ޗައިނާގެ އެކްޓަރު އަދި ޗައިނީޒް ޕޮޕް އައިޑަލް ކްރިސް ވޫ ރޭޕް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.

ކްރިސް ވޫ ހައްޔަރު ކުރީ އުމުރުން 19 އަހަރުގެ ދަރިވަރަކު ރޭޕް ކުރި ކަމަށް ކުރެވުނު ތުހުމަތެއްގައެވެ. މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ.

ޑޫ މެއިޒޫ ނަމަކަށް ކިޔާ މި 19 އަހަރުގެ ކުއްޖާ ބުނެފައިވާ ގޮތުގައި އޭނާގެ އިތުރުން ކްރިސް ވޫގެ ފަރާތުން ޖިންސީ ގޯނާގެ ޝިކާރައަށްވި އެތައް ކުދިންނެއް ވެސް ތިބިއެވެ. މީގެތެރޭގައި 18 އަހަރު ނުފުރޭ ކުޑަކުދިން ވެސް ހިމެނެއެވެ.

މި މައްސަލައިގެ ތަހުގީގުތައް ކުރިއަށް ދަނިކޮށް މި މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ އަންހެން ކުއްޖެއް ވެސް ވަނީ ކްރިސް އޭނާއަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެފައެވެ.

އެމެރިކާގެ ލޮސް އެންޖަލެސްގައި ބޭއްވި ކްރިސް ވޫގެ ''ފޭން މީޓިން'' ގެ ތެރެއިން ދިމާވެ ދެ މީހުންގެ ވީޗެޓްގެ އައިޑީ ހިއްސާކުރި ކަމަށާއި އަދި ދެވަނަ ފަހަރަށް ދިމާވުމުން ކްރިސްގެ ކްރިސް އޭނާއަށް ޖިންސީ ގޯނާ ކުރި ކަމަށް މި ކުއްޖާ ބުނެފައިވެއެވެ.

ދެކުނު ކޮރެޔާގެ ލަވަ ބޭންޑެއް ކަމުގައިވާ ''އެކްސޯ'' އިން ލަވަކިޔުމުގެ ދުނިޔެއަށް ތަޢާރަފްވި އުމުރުން 30 އަހަރުގެ ކްރިސް ވޫއަކީ މިހާރު ޗައިނާގައި ލަވަކިޔުމުގެ އިތުރުން އެކްޓް ކުރުމާއި މޮޑެލް ކުރުމާއި އަދި ޕްރޮޑަކްޝަންގެ ދާއިރާގައި ވެސް މަސައްކަތް ކުރާ ފަންނާނެކެވެ.

ކިޔުންތެރިންގެ ހިޔާލު