާގެ މަޤުޞަދެއް ނުވިސްނޭ. މި ވާހަކަ ދައްކާލަން ފަހުން ޝަބީނާއަށް ގުޅާލިޔަސް އެންމެ ރަނގަޅުތަ؟"

"ނޫން. ބޭނުމެއްނޫން." ޝަބީނާ ވަގުތުން މަނާވެގަތެވެ. "އަޅުގަނޑަކަށް ނޭނގޭ ސަބަބެއް ބުނެދޭކަށް. އަޅުގަނޑު ތި މީހުންނާ ބައްދަލުކުރީ އެއްވެސް ކަމެއް ހާސިލުކުރުމުގެ ނިޔަތަކުނޫން. ސަހުލާ ބުނީމާ ބުނި ގޮތަކަށް ކަންތައްކުރީ. އަޅުގަނޑު އެ ދައްތަދެކެ ވަރަށް ލޯބިވިން. އެކަމަކު މިހާރު ނުވޭ. ދައްތަ ބުނި ގޮތަށް ހުރިހާކަމެއް ކުރީމާ ހުރިހާ ބަދުނާމެއް އެޅުނީ އަޅުގަނޑުގެ ބޮލުގައި. ދެން އިތުރަށް މި ވާހަކަ ދައްކާކަށް ނެތިން. އަޅުގަނޑަށް މާފުކުރޭ."

ޝަބީނާގެ ހާލަތު ޒަހީނަށް ވިސްނެއެވެ. ތުންތުންމަތިން އިވިފައިވާ ގޮތުގައި ޝަބީނާއަކީ ސަހުލާ ލާރި ހޯދަން ދިއްކުރި ނާށިގަނޑެވެ. ޝަބީނާގެ އެއްވެސް ވާހަކައަކުން އެކަމަށް ބާރުލިބޭ ކަހަލަ ޖުމްލައެއް ޒަހީނަށް ފާހަގަނުވި ނަމަވެސް ޝަބީނާ އެ ވާހަކަ އިތުރަށް ދައްކަން ބޭނުންނުވި ސަބަބަކީ އެއީ ކަންނޭނގެއެވެ. މާޒީގެ ކަންކަން ފާޅުކުރުމަށް އެކުއްޖާ ފަސްޖެހުނީ ކަމަށް ވެސް ވެދާނެއެވެ.

"އެންމެ ރަނގަޅު." ޒަހީން އިތުރަށް އެކަން ތަޙްޤީޤުކުރާކަށް ނުހަދައެވެ. "މަށަށް ވިސްނިއްޖެ. ޝަބީނާގެ ދިރިއުޅުމުގެ ތި ދިމާވިކަންކަމަށް ވަރަށް ދެރަވެއްޖައިން. ތި މަޢުލޫމާތުތައް ހިއްސާކޮށްދިނީތީ ޝުކުރިއްޔާ."

ޒަހީނަށް ލިބުނު އައު މަޢުލޫމާތުތައް އޭގެ އެންމެ ތާޒާކަމާއެކު ޤްރޫޕްގެ ބައިވެރިންނާ ހަމައަށް ފޯރުކޮށްދިނެވެ. އަކުރުން އަކުރަށް ފިލިން ފިއްޔަށެވެ. އެއްވެސް އުނި އިތުރަށް ނުގެނެސް ޝަބީނާގެ ވާހަކަ ހުރި ގޮތަށެވެ. އެ ޚަބަރު ލިބުނު ވަގުތު ޒޯރާއަށް ލިބުނު ޝޮކަށްވުރެ ވަރުގަދަ ޝޮކެއް ލިބުނީ ޔުއާދަށެވެ. މާޒީގެ އެކިއެކި މަންޒަރުތައް އޭނާގެ ލޮލުގެ ކުރި މަތީގައި ފިޔަ ޖަހައިލިއެވެ. މިޝްކާއާއި ފުރަތަމަ ބައްދަލުވި ދުވަހެވެ. އޭނާގެ ހިތުގައި މިޝްކާ ތަސައްވުރުކުރެވުނު ގޮތާއި ފެނުން ގޮތް ތަފާތުވުމެވެ. މިޝްކާ މަންމަނަކަށް ވެގެން ހުރި ގޮތެވެ. ސަބަބު ޔުއާދަށް މިއަދު ވިސްނިއްޖެއެވެ. އެދުވަހު އޭނާއާ ބައްދަލުކުރީ ޝަބީނާއެވެ.

"މަށަށް އެ ދުވަހު ވެސް ޝައްކުވިއޭ." އާޝޯޚުވެފައި އިން ޔުއާދު ބުންޏެވެ. "އެކަމަކު މިޝްކާއެއް ނޫނޭ ބުނީމާ ވެސް މާތްﷲ ގަންދީ ހުވާކޮށްފައި ބުނީ އެއީ މިޝްކާއޭ. ކޮންފަދަ ނުލަފާ އިންސާނެއް. ފަސްވަގުތު ނާޅާ ނަމާދުކުރަމުން، ސުންނަތް ރޯދަހިފާ، ސުންނަތް ނަމާދުކުރާ މީހަކު އެވަރުގެ ބޮޑު ހުވައެއްކުރާނެކަމަށް ކާކު ހީކުރާނީ ވެސް. މަގޭ މޮޔަކަން މީ."

ޔުއާދުގެ ހިތުގައި ފޫހިކަން އުފެދުނެވެ. މިޝްކާއަށް ކުރަމުން އައި ގަދަރު ވެސް ފަނޑުވެގެން ދިޔައެވެ.

"އެހެންވީމާ ޝަބީނާ އެ ދެއްކީ މުޅިން ވެސް ތެދުވާހަކަތަ؟ މިޝްކާއަކީ ހަމަ ސަހުލާތަ؟" ޒޯރާ ސުވާލު އުފެއްދިއެވެ. "ދެން ޝަޒީލްއާ ބައްދަލުކުރީ ކާކު؟ އެއީ ވެސް ޝަބީނާތަ؟ ދެމީހުން އެކުގައި ސެލްފީ ނަގާ ހެދިއިރު ވެސް ޝަބީނާ އަނގައިން ނުބުނެ ހުންނަނީ؟ ވަރަށް ޤަބޫލުނުކުރެވޭ އެހާ ކައިރިވީއިރު ވާހަކަ ނުދައްކާ ހުންނާނެހެން. ނޫނީ ޝަޒީލްއާ އަސްލު ބައްދަލުކުރީ ސަހުލާބާ؟"

ޔުއާދުގެ ހިތުގައި ވެސް ކުޑަ ޝައްކެއް އުފެދުނެވެ. އެއީ ޝަބީނާ އެ ވާހަކަތައް މެސެޖު މެދުވެރިކޮށް ކިޔާދީފައި އޮތުމުންނެވެ. ޝަބީނާ އެ ވާހަކަތައް ފޯނު މެދުވެރިކޮށް ކިޔާދޭން ބޭނުންނުވީ ކީއްވެގެން ހެއްޔެވެ؟ އެ ހިތްވަރު އެ އަންހެން ކުއްޖާގެ ކިބާގައި ނެތުނީ ހެއްޔެވެ؟

"ފަހަރުގައި ސަހުލާ ބުނެގެން މިޝްކާއަށްވެގެން އުޅުނީ ޝަބީނާއަށް ވެސް ވެދާނެ. އޭނާ މިހާރު އެކަމުން ބޯ ދަމައިގަންނަން ބޭނުންވަނީ ކަންނޭނގެ." ޔުއާދުގެ ވިސްނުން ހާމަކުރިއެވެ.

ޒޯރާއާއި ޒަހީން ދެކޮޅެއް ނުހަދައެވެ. އެއީ ވުން ގާތްކަމެކެވެ. އެ ޝައްކުދުރުކުރުމަށް އަނެއްކާ ވެސް ޝަބީނާއަށް ޔުއާދު ގުޅިއެވެ. އެ އަޑު އަހާލުމުގެ ނިޔަތުގައެވެ. އެހެނަސް ފޯނަށް ޖަވާބު ނުދީފައި، ފަހުން ނުދަންނަ ނަންބަރަކުން މީހަކު ގުޅިއެވެ. ފޯނު ނެގުމުގެކުރިން އެ ކޯލް ކެނޑުނީއެވެ.

ހަމަ އެވަގުތެވެ. އެ ނަންބަރުން ޒަހީންގެ ފޯނަށް ވެސް ކޯލު އަޔެވެ. ޒަހީން ފޯނަށް ޖަވާބުދިންއިރު، އެއީ ޝަބީނާ ރައްޓެހިވެގެން އުޅޭ ފިރިހެން ކުއްޖާއެވެ. ނަމަކީ އަމީދެވެ. އަމީދު ގުޅީ ޝަބީނާއަށް އުނދަގޫނުކުރުމަށް އެދޭށެވެ. އަމީދު އަޑުން އޭނާ ހުރީ ހިތްހަމަނުޖެހިފައިކަން ޒަހީނަށް ވިސްނުނެވެ. އެހެންކަމުން ޒަހީން ދެކޮޅަށް ބަހެއް ނުބުނެއެވެ.

"ހުރިހާ ހަޑިއެއް ހޭވި މީހަކީ އެ ސަހުލާ." އަމީދު ބުންޏެވެ. "އެހެންވީމާ ތި މީހުން އެ ސަހުލާއަށް އުނދަގޫކުރޭ. މަށަށް އެނގޭ ހަޤީޤަތަކީ އެ ސަހުލާއެއް އުނގުފުރެންދެން ލާރި ގެންގުޅުނު ކަން. ޝަބީނާއަކާ އެކަމަކާ އެއްވެސް ގުޅުމެއްނެތް. ދެން މީގެ ފަހުން ޝަބީނާއަށް ނުގުޅާތި."

"އެންމެ ރަނގަޅު." ޒަހީން އެއްބަސްވިއެވެ.

އަމީދުގެ ވާހަކަތަކުން ވެސް ޝަބީނާގެ މައްޗަށް އޮތް ޝައްކު ފިލައިގެންދާ ގޮތެއް ނުވިއެވެ. ދެމީހުންގެ ވާހަކަތަކަށް އަޅާކިޔުނެވެ. ސަހުލާ އެދިގެން، ވަރަށް ގިނަ މީހުންނާ ބައްދަލުކުރިކަމަށް ޝަބީނާ އެއްބަސްވެފައިވެއެވެ. ސަހުލާ ލާރިތަކުގެ މަތީގައި އުދުހެމުން ދިޔަކަމަށް އަމީދު ބުނެފައިވެއެވެ. ލާރި ހޯދާގޮތެއް ބުނެ ނުދެއެވެ. އެހެނަސް ފަރުދާވެފައިވާ މަންޒަރު ޔުއާދަށް ފެންނަ ކަހަލައެވެ. ޝަބީނާއަކީ "މިޝްކާ" އެވެ. މިޝްކާއަކީ މާ ބަގީޗާއެއްގައި ފަރިވެފޮޅިފައި އިން ރީތި މަލެކެވެ. ޑަރޯގާއަކީ ސަހުލާއެވެ. ސަހުލާގެ ރޭވުންތެރިކަމާއި، ހީލަތްތެރިކަމާ އެކު، އެތައް މާބުރެއް މަގު އޮޅުވާލަނީއެވެ. މާބުރަށް މަލުގެ ރީތިކަން ދައްކާގެން އެ ބަގީޗާއަށް ތިރިކުރުވަނީއެވެ. މާބުރަށް ފޮނިކޮޅެވެ. ބަދަލުގައި ސަހުލާ ހިތްފުރޭ ވަރަށް ލިބެނީ ފައިސާއެވެ. އެއީ ޔުއާދުގެ ސިކުނޑިއަށް ފަރުދާގެ ފުރަގަސް ސިފަވެގެން ދިޔަ ގޮތެވެ. ހަމަ އެހިނދު އޭނާގެ ސިކުނޑިއަށް ބަރުވެގެން އައެވެ. އެފަދަ އެދުމަށް ޔުއާދުގެ ކިބައިން މިޝްކާ ނޭދުނީ ކީއްވެގެން ހެއްޔެވެ؟ ޔުއާދުގެ ކުރިމަތީގައި މިޝްކާވަރުގެ މާތް މީހަކު ނޫޅޭނެކަމަށް ހެދިގެން އުޅުނީ ކީއްވެގެން ހެއްޔެވެ؟ ހުރިހާ ފިރިހެނުންގެ ތެރެއިން މިޝްކާ ތެދުވެރި ލޯތްބެއްވި ހަމައެކަނި މީހަކީ ޔުއާދު ހެއްޔެވެ؟ މިޝްކާ ކާވެނިކުރުމަށް ބޭނުންވެގެން، ރޮއެ ހޭރެމުން އާދޭސްކުރުން އެކަމަށް ބާރުލިބެއެވެ. ޔުއާދުގެ އާއިލާއާ މިޝްކާ ބައްދަލުކުރުން ވެސް މެއެވެ.

"މިޝްކާއަކީ ޝަބީނާ." ޔުއާދު ޔަޤީންކަމާއެކު ބުންޏެވެ. "ޝަބީނާ އެ ހަދަނީ ދޮގެއް. ސަހުލާގެ އެދުމަށް އަސްލު އޮޅުވާލައިގެން ޝަބީނާ، މިޝްކާއަށް ވެގެން އުޅުނީ. އެމީހުން ކުރީ ސިއްރު ވިޔަފާރިއެއް. އެ ވިޔަފާރީގެ ހަޤީޤަތް ޝަބީނާގެ މައިންބަފައިންނަށް އެނގުނީމަ ޝަބީނާ އެނބުރި ރަށަށް ގެން ދިޔައީ. މީ މަށަށް ވިސްނޭ ގޮތަކީ."

"ދެކޮޅު ދިމަލެއްނުވޭ." ޒަހީން އެއްބަސްވިއެވެ. "ދެކޮޅު ދިމާކުރުވަން ދެން ހެދޭނެ ގޮތަކީ ޝަބީނާ އެ ހެދީ ތެދުކަމަށް ޤަބޫލުކޮށްފައި، އަހަރުމެންގެ ފޯކަސް ސަހުލާއަށް ބަދަލުކޮށްލުން. ސަހުލާއަކީ މިޝްކާތޯ ނުވަތަ ނޫންތޯ ޔަޤީންކުރުން. އޭރުން ޝަބީނާ ބުނާ އެއްޗެއް ޤަބޫލުކުރަން ފަސޭހަވާނީ."

ޒަހީންގެ ޚިޔާލަށް ޔުއާދު ތާޢީދުކުރިއެވެ. އަމަލީ މަސައްކަތް ފެށުނެވެ. ސަހުލާގެ ނަންބަރު ވަރަށް ފަސޭހައިން ޔުއާދަށް ލިބުނެވެ. ޔުއާދުގެ އަމިއްލަ ނަންބަރުން ގުޅުމުގެ ވިސްނުން ދޫކޮށްލާފައި، އެހެން ނަންބަރަކުން ޔުއާދު ގުޅިއެވެ. ސަހުލާ މިޝްކާއަށްވުމުގެ ކުޑަ ފުރުޞަތެއް އޮތަތީއެވެ.

"އައްސަލާމް އަލައިކުމް." ތެޅެމުންދިޔަ ހިތް ހަމައަކަށް އަޅުވަމުން ޔުއާދު ސަލާމް ގޮވައިލިއެވެ. މިޝްކާގެ އަޑު ޖެހިދާނެތީ ވެސް ޔުއާދު ހުންނަނީ ނޭވާކުރުވެފައެވެ. ފާޑަކަށް ބިރުގަނެފައެވެ. އޭނާއަށް ވަމުންދާ ގޮތްތައް ޚުދު އޭނާއަށް ވެސް ބުނެދޭން ނޭނގެއެވެ.

"ވާލައިކުމް ސަލާމް." ޔުއާދަށް އިވުނީ ފިރިހެނެއްގެ އަޑެކެވެ.

"މީ...... ސަހުލާ ކިޔާ މީހެއްގެ ނަންބަރެއްތަ މީ؟" ކަރުކެހިލާފައި ޔުއާދު އެހިއެވެ.

"އާނ... ވާހަކަ ދައްކަނީ ސަހުލާގެ ފިރިމީހާ ހައްސާނު." އެމީހާ ބުންޏެވެ. "ކޮންކަމަކު ސަހުލާ ހޯދަނީ."

ސަހުލާގެ ފިރިއަކު ހުންނަކަން އެނގުނު ވަގުތު ޔުއާދުގެ ދުލުގައި ތަޅެއްލެވުނު ކަހަލައެވެ. ހަމައެވަގުތުން ވަގުތަށް ސަހުލާ، މިޝްކާއަށް ނުވުމަށް ހިތް އެދެން ފެށިއެވެ.

"ސަހުލާއަށް ގޮވާލަދީފާނަންތަ؟" ޔުއާދު އެދުނެވެ. "ބުނޭ ޔުއާއޭ މީ. ސަހުލާއަށް އެނގޭނެ."

"ޔުއާއޭ." ހައްސާނު ޔަޤީންނުވެފައި ހުންނަ ކަހަލަ ރާގަކަށް ބުނެލިއެވެ.

"ޔުއާދު." ޔުއާދު ފުރިހަމަނަން ބުނެދިނެވެ.

"ޔުއާދު ކިޔާ ރައްޓެއްސެއް ސަހުލާގެ ނުހުންނާނެ." ފޯނު ދިނުމަށް ހައްސާނު އުޒުރުވެރިވީ ކަހަލައެވެ.

"މީ ސަހުލާގެ ރައްޓެއްސެއް." ޔުއާދު ހަނދާންކޮށްދިނުމުގެ ގޮތުން ބުންޏެވެ. "ސަހުލާއަށް އެނގޭނެ ޔުއާއޭ ބުނީމަ."

"ސަހުލާގެ ރައްޓެހިން، ސަހުލާގެ ފިރިމީހާއަށް ނޭނގި ދެން ކާކަށް އެނގެންވީ؟" ހައްސާނު ރުންކުރުވިއެވެ. "ތި ނަން ކިޔާ މީހަކާ ސަހުލާ ރައްޓެއްސެއްނުވާނެ."

ސަހުލާއަށް ފޯނު ދިނުމަށް ހައްސާނު ރީތިގޮތުގައި ދެކޮޅު ހެދީއެވެ. އެކަން ވިސްނުމުން ޔުއާދުގެ އަނގަބެދުނެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނެވެ.

"ތި ނަން ކިޔާ މީހަކާ އޭނާ ރައްޓެއްސެއްނުވާނެ." ހައްސާނު ހަރުކަށިރާގަކަށް ބުނެލިއެވެ. ޔުއާދަށް ބަހެއް ބުނާނެ ފުރުޞަތެއް ވެސް ނުދީ ހައްސާނު ފޯނު ކަނޑައިލީއެވެ.

ޝަބީނާގެ ބަސްތައް ތެދުކަމަށް ނިންމާފައި، ޒަހީންއާއި ޒޯރާ ވެސް ސަހުލާއަށް މެސެޖުކުރިއެވެ. އެވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވާލީ ކީއްވެގެންތޯ ސުވާލުކޮށްފައެވެ. އެހެނަސް ސަހުލާ ކަހާތަން ހިރުވާ ވެސް ނުލިއެވެ. ސަހުލާއަކީ މިޝްކާއޭ ބުނެވޭނެ، ކުޑަ ނަމަވެސް އިޝާރާތެއް ނުލިބުނެވެ. ތަޙްޤީޤް ޓީމުގެ ކަޅިތައް އަނެއްކާ ވެސް ޝަބީނާއަށް އަމާޒުވެގެންދިޔަ ހިނދު ކުރިން ފާހަގަނުވެ އޮތް އިތުރުކަމެއް ފާހަގަވިއެވެ. ވޯޓުލާ މީހުންގެ ރަޖިސްޓްރީން ހޯދި މަޢުލޫމާތުތަކުގެ ތެރޭގައި ޝަބީނާގެ އުފަންދުވަހުގެ މަޢުލޫމާތު ނޯޓު ކުރެވިފައި އޮތެވެ. އެ މަޢުލޫމާތު ޒޯރާގެ ސަމާލުކަމަށް އައުމުން އެކަން ބައިވެރިންނާ ހިއްސާކުރިއެވެ. ޒޯރާ ބުނަން އުޅުނު އެއްޗެއް އެކަކަށް ވެސް ފަހުމެއް ނުވިއެވެ.

"ތި އުފަންދުވަހަށް ބަލާފިނަމަ، މިހާރު ޝަބީނާގެ އުމުރަކީ 18 އަހަރު." ޒޯރާ އޮޅުންފިލުވައި ދިނުމުގެ ގޮތުން ބުންޏެވެ. "އޭގެ މާނައަކީ އަށް އަހަރުކުރިން އަހަރުމެންނާ ވާހަކަ ދައްކަންފެށިއިރު ޝަބީނާއަށް 10 އަހަރޭ ނު."

"މާތްކަލާކޯ." ޔުއާދަށް ބުނެވުނެވެ. "އަހަރުމެންނާ ވާހަކަދެއްކީ 10 އަހަރުގެ ކުއްޖެއްނޫން. އެއީ ޔަޤީންކަމެއް."

"10 އަހަރުގެ ކުއްޖެއްގެ ވިސްނުން އެހާ ވަރަކަށް ނުހުންނާނެ." ޒަހީން ވެސް އެއްބައިވެލިއެވެ. "އެހާ ފަސޭހައިން ދޮގު ހަދާ އޮޅުވާލައިގެން ނޫޅެވޭނެ. އެހެންވީމާ ޝަބީނާ އެ ކިޔާދިނީ ޙަޤީޤަތަށް. މިޝްކާއަށްވެގެން އުޅުނީ ސަހުލާ."

މިޝްކާއަކީ ހަޤީޤަތުގައި ސަހުލާކަމަށް ނުވަދިހަނުވަ އިންސަންތަ ޔަޤީންކުރެވުނީއެވެ. ބާކީ އޮތީ އެންމެ އިންސަންތައެކެވެ. އެ ހުސްޖާގަ ފުރިހަމަވާނީ ސަހުލާގެ އަޑު އިވިގެންނެވެ. ހައްސާނުގެ ސަބަބުން އެކަން ކާމިޔާބުވުމުގެ ފުރުޞަތު ކުޑައެވެ. އެހެނަސް ޔުއާދު ހިތްވަރު އެލުވައެއް ނުލައެވެ. ބަޔަކަށް ސަހުލާގެ ޙަޤީޤަތް އެނގިއްޖެކަން ހަނދާންނެތޭހާ ދުވަސްވަންދެން ޔުއާދު ހިމޭނުން ހުރެފައި، ސަހުލާގެ ފޯނަށް ގުޅަން ތައްޔާރުވިއެވެ. މިފަހަރު އެކަމުގައި ޔުއާދަށް އެހީވީ އެހެން ރައްޓެއްސެކެވެ. ނަމަކީ އަމީނެވެ.

"ތަންކޮޅެއް ގިނައިރު ވާހަކަ ދައްކުވާތި." ޔުއާދު ތަކުރާރުކޮށް އެދުނެވެ. "ކޯލް ރެކޯޑު ކުރާތި."

އަމީނަށް ޙަވާލުކުރެވުނު މަސައްކަތް ފަށައިގަތެވެ. ޔުއާދު ދުރުގައި ހުރީ މަންޒަރު ބަލާށެވެ. އޭނާގެ ހިތް ނެގިނެގިފައި ޖެހެނީއެވެ. ސަހުލާއަކީ މިޝްކާކަން އެނގޭއިރު ވެސް، އެކަން އެހެން ގޮތަކަށް ބަދަލުވެގެން ހިނގާދާނެކަމަށް ޔުއާދަށް އުންމީދުކުރެވެނީ ކީއްވެގެން ހެއްޔެވެ؟ އެ ބޭވަފާތެރިޔާއަށް ޓަކައި، އެ ހިތް ތެޅިފޮޅެންޖެހޭ ސަބަބެއް ޔުއާދަކަށް ވެސް ނުވިސްނެއެވެ. އިޝްޤަކީ އަޖައިބެކެވެ. ކެހިވެރިކަމުގެ ދަލުގައި އިންސާނާ ޖެހި، ހަލާކުވެގެން ދާއިރު ވެސް އިޝްގަށް އަސަރެއް ނުކުރަނީ ހެއްޔެވެ؟ ނުވަތަ އެފަދަ "މާތް" އަންހެނެއްގެ ކިބައިން ފެނުނު މުޑުދާރުކަން ޔުއާދަށް ޤަބޫލުކުރަން އުނދަގޫވަނީ ހެއްޔެވެ؟

"ޔެސް. ކާމިޔާބުވެއްޖެ." އަމީނު ދިނީ އުފާވެރި ޚަބަރެކެވެ. "ފޯނުނަގައިގެން ވަރަށް ވާހަކަ ނުދައްކަން އުޅުނީ. އެކަމަކު ހީވަނީ އާދުއަށް ތި ކުއްޖާގެ އަޑު ޔަޤީންވާވަރަށް ވާހަކަ ދެއްކިއްޖެހެން. މި ފޮނުވަނީ ރެކޯޑިންގ."

"ވަރަށް ބޮޑަށް ޝުކުރިއްޔާ." ރެކޯޑިންގ ލިބުމާއެކު ޔުއާދު ޝުކުރު އަދާކޮށްފައި ދިޔައީއެވެ. އެކަނި ހަމަޖެހިލައިގެން އިނދެ އެ އަޑުއަހާލުމަށެވެ.

"އައްސަލާމް އަލައިކުމް." ސަހުލާ ފޯނު ނެގުމާއެކު އަމީނު ވާހަކަ ދައްކަން ފެށިއެވެ. ސަހުލާ އަނގައިން ބަހެއް ނުބުނެ ސިކުންތުތަކެއް ވޭތުވެގެން ދިޔައިރު، ފަހަތުން ކުޑަކުއްޖަކު ވާހަކަ ދައްކަމުންދާ އަޑު އިވެމުން ދިޔައެވެ. އިރުކޮޅަކުން ސަހުލާ ސަލާމް ބަލައިގަތެވެ. ފަންކާގެ ވައި އަޑާއި، އެ ކުޑަކުއްޖާގެ އަޑުގެ ސަބަބުން ޔުއާދަށް މާބޮޑަށް ސާފެއްނުވިއެވެ.

"މި ގުޅާލީ، މައި ސަރވިސް އިން ސިޓީ، ޕޭޖްގެ ފަރާތުން." އަމީން ފަރިތަކަމާއެކު ބުންޏެވެ. "ތި ބޭފުޅާ މިކޮޅަށް އޯޑަރެއްކޮށްލާފައި އޮތީމަ މި ގުޅާލީ."

"ކޮންތާކުންނޭތޯ؟" ސަހުލާގެ ތުއި އަޑުއިވުނެވެ. އެއީ މިޝްކާގެ އަޑެވެ. ޔުއާދަށް ވަގުތުން ޔަޤީންކުރެވުނެވެ.

"މައި ސަރވިސް އިން ސިޓީ ޕޭޖުން އިނގޭތޯ؟ އޯޑަރެއްކޮށްލާފައި އޮތީމަ." އަމީނު ބުނެދިނެވެ.

"ކޮންއިރަކު." ސަހުލާ އެހިއެވެ.

"އިއްޔަގެ ވަގުތެއްގައި އޯޑަރުކޮށްލާފައި އޮތީ." އަމީން ބުނެލިއެވެ.

"ނުދެން." ސަހުލާ ޖަވާބު ކިތަންމެހާ ވެސް ކުރެވެ.

"ނުބައި ނަންބަރެއް އިނގޭތޯ. މާފުކުރައްވާ." އަމީނު ފޯނުކޯލު ކުރުކޮށްލީ މަޢާފަށް އެދިފައެވެ.

ޔުއާދު ތަކުރާރުކޮށް އެ ރެކޯޑިންގ އަޑުއެހިއެވެ. ލިބުނީ ހަމަ އެއް ޖަވާބެކެވެ. އެއީ ހަމަ މިޝްކާގެ އަޑެވެ. ސަހުލާއަކީ މިޝްކާއެވެ. މިފަހަރު އެ އަޑަކީ މިޝްކާގެ އަޑުކަމަށް ޒޯރާއާއި ޒަހީން ވެސް އެއްބަސްވިއެވެ. ސަހުލާ އެމީހުންނަށް އޮޅުވާލައިގެން އެތައް އަހަރެއް ވަންދެން މިޝްކާއަށްވެގެން އުޅުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟

"އަދިވެސް އަހަންނަކަށް ނުވިސްނޭ." ޔުއާދަށް އެކަން ބަލައިގަންނަން ނުހަނު އުނދަގުލެވެ. "މިޝްކާއަށްވެގެން ހާދަ ކަންކަމެއް ހިއްސާކޮށްފައި އެބަ ހުއްޓޭ. މިޝްކާގެ ކޮއްކޮމެން ކާވެނިކުރުމާ، ފިރިހެން ކޮއްކޮ ދެ އަނތްބަށް މީހަކާ އިނުމާ ކުއްޖަކު ލިބުމާ، މައުވާ ކޮއްކޮ ޕްރެގްވެފަ ކުއްޖާ ބައިގެން ދިޔުމާއި، އަދި ފެމިލީ އެންމެންގެ ފޮޓޯ ފޮނުވުމާ މިހެން ގޮސް ކިޔާނެކަމެއް ނެތް. ކޮންމެ ދުވަހެއްގެ ކޮންމެ ސިކުންތެއް ކޮންމެ މިނިޓެއް ވަކިވަކިން ކިޔާދީފަ ހުރި ހަނދާން ވަނީ. އެއްފަހަރު ވެސް އިޙްސާސްނުވޭ މި ހަދަނީ ހުސްދޮގޭ. އެކަމަކު ވޭތުވެދިޔަ އަށް އަހަރު ދުވަސްވަހުގެ ތެރޭގައި ހައްދަވައިގެން ތެދެއް ހަދާފައި ނެތް. ހާދަހާ ގިނަ ދޮގެއް ހެދިފައި ހުންނާނޭ އޭނާއަށް. އެވަރުން ނުވެގެން މެރީނުކޮށްގެން ރޮއެ ހޭރި، އެންމެފަހުން ގޮސް މަންމައާއި ވެސް ބައްދަލުކޮށްފަ. އޭނާ އެއީ މޮޔައެއްތަ؟ ނަފްސާނީ ބައްޔެއްޖެހިފަ ހުރި އަންހެނެއްތަ އެއީ؟ ކީއްވެގެން އަހަރުމެންގެ އިޙްސާސްތަކާ ކުޅުނީ؟ ބޭނުމަކީ ކޮބާ؟ އަހަރުމެންނަށް މިހެން ހަދާފައި ގޮސް އޭނާ މީހަކާ އިނދެގެން އުފާކޮށް މަޖާނަގަނީ."

މިޝްކާއަކީ ކާކުކަން އެނގުމުން ވެސް ޔުއާދަށް ކުރަންޖެހުނު ފިކުރުތައް މަދެއްނުވިއެވެ. ސިކުނޑިއަށް ލުޔެއްނުލިބުނެވެ. ބައެއް ޙަޤީޤަތްތައް އެނގުމަށްވުރެ ނޭނގުން ރަނގަޅެވެ. އޭރުން ހިތަށް ލިބޭ ތުރާތައް ކުޑަވާނެކަން ޔަޤީނެވެ. އެއީ ކިހާ ތެދު ވާހަކައެއްކަން މިއަދު ޔުއާދަށް ވިސްނިއްޖެއެވެ. ބޭވަފާތެރިކަމުގެ ހިތިރަހަ ޔުއާދުގެ ކަރުބުޑުގައިލުމުން ވެސް، ޖަވާބު އެނގެން ބޭނުންވާ ސުވާލުތައް ހައްތަހާ ވީ އިތުރެވެ. ބޯހާސްވުން ވެސް ވީ އިތުރެވެ. ސަހުލާގެ އަސްލު މަޤްޞަދަކީ ކޮބާހެއްޔެވެ؟ އެކަމުން އޭނާއަށް ލިބުނީ ކޮން ފައިދާއެއް ހެއްޔެވެ؟ އޭގެ ޖަވާބު ހޯދޭނެ ގޮތެއް ނެތެވެ. މީހެއްގެ އަނގައިން ގަދަކަމުން ޖަވާބު ހޯދޭނަމަ އެކަން ވެސް ޔުއާދު ކުރީހެވެ.

"އޭނާ އެ ހިފީ ބަދަލެއްތަ؟" ކުއްލިއަކަށް ޒޯރާ ކުރި ސުވާލުގެ ސަބަބުން ޔުއާދުގެ ވިސްނުން އެހެން ދިމާއަކަށް ދީލާލިއެވެ. ސިކުނޑީގެ ފީތާ ނުހަނު ބާރަށް އެނބުރިގަތެވެ. ސަހުލާއާއި ޔުއާދުގެ ކާވެނި ހަމަޖެހިގެން ދިޔަ ދުވަސްވަރަށް ގޮސް ހުއްޓުނެވެ. އެ ކާވެނި ކެންސަލުވެގެން ދިޔަ ސަބަބު ޔުއާދުގެ ހަނދާނަށް އަޔެވެ. އެކަން ހުއްޓުވުމަށް މިފްރާޙް ކުރި ކަންތަކެވެ. ސަހުލާގެ މަންމަގެ ކުރިމަތީގައި، ސަހުލާގެ އަބުރު ވެއްޔާލައި މޮޑެލިގޮތެވެ. ސަހުލާ އެ ހިފީ އެކަމުގެ ބަދަލު ހެއްޔެވެ؟ ޔުއާދަށް ސަބަބު ޔަޤީންވި ކަހަލައެވެ. އެޔާއެކު ސުވާލެއް ވެސް އުފެދުނެވެ. މިފްރާޙް ކުރި ކުށެށްގެ ބަދަލު ޔުއާދުގެ ކިބައިން ހިފުން އެއީ އިންސާފެއް ހެއްޔެވެ؟

ޔުއާދަށް ކުރެވުނީ ކުށް ހީއެކެވެ. ސަހުލާ ހިފީ ބަދަލެއްނޫން ކަން ޔުއާދަށް ނޭނގުނަސް މިފްރާޙަށް އެނގެވެ. ބަދަލު ހިފަންޖެހޭ ސަބަބެއް ވެސް ނެތީއެވެ. އެދުވަހު ޔުއާދަށް ފެނިފައި ވަނީ ސަހުލާގެ ފޮޓޯތަކަކާއި ވީޑިއޯއެއް ނޫނެވެ. މިފްރާހާއި ސަހުލާގެ މެދުގައި ނާޖާއިޒް ގުޅުމެއް ހިނގާފައެއް ވެސް ނުވެއެވެ. އެ ކާވެނި ކެންސަލުކުރުމަށް ޓަކައި، ސަހުލާގެ މަންމައަށް މިފްރާޙް ވީޑިއޯއެއް ވެސް ދައްކާފައެއް ނުވެއެވެ. ވީއިރު އެ ކާވެނި ކެންސަލުކުރުމަށް މިފްރާޙް ތެޅިފޮޅިގަތީ ކީއްވެގެން ހެއްޔެވެ؟ އެންމެ ގާތް ރަޙްމަތްތެރިޔާ އަނދިރީގައި ބެހެއްޓުމަށް، ދޮގުތައް ހެދީ ކީއްވެގެން ހެއްޔެވެ؟ ޖަވާބު އޮތީ މިފްރާޙްގެ ހިތުގައެވެ. ޔުއާދަށް ނޭނގުނަސް ސަހުލާގެ ބޮޑު ސިއްރެއް، އެ ދުވަހު ވެސް މިފްރާޙަށް އޮތީ އެނގިފައެވެ. އެ ސިއްރަކީ ކޮބާ ހެއްޔެވެ؟

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މި ސްޓޯރީގެ ފޭން އެއް💜

    އޯ އެމް ޖީ..... ދިސް ވޯސް ޖަސްޓް ފެންޓާސްޓިކް... ކީޕް ގޮއިންގް... 💜💜

    3
    2
  2. ކިއުންތެރިޔާ

    ނައިސް

    4
    1