ކޮވިޑް-19 އާއެކު ދުނިޔޭގެ ހުރިހާ ހިސާބެއްގައި އާންމު ދިރިއުޅުމަށް ވަނީ ބަދަލު އައިސްފައެވެ. މިހާރު ދުނިޔޭގެ އެކި ގައުމުތަކުގައި އެންމެ މުހިންމު އެއްޗަކަށް ބަލަމުން އަންނަނީ މީހާގެ އަތުގައި ކޮވިޑް ކާޑެއް ނޫނީ ސެޓްފިކެޓެއް އޮވޭތޯއެވެ. ކޮވިޑް-19 ގެ ދެ ޑޯޒް ނުޖަހާ ނަމަ، ބައެއް ގައުމުތަކަށް އެރިޔަ ނުދެއެވެ. ނޫނީ އެމީހަކު ކަރަންޓީން ކުރަން މަޖުބޫރު ކުރާ ފަހަރު ވެސް އާދެއެވެ.

މިހާރު ކޮންމެ ތަނަކަށް ދަތުރު ކުރިއަސް ކޮވިޑް-19 އިން ރައްކާތެރިވުމަށް ފުރިހަމަ ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުރެއެވެ. އެގޮތުން ޓެސްޓުތައް ހެދުމާއި ވެކްސިން ޖެހިކަން ޔަގީން ކުރުން ފަދަ އެތައް ކަމެއް ފުރިހަމަ ކުރަން ޖެހެއެވެ. އެންމެ އާއްމުކޮށް މިހާރު ކުރަން ޖެހޭ ކަމަކީ ވެކްސިން ކާޑު ދެއްކުމެވެ. އާއްމު ހިދުމަތެއް ހޯދިޔަސް ދަތުރުފަތުރު ކުރިޔަސް ވެކްސިން ކާޑާ ނުލާ އެކަން ކުރެވޭކަށް ނެތެވެ.

އިޓަލީގެ އުމުރުން 22 އަހަރުގެ ފިރިހެން ދަރިވަރަކު ވަނީ ކޮވިޑް ސެޓްފިކެޓު ފެންނަ ގޮތަށް އަތުގައި ބާ ކޯޑެއް ކުރަހައިފައެވެ. މި ޓެޓޫ އޭނާ ކުރަހާފައި ވަނީ ވާތު އަތުގެ ކޮނޑާ ދިމާލުގައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މިކަން ގިނަ ބަޔަކަށް ވެފައި ވަނީ މަޖާ ކަމަކަށެވެ.

ކޮވިޑް ވެކްސިން ކާޑު ނުވަތަ ސެޓްފިކެޓް ކޮބައިތޯ އަހައިފި ނަމަ، އެ ބާ ކޯޑު ސްކޭންކޮށްލުމުން އެ ސެޓްފިކެޓެއް ނޫނީ ކާޑެއް ފެންނާނެއެވެ.

އެންޑްރިއާ ކޮލޮނެޓާ ބުނީ އޭނާއަކީ އަބަދުވެސް ތަފާތު ކަންކަން ކުރުމަށް ޝައުގުވެރިކަން ހުންނަ މީހެއް ކަމަށެވެ.

މި ބާ ކޯޑަށް ވަދެލުމުން، ކޮވިޑް-19 އަށް ޓެސްޓް ކުރިތޯ ނުވަތަ ނޫންތޯ އެނގޭނެއެވެ. އަދި ވައިރަހުން ސަލާމަތްވެފައިވޭތޯ އާއި ޓެސްޓްތަކުގެ ނަތީޖާތައް ފެންނަން ހުންނާނެއެވެ.

އިޓަލީގައި މިހާރު އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން އޮގަސްޓް ހަޔަކުން ފެށިގެން ސިނަމާތަކާއި މިއުޒިއަމްތަކަށާއި އިންޑޯ ކުޅިވަރުތައް ކުޅޭ ތަންތަނަށް ވަދެވޭނީ ކޮވިޑް-19 ގެ ސެޓްފިކެޓެއް އޮވެގެންނެވެ.

ކޮލޮނެޓާ ބުނީ އޭނާ ވެކްސިންގެ ދެ ޑޯޒް ވެސް ފުރިހަމަކޮށްފައިވާ ކަމަށެވެ. އޭނާގެ މި ނިންމުމާ ގުޅިގެން އިންސްޓަގްރަމް އާއި ޓިކްޓޮކްގައި ބޮޑު ސަމާލު ކަމެއް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު