ބަރަހަނާ ފިލްމު އުފައްދައި އެޕްލިކޭޝަންތަކަށް ލަމުންދިޔަކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިޔާ މަޝްހޫރު ވިޔަފާރިވެރިޔާ ރާޖް ކުންދްރާ ޖަލުން ދޫނުކުރަން އެޤައުމުގެ ކޯޓުން ނިންމައިފި އެވެ.

ބޮލީވުޑްގެ ކުޅަދާނަ ފިލްމީތަރި ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދްރާ ޖަލުގައި ހުރީ ގާނޫނާއި ހިލާފަށްކަމަށް ބުނެ ކޯޓަށް ހުށައެޅި މައްސަލަ ކޯޓުން ވަނީ ބަލައިނުގަނެ ބޭރުކޮށްލާފައެވެ.

ރާޖް ހައްޔަރުކޮށްގެން ގެންދާ މަންޒަރު
ފޮޓޯ: ގޫހުލް

ރާޖް ހައްޔަރުކުރުމާއި ގުޅިގެން ޝިލްޕާ މީހާރު ވަނީ މީޑިޔާއާއި ދުރުވެފައެވެ.

ގިނަ އަންހެންކުދިންގެ ބަރަހަނާ މަންޒަރު ފެންނަ ވީޑިއޯތައް ރާޖް އެޕްލިކޭޝަނެއް މެދުވެރިކޮށް އެކި ފަރާތްތަކާއި ހިއްސާކުރި ކަމަށް ބުނަމުންދާއިރު ގިނަ ބަޔަކު ދަނީ ރާޖް އަށް ފާޑުކިޔަމުންނެވެ.

ރާޖް ކުންދްރާ އާއި އޭނާ އާއި އެކު ބަރަހަނާ ފިލްމު އުފެއްދުމުގައި އުޅޭ ރަޔާން ތޯޕޭ ޖަލުން ދޫކޮށްލަން އެމީހުންގެ ވަކީލުން ކޯޓުގައި އެދުމުން ކޯޓުން ވަނީ އެމީހުން ދޫނުކުރެވޭނެ ކަމަށް ނިންމާފައެވެ.

މި މައްސަލާގައި ރާޖް އާއި ދެކޮޅަށް އެތައް ހެއްކެއް އެބަހުރި ކަމަށް އިންޑިޔާގެ ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން އޭނާ ވަޓްސްއެޕް ގްރޫޕެއްގައި ބަރަހަނާ މަންޒަރުގެ ޑީލްތައް ހަދައި އޭގެއިން އާމްދަނީ ހޯދާކަންވެސް ވަނީ އެނގިފައެވެ.

ބަރަހަނާ ފިލްމު އުފެއްދުމުގެ މައްސަލާގައި ރާޖް ކުންދްރާ ހައްޔަރުކޮށްފައި ވަނީ ޖުލައި 19 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކުރީ މިއަހަރުގެ ފެބްރުއަރީމަހު އިންޑިޔާގެ ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައެއްގެ ތަހުގީގުގެ ތެރެއިން ލިބުނު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށެވެ.

ތޯޕޭ ހައްޔަރުކޮށްފައި ވަނީ ޖުލައި 20 ވަނަ ދުވަހުއެވެ. ތޯޕޭ މަސައްކަތް ކުރަނީ ކުންދްރާގެ ފާމުގެ އައިޓީގެ އިސްމީހާގެ މަގާމުގައެވެ. މި މައްސަލައިގައި އިތުރު ނުވަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.