ޖެނިފާ އެނިސްޓަންގެ އިންސްޓަގްރާމް ރެކޯޑް އެންޖެލީނާ ޖޯލީ މުގުރާލައިފި އެވެ.

އިންސްޓަގްރާމަކީ ދުނިޔޭގެ މަޝްހޫރު ފަންނާނުންނާއި އެހެނިހެން ދާއިރާތަކުގައިވެސް މަޝްހޫރު ފަރާތްތައްވެސް ބޭނުންކުރާ ވަރަށް އާންމު ސޯޝަލް މީޑިޔާ ޕްލެޓްފޯމެކެވެ. ފޮޓޯ، ވީޑިޔޯ އަދި ވިޔަފާރީގެ ބޭނުންތަކަށްވެސް މި އެޕްލިކޭޝަން ބޭނުންކުރާއިރު އިންސްޓަގްރާމަށް ލާފައި ހުންނަ ފޮޓޯ އާއި ވީޑިއޯ ތަކަށް ގިނަ ލައިކް ހޯދުމަށް އެކި މީހުން ތަފާތު ކަންކަންވެސް ކުރެއެވެ.

ދުނިޔޭގެ މަޝްހޫރު ފަންނާނަކު އިންސްޓަގްރާމް އަލަށް ބޭނުންކުރަން ފަށައިފިނަމަ އެމީހަކަށް ވަރަށް ގިނަ ފޮލޯވާސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލިބެއެވެ. އެގޮތުން ގިނެސް ވޮލްޑް ރިކޯޑުފޮތަށްވެސް އެފަދަ ފަރާތްތަކުގެ ނަންތައް އަރާއިރު މިފަދަ އެވޯޑެއް ލިބުނު އެއް ފަންނާނަކީ ފްރެންޑްސް ސީރީސްގެ ތަރި ޖެނިފާ އެނިސްޓަން އެވެ.

ޖެނިފާ އެނިސްޓަން އިންސްޓަގްރާމް ބޭނުންކުރަން ފެށީތާ މާގިނަ އިރުތަކެއް ނުވެ އޭނާގެ ފޮލޯވަރުންގެ ޢަދަދު މިލިއަނަކަށް އެރިއެވެ. އެއާއި އެކު އެންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިލިއަން ފޮލޯވަރުން ލިބުނު އެއް ފަންނާނަށް އޭނާ ވެގެން ދިޔައެވެ.

ފަސް ގަޑިއިރާއި 16 މިނެޓްތެރޭގައި އެއް މިލިއަން މީހުން އިނިސްޓަން ފޮލޯކުރިއިރު ފިލްމީތަރި އެންޖެލީނާ ޖޯލީ އިންސްޓަގްރާމަށް ވަނުމާއެކު އޭނާގެ ފޮލޯވަރުންގެ ޢަދަދު ހައިރާންވާހާ މައްޗަށް އަރައިގެން ދިޔައެވެ.

ތިން ގަޑިއިރުގެ ތެރޭގައި އިންސްޓަގްރާމުން ޖޯލީ ފޮލޯކުރި މީހުންގެ ޢަދަދު ދެ މިލިއަނަށް އެރި އިރު މިހާރު އޭނާ ވެފައިވަނީ އެންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކު ފޮލޯކުރި ފަންނާނަށެވެ.

ޖެނިފާ އެނިސްޓަން އަކީ ބްރެޑް ޕިޓްގެ ކުރީގެ އަނބިމީހާއެވެ. އެންޖެލީނާ ޖޯލީ ބްރެޑް ޕިޓް އާއި ލޯބީގެ ގުޅުން އުފެދުނުއިރު ވެސް ޖެނިފާ އެނިސްޓަން އާއި ބްރެޑް ޕިޓް އުޅުނީ ކައިވެނި ކޮށްގެންނެވެ. މިހާރު އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓްގެ ކައިވެނި ވެސް ވަނީ ރޫޅިފައެވެ.