އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތައް ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު މިފަދަ ވިޔަފާރިތަކަށް އޮންނަ ތަރުހީބާއި އެއްކޮށް މި ވިޔަފާރީތަކުގައި މަކަރުހެދުމާއި އޮޅުވާލުމުގެ ކަންކަންވެސް ދަނީ އިތުރުވަމުންނެވެ. ދާދިފަހުން އައިފޯން 12 ގަތް މީހަކަށް މިވަނީ މިފަދަ އޮޅުވާލުމުގެ ހާދިސާއެއް ތަޖުރިބާ ކުރަން ޖެހިފައެވެ.

އިންޑިޔާގެ އަލޫވާއަށް ނިސްބަތްވާ ނޫރުލް އަމީން ނަމަކަށް ކިޔާ ފިރިހެނަކު އޮންނައިން މެދުވެރިކޮށް ގަތް އަގުބޮޑު އައިފޯން 12 ގެ ބަދަލުގައި އޭނާ އަށް ލިބުނީ ސައިބޯންޏަކާއި ފައިސާ ފޮތްޗެކެވެ.

70،900 އިންޑިޔަން ރުޕީސް ނުވަތަ 14,832.28 ދިވެހި ރުފިޔާ އަށް ގަތް އައިފޯނުގެ ބަދަލުގައި ސައިބޯންޏަކާއި ފަސް ރުޕީސް ލިބުނުން ނޫރުލް އަމީން އަށް ބޮޑު ހިތާމައެއް ލިބުނެވެ.

އޮކްޓޫބަރު 12 ވަނަ ދުވަހު އެމެޒަން ޕެއި ކާޑް މެދުވެރިކޮށް އެމެޒަން އިން ގަތް އައިފޯން އޭނާ އަށް ލިބުނީ އޮކްޓޫބަރ 15 ވަނަ ދުވަހުގައި އެވެ. އޮންލައިންކޮށް މަރަކު ހަދާފައިވާކަން އަމީން އަށް ޝައްކު ކުރެވިގެން އޭނާ އޯޑަރު ކުރި ފޯނު ފޮށިން ކެނޑީވެސް ވީޑިއޯ ކުރަމުން ފޯނު ޑެލިވަރީ ކުރަން އައި ކުއްޖާ ކުރިމަތީގައި އެވެ.

ފޯނު ނެތްކަން ޔަގީންވުމުން އަމީން ވަނީ މި މައްސަލަ ވަގުތުން ފުލުހަށް ހުށައަޅާފަ އެވެ. ފުލުހުން ވަނީ އައިއެމްއީއައި ނަންބަރު މެދުވެރިކޮށް އަސްލު މި ފޯނު ބޭނުންކުރާ ފަރާތް ހޯދާފަ އެވެ.

މަކަރާ ހީލަތުން އޮންލައިންކޮށް މީހުން އޮޅުވާލަމުންދާއިރު ގިނަ ފަރާތްތަކަކީ މިހާރު މިފަދަ ކަންކަމަށް ވަރަށް ހޭލުންތެރިވެފައިވާ ފަރާތްތަކަށް ވުމުން އޮޅުވާލާ މީހާ މިފަދަ މައްސަލަތަކުގައި ބެދެއެވެ.

މި މައްސަލަ އަށްފަހު އަމީން އަށް ވަނީ އޭނާ ފޯނު ގަންނަން ހަރަދުކުރި ފައިސާ ރީފަންޑު ލިބިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު