ސަހުލާއަކީ ނުވަ ވަރަކަށް އަހަރުކުރިން ޔުއާދުގެ މައިންބަފައިން އޭނާގެ ކާވެނި ހަމަޖެއްސި އަންހެން މީހާއެވެ. އެކަން ޔުއާދުގެ ހަނދާނުގައި ހުއްޓެވެ. އެ ސަހުލާއާއި މިޝްކާއާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟

"އާނ. ސަހުލާ ކިޔާ މީހަކު ދަންނަން." ޔުއާދު މަޑުމަޑުން ބުންޏެވެ. "ސަހުލާ ކިހިނެއްވީތަ؟"

އެމީހުން ތިބީ ހުޅުމާލޭ އަތިރިމަތި ސަރަޙައްދުގައެވެ. ޔުއާދާއި ޒަހީން އިނީ އެތަނުގައި ހުރި އައްޓެއްގައި އިށީނދެލައިގެންނެވެ. ޒޯރާ ހުރީ ކޮޅަށެވެ. ޒޯރާ ދައްކަންއުޅޭ ވާހަކައަށް ސަމާލުކަންދީގެން، އިންތިޒާރުގައި އިން ޔުއާދުގެ ހިތް ވަނީ އަވަސްވެފައެވެ.

"އެ ސަހުލާއެއް ގެންގުޅޭ ކުއްޖެއް މި ހުރިހާ ދުވަހު މިޝްކާއަށް ވެގެން އުޅުނީ." ޒޯރާ ބުންޏެވެ. "އެކުއްޖާއަކީ މާލެ ކުއްޖެއްނޫން. ތ. އަތޮޅު ވިލުފުށީ ކުއްޖެއް. މި ބުނާ ސަހުލާ ކުރުވާކަމަކީ އެ ކުއްޖާއާއި ފިރިހެނުން ތަތްކުރުވުން. އެކަން އޭނާ ފެމިލީމީހުންނަށް އެނގިގެން މިހާރު އެ އަންހެންކުއްޖާ ރަށަށް ވެސް ގެންގޮސްފި. މިފަހަރު މިޝްކާ ގެއްލުނު ސަބަބަކީ އެއީ."

ޔުއާދު މަޑުމަޑުން ތެދުވިއެވެ. ޒޯރާގެ ދެލޮލަށް ނަޒަރު ސީދާކޮށްލިއެވެ.

"ތީ ކާކު ދައްކައިގެން އުޅޭ ވާހަކައެއް؟" ޔުއާދަށް ސުވާލުކޮށްލެވުނީ އެ ޙަޤީޤަތް ބަލައިގަންނަން އުނދަގޫވިވަރުންނެވެ.

އެ ހިތި ޙަޤީޤަތް ޔުއާދަށް ޤަބޫލުކުރަން އުނދަގޫވާނެކަން ޒޯރާއަށް އެނގެއެވެ. ޚުދު އޭނާއަށް ވެސް އެކަން ބަލައިގަންނަން ނުހަނު އުނދަގުލެވެ. މިޝްކާއަކީ އޭނާގެ ގާތް އެކުވެރިއެކެވެ. ބައްދަލުނުވި ނަމަވެސް ފޯނުންނާއި މީސްމީޑިއާއިން ނުހަނު ގިނައިން ބައްދަލުވެ، އެތައް ވާހަކަތަކެއް ހިއްސާކޮށްފައިވާ މިތުރެކެވެ. ކަންކަމުގައި ޚިޔާލާއި މަޝްވަރާއާއި އެހެނިހެން އެހީތައް ވެސް ފޯރުކޮށްދިން މަދަދުޤާރެކެވެ. އެހެނަސް ވޭތުވެދިޔަ އަށް އަހަރު ދުވަހު ރައްޓެއްސެއްގެ ގޮތުގައި ބަލަމުން އައި ކުއްޖާއަކީ އަސްލެއްނޫނެވެ. އެކަން އެނގުނު ވަގުތު ޒޯރާއަށް ވެސް ލިބުނު ޝޮކު ކުޑައެއް ނޫނެވެ.

"އެނގޭ އާދުއަށް ޤަބޫލުކުރަން އުނދަގޫވާނެކަން. އެކަމަކު މީ ޙަޤީޤަތަކީ." ޒޯރާ ޔަޤީންކަން ދިނުމުގެ ގޮތުން ބުންޏެވެ. "މިޝްކާއަކީ އުޅޭ މީހެއްނޫން."

"ކިހިނެއް އެނގުނީ؟" ޔުއާދު އޮޅުންފިލުވަން ބޭނުންވިއެވެ. އޭނާގެ ހިތް ބުނާ ކަހަލައެވެ. ޒޯރާއަށް އޮޅުނީއެވެ. މިޝްކާއަކީ އަސްލެކެވެ. މަކަރުވެރިއެއް ނޫނެވެ.

"މިޝް އެންމެފަހުން ރައްޓެހިވެގެން އުޅުނެއްނު ޝަޒީލް ކިޔާކުއްޖެއް." ޒޯރާ ތަފްޞީލުދެމުން އަހައިލިއެވެ. ޔުއާދު ބޯ ޖަހައިލިއެވެ.

"އެ ރަށު ކުއްޖަކު މިއްޕެ ގާތުގައި ބުނީ ޝަޒީލަށް ވަރުގަދަ ބޮނޑިއެއް ލިބިއްޖެއޭ." ޒޯރާގެ ވާހަކާގެ ތެރެއިން މިފްރާޙްގެ ނަން އައުމާއެކު ޔުއާދަށް ސިހިފައި ބަލައިލެވިއްޖެއެވެ. "މި ޝަޒީލްއާ އިންނާށޭ ކިޔާގެން މާލެގެނެސްގެން ބައްދަލުކޮށް..."

"ތީ މިއްޕެ ދެއްކި ވާހަކައެއްތަ؟" ޒޯރާގެ ވާހަކަ މެދުކަނޑާލަމުން ޔުއާދު އެހިއެވެ.

ޒޯރާ އާނ ބަސް ބުނީ ބޯ ޖަހައިލުމަކުންނެވެ. އޭނާއަށް މިޝްކާގެ ޙަޤީޤަތް ބުނެދިން މީހަކީ މިފްރާޙެވެ. ޔުއާދަށް ފުންނޭވާއެއް ބޭރުކޮށްލެވުނެވެ. ބޮލަށްވެފައިވާ ބަރު ލުއިވެގެން ދިޔައެވެ. އިސާހިތަކު އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެސް ވެރިވެއްޖެއެވެ. ކަނާތް ހިއްލާލަމުން އޭނާގެ ނިތްކުރިމަތީގައި އެ އަތުން ޖަހައިލީ ޒޯރާއަކީ މޮޔައެއްތޯ އަހައިލަމުންނެވެ. އެއަށްފަހު އޭނާ ޖަހައިލީ ލުއި ހިނިގަނޑެކެވެ. ލިބުނު ޚަބަރެއްގެ ސަބަބުން ޔުއާދުގެ ބުއްދިއަށް ލޮޅުމެއް އައީ ހެއްޔެވެ؟ ޒޯރާގެ ހިތަށް އެރި އެ ޖުމްލަ ދުލުކުރިޔާ ހަމައަށް ގެނައެވެ.

"އިވުނު ޚަބަރަކުން މޮޔަވީތަ؟" ހިމޭންކަމާއެކު ޒޯރާގެ ވާހަކަތައް އަޑުއަހަން އިން ޒަހީން ވެސް އެހިއެވެ.

"މޮޔަވާން އުޅެނިކޮށް ސަލާމަތްވީ ހަމަ." ހިނިތުންވުމަކާ އެކު ޔުއާދު ބުންޏެވެ. "މިއްޕެއޭ ބުނި ހިސާބުން މަށަށް އެނގިއްޖެ ތި ވާނުވާ. ތީ އެ މިފްރާޙް ހަދަހަދާގެން ދައްކާ ވާހަކައެއް. މިޝްކާ ގެއްލުނީމަ ފުރުޞަތުގެ ބޭނުން ހިފާލާފަ މޮޅު ވާހަކައެއް ފަޅާލީ. އޭނާ ހުންނާނީ ހަމަ ފުރުޞަތެއް ނުލިބިފައި. މަށާ ޖެހިގަނެ އުނދަގޫތަކެއް ޖެއްސުނިއްޔާ ވަރަށް އުފާވާނޭ."

"ނޫނެކޭ އާދު." ޒޯރާ ދެކޮޅުހަދަމުން ބުންޏެވެ. "މިއްޕެ ހަދައިގެން ދެއްކި ވާހަކައެއް ނޫން މި. އެ ޝަޒީލްއާ މެރީކުރާނަމޭ ކިޔައިގެން މާލެ ގެނެސް އޭނާގެ ފޯނު ދަމައިގަނެގެން ތި މިޝްކާއެއް ފިލީ. ތި މިޝްކާއަކީ މާލޭ މުއްސަނދި މީހެއްގެ ދަރިއެއް ނޫން. އެ ސަހުލާއެއް ގޭގައި ގެންގުޅޭ ތ. އަތޮޅު ވިލުފުށީ ކުއްޖެއް. މި ހުރިހާ ވާހަކައެއް މިއްޕެއަށް ކިޔާދިނީ އެ ޝަޒީލް ރަށުގައި އުޅޭ މިއްޕެގެ ރައްޓެއްސެއް. އާދު ތި ބުނާގޮތަށް ވާހަކަ ހަދަން ބޭނުންވަންޏާ އަށް އަހަރު ފަހަކުން ނޫނެއްނު މި ވާހަކައެއް ހަދަންވީއެއް. މީގެ ކުރިން ވެސް ކިތަންމެ ފަހަރަކު މިޝްކާ ގެއްލިއްޖެއެއްނު. އެހެންވީމާ މިއްޕެ އެ ދައްކާ ވާހަކަތައް ޒޯއަށް ޤަބޫލުކުރެވޭ."

"އެންމެ ރަނގަޅު." ޔުއާދު ވިސްނާލާފައި ބުންޏެވެ. "މިޝްކާއަކީ މިޝްކާ ކިޔާ ވެސް މީހެއްނޫނޯ. ދެން އޭނައަށް މިޝް މިޝް ކިޔާފަ ވާހަކަ ދައްކަން އެހާ ފަސޭހައީ ކީއްވެގެން؟ މިޝްއަށް ރޭ ދަމުނަމާދަކަށް ނުހޭލެވުނު. މިޝް ފަތިހު މިވެނިކަމެއް ކުރިން. މިޝް މިއަދު މިއުޅެނީ ބޮލެއްގައި ރިއްސާތީ އަދި އެނދުން ވެސް ނުތެދުވަން. މިކަހަލަ ގޮތަކަށް ނޫންތަ އޭނަ ވާހަކަ ދައްކަނީ. އަޅުގަނޑު ނޫނީ އަމިއްލަ ނަން ބޭނުންކޮށްގެން މެނުވީ ދުވަހަކު ވެސް ވާހަކަ ދައްކާފައެއް ނެތް. އެހެންވީމާ ތި މިޝްކާއަކަށް އަނގަ އޮޅިގެން ވެސް އަސްލު ނަން ނުބުނެވެންވީ ކީއްވެގެން؟ އަށް އަހަރުވަންދެން ނުބައި ނަމެއްގައި އަހަރުމެން އެންމެންނަށް އޮޅުވާލައިގެން އުޅުމުގެ މަޤުޞަދަކީ ކޮބާ؟ ބޭނުމެއް ކޮބާ؟ އެކަމުން އޭނާއަށް ވީ ފައިދާއެއް ކޮބާ؟"

އެ ސުވާލުތަކުގެ ސީދާ ޖަވާބެއް ޒޯރާގެ އަތަކުނެތެވެ. ވިސްނާލަން ވެސް ނޭނގެއެވެ. އެކަމަކު އަސްލު އޮޅުވާލައިގެން އެހާ ގިނަ ދުވަހު ޚިޔާލީ މީހަކަށްވެގެން އުޅެވޭނީ އެކަމުގެ ތަޖުރިބާ ފިސާރި ރަނގަޅަށް ލިބިފައިހުރި މީހަކަށް ކަން ޒޯރާއަށް ކަށަވަރެވެ. މިޝްކާއަކީ އެހުރީ އެ ޚިޔާލީ މީހާއަށް ވެގެން އުޅޭ ދިރިއުޅުމަށް ހޭނިފައެވެ. އާދަވެފައެވެ. ޖެހިލުމެއްނެތި، ފަސްޖެހުމެއްނެތި އެކަމުގައި ކުރިޔަށް ދެވުނީ އެ ސަބަބާހުރެއެވެ. ޒޯރާއަށް ދެވެން އޮތް ޖަވާބަކީ އެއީއެވެ. ޒަހީން ވެސް އެކަމާ އެއްބަސްވިއެވެ. ޒޯރާގެ ވާހަކަތަކަށް ތާޢީދުކުރިއެވެ. ފިރިހެނުންނަށް ވަނަވަރު އޮޅުވާލައިގެން މިޝްކާ ކުޅުނު ކުޅިއަކީ އޭނާ އަލަށް ކުރިކަމެއް ނޫނެވެ. އޭނާއަކީ އެކަމުގެ މާހިރެކެވެ. މިފްރާޙާއި، ޔުއާދާއި ޝަޒީލަކީ އެކަމުގެ ދިރިހުރި މިސާލުތަކެކެވެ. އެ ދަންތުރާގައި ޖެހި، ޝިކާރައަކަށް ހެދި ތިން އާޝިޤުންނެވެ. އެވަރުން ވެސް ޔުއާދުގެ ވިސްނުން ބަދަލެއްނުވެއެވެ. އޭނާގެ މިޝްކާއަކީ އަސްލެކެވެ. އެވަރުގެ ބޮޑު އޮޅުވާލުމެއް މިޝްކާއަކާ ނުގުޅެއެވެ.

"މިއްޕެގެ ފަރާތުން ތި ވާހަކަތައް އައީމަ މަށަށް ޤަބޫލުނުކުރެވެނީ. ޝަޒީލް ބުނި ނަމަވެސް....."

ކުއްލިއަކަށް ޔުއާދު ހުއްޓުންއެރިއެވެ. ޒޯރާމެން އެ ކިޔާ ހާދިސާއެއް ދިމާވެފައި އޮތީ ޝަޒީލަށެވެ. އެކަމަކީ ހިނގިކަމެއްކަން ނުވަތަ ނޫންކަން ވެސް ޔަޤީންކަމާއެކު ބުނަން އެނގޭނެ މީހަކީ ވެސް ހަމައެކަނި ޝަޒީލެވެ. ޔުއާދުގެ އެކުވެރިން މިޝްކާގެ ބޮލުގައި އަޅުވަމުން ދިޔަ ތުހުމަތުތަކުގައި ސިއްކަޖެހުމަށް ޔުއާދު ގުޅީ ޝަޒީލަށެވެ. ޝަޒީލަށް އެކަހަލަ ހާދިސާއެއް ދިމާވެފައި އޮތްތޯ އޮޅުންފިލުވުމުގެ ނިޔަތުގައެވެ. އެހެނަސް އެ ވާހަކަތައް ވެސް ވީ ޝަޒީލަށް މުޅިން އައު ވާހަކަތަކަކަށެވެ. އެކަމަކީ ޝަޒީލް ދެނަހުރިކަމެއް ނޫނެވެ.

"ތީ ކާކު ދައްކާގެން އުޅޭ ވާހަކައެއްތަ؟" ޝަޒީލް ސުވާލުކުރިއެވެ.

ޔުއާދު ތަފްސީލު ވެސް ދިނެވެ. ޝަޒީލް އެއްބަހެއް ނުވިއެވެ. ސަހުލާ ކިޔާ މީހަކު ވެސް އޭނާ ނުދަނެއެވެ. އެކަހަލަ ހާދިސާއެއް ވެސް މެދުވެރިވެފައެއް ނެތެވެ. މިޝްކާގެ ބޮލުގައި އެ އަޅުވަމުންދަނީ ހުތުރު ތުހުމަތެއްކަމަށް ވެސް ޝަޒީލް ބުންޏެވެ.

"މިޝް މިހާރު އުޅޭ ތަނެއް އެނގޭތަ؟" ޔުއާދު އެހިއެވެ.

"މިޝް ވީ އިންޑިއާގައި. ވަރަށް އަވަހަށް މިކޮޅަށް އަންނާނެ." ޝަޒީލް ޖަވާބުގައި ބުނެލިއެވެ.

"ކިހިނެއް ޝަޒީލަށް އެނގުނީ؟" އެ މަޢުލޫމާތަކީ ޔުއާދަށް ވެސް ނޭނގޭ މަޢުލޫމާތެކެވެ. މިޝްކާ އިންޑިއާއަށް ދާން އުޅޭކަމުގެ ކުޑަ ނަމަވެސް އިޝާރާތެއް ޔުއާދަށް ލިބިފައެއް ނުވެއެވެ.

"ދެ ހަފްތާކުރިން އޮންލައިނުން ދިމާވި." ޝަޒީލް ބުނެދިނީ އެވަރަށެވެ.

ޝަޒީލްގެ ފުށުން ލިބުނު މަޢުލޫމާތުން ޔުއާދަށް ބުރަވެވުނީ މިޝްކާއަކީ ވުޖޫދުގައިވާ މީހެއްކަމަށެވެ. މިފްރާޙް ފެތުރީ ދޮގެއްކަމަށް ޔުއާދު ޔަޤީންކުރިއެވެ. އެހެނަސް ޒޯރާއާއި ޒަހީންގެ ވިސްނުން ތަފާތެވެ.

"ޝަޒީލަށް ލިބުނު ލަނޑަކުން އެ ވާހަކަ ދައްކަން ލަދުން އެ އުޅެނީ." ޒަހީން ޔަޤީންކަމާއެކު ބުންޏެވެ. "އެހެންވެގެން އެކަންކަން ނުހިނގާކަމަކަށް ހަދައިގެން އެ ހުންނަނީ. ބޮޑު ފިރިހެނަކު ހައްދާލައިގެން ގެންގޮސް ފެލާލީމަ މަ ނަމަވެސް ލަދުގަންނާނެއްނު."

