ބޮލީވުޑުގެ ސްޕަރ ސްޓަރ ސަލްމާން ޚާން ''ޓައިގަރ 3'' ގެ ޝޫޓިން މެދު ކަނޑާލުމަށް ފަހު އެނބުރި މުމްބާއީއަށް އައިރު އެކޮޅުކޮޅުން މާސްކު އަޅައިފައި ހުރުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

ކެޓްރީނާ ކެއިފްއާއި ''ޓައިގަރ 3'' ގެ ޓީމާއި އެކު އޮސްޓްރޭލިޔާގައި ކުރަމުން ދިޔަ ޝޫޓިން މެދު ކަނޑާލާފައި ސަލްމާން މުމްބާއީއަށް އައީ އޭނާ ހުށަހަޅައިދޭ ޝޯ ''ބިގް ބޮސް 15'' ޝޫޓިން ފެށުމަށްޓަކައެވެ.

މުމްބާއީ އެއާޕޯޓް ތެރެއިން ޕަޕަރާޒީންގެ ކެމެރާތަކަށް ނަގަމުން ދިޔަ ފޮޓޯތަކުން ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ސަލްމާން އަޅާފައިވާ މާސްކަށެވެ.

''އެސްކޭ'' އަކުރު ލިޔެފައިވާ މި މާސްކު ސަލްމާން އަޅާފައިވަނީ އެކޮޅުކޮޅުންނެވެ. މާސްކު އެކޮޅުކޮޅުން އަޅާފައިވާކަން މީހުންނަށް ފާހަގަވީ މި އަކުރުތައް ވެސް އެކޮޅުކޮޅުން ހުރުމުންނެވެ.

މި ފޮޓޯތައް މީސް މީޑިޔާގައި އާއްމުވުމާއި އެކު މާސްކު އެކޮޅުކޮޅުން އަޅާފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ކޮމެންޓް ކޮށްފައިވެއެވެ. އަމިއްލަ ބްރޭންޑުގެ އަމިއްލަ މާސްކެއް އަޅައިގެން ހުރި ކަމަށާއި ކޮންމެ ގޮތަކަށް އެޅިޔަސް މީހަކާއި ނުބެހެވޭނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ކޮމެންޓް ކޮށްފައިވެއެވެ.

މީގެއިތުރުން ބައެއް ފަރާތްތަކުން ބުނެފައިވަނީ އެއީ ސަލްމާން ޚާންގެ ސްޓައިލް ކަމަށާއި، އެއީ ވެސް ފެޝަނެއް ކަމަށެވެ.

ސަލްމާން ޚާންގެ ފިލުމީ މަސައްކަތަށް ބަލާއިރު މިހާރު ޝޫޓިން ކުރިއަށް ދަނީ ފިލުމު ''ޓައިގަރ 3'' ގެއެވެ. ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލުމު ''އަންތިމް'' އިންނެވެ. މި ފިލުމުގައި ސަލްމާންގެ ކޮއްކޮ އަރްޕިތާގެ ފިރިމީހާ އަޔުޝް ޝަރުމާ ވެސް މުހިންމު ރޯލަކުން ފެނިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު ނީޒް

    އެެއީ އެކޮޅު ކޮޅުން އަޅާފަ ހުރި މާސްކެއް ކަމަށް ނުނިންމޭނެ. އެމީހަކު ބޭނުން ކޮޅަކުން މާސްކް އަޅާ ގޮތަށް ހެދޭނެ. ނަންވެސް ބޭނުން ގޮތަކަށް ޖެހޭނެ.

    7
    1
  2. އަހުމަދު

    ތީގަ ނެތެއްނު ފާޑު ކިޔާފައެއް. ކޮމެންޓް ކޮށްފަ ހުރީ ސަލްމާން ޚާން އާ އެއްކޮޅަށް.