ކައިވެންޏެއް ކުރަނީ ދެ މީހުން ވެސް އެކުގައި އުޅެން ބޭނުންވާތީއެވެ. އެކުގައި އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވާތީއެވެ. ނަމަވެސް އެ އުފާވެރި ކަމަށް ހުރަސް އަޅާ އެތައް ކަމެއް ހުރެއެވެ.

އެހެންކަމުން އުފާވެރި ކައިވެންޏަކަށް މި އެޅޭ ހުރަސްތައް ދެނެގަނެ އެކަންތައްތަކުން އަރައިގަތުން ވަރަށް މުހިންމެވެ.

އުފާވެރި ޒަވާޖީ ހަޔާތެއް ވޭތުކުރުމަށް ސަމާލުކަން ދޭންޖެހޭ ކަންތައްތަކީ:

ދެމީހުން ވެސް އެއްކޮށް އުޅެން ބޭނުންވެގެން އުޅުން

އާއިލާގެ ނުވަތަ ރަހުމަތްތެރިންގެ ނުފޫޒުން ނުވަތަ އެހެން މީހުންނަށް ދެއްކުމަށް ނަމަވެސް އެކުގައި އުފާވެރިކޮށް ނޫޅެވޭނެއެވެ. ދެމީހުން ވެސް އުފަލުގައި އުޅެން ބޭނުން ނަމަ އެ ގުޅުން ދެމިއޮންނަން ނުވަތަ ކުރިއަށް ގެންދިޔުމަށް ދެމީހުން ވެސް ބޭނުންވާން ޖެހޭނެއެވެ. ދެ ފަރާތުން ވެސް ލޯބިވުން މުހިންމެވެ.

ބައިވެރިޔާއަށް ނުވާވަރު ކަންކަމަށް އުއްމީދު ނުކުރުން

ލޯތްބަކީ މީހާ ކަނުކޮށްލާ އެއްޗެކޭ މީހުން ބުނެއެވެ. އެ ލޯބީގެ ސަބަބުން ބައިވެރިޔާގެ ފަރާތުން އެތައް ކަމަކަށް އުއްމީދު ކުރެވެއެވެ. އެއީ ބައިވެރިޔާއަށް ނުވާވަރު ކަމެއް ނަމަވެސް އުއްމީދު ކުރެވެއެވެ. އަދި އެ ކަންތައްތައް ނުވެއްޖެ ނަމަ ދެރަވެ މާޔޫސްވެ ހިތްހަމަ ނުޖެހެން ފަށައެވެ.

އެކަކު އަނެކަކަށް އިހުތިރާމް ކުރުން

ކަންކަމާއި ވާހަކަ ދައްކާ މަޝްވަރާ ކުރުމަށް ވުރެ ވެސް އެންމެ މުހިންމު ކަމަކީ އެކަކު އަނެކަކަށް އިހުތިރާމް ކުރުމެވެ. 40 އަހަރު ވަންދެން އުފާވެރި ދިރިއުޅުމެއްގައި އުޅެފައިވާ ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި އެންމެ މުހިންމު ކަމަކީ އެކަކު އަނެކަކަށް އިހުތިރާމް ކުރުން ކަމަށެވެ.

މީގެއިތުރުން ދެރަވާ ކަންތައްތަކާއި އެހެނިހެން ކަންތައްތަކާއި މެދު ވެސް ވާހަކަދެއްކުމާއި އެކަކު އަނެކަކަށް އަމިއްލަ ވަގުތު ދިނުމާއި، މަޢާފް ކުރުމާއި، އަންނަ ބަދަލުތަކާއި މެދު ވާހަކަ ދައްކާ އެކަންތައްތައް ރަނގަޅު ކުރުން ނުވަތަ ގަބޫލު ކުރުމާއި، އަޅާނުލައި ދޫކޮށްލެވޭ ކުދިކުދި ކަންތައްތަކުން ބޮޑެތި މައްސަލަތައް ކުރިމަތިވެދާނެ ކަމަށް ދެކިގެން އުޅުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު