"ނޫން." ކުއްލިއަކަށް ސިހިގެން ދިޔަ ވަގުތު މިޝްކާގެ އަޑު ބޭރުވިއެވެ. ޔުއާދަށް އެ އަޑު އިވުނީ ވަރަށް މަޑުން ނަމަވެސް އެއީ މިޝްކާގެ އަޑުނޫންހެން ޔުއާދަށް ހީވިއެވެ. އެއީ ވަހުމެއް ހެއްޔެވެ؟ ޔުއާދުގެ ހިތުގައި ޝައްކު އުފެދުނެވެ. އެ ޝައްކު ހިތުން ފިލުވައިލުމަށް ޔުއާދު އެތައް ވާހަކައެއް ދެއްކިއެވެ. އެހެނަސް މިޝްކާ ހުރީ މަންމަނަކަށް ބަދަލުވެފައެވެ.

"މިޝްއާ ހާދަ ނުގުޅޭ މިޒާޖެކޭ ތީ." ޔުއާދު ބުންޏެވެ. "ތީ ނުލާހިކު އަނގަގަދަ ކުއްޖެއްނު. ކީއްވެގެން ވާހަކަ ނުދައްކަނީ. އެއްޗެއް ބުނަން ނުކެރެނީތަ؟ ލަދުގަންނަނީތަ؟"

މިޝްކާގެ ޖަވާބު ދިނީ "ހޫމް" އަކުންނެވެ. އަނެއްކާ ވެސް ދޮރާއްޓާއި ދިމާއަށް ބަލައިލިއެވެ. އެދިމާއިން ބަޔަކު ހީނގަތް އަޑު ޔުއާދަށް އިވުނެވެ. އެމީހުންނަށް ފާރަލުމަށް އިތުރު ބަޔަކު ތިބިކަން ޔުއާދަށް ޔަޤީންވިއެވެ. މިޝްކާ އެތެރެއަށް ވަނުމުގެ ޙުއްދަ ޔުއާދު ދިނީ ދޭ ހިތަކުން ނޫނެވެ. މިޝްކާ އެއްވެސް ބަހެއް ބުނެލުމަކައި ނުލައި އަވަސްއަވަހަށް ގޮސް ގޯތިތެރެއަށް ވަދެގެން ދިޔައެވެ. އެ މަންޒަރު ބަލަން ޔުއާދަށް ހުރެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. އެއީ ހަމަ އޭނާދެކެ ލޯބިވާކަމަށް ދަޢުވާކުރާ މިޝްކާ ހެއްޔެވެ؟

ޔުއާދު ހަނިގޯޅިން ނުކުންނަން ހިނގައިގަތްއިރު ވެސް މިޝްކާގެ މިޒާޖަށް އައި ކުއްލި ބަދަލުގެ ސަބަބުން ލިބުނު ޚައިރާންކަން ފިލައިނުދެއެވެ. ފުރަތަމަ ބައްދަލުވުން ޝަޢުޤުވެރި ބައްދަލުވުމަކަށް ނުވުމުން، ހިތްވެސް ވަނީ ނުތަނަވަސްވެފައެވެ. އޭނާ އުންމީދުކުރީ އެ ބައްދަލުވުން ފަހަށް ރައްކާކުރެވޭނެ ފަދަ ފޮނިފޮނި ހަނދާނަކަށް ވާނެކަމަށެވެ. މިޝްކާއަށް އައި ބަދަލުގެ ސިއްރަކީ ކޮބައިހެއްޔެވެ؟ އެމީހުންނަށް ފާރަލަމުން ދިޔައީ ކޮންބައެއް ހެއްޔެވެ؟ އެ ސުވާލުތަކުގެ ޖަވާބު ޔުއާދު ބޭނުންވެއެވެ. އޭގެ ޖަވާބު ދެވޭނީ ވެސް މިޝްކާއަށެވެ. އެ ވިސްނުމުގައި ހުއްޓައި މިޝްކާ ގުޅިއެވެ.

"ޔުއާ....." ވަރަށް ރާގުލާފައި މިޝްކާ ގޮވައިލިއެވެ. "ވަރަށް ބޮޑަށް ޝުކުރިއްޔާ. ވަރަށްވަރަށް ބޮޑަށް.. މީ ވަރަށް ލޯބިލޯބި ހަދިޔާއެއް. އަޅުގަނޑު ވަރަށް އުފާވެއްޖެ. މި ރަތްކުލައިގެ ހިތް މީ ހަމަ ޔުއާގެ ހިތް."

"މަށާ ބައްދަލުކުރަން އައީ މިޝްކާއެއް ނޫން." ޔުއާދު ހިތުގައި އުފެދުނު ޝައްކު ދިމާއަށް ބުނެލީ މިޝްކާ ދެއްކި ވާހަކަތަކަށް ބީރުކަންފަތެއް ދެމުންނެވެ. "އެއީ ކާކު؟ މަށަށް ނޭނގޭނެކަމަށް ނުބައި މީހެއް ފޮނުވީދޯ؟"

ޔުއާދު ކުރި ސުވާލުގެ ސަބަބުން ކުއްލިއަކަށް މިޝްކާގެ އަނގަ ބަންދުވާނެކަމަށް ޔުއާދު ޔަޤީންކުރިއެވެ. އެހެނަސް މިޝްކާ ޖަހައިލީ ހިނިގަނޑެކެވެ. ޔުއާދު އެގޮތަށް ޝައްކުކުރާނެކަން މިޝްކާއަށް މާކުރިން ވެސް އެނގިފައި އޮތް ކަހަލައެވެ.

"އެއީ މިޝްއޭ." މިޝްކާ ހުނުން މައިތިރިކުރަމުން ބުންޏެވެ. "ވަރަށް ވަރަށް އުފާވެއްޖެ. މި ސަރޕްރައިޒް ވަރަށް ކަމުދޭ."

މިޝްކާގެ އަސްލު މިޒާޖަށް ރުޖޫޢަވެއްޖެއެވެ. ބަހެއް ބުނަން އަނގަހުޅުވާލަން ނުކެރުނު ކުއްޖާގެ އަނގަގަނޑު މައިތިރިނުވެއެވެ. ކޮންމެ ބަހެއް ބުނުމުގެ ކުރިން މިޝްކާ ލުއިލުއި ހިނިގަނޑެއް ޖަހައިލައެވެ. މިޝްކާގެ އަޑުގައި ވަނީ އުފާވެރިކަމެވެ. ހިތްހަމަޖެހިފައިވާކަމުގެ އަސަރުތަކެވެ. އެއީ ޔުއާދާ ބައްދަލުވުމުން މިޝްކާގެ ފުށުން ފެންނާނެކަމަށް އުންމީދުކުރެވުނު ގޮތެވެ. ޔުއާދަށް ނުފެނުނު ނަމަވެސް މިޝްކާ އުފާވެފައި ހުރިކަން ޔުއާދަށް އިޙްސާސްވެއެވެ.

"ޤަބޫލެއްނުކުރާނަން." ޔުއާދު ޤަބޫލެއްނުކުރިއެވެ. "އެއީ މިޝްނަމަ ކީއްވެގެން މަށާ ވާހަކަ ނުދައްކަންވީ؟ ބަހެއް ބުނަން ނުކެރެންވީ ކީއްވެގެން؟ ތީ އެހާ ލަދުރަކި ކުއްޖެއްނޫން."

"އަސްލު މިޝް ލަދުގަތީ." މިޝްކާ އޮޅުންފިލުވައިދިނެވެ. "ފޯނުން ވާހަކަ ދައްކާހެން ކުރިމަތީ ހުރެގެން ވާހަކަ ދައްކާކަށް ނުކެރޭނެ. އަނެއްކާ މިގޭގަ އުޅޭ ދޮންތިއާ ތުއްތަ ހުރީ ފާރައަށް. އެމީހުން ދިމާކުރާވަރު ޔުއާއަށް ވެސް އެނގޭނުން. އެހެންވެ ބޮޑަށް ލަދުގަތީ."

ތުއްތަގެ ނަމުން މިޝްކާ މުޚާތަބުކުރަނީ އޭނާގެ ކޮއްކޮ މައުވާއަށެވެ. ދޮންތިއަކީ މިޝްކާމެން ގޭގައި ކިޔަވަން ހުންނަ ކުއްޖެކެވެ. ނަމަކީ ނަރީމާއެވެ. މިޝްކާ ލަދުގަތީކަމަށް ބުނި ވާހަކަ ޔުއާދަށް ޤަބޫލުކުރެވުނެވެ. ޔުއާދަށް ގުޅައިގެން ފޯނުގައި އިންނައިރު ވެސް އެ ދެމީހުން ލާނެއް އެތައް ސަމާސާއެއްކޮށްފައިވާތީއެވެ. އެ ވަރުން ވެސް ޔުއާދުގެ ހިތުން މުޅިން ޝައްކުފިލައިގެން ނުދެއެވެ.

"މިޝް ހާދަކުރޭދޯ؟ މަ ކޮނޑާ ހިސާބަށްވެސް ނާރާ." ޔުއާދު ބުންޏެވެ. "އަނެއްކާ ހިކިވެސް ހިކި. ހިޔެއްނުވޭ 48 ކިލޯ ވެސް ހުންނާނެހެނެއް. މަށަށް ހީވަނީ....."

"ސާބަހޭ. މި ހާދަ ޝައްކުބޮޑު ފިރިހެނެކޭ ދޯ؟" ޔުއާދުގެ ވާހަކަ މެދުކަނޑާލަމުން މިޝްކާ ބުންޏެވެ. "އަދިވެސް ޤަބޫލުނުކުރެވެނީ ދޯ؟ ﷲ ހުވާ ގަންދީކޮށްފައި މި ބުނަނީ. އެއީ މިޝްއޭ."

