"މިގޭގައި މިޝްކާ ކިޔާ ކުއްޖެއް އުޅޭތަ؟" ޒަހީން ސުވާލު ފުރިހަމަކުރިއެވެ.

އެ އަންހެންމީހާއަށް އެ ސުވާލުގެ ޖަވާބުދިނުން މުހިންމެއް ނުވިއެވެ. ކުއްލިއަކަށް ބަން ކިޔާފައި ދޮރު ޖެހުމާއެކު، ދެމީހުންނަށް ވެސް ލިބުނީ ވަރުގަދަ ސިހުމެކެވެ.

"އެއީ ކާކު؟" ހައިރާންވެފައި ހުރެ ޒަހީން ސުވާލުކުރިއެވެ. "މިގޭގައި މިޝް ނޫން އިތުރު މީހަކު މޫނު އަޅައިގެން އުޅޭތަ؟"

"މިޝްގެ މަންމަ މާލެ އައީތަ؟" ޔުއާދުގެ ހިތުގައި ވެސް އުފެދުނީ ސުވާލެކެވެ. އަދި އެހާމެ އަވަހަށް އޭނާއަށް ހީވާ ހީވުމެއްގެ މައްޗަށް ބިނާކޮށްފައި ޖަވާބު ވެސް ދީފިއެވެ. މިޝްކާގެ ކޮއްކޮ މުލްހަމްއަށް ކިޔަވާދިނުމުގެ ބޭނުމުގައި އިންޑިއާގައި ދިރިއުޅެމުންދާ މިޝްކާގެ މަންމަ މާލެ އައީކަމަށް ބުނެފައެވެ.

"މަންމަ ވަރަށް ރުޅި އައިސްފައި ކަންނޭނގެ އެހުރީ." ޔުއާދު ނުތަނަވަސްވިއެވެ. މިޝްކާއަށް ވީނުވީއެއް އެނގޭނެކަމަށް ކުރެވުނު ކުޑަ އުންމީދު ވެސް ފެނައްވީތީއެވެ. މަންމަ ޢަމަލުތައް ހުރި ގޮތުން އެކަން އޮޅުން ފިލާނެކަމާމެދު ޝައްކެވެ.

"މަންމައެއްނޫން ކޮންމެ މީހަކަސް ހެޔޮ. ޖަވާބެއް ނުދީ މޫނު މައްޗަށް ދޮރު ޖެހުން އެއީ ހާދަ ހުތުރުކަމެކޭ." ޒަހީން އަނެއްކާ ވެސް ބެލް އަޅާލަން އުޅުމުން ޔުއާދު އެކަމަށް ހުރަސްއެޅިއެވެ.

"މަންމަ ރޭސް އަރުވަން ނުހަދާ މިތަނުން ދާން ހިނގާ." ޔުއާދު ހިނގައިގަތެވެ. މިޝްކާއަށް ވީގޮތެއް ނޭނގުނު ނަމަވެސް މަންމަ ހިތްނުރެހޭކަމެއް ކުރަން ޔުއާދު ބޭނުމެއް ނުވެއެވެ. ޒަހީނަށް ވެސް އެވަރު ވިސްނިގެން ފަހަތުން އަންނާނެކަމަށް އުންމީދުކޮށްގެން ކުރިޔަށް ދިޔައެވެ. އެހެނަސް ޒަހީނަކީ ޔުއާދުހާ ފަސޭހައިން ކަންކަމުގައި ދޫދޭނެ މީހެއްނޫނެވެ. އޭނާ ފުލުފުލުގައި ބެލް އަޅަން ފެށި އަޑު އިވުމާއެކު ޔުއާދު ސިހިއްޖެއެވެ. ދެފައި ބިމުގައި ތަތްލައިފިއެވެ.

"ކަލޭ މޮޔަވީތަ؟" ޔުއާދު ބާރަށް ގޮސް ޒަހީންގެ އަތުގައި ހިފައި ތިރިކުރަމުން މަޑުމަޑުން ބުންޏެވެ. "ބަލަ އަހަރުމެން ދިރިއުޅޭ ގޮތާއި އެމީހުން ދިރިއުޅޭ ގޮތް ހާސްބައި ތަފާތުވާނޭ. މަންމަ ރުޅި އައި ސަބަބު ނުވިސްނެނީތަ؟ މިޝް އަހަރުންނާ ހީހީފަ ވާހަކަ ދެއްކިޔަސް މަންމަ އެގޮތަށް ވާހަކަ ދައްކާކަށް ބޭނުމެއްނުވާނެ. އަހަރުމެން މީ މިޝްއަށް ހިލޭ ބަޔެކޭ. ފިރިހެނުންތަކެއް މިޝް ހޯދަން އައީމަ ރުޅި އައިސްގެން މޫނު މައްޗަށް ދޮރު އެ ޖެހީ. މަ ހީކުރީ ޒަހީނަށް އެވަރު ވިސްނޭނެކަމަށް."

"މަށަށް ވެސް ތިކަން އެނގޭ." ޒަހީން ބުންޏެވެ. "އެކަމަކު މިޝްއަށް ވީނުވީއެއް ބުނެލަ ދިނަކަސް އޭނަ އަނގައިން ތަންގަނޑެއް އުންޏެއް ނުވާނެ."

ޒަހީން އަނެއްކާ ވެސް ބެލް އަޅާލީއެވެ. ޔުއާދުގެ ކަންބޮޑުވުމާއި ނުތަނަވަސްކަން އިހުނަށްވުރެ އިތުރުވިއެވެ. ޒަހީންގެ ސަބަބުން ބަޔަކު ދުއްތުރާތަކެއް ތަހައްމަލުކުރަންޖެހޭތީއެވެ. މިޝްކާ މަންމަގެ ހިތް ޔުއާދުގެ މައްޗަށް ކަޅުވެގެން ހިނގައިދާނެތީ ވެސް ޔުއާދު ޖެހިލުންވިއެވެ. ޒަހީން ބެލް އަޅާއަޅާ ވަރުބަލިވީއިރު ވެސް މިޝްކާގެ މަންމަ ދޮރެއް ނުހުޅުވިއެވެ. ބޮލަށް އުނދަގޫވެގެން ހަޅޭލަވައިގަންނާނެކަމަށް ހީކުރެވުނު ނަމަވެސް އެކަން ވެސް އެގޮތަށް ހިނގާނުދިޔައެވެ.

ޔުއާދުގެ ފޯނަށް ކޯލެއް އަންނަ އަޑުއިވުނެވެ. ޖީބުގައި އޮތް ފޯނު ނަގައި ބަލައިލިއެވެ. ވައިބަރ މެދުވެރިކޮށް ގުޅަމުން ދިޔަ މީހާގެ ނަން ފެނުމާއެކު ޔުއާދުގެ ހަތަރެސް ފަޔަށް ފިނިވެގެން ދިޔައެވެ. ސިކުންތުކޮޅަކަށް ނޭވާ ވެސް ހުއްޓުނު ކަހަލައެވެ. ދެ ހަފްތާއަށްވުރެ ގިނަ ދުވަސްތަކެއް ވަންދެން ޔުއާދު އެ ކޯލަކަށް އިންތިޒާރުކުރަމުން ދިޔަ ކޯލް އަންނަނީއެވެ. ޔުއާދަށް ޤަބޫލުކުރަން ދަތިވީ ވަރުން ޒަހީނަށް ފޯނުގެ ސުކުރީން ދައްކައިލިއެވެ. ޒަހީން އަތްތިރިކޮށްލީ އަވަހަށް ޖަވާބުދޭށޭ ބުނަމުންނެވެ. އެ ވަގުތު ފޯނު ކެނޑިއްޖެއެވެ.

ޔުއާދު އަވަސްއަވަހަށް ފާސްބަސް ޖަހާފައި ފޯނު ހުޅުވައިލިއިރު ދެއަތުގައި ވަނީ ތުރުތުރުލުމެކެވެ. މިޝްކާގެ މެސެޖެއް ވައިބަރ މެދުވެރިކޮށް ލިބުނީ އެވަގުތެވެ.

"ޔުއާދު މޮޔަވީތަ؟"

ކުރުކުރު މެސެޖެވެ. ޔުއާދުގެ ނޭވާ ސިކުންތުކޮޅަކަށް ހުއްޓުނު ކަހަލައެވެ. ޔުއާދުގެ ނަން މިޝްކާ ލިޔުނު ގޮތުން ވެސް، މިޝްކާ އެހުރީ ހިތްހަމަނުޖެހިފައިކަން ޔުއާދަށް ވިސްނުނެވެ.

"މަންމަ ރުޅި ނާރުވާ................ ދާން އުޅޭ." މިޝްކާގެ ދެވަނަ މެސެޖު ފޮނުވުމާއެކު ޔުއާދަށް ދަތްތަކަށް ބާރުކޮށްލެވުނެވެ. މިޝްކާ ގާތުގައި ހުރި ނަމަ އެ ބަސްތައް ބޭރުވާނީ ރުޅިވެރި ހަޅޭކަކާއެކުގައި ކަން ޔަޤީނެވެ.

ތިންވަނަ އަށް މިޝްކާ ފޮނުވީ ރުޅި އައިސްގެން ގޮސް މުޅި މޫނު ރަތްވެފައިވާ އެމޯޖީއެކެވެ. ޔުއާދުގެ ހަށިގަނޑުގައި ދައުރުވަމުން ދިޔަ ލޭ ހޫނުވިއެވެ. މިޝްކާއަށް ރުޅިއައުމުގެ ޙައްޤު އެބައޮތް ހެއްޔެވެ؟ އެތައް ދުވަހެއް ވަންދެން "ގެއްލިގެން" އުޅެފައި ރުޅިއައިސްގެން ހަޅޭލަވަންވީ މިޝްކާ ހެއްޔެވެ؟ ޔުއާދު ހިތްހަމަނުޖެހުނު ވަރުން އެ ވަގުތުން ވަގުތަށް މިޝްކާގެ ފޯނަށް ގުޅީ ހަޅޭލަވައިގަންނާށެވެ. އެކަމަކު ނަސީބު ދިމާކުރިގޮތުން ފޯނު އޮތީ ނިއްވާލާފައެވެ. ވައިބަރ މެދުވެރިކޮށް ގުޅިއިރު އޮންލައިނުން ވެސް މިޝްކާ ގެއްލިއްޖެއެވެ.

"މި ވަނީ ކިހިނެއްތަ؟" ޔުއާދު ގާތަށް އައި ކުއްލި ރުޅި ފިނިވެގެން ގޮސް މުޅިމީހާ ފިނިވެއްޖެއެވެ. ހުސްކަމަކަށް ގެނބިގެން ހިނގައްޖެއެވެ. ވާނުވާ ނޭނގި އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި ހައްޔަރުވެ އިތުރު ސުވާލުތަކަކުން އޭނާގެ ބޯހާސްވާން ފަށައިފިއެވެ.

"ތީ އަޖައިބެއް ކަހަލަ އަންހެނެއްނު." ޒަހީން ވެސް ފާޑަކަށް ހިތްހަމަނުޖެހުނެވެ. "އަދި ރުޅިއަންނަން ވެސް ވީ އޭނަތަ؟ ހިނގާދާން. މި ތަނަށް އައިސް މި ކުރެވުނީ ބޭކާރުކަމެއްނޫން. މިހާރު މަށަށް ޔަޤީންވެއްޖެ މިޝްކާ ޚަބަރެއްނުވެ ފިލައިގެން އެ އުޅެނީ ހަމަ ގަސްދުގައިކަން. މިޝްކާ ބޭނުމެއްނުވޭ އާދުއާ ކާވެނިކުރާކަށް. އޭނަ ކާވެނިކުރަން ބޭނުންނުވާތީ ހަމަ ގަސްދުގައި އާދުއަށް ދިން ލަނޑެއް މީ. ހިނގާދާން."

ޔުއާދަށް އެ ވާހަކަތައް ޤަބޫލުކުރާކަށް އެހާ ފަސޭހައެއް ނޫނެވެ. އޭނާ ކާވެނިކުރުމަށް މިޝްކާ ގާތުން އެދުމުގެ ކުރިން ވެސް، އެ ދެމީހުން އެ މައުޟޫއަށް އެތައް ވާހަކައެއް ދައްކާފައިވެއެވެ. ދިރިއުޅުމުގެ ކަންކަން ހަމަޖައްސާނެ ގޮތްގޮތާ މެދު މަޝްވަރާކޮށްފައިވެއެވެ. ކާވެނިކޮށްގެން ޔުއާދުގެ ރަށަށް ބަދަލުވާނެކަމުގެ ވައުދު ވެސް މިޝްކާ އޮތީ ވެފައެވެ. އަދި މާލޭގައި އޮތް މިޝްކާ ބައްޕަގެ ގޯތިން މިޝްކާއަށް ލިބޭބައި ކުއްޔަށްދިނުމުން، އެމީހުންނަށް ރަށުގައި ހަމަޖެހިލައިގެން ދިރިއުޅެވޭނެކަމުގެ ވާހަކަތައް ވެސް މިޝްކާ ދެއްކީ އަމިއްލައަށް އިސްވެއެވެ. ޔުއާދުގެ އެއްވެސް މަޖުބޫރެއް ނެތިއެވެ. ކާވެނިކުރަން ބޭނުންނުވާނަމަ އެ ވާހަކަތައް އެގޮތަށް ދެކެވިގެން ހިނގައިދާނެކަމަކަށް ޔުއާދަކަށް ޤަބޫލެއްނުކުރެވެއެވެ.

"ތި ގޮތަށް ވިސްނަން އަދި މާ އަވަސް. މިޝް ކާވެނިކުރަން ބޭނުންވޭ. އެއީ ޔަޤީންކަމެއް. މަށަށް ހީވަނީ މި މެސެޖުތައް މިކުރަނީ މިޝް ނޫން އެހެން މީހަކުހެން." ޔުއާދުގެ ވިސްނުން ބަދަލުވީއެވެ. ހަމަ ހަޤީޤަތުގައި ވެސް މިޝްކާއަށް ބޮޑު ކަމެއް މެދުވެރިވީ ހެއްޔެވެ؟ މިޝްކާ ކާވެނިކުރަން ނިންމުމުން، އެކަމަށް މިޝްކާގެ އާއިލާ ނުރުހުނީ ހެއްޔެވެ؟ މިޝްކާ ހޯދަން ގެއަށް އައިސް އުނދަގޫކުރުމުން، އެގޮތަށް މެސެޖުކުރުމަށް މިޝްކާގެ މަންމަ މަޖުބޫރު ކުރީ ހެއްޔެވެ؟

"މިޝް ކާވެނިކުރަން ބޭނުންނުވާކަން، އާދުއަށް އަދިވެސް ޤަބޫލެއް ނުކުރެވޭ ދޯ؟" ޒަހީން އެހިއެވެ.

"ތީ ޤަބޫލުކުރަން އެހާ ފަސޭހަކަމެއްނޫން." ޔުއާދު ޙަޤީޤަތަށް ބުންޏެވެ. "އަދިވެސް މިޝްއަށް ވަރަށް އިތުބާރުކުރަން. މި ބުނީ ގަސްދުގައި އެފަދަ ބޮޑު ލަނޑެއް ނުދޭނޭ."

މިޝްކާގެ މަންމައަށް އުނދަގޫކުރެވުނީތީ ޔުއާދު މާފަށް އެދިފައި މެސެޖުކުރިއެވެ. އަދި މިޝްކާއަށް ވީ ގޮތެއް އަންގައިދިނުމަށް ވެސް ޔުއާދު އެދުނެވެ. މިޝްކާ އަލުން ގުޅާނެއިރަކަށް އޭނާ އިންތިޒާރުކުރިއެވެ. ވައިބަރ އިން އޮންލައިނު ވާނެއިރަކަށް ފާރަލަމުން ދިޔައެވެ. ދެ ދުވަސް ފާއިތުވެގެން ދިޔަ ފަހުން ޔުއާދުގެ ނަސީބު އަތުގައި ހިފައިފިއެވެ. މިޝްކާ އޮންލައިނުން ފެނުމާއެކު ޔުއާދު ވަގުތުން ގުޅީ ފޯނަށް ޖަވާބު ނުދިނަސް ވަރިހަމަކަމަށް ނިންމާފައެވެ. އުންމީދުކުރި ގޮތާއި ޚިލާފަށް މިޝްކާ ފޯނަށް ޖަވާބުދިނެވެ.

"ހަލޯ...." އަވަސްވެފައިވާ ހިތް ހަމައަކަށް އަޅުވަމުން ޔުއާދު ވާހަކަދެއްކިއެވެ. މިޝްކާ ބަހެއް ނުކިޔައެވެ. ދެވަނަ ފަހަރަށް ގޮވައިލުމުން ވެސް ޖަވާބެއް ނުދިނެވެ.

"ތީ މިޝްތަ؟" މިޝްކާގެ ފަރާތުން ޖަވާބެއް ނުލިބުނު ނަމަވެސް ޔުއާދު ވާހަކައާގެން ކުރިޔަށް ދިޔައެވެ. "ކީއްވެގެން މިޝް ވާހަކަ ނުދައްކަނީ؟ މިޝް ކޮންމެވެސް އެއްޗެކޭ ބުނެބަލަ. މަ ރުޅި އައިސްފައެއްނޫނޭ މިހުރީ. ވާހަކަ ދައްކަބަލަ. ހެޔޮނުވާނެ. މިޝްއަށް ވީ ގޮތެއް ނޭނގިގެން މަށަށް ކެވެނީކީ ނޫން ނިދެނީކީ ނޫން. ބޮޑު ނުތަނަވަސްކަމަކާއި ހާސްވުމެއްގައި އުޅެން މި ޖެހެނީ. މިޝް އެއްޗެއް ބުނެބަލަ."

"ޔުއާ ފޫއްސެއްނުވޭތަ؟" މިޝްކާގެ އަޑު ޔުއާދުގެ ކަންފަތުގައި ޖެހުނު ވަގުތު ޔުއާދަށް ދެލޯ މަރައިލެވުނެވެ. މުޅި ނަފްސަށް ހަމަޖެހުން ލިބިގެންދިޔައެވެ. ވޭތުވެދިޔަ ދުވަސްތަކުގައި އުޅެންޖެހުނު ގޮތުން ޔުއާދުގެ ހިތުގައި މިޝްކާގެ މައްޗަށް އުފެދުނު ހިތްހަމަނުޖެހުން ވެސް ފިލާދިޔައެވެ.

"ޔުއާ ރުޅިއެއް ނާދޭތަ؟" މިޝްކާގެ އަޑުގައި ޖެހިލުންވުމުގެ އަސަރު ހުއްޓެވެ.

 

"ރުޅި އަންނަން ބޭނުންވިޔަސް ރުޅިއެއް ނާދެވޭ." ޔުއާދު މަޑުމައިތިރިކަމާއެކު ބުންޏެވެ. "އެކަމަކު ހިތްހަމަޖެހިގެންނޭ އުޅުނީ ބުނެފިނަމަ އެ ވާނީ ދޮގަކަށް. މިޝް ކަންކުރިގޮތުން މި ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި. އެކަމަކު ޤަބޫލުކުރަން ބޭނުންވަނީ މިޝް ތިގޮތަށް ކަންތައްކުރީ ކޮންމެވެސް މަޖުބޫރީއެއް އޮތުމުންނޭ. މިޝް ކިހިނެއްވީތަ؟"

"ކުރިން ވެސް ލޯބިވީ ވަރަށް ލޯބި ވެސް ވާނެތަ؟" މިޝްކާ އަނެއްކާ ވެސް ކުރީ ސުވާލު ތަކެކެވެ. "އަދިވެސް އަޅުގަނޑުގެ ނަން ތި ހިތުގައި ލިޔެވިފައިވޭތަ؟"

"މިޝްދެކެ ލޯބިނުވާނަމަ، މިޝްއަށް ވީގޮތެއް އޮޅުންފިލުވުމަށް މި ޔުއާދެއް ނުގުޅާނެ." ޔުއާދު ފުންނޭވާއެއް ދޫކޮށްލަމުން ބުނެލިއެވެ. ޔުއާދު މިޝްކާދެކެ ވަނީ ހަޤީޤީ ލޯތްބެވެ. މިޝްކާގެ ނަން ވަނީ އޭނާގެ ހިތުގައި ބިންވަޅުނެގިފައެވެ. އެއީ ހިތަށް އަރާއިރަށް ރަބަރުން ފޮހެލެވޭ ގޮތަށް، ފަންސޫރަކުން ފަވާލެވިފައި އޮތް ލަފްޒެއް ނޫނެވެ. އެކަން މިޝްކާއަށް ނުވިސްނެނީ ހެއްޔެވެ؟

"މިޝްއަށް އިތުބާރުކުރާނަންތަ؟" މިޝްކާގެ ސުވާލު ގޯނިން އިތުރު ސުވާލެއް ޔުއާދާ ކުރިމަތިކުރުވިއެވެ.

ޙަޤީޤަތަކީ މިޝްކާއަށް ޔުއާދު ނުހަނު އިތުބާރުކުރާކަމެވެ. އެހެނަސް އެކަން ފާޅުކުރާކަށް ޔުއާދުގެ ހިތެއް ނޭދުނެވެ. އޭނާއަށް ލިބުނު ހުސްކަން ފޫބެދުމުން މެނުވީ އެ ޔަޤީންކަމެއް ނުދޭނެއެވެ. އެކަންވާނީ މިޝްކާ ކަންވީގޮތް އޮޅުންފިލުވައި ދިނުމުންނެވެ.

"ތި ސުވާލުތައް ބަހައްޓާފައި، މިޝްއަށް ވީގޮތެއް ކިޔާދީ." ޔުއާދު އެދުނެވެ. "ފޯނު ނިއްވާލައިގެން މަށަށް ފިލައިގެން އުޅޭ ސަބަބު ބުނެދީބަލަ."

މިޝްކާގެ ހިމޭންކަން ދިގުލައިގެން ދިޔައެވެ.

"ފެމިލީ މީހުން ކާވެންޏާ ނުގަބޫލުވީތަ؟" ޔުއާދަށް އެއްޗެއް ނުބުނެ ނީނދެވިގެން އެހިއެވެ.

"ނޫން." މިޝްކާ ކުރުޖަވާބެއް ދިނެވެ.

ޔުއާދާއި މިޝްކާގެ ދެމެދަށް އެޅޭ ހުރަހަކަށް މިޝްކާގެ އާއިލާނުވާ ކަން އެނގުމުން ޔުއާދަށް ހިތްހަމަޖެހުން ލިބުނެވެ.

"އިތުރަށް ނުތަޅުވާ ވީ ގޮތް ކިޔާދީބަލަ." ޔުއާދު އާދޭހާއެކު އެދުނެވެ.

"އަޅުގަނޑު މި ހުރީ ރާއްޖެއިން ބޭރުގައި. އެހެންވެގެން ފޯނަށް ނުގުޅެނީ. މަންމަ މާލެދާން ބޭނުންވީމަ ކޮއްކޮ ކައިރީގައި މަޑުކޮށްލަންވެގެން އައީ."

މިޝްކާ ދެއްކި ވާހަކައިން ޔުއާދަށް ލިބުނީ ދެ ސުވާލެއްގެ ޖަވާބެވެ. އެއީ މިޝްކާގެ ނަންބަރަށް ނުގުޅޭ ސަބަބާއި އެމީހުންގެ ކާވެންޏަށް އާއިލާގެ ނުފޫޒެއް ނެތްކަމެވެ. ޔުއާދަށް މި ވަގުތަށް މުހިންމު ވާހަކަތަކެއް ނޫނެވެ. ކާވެނީގެ ވާހަކަ ދެއްކުމާއެކު މިޝްކާ ގެއްލުނު ސަބަބު އެނގުން އެޔަށްވުރެ މުހިންމެވެ. ކުއްލިއަކަށް މިޝްކާ ރާއްޖެއިން ބޭރަށް ދާންޖެހުމަކީ މީސްމީޑިއިން މިޝްކާ ގެއްލެންޖެހޭ ސަބަބެއްކަމަށް ޤަބޫލުކުރާނީ މޮޔައެކެވެ. އެއީ ޔުއާދު ވާނުވާގައި ހުންނަން ދޫކޮށްލަންޖެހޭ ސަބަބެއް ވެސް ނޫނެވެ.

"ބައްޕައާ ބައްދަލުކުރަން ދިޔުމުން މިޝް ފޯނުނުނެގީ ކީއްވެގެން؟ މި ހުރިހާ ދުވަސްވަންދެން އެއްވެސް ޚަބަރެއްނުވެ އުޅުނީ ކީއްވެގެން؟ ފޯނުން ނުގުޅެންޏާ މެސެޖަކުން ނަމަވެސް އުޅޭ ހާލެއް އަންގައިނުލީ ކީއްވެގެން؟" ޔުއާދު ޖަވާބު ބޭނުންވެގެން ކެތްމަދުވެފައިވާ ސުވާލުތައް އަމުނައިލިއެވެ.

މިޝްކާ ރޯންފެށިއެވެ. ގިސްލަގިސްލާފައެވެ. ޔަޤީނުން ވެސް މިޝްކާއަށް ބޮޑުކަމެއް މެދުވެރިވެއްޖެއެވެ. ޔުއާދަށް އެނދުގައި ހަމަޖެހިލައިގެން ނީދެވުނެވެ. ކޮޅަށް ތެދުވެވުނެވެ.

"ވީ ގޮތެއް ބުނީމަ އެނގޭނީ." ކެތްތެރިކަމާއެކު ޔުއާދު ބުންޏެވެ. "ރޮއެގެން އެއްވެސް ކަމެއް ހައްލެއްނުވާނެ. މިޝްއަށް ކޮން މަޖުބޫރީއެއް އޮތީ."

"މިއްޕެ ބިރު ދައްކަނީއޭ." މިޝްކާ އަޑަށް ބާރުލަމުން ބުންޏެވެ. "މިއްޕެ ބިރުދެއްކީމާ އެ ދުވަހު ފޯނު ނުނެގުނީ. ޖެހިގެން އައި ދުވަހު އަޅުގަނޑު މިކޮޅަށް އައިސްފިން. މިއްޕެގެ އުނދަގޫ ބޮޑުވެގެން ހުރިހާ އެކައުންޓެއް ޑީ-އެކްޓިވޭޓް ކުރީ. އެނގޭ ޔުއާ ވަރަށް ހޯދާނެކަން. ގެއަށް ދިޔަކަން ވެސް އެނގޭ. މަންމަ ރުޅިއައިސްގެން ހަޅޭލެވީމައި އެ ދުވަހު އެ ގޮތަށް މެސެޖުކުރެވުނީ. އަޅުގަނޑަށް މާފުކުރޭ. މިއްޕެ އޮތީ އެއްވެސް ވާހަކައެއް ނުބުނުމަށް ބިރުދައްކާފައި."

މިފްރާޙްގެ ސޫރަ ބިރުވެރި ހިޔަންޏެއް ފަދައިން ޔުއާދުގެ ދެލޯ ކުރިމަތީގައި ތަރަތަރަ ޖަހައިގަތެވެ. މިފްރާޙަށް ލިބުނު ނާކާމިޔާބީގައި ރަށުން ފުރައިގެން ދިޔަގޮތަށް، މިޝްކާގެ ދިރިއުޅުމުން ވެސް ފެއްސިގެން ދިޔައީކަމަށް ޔުއާދަށް ހީކުރެވިފައި އޮތެވެ. އަމާންކަމާ އޮމާންކަމާއެކު އަހަރުތަކެއް ފާއިތުވުމުން އެކަން ޔަޤީނަށް ބަދަލުވީއެވެ. ގަދަބާރުން ލޯބި ނުހޯދޭނެކަން މިފްރާޙަށް ވިސްނި، މިޝްކާގެ ޚިޔާލު އޭނާގެ ސިކުނޑިން ނެރެ އެއްލާލީކަމަށް ވެސް ޔަޤީންކުރީއެވެ. މުޅިން ވެސް ހީވާހީވުންތަކަށް ބިނާކޮށް ޔުއާދަށް ވިސްނިފައިވާ ގޮތްގޮތެވެ. އެހެނަސް މިޝްކާގެ ވާހަކައިން، މިޝްކާގެ ދިރިއުޅުމުން މިފްރާޙްގެ ބާބު ނުނިމޭކަން ޔުއާދަށް ޔަޤީންވެއްޖެއެވެ. މިފްރާޙަކީ މިޝްކާ ބުނި ފަދަ މުޑުދާރު ކަންކަން ކުރަންޖެހިލުންވި ޒުވާނެއް ނޫނެވެ. މާޒީއަށް ބަލައިފިނަމަ، އެއީ ހިނގާފާނެކަމެއް ކަން ސާބިތުވެއެވެ. އެކަމަކު މިޝްކާއަށް ބިރު ދެއްކުމަށް މިފްރާޙް ބޭނުންކުރީ ކޮންފަދަ ހަތިޔާރެއް ހެއްޔެވެ؟ ޔުއާދު ވިސްނައިލިއެވެ. އެޔާއެކު ވިސްނުމަށް އައި ޚިޔާލެއްގެ ސަބަބުން ދެލޯ މުދުނުގައި ޖެހުނެވެ.

"މިޝްގެ ފޮޓޯތަކާއި ވީޑިއޯތައް އޭނާގެ އަތުގައި ވެސް ހުރީތަ؟" ޔުއާދު ޔަޤީންކުރަން ބޭނުންވިއެވެ.

"އައްޗީޑި ޔުއާދު." ގިސްކަނޑަމުން މިޝްކާ ހަޅޭއްލަވައިގަތެވެ. "މިހާ ދުވަހު އެކުގައި އުޅުނުއިރު ޔުއާއަށް އެނގެންވާނެ މިޝްއަކީ ތި ބުނާ ކަހަލަ ކުއްޖެއްނޫންކަން."

"އެހެންވެގެންތާ މި އަހަނީ." ޔުއާދު ވެސް އަޑަށް ބާރުލަމުން ބުންޏެވެ. "މިޝްއަކީ އެކަހަލަ ކުއްޖެއްކަން ޤަބޫލުނުކުރެވޭތީ މި އަހަނީ. މިއްޕެގެ ގޮތް މަށަށް އެނގޭތީ މި އަހަނީ."

"ތި ހީކުރާ ކަހަލަ އެއްވެސް އެއްޗެއް މިއްޕެ އަތަކު ނުހުންނާނެ." މިޝްކާ ރޮމުންރޮމުން ބުންޏެވެ. "އަޅުގަނޑަކީ ތިހާ ވިޔާނުދާ މީހެއްނޫނޭ."

"ދެން އެހެންވީއިރު މިޝްކާއަށް ބިރުދައްކަން މިއްޕެ ކުރަނީ ކޮންކަމެއްކަން ބުނެދެވިދާނެތަ؟" މިފަހަރު ޔުއާދު ސުވާލުކުރީ ތަންކޮޅެއް ހަރުކަށި ރާގަކަށެވެ.

ޔުއާދު އުންމީދުކުރީ މަޤުބޫލު އުޛުރެއް މިޝްކާ ދައްކާނެ ކަމަށެވެ. އެކަން ޔުއާދުގެ ބުއްދި ޤަބޫލުކުރެވޭވަރުގެ ވާހަކައަކަށް ވާނެކަމަށެވެ. އެކަމަކު މިޝްކާގެ ފަރާތުން ލިބުނު ޖަވާބުގެ ސަބަބުން، މިޝްކާއާ އިނުމަށް ފައިވިއްދާލައިފައި ހުރި ޔުއާދުގެ ފައި ކައްސާލިއެވެ. ކުރަމުންދިޔަ އިތުބާރުގައި ކޫރުން އަޅުވައިލިއެވެ. އެޔާއެކު ޔުއާދަށް ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރުވިއެވެ. ފަރުދާގެ ނިވަލުގައި އިނދެ މިޝްކާ ކުޅެމުންދަނީ ކޮންކަހަލަ ކުޅިގަނޑެއް ހެއްޔެވެ؟

(ނުނިމޭ)