ބޮލީވުޑުގެ ފަންނާނުންގެ ތެރެެއިން ފެޝަނަށް އެންމެ ލޯބިކުރާ އެއް ފަންނާނަކީ އަނިލް ކަޕޫރު އަންހެން ދަރިފުޅު ބަތަލާ ސޯނަމް ކަޕޫރެވެ. ސޯނަމް ކަޕޫރުގެެ ހެދުން އެޅުމުގެ ތަފާތުކަން އެންމެން ވެސް ފާހަގަ ކުރެއެވެ.

ފިރިމީހާ އާނަންދު އަހޫޖާއާއި އެކު ލަންޑަންގައި ދިރިއުޅެމުންދާ ސޯނަމް ކަޕޫރު އާރކިޓެކްޗަރަލް ޑައިޖެސްޓް ނަމަކަށް ކިޔާ މަޖައްލާއަކަށް މޮޑެލް ކޮށްފައިވާ، މަޖައްލާގެ ކަވަރު ފޮޓޯ އިންސްޓަގުރާމުގައި ހިއްސާކޮސް ސޯނަމް ބުނެފައިވަނީ އެންމެ ފުރަތަމަ އޭނާގެ އަމިއްލަ ގެ އެހެން މީހުންނަށް ދެއްކުމަށް ޖެހިލުންވި ކަމަށެވެ. ނަމަވެސް އެ ބްރޭންޑުގެ ސަބަބުން އެކަމާ މިހާރު ޖެހިލުން ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.

މަޖައްލާގެ ކަވަރގައި ސޯނަމް މޮޑެލް ކޮށްފައި ހުންނަނީ ފިޔާތޮށި ކުލައިގެ ޑިޒައިން ހެދުމެއް ލައިގެން ކަޅުކުލައިގެ ބޫޓަކަށް އަރައިގެން އުނަގަނޑުގައި ދެ އަތް ވިއްދާލައިގެން އެ ގޭގެ އަގުބޮޑު ސޯފާމަތީގައި ކޮޅަށެވެ.

18000 ޔޫރޯގެ އަގުބޮޑު ސޯފާގައި ކޮޅަށް ހުރެ ސޯނަމް ނަގާފައިވާ މި ފޮޓޯއަށް ކޮމެންޓް ކުރަމުން ސޯނަމްގެ ފިރިމީހާ އާނަންދު ބުނެފައިވަނީ އޭގެ ފަހުން އެ ސޯފާގައި އިށީންނަ ކޮންމެ ފަހަރަކު ވެސް އެ ފޮޓޯމަތިން ހަނދާން ވާނެ ކަމަށެވެ.

އާނަންދު މި ކޮމެންޓަށް ރިޕްލައި ކުރަމުން ސޯނަމް ވަނީ ސޯފާ މައްޗަށް ކޮޅަށް އެރުނީތީ އެކަމާއި މަޢާފަށް އެދިފައެވެ.

މި ފޮޓޯ ޝޫޓުގެ ތެރެއިން އިތުރު ފޮޓޯތަކެއް ވެސް ސޯނަމް ވަނީ އިންސްޓަގުރާމުގައި ހިއްސާ ކޮށްފައެވެ. މި ފޮޓޯތަކަށް އެތައް ބަޔަކު ވަނީ ލައިކް ދީ ކޮމެންޓް ކޮށްފައެވެ.