ޔުއާދުގެ އަނގަ ވަގުތުން ބަންދުވިއެވެ. ޔުއާދަށް ހީކުރެވުނީ ގޯސްކޮށްކަމަށް ނިންމައި އެ ހިތުން ޝައްކާއި ވަހުމުތައް އެކީއެކަށް ފޮހެލިއެވެ. މިޝްކާއަށް އިތުބާރުކޮށްފައެވެ. މިޝްކާފަދަ އަޅުވެރިޔަކު ދޮގެއް ނުހަދާނެއެވެ. އޮޅުވައެއް ނުލާނެއެވެ. އެއީ ޔުއާދުގެ ސިކުނޑި ވިސްނައިދިން ގޮތެވެ. އެހެނަސް ހަޤީޤަތް އޮތީ ފަރުދާވެފައެވެ. ފަރުދާގެ ފުރަގަހުގައި ކުޅެވެމުންދިޔަ ވަރުގަދަ ކުޅިގަނޑުގެ ކުޑަވެސް ހިލަމެއް ޔުއާދަކަށް ނުވެއެވެ.

"އަބަދު މޫނު ފެނިފެނި އެހާ ހިކިވާނެކަމަށް ޤަބޫލުނުކުރެވުނީ ދޯ؟" މިޝްކާ އެހިއެވެ.

ޔުއާދަށް ޤަބޫލުކުރެވިފައި އޮތީ ވެސް މިޝްކާ ބުނި ގޮތަށެވެ. ޔުއާދަށް މުޅިން ވެސް ފެނިފައި ހުރީ މިޝްކާގެ މޫނެވެ. އެހެންކަމުން އޭނާގެ ސިކުނޑީގައި މިޝްކާ ތަޞައްވުރުކުރެވިފައި އޮތީ ކުޑަކޮށް ފަލަމީހެއްގެ ގޮތުގައެވެ. އެ ކުށްހީ ދުރުކޮށްދިނުމަށް މިޝްކާ ބޭނުންވިއެވެ. ޔުއާދާ ބައްދަލުވީ ޔުއާދު ލޯބިވާ މިޝްކާކަން ޔަޤީންކޮށްދިނުމަށް ބޭނުންވިއެވެ. މިޝްކާ ނިންމުމެއް ނިންމިއެވެ. ޔުއާދުގެ ސިކުނޑި އެކަމާ ދެކޮޅެވެ. އެހެނަސް އެކަން މަނަލެއް ވެސް ނުކުރެއެވެ. އިންސާނާ ލޯބީގެ އަޅަކަށްވުމުން ސިކުނޑި އެއްބަސްނުވާ ކިތަންމެ ކަމެއް، ހިތް ތަޖުރިބާކުރަން ބޭނުންވެއެވެ.

މިޝްކާ ބުރުގާ ނާޅާ ފޮޓޯތަކެއް ފޮނުވިއެވެ. އެ ފޮޓޯތަކުގައި މިޝްކާ ހުރީ އަތްކުރު ހެދުމެއް ލައިގެންނެވެ. ކަޅުކުލައިގެ ލޭސް ފޮތީގެ ހެދުމެކެވެ. އެތެރެއިން ލާފައިހުރީ ގަދަފެހި ކުލައިގެ އޮމާން ފޮތިން ފަހާފައިވާ ކޮނޑުކެނޑިއެއް ފާޑު އެއްޗެކެވެ. މިޝްކާގެ ކޮނޑާއި ބުރަކަށިން ބައެއް އޮތީ ހާމައަށެވެ. ހުރަހަކަށް ހަމައެކަނި އޮތީ ފަރުދާއަކަށް ނުވާ ލޭސް ފޮތިގަނޑެވެ. މިޝްކާ އެ ފޮޓޯތައް ނެގުމުގެ ކުރިން އޭނާގެ ރާޅުބާނި ދިގު އިސްތަށިގަނޑުން އައުރަ ކަޝްފުވެފައިވާ ހިސާބު ނިވާކުރުމަށް މަސައްކަތްކޮށްފައިވެއެވެ. އެހެނަސް ބައެއް ފޮޓޯތަކުގައި ފެންނަން ނުވާ ހިސާބުތައް ފެނެއެވެ. އެތެރެއިން ލައިގެން ހުރި އެއްޗެހި ވެސް ފެނެއެވެ. އެހެނަސް ޔުއާދު ފެންނަކަމަކަށް ނުހެދީއެވެ.

"އޫޕްސް އަޅުގަނޑުގެ ޕިންކު ބުރާ." އެންމެފަހުން މިޝްކާ ބުނެލިއެވެ. ވަގުތުން އެ ފޮޓޯ ފޮހެލުމަށް މިޝްކާ އެދުނެވެ. ޔުއާދުގެ ހިތަށް އެރިއެވެ. އެއީ މިޝްކާއަށް އޮޅިގެން ކުރެވުނު ކަމެއް ހެއްޔެވެ؟ މިޝްކާގެ ނިޔަތަކީ މިޝްކާގެ ހިކިކަން ޔުއާދަށް ދެއްކުން ހެއްޔެވެ؟ އެ ނިޔަތާމެދު ޔުއާދަށް ޝައްކުކުރެވުނެވެ. މިޝްކާގެ ސިކުނޑީގެ ލަގަން ޝައިޠާނާ އަތުލައިފިއެވެ. އެކަން ނުވިސްނޭހާ ޔުއާދު ގަމާރެއްނޫނެވެ. އެކަމަކު ބުއްދިވެރިއަކީ އެ ހާލަތުގައި ޤަމާރަކަށް ހެދިގެން ހުންނަ މީހާއެވެ. ވިސްނުންތެރިކަމާއެކު ޝައިޠާނާގެ ދަންތުރައިން ސަލާމަތްވުމަށް ކުރިޔަށް ފިޔަވަޅު އަޅާމީހާއެވެ.

"ހިނގާ ކާވެނިކުރަން." ޔުއާދު ބުންޏެވެ. "މިފަހަރު ރަށަށް ދާނީ މިޝް ގޮވައިގެން. މިޝްއަށް އެންމެ ރަނގަޅުތަ؟"

ކުއްލިއަކަށް މިޝްކާ ހިމޭންވިއެވެ. ބަހެއް ނުބުނެ ވަގުތުތައް ފާއިތުވަމުން ދިޔަވަރަކަށް ޔުއާދުގެ ހިތުގެ ހިނގުން އަވަސްވަމުން ދިޔައެވެ. މިޝްކާ ކާވެންޏާ ނުޤަބޫލުވުމުގެ ވިސްނުމެއް ގެންގުޅެނީ ހެއްޔެވެ؟

"ކީއްވެގެން ކުއްލިއަކަށް؟" މިޝްކާ ޖަވާބުދިނުމުގެ ބަދަލުގައި ކުރީ ސުވާލެކެވެ.

"މިޝް އިންނާކަށް ބޭނުމެއް ނުވޭތަ؟" ޔުއާދު ވެސް ކުރީ ސުވާލެކެވެ.

"ނޫން. އެހެނެއްނޫން. އަދި އަޅުގަނޑު ބައްޕަމެން ގާތުގައި ވެސް ނުބުނަން." މިޝްކާ އުޒުރެއް ދެއްކިއެވެ.

"ބައްޕައާ ބައްދަލުކުރަން ދާންވީތަ؟" ޔުއާދު ހުރީ ގޮތެއް ނިންމައިގެންނެވެ. މިޝްކާއާ ކާވެނިކުރުމަށް ގިރާކުރަންޖެހޭ ހުރިހާ އޮޅިއެއް ފަސްޖެހުމެއްނެތި ގިރާކުރުމަށް ތައްޔާރުވެގެންނެވެ.

"ހާދަ އަވަސް އަރުވާލައިގެން ތި އުޅެނީ؟" މިޝްކާގެ ރާގު ހުރިގޮތުން ކާވެނިކުރަން މިޝްކާ ބޭނުންނުވާހެން ޔުއާދަށް ހީވިއެވެ.

"އަވަހެއް ނޫނެއްނު. މިހާރު އަހަރުމެން ދެމީހުން އެކަކު އަނެކަކަށް އެނގޭތާ ކިތައް އަހަރު ވެދާނެ؟" ޔުއާދު އެހިއެވެ.

"03 އަހަރު." މިޝްކާ މަޑުމަޑުން ޖަވާބުދިނެވެ. "އެކަމަކު މިއަދު އަލަށް އަދި މި ދިމާވީ ވެސް."

"03 އަހަރަކީ އެކަކު އަނެކަކު ދަސްކުރަން ކުރު މުއްދަތެއްނޫން." ވިސްނައިދޭ ކަހަލަ ރާގެއްގައި ޔުއާދު ބުންޏެވެ. "ދެން އިތުރަށް ދަސްވާނީ އެކުގައި އުޅެންފެށީމަ. ކިތަންމެ ދުވަހަކު މި ގޮތަށް ވާހަކަ ދެއްކި ނަމަވެސް 100 ޕަސެންޓް ދަހެއް ނުވާނެ. އަހަރެން ބޭނުމެއްނުވޭ ރައްޓެހިވެގެން ތިބެ އެކަހެރި ބައްދަލުވުންތައް ބާއްވާކަށް. އަނެއްކޮޅުން މިޝް މަށާ ވާހަކަދައްކާނީއެއް ވެސް ނޫން. އެހެންވީމަ އިތުރަށް އިންތިޒާރުގައި ނުތިބެ ކާވެނިކުރަން ފެންނަނީ. ބައްޕައާ ބައްދަލުކޮށްފައި ޚިޔާލެއް ހޯދާލަމާ. މާދަމާ ހަވީރު ތި ގެއަށް ދާންތަ؟ ބައްޕަ ގޭގަ އުޅޭނެތަ؟"

"އެންމެ ރަނގަޅު. ދެ ނަމާދުދޭތެރޭ ބައްޕަ ގޭގައި އުޅޭނެ." އެންމެފަހުން މިޝްކާ އެއްބަސްވިއެވެ. މިޝްކާގެ މައިންބަފައިން ގަބޫލުނަމަ ވީ އެންމެ އަވަހަކަށް ކާވެނިކުރާނެކަމުގެ ޔަޤީންކަން މިޝްކާ ދިން ނަމަވެސް އެ އަޑުގައި އުފާވެރިކަމެއް ނެތެވެ. ޔުއާދު އެކަން ބޮޑުކަމަކަށް ނުހެދީ އޭނާއަށް. ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބިފައިވާތީއެވެ. ދެކެމުން އައި ހުވަފެންތަކުގައި ކުލަޖެހެމުން އަންނަކަމުގެ އިޙްސާސްތައް އެ ހިތުގައި އަށަގަނެފައި ވަނީ އޮބިނޯންނަ ވަރަށެވެ. އެ އުފާވެރިކަމުގައި އޭނާގެ ހަށިގަނޑުގެ ހުރިހާ ގުނަވަނެއް ބައިވެރިވަމުން ދިޔައެވެ.

ޖެހިގެން އައި ދުވަހެވެ. ޒަމާނުންސުރެ މީހުން ބުނެ އުޅޭ ދެނަމާދު ދޭތެރޭގެ ވަގުތެވެ. ޔުއާދު ގެއިން ނުކުތީ ވަރަށް ފޮނި އުންމީދަކާ އެކުއެވެ. މިޝްކާގެ ބައްޕައާ ދައްކާނެ ވާހަކަތައް ހިޔާލުގައި ރާވަމުން މިޝްކާ އުޅޭ ގެއާ ހަމައަށް ޔުއާދު ދިޔައެވެ. މިޝްކާގެ ބައްޕަގެ ކުރިމައްޗަށް އަރަންޖެހޭތީ ޔުއާދު ހުރީ ހިސާބަކަށް ނުތަނަވަސްވެފައެވެ. ޖެހިލުންވެފައެވެ. ބައްޕަ ކާވެންޏަށް ނުގަބޫލުވެދާނެތީއެއް ނޫނެވެ. އަނގައޮޅިގެން ވެސް ބައްޕަ ނުރުހިދާނެފަދަ ބަހެއް ބުނެވިދާނެތީއެވެ. ފުލުފުލުގައި ފުންނޭވާތައް ބޭރުކުރަމުން މިޝްކާއަށް ގުޅިއެވެ. ފޯނެއް ނުނެގިއެވެ. ޔުއާދު ދެވަނަ ފަހަރަށް ވެސް ގުޅިއެވެ. ޖަވާބެއް ނުދެއެވެ. އެ ހިސާބުން ޔުއާދުގެ މޫނުގައިވި ކުލަވަރު ފަނޑުވާން ފަށައިފިއެވެ. މިޝްކާ ފޯނާ ދުރުގައި އުޅެނީ ހެއްޔެވެ؟ މިޝްކާގެ ބައްޕަ ކާވެންޏާ ނުގަބޫލުވީ ހެއްޔެވެ؟ ކާވެނީގެ ވާހަކަ ދެއްކުމުން މިޝްކާ ބިރުގަތީ ހެއްޔެވެ؟ ކާވެނިކުރަން ބޭނުންވާ ވާހަކަ ބުނި ހިސާބުން މިޝްކާއަށް ބަދަލުތަކެއް އައިކަން ޔުއާދަށް އޮތީ ފާހަގަވެފައެވެ. ކުއްލިއަކަށް ތަފާތު އެތައް ޚިޔާލުތަކަކުން ޔުއާދުގެ ސިކުނޑި ހާސްކޮށްލައިފިއެވެ.

އިޝާ ނަމާދު ބަންގި ގޮވިއިރު ވެސް މިޝްކާގެ ޚަބަރެއް ނުވިއެވެ. ޔުއާދު އިތުރަށް އިންތިޒާރުކުރާކަށް ނުހަދައެވެ. އެނބުރި ގެޔަށް ދިޔައީ މިޝްކާ ކަންކުރި ގޮތުން ނުހަނު ހިތްހަމަނުޖެހިފައި ހުރެއެވެ. މިޝްކާ ގުޅާނެއިރަކަށް އިންތިޒާރުކޮށްކޮށް ވަރުބަލިވީއިރު ވެސް އެ ވަގުތު ނައުމުން، އަނެއްކާ ވެސް މިޝްކާއަށް ގުޅީ ޔުއާދެވެ. ލިބުނީ ކުރިން ވެސް ހަމަ ލިބުނު ޖަވާބެވެ. މެސެޖް ވެސް ކުރިއެވެ. މީސްމީޑިއާއިން ވެސް މިޝްކާގެ ޚަބަރެއްވޭތޯ ބެލިއެވެ. ކާމިޔާބެއް ނުލިބުނެވެ. ތަންކޮޅެއް ދަންކޮށްލާފައި މިޝްކާގެ ފޯނަށް ގުޅިއިރު ކޯލް "ވެއިޓިންގ" ގައި ހުއްޓެވެ. ދެވަނަ ފަހަރަށް ގުޅުމުން މިޝްކާ ފޯނު "ބިޒީ"ކޮށްލީއެވެ. ދެން ގުޅިއިރު ފޯނު އޮތީ ނިއްވާލާފައެވެ.

ޖެހިގެން އައި ދުވަހު މިޝްކާ މީސްމީޑިއާ އިން ވެސް "ގެއްލިއްޖެ"އެވެ. ޒަހީންއާއި ޒޯރާ މެދުވެރިކޮށްގެން ވެސް މިޝްކާއަށް ވީނުވީއެއް ޔުއާދަކަށް ނުހޯދުނެވެ. ކުއްލިއަކަށް މިޝްކާ ގެއްލުނު ސަބަބެއް އެކަކަށް ވެސް ނުވިސްނުނެވެ.

މިޝްކާ ގެއްލުމާއެކު ޔުއާދުގެ މުޅި ދުނިޔެ އަނދިރިވެއްޖެއެވެ. ވީނުވީއެއް ނޭނގި ހަފަރާތް ކަޅުވިލާތަކުން ފުރާލުމުން ޔުއާދަށް ކޮޅަށް ހުންނާނެ ހިތްވަރު ވެސް ނުލިބުނެވެ. އަރުން ކާ އެއްޗެހި ދިރުވަން ނުހަނު އުނދަގުލެވެ. ދެލޮލުން ކަރުނަ ނުހިކެއެވެ. ރޭގަނޑުގެ ނިންޖަކީ ޔުއާދަށް ބީރައްޓެހި އެއްޗަކަށްވިއެވެ. އިޝްޤަކީ މިޔަތޫނު ހަންޖަރެއްކަން ސާބިތުވީއިރު، މިޝްކާ ދުނިޔޭގައި ހުރިކަމެއް ވެސް ނުވަތަ ނެތްކަމެއް ވެސް ޔުއާދަކަށް ނޭނގެއެވެ. މިޝްކާ އުޅޭ ގޭ ބުޑުގައި މުގޯލިއެޅުނު އަދަދު ވެސް ޔުއާދަކަށް ނޭނގެއެވެ. އެގޮތުން ވެސް އަލިމަގެއް ނުފެނުމުން މިޝްކާއަކީ ބޭވަފާތެރިއެއް ކަމަށް ނިންމާފައި، އެ ހަނދާންތައް ހިތުން ފޮހެލަން ޔުއާދު ވަރަށް މަސައްކަތްކުރިއެވެ. އެހެނަސް ހަނދާން ނައްތައިލަން މަސައްކަތްކުރި ވަރަކަށް އެ ހަނދާންތައް އާލާވުންނޫން ކަމެއް ނުވިއެވެ. މިޝްކާ ގުޅާނެއިރަކަށް ޔުއާދަށް އިންތިޒާރުކުރެވެނީއެވެ. ފޯނު ރަނގަބީލު ވިޔަސް މިޝްކާ ގުޅަނީހެން ޔުއާދަށް ހީވަނީއެވެ. ސިހިފައި، ފޯނު ނަގާއިރު ގުޅަނީ ކޮންމެވެސް އެހެން މީހެކެވެ. މަގުމަތިން މޫނު އެޅި މީހަކު ފެނުނަސް މިޝްކާނޫން ދެވަނަ ދެފަރާތެއް ޔުއާދުގެ ޚިޔާލަކަށް ނާދެއެވެ.

މިޝްކާ ކަންކުރި ގޮތުން ޔުއާދަށް ހަމަޖެހިލައިގެން ނޭވާލުމުގެ ޙައްޤުވެސް ނެތި ދިޔަކަހަލައެވެ. މިޝްކާއާ ނުލައި އުޅެންޖެހުމުން ޔުއާދު ބަދަލުވީ ދިރިހުރި މައްޔިތަކަށެވެ. ވަކިވާން ބޭނުންވާނަމަ، ސަބަބެއް ބުނެދިންނަމައޭ ޔުއާދުގެ ހިތަށް އަރައެވެ. އޭރުން ވެސް ހިތަށް ތަޞައްލީއެއް ލިބުނީހެވެ. ޖަވާބު ނުލިބޭ ސުވާލުތަކަކުން ޔުއާދު ބޯހާސްވާކަށް ނުޖެހުނީހެވެ. މިޝްކާއަށް ވީ ގޮތެއް ނުބަލައި، އަޅާނުލައި ހުންނަން ޔުއާދު ބޭނުންވެއެވެ. އެހެނަސް އެކަމަށް އޭނާގެ ބަސްނާހާ ހިތް ތާޢީދެއް ނުކުރިއެވެ. އެކަމަކު މިޝްކާއަށް ވީ ގޮތެއް ހޯދާނީ ވެސް ކިހިނަކުން ހެއްޔެވެ؟

"އެގެއަށް ދާންވީނު؟" ޚިޔާލަކަށް އެދުމުން، ޒަހީން ހިޔާލު ފާޅުކުރިއެވެ.

"ކިހިނެއް އޭނަ އުޅުނުތަނެއް އެނގޭނީ؟" މާޔޫސްވެފައި އިން ޔުއާދަށް ބުނެވުނެވެ. "އެ ދޮރާށިން ވަދެގެން ގޮސް ވަނީ ކޮންތަނަކަށް ކަމެއްވެސް މަށަކަށް ނޭނގޭ."

"ފަހަރަކު ގެޔަކަށް ވަދެފައި މިޝްކާ އުޅޭތޯ އަހާނީ. އެވެސް ގޮތެއްނު." ޒަހީން ބުންޏެވެ. "ތި ގޮތަށް އިރުވިދިފައި އިން މާކަނައެއްހެން އިނުމަށްވުރެ އެގޮތަށް މަސައްކަތްކޮށްލުން މާ ރަނގަޅުވާނެ. މަ ހިނގާދާނަމޭ އާދުއާ އެކީ."

ޔުއާދުއާއި ޒަހީން އެކުގައި މިޝްކާ ހޯދުމުގެ މަސައްކަތަށް ނުކުތެވެ. މިޝްކާ ވަދެގެން ދިޔަ ދޮރާށި ކައިރިއަށް ގޮސް ޔުއާދު މަޑުކޮށްލިއެވެ. ދޮރާށީގެ މަތީގައި ގ.ރޯޝަން ލިޔެފައި އޮތެވެ. އެއީ މިޝްކާގެ ބައްޕަގެ ގެތަކުގެ ތެރެއިން ގެއެކެވެ. ދޮރާށިން އެތެރެއަށް ވަދެފައި އަނެއްކާ ވެސް ޔުއާދަށް މަޑުޖެހިލެވުނެވެ. އެއީ ވެސް ހަނިހަނި ގޯޅިއެކެވެ. ގޯޅީގެ ދެފަރާތުގައި ބުރިބުރިއަށް ނަގާފައިވާ "ކޮތަރުކޮށި" ތަކެއް ހުއްޓެވެ. މިޝްކާ ހޯދަން ބޭނުންވެއްޖެނަމަ އެއިން ކޮންމެ ކޮއްޓަކަށް ބޯ ދިއްކުރަންޖެހޭނެއެވެ. ކޮންމެ ގެއެއްގެ ދޮރުގައި ޓަކި ޖަހައި، މިޝްކާ އުޅޭތޯ ސުވާލުކުރަންޖެހޭނެއެވެ. ނޫޅޭކަމަށް ބުނެއްޖެނަމަ އޮޅިގެންކަމަށް ބުނެ އޮޅުވައިލަންޖެހޭނެއެވެ. އެއީ ނުހަނު ލަދުވެތި ކަމެކެވެ. ވަގުތުން ޔުއާދުގެ ހިޔާލު ބަދަލުވިއެވެ.

"ހިނގާދާން. ކޮންމެ ގެޔަކަށްވަދެ އަހާކަށް ނުކެރޭނެ." ޔުއާދު އުޅުނީ އެ ގޯޅިން ނުކުންނާށެވެ.

"އިޝްޤުގައި ޖެހުމުން އިންސާނާއަށް އާދަޔާ ޚިލާފު ބާރެއް ލިބެޔޭ ބުނާތީ އަޑުއަހަން." ޔުއާދު ހުއްޓުވަމުން ޒަހީން ބުންޏެވެ. "ފުރަތަމަ ފަހަރަށް މި ފެނުނީ އެ ކަހަލަ ބާރެއް ލިބިފައި ނެތް މީހަކު. ތިހާ ފިނޑި މީހަކަށް ނުވެބަލަ. އެހާ އަވަހަށް ހިތްވަރު އެލުވާލާ އެއްޗެއްނޫނެ."

"ފިނޑީކީ ނޫނޭ. ތީ ވަރަށް ލަދުވެތިކަމެއް." ޔުއާދު މަޑުމަޑުން ބުނެލިއެވެ.

"އެއްވެސް ބަހަނާއެއް ދައްކާނެކަމެއްނެތް." ޒަހީން ހުރީ އެކަން ކޮޅެއްގައި ޖައްސައިފައި މެނުވީ ނުހުއްޓޭ ގޮތަށެވެ. "މިއަދު މިތަނުން ނުކުންނަންވާނީ މިޝްކާ އުޅޭ ގެއެއް ހޯދައިގެން. ހަމަ ޔަޤީނުން ވެސް މަ ނުކުންނާނީ އެކަންކޮށްފައި. އާދު އެކަންޏެއްނޫން މިޝްކާއަށް ވީ ގޮތެއް ނޭނގިގެން ކަންބޮޑުވަނީ. މަ ވެސް. ޒޯރާ ވެސް މި ހުންނަނީ ތި ނުތަނަވަސްކަމުގެ ތެރޭގައި ތާށިވެފައި. ހައްޔަރުވެފައި. އެހެންނުވާންވީ ސަބަބެއް ނެތް. އެހާ ގާތްކޮށް އުޅެފައި ކުއްލިއަކަށް ގެއްލުނީމަ އޭނައަށް ވީ ގޮތެއް ހޯދުން އެއީ ވަރަށް މުހިންމު. މި ބުނީ ދޮގެއްތަ؟ ހަމަވެދާނެ މިޝްކާއަށް ވަރަށް ބޮޑުކަމެއް މެދުވެރިވީކަމަށް ވެސް. އަހަރުމެންގެ އެހީތެރިކަން ބޭނުންވާ ކަހަލަ ކަމަކަށް ވެސް ވެދާނެ."

"އޯކޭ ހިނގާ. މަ ވެސް ތި ކަމާ ދެބަސްވާކަށް ނެތިން." ޔުއާދު ހަތިޔާރު ބެހެއްޓިއެވެ. "މިޝް އުޅޭނީ މިތަނުން ކޮންމެވެސް އިމާރާތެއްގެ ދެވަނަ ފުލޯގައި. އެވަރު މަށަށް ޔަޤީން. އެހެންވީމަ ހުރިހާ ފުލޯތައް ޗެކުކުރުމުގެ ބަދަލުގައި ކޮންމެ އިމާރާތެއްގެ ވެސް ދެވަނަ ބުރި ބަލަމާ."

ކުރަންޖެހޭ މަސައްކަތް ލުއިވުމުން އިތުރު ޖޯޝެއް ޒަހީނަށް ލިބުނެވެ. ފަހަރަކު އިމާރާތަކަށް ވަދެ، ދެވަނަ ފަންގިފިލާގައި މިޝްކާ ނަމަކަށް ކިޔާ ކުއްޖަކު އުޅޭތޯ ޒަހީން ސުވާލުކުރަމުން ދިޔައެވެ. ނޫޅޭކަމަށް ބުނުމާއެކު އޮޅިގެންކަމަށް ބުނެ، މަޢާފަށް އެދެނީ ވެސް ޒަހީނެވެ. އަދި އެ ނަން ކިޔާ ކުއްޖަކު އުޅޭ ފަންގިފިލާ އެނގޭތޯ ވެސް އޭނާ އަހައެވެ. ޔުއާދު ހުރީ އެކަން ބެލުމަށްކ ަނޑައަޅާފައި ހުރި ސުޕަވައިޒަރެއްހެން ޒަހީންގެ ފަހަތުގައި ވިއްދާފައެވެ. އެ ގޯޅީގެ އެންމެ އެތެރެއިން ކަނާތް ފަރާތުގައި ހުރި އިމާރާތުގެ ދެވަނަ ފަންގިފިލާނޫން ހުރިހާ ތަނެއް ބަލައި ނިމުނުއިރު، މިޝްކާ އުޅޭ ގެ ދެމީހުންނަށް ވެސް އޮތީ ވަރަށް ބޮޑަށް ޔަޤީންވެފައެވެ. އެ އިމާރާތުގެ ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ދިޔައިރު ޔުއާދުގެ ހިތް އަވަސްވާ ގޮތްވިއެވެ. މިޝްކާއާ ބައްދަލުވާން އުޅޭކަމުގެ ވަސްވާސްތައް އުފެދި، ނޭވާކުރުވާން ފެށިއެވެ. ދޮރުކައިރިއަށް ހުއްޓެމުން ދޮރުގެ ކައިރީގައި ހުރި ބެލް އަޅާލީ ޔުއާދެވެ. މިނެޓެއް ފާއިތުވެގެން ދިޔައިރު ވެސް އެތެރެއިން އެއްވެސް މީހެއްގެ ހިލަމެއްނުވިއެވެ. ދެވަނަ ފަހަރަށް ފުލުފުލުގައި ބެލްއަޅާލީ ޒަހީނެވެ. މޫނު ބުރުގާ އަޅައިގެން ހުރި އަންހެނަކު ދޮރު ހުޅުވައިލިއެވެ. މޫނުފޮތިކޮޅު ރީތިކޮށްލަމުން އޭނާ ޒަހީނަށް ބަލައިލީ ކީއްކުރާ ކުއްޖެއްތޯ އަހާލާފަދަ ނަޒަރެއް ދެމުންނެވެ. އެއީ މިޝްކާއަށް ވުރެ ބިޔަ އަންހެނެކެވެ. އިސްކޮޅުން ވެސް ދިގެވެ.

"މިގޭގައި މިޝްކާ ކިޔާ...." ޒަހީނަށް ބުނެވުނީ އެހިސާބަށެވެ.

ކުއްލިއަކަށް އެ އަންހެނާގެ ނަޒަރު ޔުއާދަށް ބަދަލުވިއެވެ. އެޔާއެކު އެ އަންހެންމީހާގެ ދެލޯ ބޮޑުވި މަންޒަރު ޔުއާދަށް ފެނުނެވެ. ކުއްލި ސިހުމެއް ލިބުނުހެން ވެސް ޔުއާދަށް ހީވިއެވެ.

"މިގޭގައި މިޝްކާ ކިޔާ ކުއްޖެއް އުޅޭތަ؟" ޒަހީން ސުވާލު ފުރިހަމަކުރިއެވެ.

އެ އަންހެންމީހާއަށް އެ ސުވާލުގެ ޖަވާބުދިނުން މުހިންމެއް ނުވިއެވެ. ކުއްލިއަކަށް ބަން ކިޔާފައި ދޮރު ޖެހުމާއެކު، ދެމީހުންނަށް ވެސް ލިބުނީ ވަރުގަދަ ސިހުމެކެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒޯރާ

    ދޮރު ހުޅުވީ މިޝްކާގެ މަންމަ ކައްނޭގެ. އަދިލަސް ދޮރުލެއްޕިލެއް. އެހެންވަނީ ފިރިހެނުން ހޯދަން ދަންޏާ . މިޝްކާ ހޯދަން ޒޯރާ ފޮނުވިނަމަ ވެސް ތިކަން ވެއްޖެ.
    ވަރަށް ރީތިވާނެހެން ހީވަނީ މިވާހަކަ.

    8
    1
  2. ކަަފީ

    އަސްލު ޅަކުއްޖަކައް ހެދިގެން ތި ވާހަކަ ދެއްކީ އެ އަންހެންމީހާ. ޔުއާދުއައް އޮޅުވާލީ