އިނގިރޭސި ބަހުން ލިޔެފައިހުންނަ ބަސްތައް ދިވެއްސަށް އަދި ދިވެހި ބަހުން ލިޔެފައި ހުންނަ ބަސްތައް އިނގިރޭސި ބަހަށް މައިކްރޯސޮފްޓް ޓްރާންސްލޭޓަރ މެދުވެރިކޮށް މިހާރު ތަރުޖަމާކޮށްލެވޭނެއެވެ.

މައިކްރޯސޮފްޓް ޓްރާންސްލޭޓާއަކީ އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ތަރުޖަމާކުރުމުގެ ހިދުމަތް ފޯރުކޮށްދޭ އެޕްލިކޭޝަނެކެވެ.

މައިކްރޯސޮފްޓް ޓްރާންސްލޭޓާ އަށް 12 ބަހެއް މިހާރު ވަނީ އިތުރު ކޮށްފައެވެ. ދިވެހި ބަހަކީ ވެސް އޭގެތެރޭގައި ހިމެނިގެން އަލަށް އިތުރު ކުރެވުނު ބަހެކެވެ. މިހާރު ޓްރާންސްލޭޓާ އެޕް މެދުވެރިކޮށް ތަފާތު 103 ބަސް ތަރުޖަމާކޮށްލެވޭނެއެވެ.

މައިކްރޯސޮފްޓްއިން ބުނާ ގޮތުގައި އަލަށް އިތުރު ކުރެވުނު ބަސްތަކާއިއެކު ދުނިޔޭގެ އެކިކަންކޮޅުތަކުން 5.66 ބިލިއަން މީހުންނަށް އެކިބަސްބަސް ތަރުޖަމާކުރުމުގެ ފުރުސަތު ވަނީ ހުޅުވިގެން ގޮސްފައިއެވެ.

މައިކްރޯސޮފްޓްގެ ޓްރާންސްލޭޓާ އާއި އެންމެ ވާދަކުރާ ޓްރާންސްލޭޓް ހިދުމަތްދޭ ގޫގްލް އިން ފެބްރުއަރީ މަހު ނެރުނު އަޕްޑޭޓް އާއި އެކު 108 ބަހެއް ޓްރާންސްލޭޓް ކުރެވެއެވެ. ނަމަވެސް އޭގެތެރޭގައި ދިވެހި ބަހެއް ނުހިމެނެއެވެ.

މައިކްރޯސޮފްޓްއިން ހާމަކުރާ ގޮތުގައި އެކުންފުނީގެ ޓްރާންސްލޭޓާ އެޕްލިކޭޝަން ތަފާތުވަނީ އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ހޯދިފައިވާ ކުރިއެރުންތަކާއި ގުޅިގެންނެވެ. މީގެ އިތުރުން އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މި ހިދުމަތް އެކުންފުނީގެ އޮފީސް، ޓްރާންސްލޭޓާ ފޯ ބިންގް، އަޒުއާ ކޮގްނިޓިވް ސާވިސަސް ޓްރާންސްލޭޓާ އަދި އަޒުއާ ކޮގްނިޓިވް ސާވިސަސް ސްޕީޗް މެދުވެރިކޮށްވެސް ލިބިގެންދާނެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި މީހުން ވާހަކަދައްކައި އުޅޭ 7000 ބަސް އޮވެއެވެ. ނަމަވެސް އޭގެތެރެއިން އެތައް ސަތޭކަ ބަހެއް ކޮންމެ އަހަރަކު ވެސް "މަރުވަމުން" ދާކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެންމެ ބޮޑު ސަބަބަކީ ބައެއް ބަސްތައް ބޭނުންކުރާ މީހުންގެ އަދަދު މަދުވުމާއި ބައެއް ބަސްތައް ޓެކްނޮލޮޖީގެ ފަހުގެ އުފެއްދުންތަކުގައި ބޭނުން ނުކުރެވުމެވެ.