ދެ އެކުވެރިންނާ ދެކޮޅަށް މިޝްކާގެ ދިފާޢުގައި ތެދުވާނެ ހިތްވަރެއް ޔުއާދުގެ ކިބައަކު ނެތެވެ. މާޒީއަށް ބަލާފިނަމަ، ޔުއާދާމެދު މިޝްކާ ކަންކޮށްފައި އޮތީ ވަރަށް އިހާނެތި ކޮށެވެ. ބައެއް ކަންކަމުގައި ދޮގު ހަދައި އޮޅުވާލިކަން ވެސް ޔުއާދަށް ކަށަވަރުވެފައިވެއެވެ. އެހެނަސް މިފްރާޙްގެ ދޮގު ތެދުކުރާ ހިތެއް ވެސް އޭނާ ނުވެއެވެ. ދެން ބުނާނެ އެއްޗެއް ނުވިސްނުމުން ޔުއާދު އަމާންދިނެވެ. ހިމޭންކަން އިޚްތިޔާރުކުރި ވަގުތު އަނެއްކާ ވެސް ހިތުގައި ސުވާލެއް އުފެދިއްޖެއެވެ.

"މިޝްކާގެ މަޤުޞަދަކީ ކޮބާ؟" ޔުއާދު އެހިއެވެ. "ތި ދެމީހުން ވެސް ތި ކިޔަނީ އެއީ އަސްލެއްނޫނޭ. އެހެންވީމަ ބުނެބަލަ ފޭކް މީހަކަށް ވެގެން އުޅުނު ސަބަބެއް. މިއްޕެ އެ ސަބަބެއް ބުނެ ނުދޭތަ؟"

"މިއްޕެ ބުނި އެ ސަހުލާއެއް ވަރަށް ލާރި ގެންގުޅެޔޭ." ޒޯރާ ބުންޏެވެ. "ސަހުލާ ފެމިލީ މީހުން ވެސް ވަރަށް ދައްކާ ވާހަކައެއް އެއީ. ލާރި ހޯދާގޮތެއް ނޭނގެއޭ. ވަރަށް ލާރި ގެންގުޅެއޭ."

މިޝްކާގެ ބޮލުގައި އެޅުނު ހުތުރު ތުޙުމަތުގެ ސަބަބުން ޔުއާދުގެ ދެލޯ މުދުނުގައި ޖެހުނެވެ.

"ނޯ... ޤަބޫލެއްނުކުރެވޭ." ޔުއާދު ވަގުތުން ދެކޮޅު ހެދިއެވެ. "މަ މީ އޭނާއާ ހިތާވެގެން އުޅުނު މީހާ. ދުވަހަކު ވެސް ތި ފަދަ މުޑުދާރުކަމަކަށް ނޭދޭ. މަގޭ އަތުން ބައި ރުފިޔާއެއް ވެސް ހޯދާފައެއް ނުވޭ. އޭގެ ބަދަލުގައި މިޝްކާގެ ފަރާތުން މަށަށް އެހީތައް ލިބިފައި ހުރީ. މަންމަ ބަލިވެގެން ބޭރުގައި އުޅުނުއިރު ވެސް ޑޮލަރު ވެސް ހޯދައިދިން. އެޔަށް ރުފިޔާ ބަހައްޓަން ބުނީމަ ވެސް ދެކޮޅު ހެދީ. އަދި މި ނޫނަސް ކިތަންމެ އެހީތަކެއް ވެދީފައި ހުރީ. އަނެއްކޮޅުން އެހާ އަޅުވެރިކުއްޖަކާ ތިކަހަލަ ވިޔާނުދާ އަމަލެއް ނުވެސް ގުޅޭ."

"މަށަށް ޤަބޫލުކުރެވޭ." މިފަހަރު ވެސް ޒަހީން އެރީ ޒޯރާގެ ކޮޅަށެވެ. "އާދުއަށް ނޭނގުނަސް މިޝްގެ އަނދިރިފަރާތެއް އޮވޭ. މަށަށް އެނގިފައި އޮތަތީ މި ބުނަނީ. ދީނީ އިލްމުވެރިޔާ ފަހީމް ކައިރިން ވަރިވެގެން އައިސް ތި ބުނާ މާތް މިޝްކާ އުޅުނު މަގޭ ސެޓްކުރަން ވެސް. މަށަށް ފާޑުފާޑުގެ މެސެޖުކޮށް ސެޑިއުސްކުރަން އުޅެފައި އެބަހުރި. ސުނެޕް ޗެޓުން ފޮޓޯ ވެސް ފޮނުވި. ގަޔަށްބާރު ޓީޝާޓު ލައިގެން ނޭފަތުން ތިރި އަރާގޮތަށް ފޮޓޯނަގައިގެން މަށަށް ފޮނުވުމުގެ މަޤުޞަދެއް ބުނެބަލަ؟ ތިހާ މާތްމީހަކު ގާތް ރަހުމަތްތެރިއަކަށް އެގޮތަށް ކަންކުރާނެތަ؟ އަދި އާދުގެ ރައްޓެއްސަކަށް އެ ނިޔަތުން ބަލާނީ ވަރަށް ގޮތްކުޑަވީމަ. މަ މި ވާހަކަ ނުބުނެ މި ހުންނަނީ އާދު ކަޑަވެދާނެތީ. އެކަމަކު މިއަދު މި ވާހަކަ ވެސް މި ބުނެލީ އާދުގެ ދެލޯ ހުޅުވައިދިނުމަށް. ދެލޯ ހުޅުވައިގެން މިކަންކަމާމެދު ވިސްނާލަބަ."

ޔުއާދަށް ލިބުނު ޝޮކު ވަރުގަދައެވެ. ޒޯރާ ވެސް ޒަހީނަށް ބަލައިލީ ގަބޫލުކުރަން ދަތިވެފައި ހުރެއެވެ. އެ ބަލައިލުމުން ދޭހަވީ އެ ޙަޤީޤަތް ޒޯރާއަށް ވެސް އެނގިފައިނުވާކަމެވެ. ޔުއާދުގެ ހިތަށް ލިބުނު ފުން ޒަހަމުގެ ލިސާންތައް، ދެލޮލަށް ޖަމާވުމުގެކުރިން އޭނާ އެސްފިޔަ ޖަހައިލިއެވެ. އެވަގުތު އޭނާގެ ބުއްދިއަށް އެހެން ޚިޔާލެއް އަޔެވެ.

"ޒަހީންއާ ޗެޓުކުރީ މިޝްކާކަން ހަމަ ޔަޤީންތަ؟" ޔުއާދު އެހިއެވެ.

މިޝްކާގެ ދިފާޢުގައި ޔުއާދު ތެދުވާލެއް އަވަސްކަމުން ޒޯރާ އަޖައިބުވިއެވެ. ބުނާނެ އެއްޗެއް ނުވިސްނިފައި ޒަހީނަށް ބަލައިލެވުނެވެ. ލޯބީގައި ޖެހި މީހަކު ކަނުވާނީ އެހާކަންހާ ވަރަށޭ ޒޯރާގެ ހިތަށް އެރިއެވެ.

"ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނޭ." ޒަހީން ރައްދު ދިނީ ކުޑަކޮށް ހިތްހަމަނުޖެހިފައެވެ. "އާދު ޤަބޫލުކުރަން ބޭނުންނުވަނީ މިޝްކާގެ މުޑުދާރުކަމާއި މަކަރުވެރިކަމާއި ޚީލަތްތެރިކަން."

ރުހުމުގެ ލޮލަށް ވެސް އައިބުފެންނާނެއެވެ. މައްސަލައަކީ އެ އައިބަކީ އައިބެއްކަމަށް ޤަބޫލުކުރަން ހިތް ދެކޮޅު ހެދުމެވެ. އެހެނަސް ޔުއާދު ހުރީ އެކަހަލަ ފައްތަރެއްގައެއް ނޫނެވެ. އޭނާއަށް ވެސް މިޝްކާގެ ކިބައިން ހިތްނޭދޭ ކަންކަން ފެނިފައިވެއެވެ. ދޮގުހަދައި އޮޅުވައިލި ނަމަވެސް ފައިސާއަށް ޓަކައި ހަށިގަނޑު ސޭލު އެޅުވުން، އެއީ މިޝްކާގެ ޠަބީޢަތާއި މިޒާޖާއި ނުގުޅޭ ކަންކަމެވެ. އެކަން ހިތުގެ އަޑިން ޔުއާދު ޤަބޫލުކުރެއެވެ.

ތިން އެކުވެރިންގެ މެދުގައި "މިޝްކާ"ގެ ބަހުސް ކުރިޔަށް ދިޔައެވެ. މަޝްވަރާކުރިއެވެ. ތިން މީހުންނަށް އެއް ގަލަކަށް އެރޭ ގޮތެއް ނުވިއެވެ. ޔުއާދު ހުރީ މިޝްކާއަކީ އަޅުވެރިއެއްކަމަށް ނިންމައިގެންނެވެ. ޒޯރާއާއި ޒަހީންގެ ނަޒަރުގައި އެއީ މަކަރުވެރިއެކެވެ. އެހެނަސް ތިން މީހުން ވެސް އިއްތިފާޤުވި އެއް ކަމެއް އޮތެވެ. މިޝްކާގެ ދިރިއުޅުމުގައި އެމީހުންނަށް އެނގެން ބޭނުންނުވާ ބޮޑު ސިއްރެއްވެއެވެ. އެ ސިއްރެއް ވަންހަނާކުރުމަށް މިޝްކާ ނުހަނު މަސައްކަތްކޮށްފައިވެއެވެ. ވޭތުވެދިޔަ ދިގު މާޒީއަށް ވިސްނައި ބަލައިފި ނަމަ، ކުއްލިކުއްލިއަށް ގެއްލިފައި ފެންނަ ސަބަބު އެކަކަށް ވެސް ނޭނގި އޮތުން އެކަމަށް ބާރުލިބެއެވެ. އެ ސިއްރެއް ހޯދުމަށާއި، މިޝްކާގެ އަސްލު މަޤުޞަދު ހޯދުމަށް ތިން އެކުވެރިން ބަދަލުވީ ތިން ފުލުހުންނަށެވެ.

ތަޙްޤީޤް ޓީމުން "މިޝްކާ ގެއްލުން" ވޭދަނައެއް ގޮތަށް ބަލައި، އެކަމުގެ އެންމެ ފުނަށް ފީނާގަތުމަށް އަތުކުރި އޮޅާލިއެވެ. އެކަމަށް ވައިބަރގައި ގުރޫޕެއް ހެދިއެވެ. އެ ގްރޫޕަށް މިޝްކާގެ ނަމުން ނަން ދެވުނުއިރު، އެ ވޭދަނައަށް ދިން ނަމަކީ ބަހުލޫލެވެ. މާނައަކީ މަކަރުވެރިޔާއެވެ. ނުވަތަ ހީލަތްތެރިޔާއެވެ. ހީލަތްތެރިޔާ ހޯދުމަށް ތިން މީހުން އެއްބަސް ކީ ނަމަވެސް ޔުއާދުގެ ނިޔަތް ތަފާތެވެ. އޭނާގެ ހިތުގައި އޮތީ މިޝްކާއަކީ އަސްލެއްކަމާއި، ހީލަތްތެރިއެއް ނޫންކަން ޒޯރާއަށާއި ޒަހީނަށް ސާބިތުކޮށްދިނުމެވެ.

ޔުއާދު އެންމެ ފުރަތަމަ ވެސް ފަށައިގަތީ އެ މަސައްކަތެވެ. އިލެކްޝަން ކޮމިޝަންގެ ވެބްސައިޓުން ރާއްޖޭގެ ވޯޓުލެވޭ މީހުންގެ ލިސްޓު ޔުއާދު ނެގިއެވެ. އެ ލިސްޓުގައި ގ. ރޯޝަން ގޭގައި ރަޖިސްޓްރީވެފައިވާ އެންމެންގެ މަޢުލޫމާތުތައް ބަލަންފެށިއެވެ. އޭނާގެ މިޝްކާއަކީ އަސްލެއްކަން ޔަޤީންވުމުގެ ބަދަލުގައި ފާޅުވީ އިތުރު ޙަޤީޤަތެކެވެ. މިޝްކާގެ އާއިލާ މެމްބަރުންކަމަށް ބުނެ، ޔުއާދަށް ކިޔާދީފައިވާ އެއްވެސް މީހެއްގެ ނަމެއް، އެ ގެޔަކު ރަޖިސްޓްރީވެފައެއް ނެތެވެ. ޔުއާދުގެ ހިތަށް އެރިއެވެ. މިޝްކާ އާއިލާގެ މީހުން އެހެން ގެޔަކު ރަޖިސްޓްރީވެފައި އޮތީ ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު ދެނެގަތުމަށް "މިޝްކާ" ނަން ކިޔާ މީހުން ވެސް ޔުއާދު ހޯދިއެވެ. މިޝްކާ ބުނެފައިވާ އުފަންދުވަހާ ދިމާވާ އެއްވެސް މިޝްކާއެއް ރާއްޖެއަކު ނެތެވެ. އެޔާއެކު ޔުއާދުގެ އުންމީދު ވެސް ފެނަށްވީއެވެ. ޒޯރާއާއި ޒަހީން ބުނި ފަދައިން މިޝްކާއަކީ އަސްލެއްނޫންކަމަށް ޤަބޫލުކުރަންޖެހޭ ފުރަތަމަ ހެކި ފެނުނީއެވެ.

ދެން ފެށުނީ އަސްލު މިޝްކާ ހޯދުމުގެ މަސައްކަތެވެ. އެ ކުއްޖާއާ ހަމައަށް ވާސިލުވެވިއްޖެނަމަ މާ ބޮޑު މަސައްކަތެއް ކުރުމަކާ ނުލައި ފަރުދާ ކަޝްފުކޮށްލެވިދާނެއެވެ. އެ ކުއްޖާއާ ހަމައަށް ދިޔުމަށް އޮތް އެންމެ ކުރު މަގަކީ ކޮބާހެއްޔެވެ؟

"އާދު އަތުގައި ހުރި މިޝްގެ މޫނު ނާޅާ ފޮޓޯތައް ފޮނުވާ." ޒަހީނަށް ފެނުނު އެންމެ ކުރު މަގަކީ އެއީއެވެ. މިޝްކާގެ ފޮޓޯތައް ބަލައިގެން އެއީ ކާކުކަން ދެނެގަތުމެވެ. ޔުއާދަށް އެ ފިޔަވަޅު އަޅާކަށް ނުކެރުނެވެ. ވެވިފައި އޮތް ވަޢުދެއްގެ ސަބަބުންނެވެ. އެއްވެސް މީހަކަށް މިޝްކާގެ ފޮޓޯ ނުދައްކާނެކަމަށް ޔުއާދު ވަނީ ވަޢުދުވެފައެވެ. މިޝްކާއާ ގުޅުމެއް ނެތަސް އެ ވަޢުދު މުގުރާލުމަށް އޭނާގެ ޟަމީރު ތަނެއް ނުދިއެވެ. ޒަހީންއާއި ޒޯރާ އާދޭސްކުރުމުން ވެސް އެ ނިންމުން ބަދަލެއްނުކުރިއެވެ.

ޒޯރާގެ އަތުގައި ވެސް މިޝްކާގެ ފޮޓޯ ހުއްޓެވެ. ބުރުގާ އަޅާގެންނާއި ނާޅާ ނަގާފައިވާ ފޮޓޯއެވެ. ދެން އޮތީ ޝަޒީލްއާއި މިޝްކާ އެކުގައި ނަގާފައިވާ ނަފްސީއެކެވެ. އޭގައި މިޝްކާ ހުރީ މޫނު ނިވާކޮށްގެންނެވެ. އެއީ ޝަޒީލްއާ ގުޅުން އޮތްއިރު ޒޯރާއަށް ލިބިފައި ހުރި ފޮޓޯތަކެކެވެ. ޔުއާދު އަތުގައި ހުރި ފޮޓޯތައް ފޮނުވުމަށް ދެކޮޅު ހެދުމުން ޒޯރާ އަތުގައި ހުރި ފޮޓޯތައް ގްރޫޕަށް ލިއެވެ.

"ތީ މިޝްއެއް ނޫނެއްނު." ޔުއާދަށް ފޮޓޯތައް ފެނުމާއެކު ލިޔުނެވެ.

"މީ މިޝްއޭ ކިޔާފައި ޒޯއަށް ފޮނުވާފައި ހުރި ފޮޓޯއަކީ. އާދު އަތުގައި ހުރި ފޮޓޯތައް ފޮނުވަބަލަ." ޒޯރާ އަނެއްކާ ވެސް އެދުނެވެ.

ޒޯރާ ފޮނުވާފައި ހުރި ފޮޓޯތަކަށް ކަޅި ހުއްޓާލައިގެން ޔުއާދު އިނީއެވެ. އެއީ އޭނާގެ މިޝްކާއެއް ނޫނެވެ. މިޝްކާއަކީ އަސްލެއް ނޫންކަމުގެ އިތުރު ހެތްކެއް ޔުއާދަށް ލިބުނީއެވެ. އޭނާ ކަނު ބަނދެގެން ގެންގުޅުނީކަން ރޭކާލުމާއެކު އެ ހިތުގައި ކުޑަ ހިތްހަމަނުޖެހުމެއް އުފެދުނެވެ. އެ ހިތްހަމަނުޖެހުމުން އާދެވުނު ރުޅީގައި ޔުއާދުގެ އަތުގައި ހުރި ހުރިހާ ފޮޓޯއެއް ވައިބަރ ގުރޫޕަށް ލިއެވެ.

އެއް ފޮޓޯ އަނެއް ފޮޓޯއާ އަޅާކިޔުމަށް ޒޯރާ އަވަސްވެގަތެވެ. އެކަމުގެ ތެރޭގައި ޔުއާދަށް ފާހަގަވެފައި ނެތް އިތުރު ކަމެއް ޒޯރާ ފާހަގަކުރިއެވެ. ޔުއާދަށް ގިނައިން ފޮނުވާފައި ހުރީ މުޅިން ވެސް އެކެއްގެ ފޮޓޯތަކެކެވެ. އެހެނަސް އޭގެ ތެރޭގައި ބުރުގާ ނާޅައި ހުރި ފޮޓޯތަކުގައި ވަނީ އެހެން ކުއްޖެކެވެ. އެ. ކުއްޖާގެ ތުންފަތާއި ލޯ ތަފާތެވެ. ޔުއާދު ވިސްނާލުމުން އެއީ ތެދެއްހެން ހީވިއެވެ. ޔަޤީންނެއް ނުވިއެވެ.

"އާދުގެ މޮޔަކަން ދޯ؟" ޒޯރާ ދިމާކުރުމުގެ ގޮތުން ބުންޏެވެ. "މިހުރީ އޭނާގެ މަކަރުވެރިކަން. ދެމީހެއްގެ ފޮޓޯތައް ހުރި އިރުވެސް އާދުއަށް ނޭނގުނު."

ޔުއާދު ވަރަށް ލަދުގަތެވެ. މިޝްކާގެ ސަބަބުން އޭނާގެ ރައްޓެހިންގެ ކުރިމަތީގައި ވެސް އަގުވެއްޓެނީއެވެ. އޭނާގެ ބޮލުގައި ގަމާރެއްގެ ލަޤަބު ވެސް އެޅެނީއެވެ.

"މަ މީ ތި ފޮޓޯތަކުގައި ދެލޯ ތަތްކޮށްގެން އޮންނަ މީހެއް ނޫނޭ. މަ އެހާ ވަރަށް ތި ބުރުގާ ނާޅާ ފޮޓޯތަކަކަށް ނުބަލަން. އެހެން ނޫނަސް ބުރުގާ ނެގީމާ އެހެން ސިފައެއް ޖަހާތީ މަށަށް ނޭނގުނީ. ކުލަ ތަފާތެއް ނެތެއްނު." ޔުއާދު އަނގައިން ދެރަނުވާންވެގެން ބުނެލިއެވެ.

"ތީ ހަމަ ހަޤީޤީ ލޯބި." ޒޯރާ ޖެއްސުންކޮށްލިއެވެ.

"ދެން ތި ވާހަކަ ބާއްވާ." ޔުއާދު ބުންޏެވެ. "މި ތިން އަންހެން ކުދިންގެ ތެރެއިން މިޝްކާއަށް ވެގެން އަހަރުމެންނާ ވާހަކަ ދެއްކީ ކާކުތަ؟"

އެ ސުވާލުގެ ޖަވާބު ދެނެގަންނާކަށް ޔުއާދުމެންނަކަށް ނޭނގުނެވެ. އެހެންކަމުން މިޝްކާ ހޯދުމަށް ނުކުތް މަގަށް، އެ ތިން ކުދިންގެ ހިޔަނި އެޅި، އެ މަގު އަނދިރިވީއެވެ. އެ ދަނޑިވަޅުގައި، ކުއްލިއަކަށް ޒަހީން ހޯދައިގެން އައި މަޢުލޫމާތެއްގެ ސަބަބުން އެ މަގަށް އަލިކަން ފެތުރިގަތެވެ. ވިލުފުށީ ރައްޓެއްސެއް މެދުވެރިކޮށް މިޝްކާގެ ވަނަވަރު ޒަހީން ހޯދީއެވެ. އެ ކުއްޖާގެ ނަމާއި، ފޯނު ނަންބަރު ވެސް ލިބުނީއެވެ. ނަމަކީ ޝަބީނާއެވެ. ޝަބީނާގެ ނަންބަރުގައި ވައިބަރއަށް ލާފައިވާ ފޮޓޯއާ ޒޯރާގެ އަތުގައި ހުރި ފޮޓޯތަކާ ދިމާވުމުން މިޝްކާގެ އަސްލު ނަން ޔަޤީންކުރެވުނެވެ.

މިޝްކާއަށް ވެގެން އުޅުނީ ޝަބީނާ ކިޔާ އަންހެން ކުއްޖެކެވެ. އެ ކުއްޖާއަކީ ފުވައްމުލަކު ސަހުލާ ކިޔާ އަންހެނެއްގެ ގޭގައި ގެންގުޅުނު ކުއްޖެކެވެ. ޝަބީނާގެ މައިންބަފައިންނަށް ސަހުލާގެ ހަޤީޤަތް އެނގުމުން ޝަބީނާ ރަށަށް ގެނައީއެވެ. މިފްރާޙް ދިން މަޢުލޫމާތުތަކާ ފުށުއެރުމެއް ނެތެވެ. މިފްރާޙްގެ ބަހަށް އިތުބާރުކުރުން ނޫން އިތުރު ގޮތެއް ޔުއާދަށް ނެތުނީ އެ ސަބަބާ ހުރެއެވެ.

"ޝަބީނާއަށް އާދު ގުޅާބަލަ." ޒަހީން ބުންޏެވެ. "ގުޅާލީމަ އިތުރަށް ޔަޤީންވާނެ. ގުޅާފަ އަހާބަލަ ކީއްވެގެންތޯ އޮޅުވާލީ؟"

ޔުއާދުގެ ހިތް ނުތަނަވަސްވެގެން ދިޔަ ދަނޑިވަޅެކެވެ. އޭނާ ޝަބީނާއަށް ގުޅަން ފޯނުނެގިއެވެ. ނަންބަރު ލިޔުނެވެ. އެކަމަކު ހިތްވަރެއް ނުލިބުނެވެ. އަދިވެސް އެ ހަޤީޤަތް ދޮގަކަށްވުމަށް އޭނާ އުންމީދުކުރަނީއެވެ. އެތައް ހެތްކެއް ލޯ ކުރިމަތީގައި ފެންނަން ހުރި އިރުވެސް އެކަން ޤަބޫލުކުރުމަށް އޭނާގެ މޮޔަ ހިތް ދެކޮޅު ހަދަނީއެވެ. ފެންނަމުންދާ ކަންކަމަކީ ބިރުވެރި ހުވަފެނަކަށް ވެ، ކުއްލިއަކަށް ހޭލެވިދާނެކަމަށް ވެސް އުންމީދުކުރެވެނީއެވެ. ފޯނު އަތަށް ލައިގެން އެތައް އިރަކު ވިސްނަން އިނުމަށްފަހު ޝަބީނާއަށް ގުޅާލިއެވެ. ރިންގުވަމުން ދިޔަ އަޑާއެއްވަރަށް ޔުއާދުގެ ހިތް އަވަސްވަމުން ދިޔައެވެ. ފޯނަށް ޖަވާބެއް ނުދޭނޭ ހީކުރެވުނު ވަގުތު ޝަބީނާ ފޯނުނެގިއެވެ.

"ހަލޯ...." ތުއިތުއި އަޑެއް ޔުއާދު ކަންފަތުގައި ޖެހުނެވެ. އޭނާގެ މުޅި ގައިން ހީބިހި ނަގާގަތެވެ. ސިއްސާގެން ވެސް ދިޔަމެއެވެ. އެ ވަގުތު ޔުއާދަށް ފޯނު ކަނޑައިލެވުނެވެ. އެއީ ހަމަ އެ މިޝްކާގެ އަޑު ހެއްޔެވެ؟

ޒޯރާއަށާއި ޒަހީނަށް އެ ޚަބަރު ދިނުމަށް ޔުއާދު އަވަސްވެގަތެވެ. އެމީހުންގެ އެކުވެރިއަކަށްވެގެން އުޅުނީ ޝަބީނާކަން ޔަޤީންވެއްޖެކަމަށް ޔުއާދު ލިޔުނެވެ. އެ ކުރުކުރު ފޯނު ކޯލުގެ ރެކޯޑިންގ ވެސް ފޮނުވިއެވެ.

"މީ އެ މިޝްގެ އަޑެއް ނޫންތަ؟" ޔުއާދު އެހިއެވެ.

އެއީ މިޝްކާގެ އަޑުކަމާމެދު ޒަހީން ޝައްކު އުފައްދާފިއެވެ. އެންމެ ބަހަކުން ޔަޤީންކުރަން ނޭނގޭނެކަމަށް ޒޯރާ ވެސް ބުނެލިއެވެ. އެހެނަސް ޔުއާދަށް ވަރަށް ބޮޑު ޔަޤީންކަމެއް ލިބިފައި އޮތެވެ. އެއީ ހަމަ އެ ހީލަތްތެރިޔާގެ އަޑެވެ. ޔުއާދަށް ފޯނު ކަނޑާލެވުމުން ދެރަވެއްޖެއެވެ. ކޮންމެވެސް އެއްޗެއް ބުނެވުނުނަމައޭ ޔުއާދުގެ ހިތަށް އެރިއެވެ. ޔަޤީންކުރުމަށް ޔުއާދު އަލުން ގުޅިއެވެ. ކަށިން ހިތްވަރުނެރެގެންނެވެ. އެހެނަސް ޝަބީނާ ޖަވާބެއް ނުދިނެވެ. މިޝްކާއަކީ ޝަބީނާކަން ޔަޤީންކުރުމަށް ލިބުނު ހަމައެކަނި ފުރުޞަތު ގެއްލިގެން ދިޔައީއެވެ.

"ދެން ކިހިނެއް ހަދާނީ." ޔުއާދަށް ގޮތް ހުސްވިއެވެ. "ތި މީހުން ގުޅާބަލަ އޭނާއަށް. މަ ގުޅާކަން އެނގުނީ ކަންނޭނގެ."

"މަ އެބަ ގުޅަން." ޒަހީން ބުންޏެވެ. "މަ ތިކަމުގެ ހަޤީޤަތް ވެސް ހޯދާނަން. މިކަން ކޮޅެއްގައި ޖައްސާނަން."

ޒަހީނަށް ވެސް ގުޅާގެން އެކަމުގައި ކުރިމަގެއް ނުލިބުނެވެ. ޝަބީނާ ފޯނަށް ޖަވާބު ނުދިނުމުން ޒަހީން މެސެޖުކުރިއެވެ. އޭނާއަކީ ކާކުކަން ބުނެދީފައެވެ. އަދި އޭނާގެ މަޤުޞަދަކީ އެމީހުންނަށް އޮޅުވާލި ސަބަބު ހޯދުންކަމަށެވެ. އެ މެސެޖަށް ޝަބީނާގެ ފަރާތުން ލިބުނީ ޚައިރާންކުރުވަނިވި ޖަވާބެކެވެ.

"އަޅުގަނޑު މީ މިޝްކާއެއް ނޫން. އަޅުގަނޑު ކިޔަވަންވެގެން އުޅުނު ގޭ ދައްތަ ކުރިކަމެއްތީ." ޝަބީނާ ލިޔެފައި އޮތެވެ.

ޝަބީނާ އެ އިޝާރާތްކުރީ ކާކަށްބާއޭ ޒަހީންގެ ހިތަށް އެރިއެވެ. ޝަބީނާ ކިޔަވަން އުޅުނުގޭ ދައްތައަކީ ކާކު ހެއްޔެވެ؟

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނިޝްވާ ނަސީމް

    އަޅުގަނޑު ހަތަރުދަމު އޮންނަނީ ސަޖިދަގަ

    12
  2. ނިޝްވާ ނަސީމް

    އަޅުގަނޑަށް ނޭންގެ އެއްވެސް ހަޑިއެއްޗެއްވެސް

    11
  3. Anonymous

    ކޮންމެ އިންސާނަކީވެސް ކުށް ކުރެވޭނެ މީހެއް..އެކަމަކު މިވަރުވީމަ ދެން މީ ބޮޑުވަރު..

    10
    2
  4. ފޮރިބެ

    ކޮންމެ އިންސާނަކީވެސް ކުށް ކުރެވޭނެ މީހެއް..އެކަމަކު މިވަރުވީމަ ދެން މީ ބޮޑުވަރު..

    8
    2
  5. އ

    އއއެގޭގަ ކިޔަވަން 8 އަހަރު ވަންދެން އުޅުނީ!!؟ ަ