މަސްތުގެ ހާލަތުގައި ހުރެގެން ކާރުގައި ރޭސް ޖެހި މީހަކު ނުރައްކާތެރި އެކްސިޑެންޓެއްވާ ވީޑިއޯއެއް މީސް މީޑިއާގައި އާއްމުވެއްޖެއެވެ.
ޑައިލީ މެއިލް ނޫހުން ހިއްސާ ކޮށްފައިވާ އިނގިރޭސިވިލާތުގައި ހިނގާދިޔަ އެ އެކްސިޑެންޓްގެ ވީޑިއޯއިން ފެނިގެން ދަނީ އުމުރުން 32 އަހަރުގެ ޑެކްލަން ވެބްސްޓާ ނަމަކަށް ކިޔާ މީހަކު އިތުރު ދެ ކާރަކާއި ރޭސް ޖަހަނިކޮށް ލޮރީއެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މަންޒަރެވެ.
އެނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެކްސިޑެންޓް ހިނގި ވަގުތު އެކާރުގައި އޭނާގެ އަންހެނުންގެ އިތުރުން އެމީހުންގެ ތިން އަހަރުގެ ތުއްތު ކުއްޖާ ވެސް ހުއްޓެވެ.
މި އެކްސިޑެންޓް ހިނގި މަންޒަރު ފެންނަ ވީޑިއޯ އަކީ ކާރު ޖެހުނު ލޮރީގެ އަރިމަތީގައި ހަރުކޮށްފައި ހުރި ކެމެރާއިން ނަގާފައިވާ ވީޑިއޯއެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެގައުމުގެ ފުލުހުން ބުނީ، އެކްސިޑެންޓް ހިނގިއިރު، ކާރު ދުއްވާފައިވަނީ ގަޑިއަކު 84 މޭލު ބާރު މިނުގައި ކަމަށާއި ކާރު ޖެހިފައިވަނީ ލޮރީ ގޮސް އެ މަގުން އަޅަން އުޅެނިކޮށް ކަމަށެވެ.
އެކްސިޑެންޓާއި ގުޅިގެން އެމީހުން ކޯޓަށް ހާޒިރު ކުރުމުން އެހާދިސާ ހިނގި ގޮތް އެމީހުން ވަނީ ކިޔާދީފައެވެ. އެގޮތުން ކާރަށް އެރުމުގެ ހަތް ގަޑިއިރު ކުރިން އެމީހުން އެއްތަނެއްގައި ތިބެގެން މަސްތުވެފައިވާ ކަމަށް އެމީހުން ވަނީ އެއްބަސްވެފައެވެ. އެހެން ކަމުން ކޯޓުން ވަނީ ދުއްވަން ޖެހޭ ވަރަށް ބާރަށް ދުއްވި ކަމަށް އެމީހުން އެއްބަސްވެފައިވާތީ އެމީހުންގެ މައްޗަށް ދައުވާ ކޮށްފައެވެ.
މި ހާދިސާ ހިނގި ވީޑިއޯ މީސްމީޑިއާގައި އާއްމުވި ނަމަވެސް، އެވަގުތު ކާރުގައި ތިބި މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.